މިއަހަރުގެ ރަމަޟާން މަސް އިޙްޔާކުރުމުގައި ލެންޓާން ތަފާތު ދައްކައިފި

ފޮޓޯ: ލެންޓާން ފޭސްބުކް ޕޭޖް
އިބްރާހީމް ޔައީޝް
އިބްރާހީމް ޔައީޝް
3 އަހަރު ކުރިން
3 މިނިޓް

1441 ވަނަ އަހަރުގެ ރަމަޟާން މަސް 'ފަޅު' ގޮތަކަށް ދިޔަނަމަވެސް މިއަހަރުގެ ރަމަޟާން މަސް އިޙްޔާކުރުމުގައި އެންމެ ބުރަކޮށް އުޅުނު އެއް ޓީމަކީ ލެންޓާންގެ ޓީމްކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މި ރިޕޯޓް ޚާއްޞަ ކޮށްފައި މިވަނީ ރ. ހުޅުދުއްފާރަށް ނިސްބަތްވާ ލެންޓާން ޖަމްޢިއްޔާއިން 1442 ވަނަ އަހަރުގެ ރަމަޟާން މަސް އިޙްޔާކުރުމަށްޓަކާ ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގެ އުސްއަލިތައް ގެނެސްދިނުމަށެވެ. މި ރިޕޯޓަށް މަޢުލޫމާތު ދެއްވާފައިވަނީ ލެންޓާންގެ ރައީސް އަލްފާޟިލް ޤާއިމް ޔޫސުފް އާދަމް އެވެ.

ލެންޓާންއިން މިއަހަރުގެ ޕްރޮގްރާމްތައް ވަނީ ތަފާތު ދެ ބަޔަކަށް ބަހާލާފައެވެ. އެއީ މީސް މީޑިޔާ މެދުވެރިކޮށް ކުރިއަށް ގެންދެވުނު ޕްރޮގްރާމް ތަކަކާއި ހުޅުދުއްފާރާއި އަދި އެނޫންވެސް ބައެއް ރަށްރަށުގައި ކުރިއަށް ގެންދެވުނު 'ރަށުތެރޭގެ' ޕްރޮގްރާމްތަކެކެވެ.

މީސްމީޑިޔާގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްތައް:

އަހުރެންގެ ބަސް؛ މިއީ ހުޅުދުއްފާރުގެ ޒުވާނުންގެ ކުދިކުދި ނަޞޭޙަތްކޮޅުތައް މީސް މީޑިޔާ މެދުވެރިކޮށް ޢާންމުންނަށް ފޯރުކޮށް ދިނުމުގެ މަޤްޞަދުގައި ރަމަޟާންމަހުގެ ކޮންމެ އަންގާރަ ދުވަހެއްގެ 10:10ގައި ޝެޑިއުލް ކުރެވިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ޤުރްއާނުން ނަޞޭޙަތެއް؛ ޤުރްއާނުން ހޮވާލެވިފައިވާ މުހިއްމު މެސެޖްތަކެއް ފޯރުކޮށް ދިން މި ޕްރޮގްރާމަކީ ކޮންމެ ބުދަ ދުވަހެއްގެ 10:10ގައި މީސް މީޑިޔާއަށް ދޫކޮށްލި ނަޞޭޙަތްތަކެކެވެ. މި ޕްރޮގުރާމް ކުރިއަށް ގެންދެވިފައިވަނީ ހުމާދު ޙާމިދުގެ އެހީތެރިކަމާއިއެކުގައެވެ.

ނަބަވީ އިރުޝާދު؛ މިއީ ނަބިއްޔާ صلى الله عليه وسلمގެ ޙަދީޘްތަކުގެ ތެރެއިން، މިއަދުގެ މުޖުތަމަޢުއަށް ނުހަނު ބޭނުންތެރި ޙަދީޘެއް އޭގެ މާނައާއެކު ކޮންމެ ހޮނިހިރު ދުވަހެއްގައި ގެނެސްދިން ޕްރޮގްރާމެކެވެ. މި ޕްރޮގުރާމް ކުރިއަށް ގެންދެވިފައިވަނީ، އިޙްތިސާމް ޢަލީ ނާޡިމް އަދި ޝައިޚް އިބްރާހީމް ރާފިޢުގެ އެހީތެރިކަމާއި އެކުގައެވެ.

ހަމްދީގެ ސުވާލު؛ މިއީ ޢާންމުންގެ ފަރާތުން އެންމެ ބޮޑު ތަރުހީބެއް ލިބުނު މީސް މިޑީޔާގެ ޕްރޮގްރާމެވެ. ލެންޓާންގެ ދެ ޝައިޚުންނަށް ޙަމްދީ ކުރާ ސުވާލުތަކެއްގެ ޒަރީޢާއިން ޢާންމުންނަށް މަޢުލޫމާތު ފޯރޮކޮށްދޭ މި ސިލްސިލާއަކީ 1440 ވަނަ އަހަރުގެ ރަމަޟާން މަހު ފެށި ޕްރޮގްރާމެކެވެ. މި ރަމަޟާން މަހުގެ ކޮންމެ ހުކުރު އަދި އާދީއްތަ ދުވަހެއްގެ 10:10ގައި ހަމްދީގެ ސުވާލެއް މީސް މީޑިއާގައި ޝާއިޢު ކުރެވުނެވެ.

ވިސްނާލާށެވެ!؛ އިބްރާހީމް ސާމްގެ ހުނަރާއެކު މަދަހައެއްގެ ގޮތުގައި ކޮންމެ ހޯމަދުވަހެއްގެ 10:10ގައި ވީޑިޔޯ ކްލިޕެއް ޝެއާކުރެވުނެވެ.

ސުކުންތުކޮޅެއް؛ މަދު ސުކުންތު ކޮޅެއްގެ ތެރޭގައި 'ކުރުކޮށް ފޮނިކޮށް' ޝައިޚް އިބްރާހީމް ރާފިޢުގެ ނަޞޭޙަތުގެ ބަސްކޮޅެއް، ކޮންމެ ބުރާސްފަތި ދުވަހެއްގެ 10:10ގައި ލެންޓާންގެ ޕޭޖުން ޢާންމުންނަށްޓަކާ ގެނެސްދިނެވެ.

މީގެ އިތުރަށް، ކޮންމެ ދުވަހަކު ޚާއްޞަ ޕޯސްޓެއް ފޭސްބުކް ޕޭޖް މެދުވެރިކޮށް ޝެއާ ކުރިއެވެ.

ރަށުތެރޭގެ ޕްރޮގްރާމްތައް:

ހަތަރު އިމާމުން؛ މިއީ ހުޅުދުއްފާރު ސްކޫލާއި ލެންޓާން ގުޅިގެން ކޮންމެ އަންގާރަ ދުވަހެއްގެ ރޭ ގެންދެވުނު އިޙްޔާ ޕްރޮގްރާމްތަކެވެ. ހަތަރު މަޛްހަބުގެ އިމާމުންގެ ސިޔަރަތުގެ ޞޮފްޙާތަކުން އިބްރަތްތެރި ވާހަކަތަކެއް އަޑު އިވުނު މި ޕްރޮގްރާމަކީ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން ޝައުޤުވެރިކަމާއެކު ބައިވެރިވި ޕްރޮގުރާމްތަކެކެވެ. އަގުހުރި މައުލޫމާތުތަކާއި އެކު، ކޮންމެ ރެއެއްގެ ޕްރޮގުރާމުގައިވެސް ބައިވެރިންނަށް އިނާާމު ހޯދުމުގެ ފުރުޞަތުއޮތް މި ޕްރޮގުރާމްތަކަށް ރަށުގެ ބައެއް ވިޔަފާރިތަކުންނާއި، ހެޔޮ އެދޭ ފަރާތްތަކުގެ ސްޕޮންސަރވެސް ލިބިގެން ދިޔަކަމަށް ލެންޓާނުން މަޢުލޫމާތުދެއްވައެވެ.

ބަޢުދަލް މައުތި؛ އިންސާނާގެ މަރުވުމަށް ފަހު ކަންތައް ވާނޭގޮތް ބަޔާންކޮށް ޝައިޚް އިބްރާހީމް ރާފިޢުގެ ދަރުހެއް ރަމަޟާން މަހުގެ ކޮންމެ ބުދަ ދުވަހެއްގެ އަސުރު ނަމާދަށް ފަހު މަސްޖިދުއް ނޫރުގައި ކުރިއަށް ގެންދެވުނެވެ.

ފާތިޙާ ސޫރަތުގެ ތަފްސީރު؛ ފާތިޙާ ސޫރަތުގެ ތަފްސީރު އުނގަންނައިދޭ، ޝައިޚް ޢަބްދުﷲ ޝަހީދުގެ ކުލާސްތަކެއް ކޮންމެ ހޯމަ ދުވަހެއްގެ އަސުރު ނަމާދަށްފަހު މަސަްޖިދުއް ނޫރުގައި ކުރިއަށް ގެންދެވުނެވެ.

ތިން ދިހައެއް؛ ރަމަޟާން މަހުގެ ކޮންމެ ދިހައެއްގައި ތަފާތު މައުލޫއަކަށް ދަރުހެއް އަސުރު ނަމާދަށްފަހު މަސްޖިދުއް ތަޤްވާގައި ކުރިއަށް ގެންދެވުނެވެ. މި ގޮތުން ފުރަތަމަ ދިހައެއްގެ ދަރުސް، "ނަމާދުގައި ޙޫޝޫޢަތްތެރިވުން" މި މައުލޫއަށް، ޝައިޚް އިބްރާހީމް ރާފިޢު ދެއްވާފައިވަނީ 18 އޭޕްރީލް 2021ވީ އާދިއްތަ ދުވަހުއެވެ. ދެވަނަ ދިހައެއްގެ ދަރުސް، "އިސްލާހުވާން އެދޭނަމަ" މި މައުލޫއަށް، ޝައިޚް ޢަބްދުﷲ ޝަހީދު ދެއްވާފައިވަނީ 27 އޭޕްރީލް 2021ވީ އަންގާރަ ދުވަހުއެވެ. އަދި ތިންވަނަ ދިހައެއްގެ ދަރުސް، "ހެޔޮ މަގުގައި ސާބިތުވެހުރުން" މި މައުލޫއަށް، ޝައިޚް އިބްރާހީމް ރާފިޢު ދެއްވާފައިވަނީ 7 މޭ 2021ވީ ހުކުރު ދުވަހުއެވެ.

އިޙްޔާ ގިމަން؛ އިޙްޔާ ގިމަންއަކީ، ހުޅުދުއްފާރުން ބޭރުގައި ކުރިއަށް ގެންދެވުނު ލެންޓާންގެ އިޙްޔާ ދަތުރެވެ. މިގޮތުން ޖުމްލަ 3 ރަށެއްގައި މި ޕްރޮގްރާމް ޖެއްސުންއިރު، ހިތްހަމަޖެހޭ ވަރުގެ އޯޑިއަންސެއް މި ޙަރަކާތަށް ލިބިގެން ދިޔަކަމަށް ލެންޓާނުން މައުލޫމާތު ދެއެވެ.

އިޙްޔާ ގިމަންގެ ފުރަތަމަ މަންޒިލަކީ ށ. ކޮމަންޑޫއެވެ. ކޮމަންޑޫ އިސްދަރިވަރުންގެ ޖަމުޢިއްޔާގެ އިސްނެގުމަށް، އެރަށު ކައުންސިލްގެ އެހީތެރިކަމާއި އެކު، އެރަށުގައި ވަނީ އަސުރު ނަމާދަށްފަހު އައްޝައިޚް އިބްރާހީމް ރާފިޢުގެ ދަރުހެއްގެ އިތުރުން އެރޭ ތަރާވީޙް ނަމާދަށްފަހު އެރަށު ސުކޫލް ހޯލުގައި އިޙްޔާ ޕްރޮގުރާމެއްވެސް ކުރިއަށް ގެންގޮއްސައެވެ. ށ. ކޮމަންޑޫގެ ޕްރޮގުރާމްތައް ކުރިއަށް ގެންދެވުނީ 29 އޭޕްރިލް 2021 ވީ ބުރާސްފަތިދުވަހުއެވެ.

30 އޭޕްރިލް 2021 ވީ ހުކުރު ދުވަހު އިޙްޔާ ގިމަން ކުރިއަށް ގެންދެވިފައިވަނީ ހދ. މަކުނުދޫގައެވެ. މަކުނުދޫގައި މި ޕްރޮގްރާމް ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވީ މަކުނުދޫ ޔޫތް މޫވްމަންޓް (މީމް ޖަމުޢިއްޔާ) އިންނެވެ. މަކުނުދޫގައި ވެސް ވަނީ އިޙްޔާ ޕްރޮގުރާމެއް ކުރިއަށް ގެންދެވިފައެވެ. އެއީ މި ރޯދަމަހު އެންމެ ބޮޑު އޯޑިއަންސެއް އެއްވި ލެންޓާންގެ އިޙްޔާ ޕްރޮގުރާމުކަމުގައި ލެންޓާނުން މައުލޫމާތު ދެއެވެ.

1 މޭ 2021 ވީ ހޮނިހިރު ދުވަހު ލެންޓާންގެ އިވެންޓްތައް ކުރިއަށް ގެންދެވިފައިވަނީ ނ. މަނަދޫގައެވެ. މަނަދޫ ސްމާޓް ސޮސައިޓީގެ އިސްނެންގެވުމަށް ރާވާ ހިންގުނު ހަރަކާތްތަކަށް އެއްބާރުލުން ދެއްވާފައިވަނީ އެރަށު ކައުންސިލް އިދާރާއިންނެވެ. މިގޮތުން މަނަދޫގައި އަސުރު ފަހުން ދެ މިސްކިތެއްގައި ދަރުސް ކުރިއަށް ގެންދުވިފައިވެއެވެ. ދަރުސްދެއްވީ ލެންޓާންގެ ދެ ޝައިޚުން ކަމަށްވާ، އައްޝައިޚް އިބްރާހީމް ރާފިޢު އަދި އައްޝައިޚް އަބުދުﷲ ޝަހީދުއެވެ. މަނަދޫ އިވެންޓްވެސް ނިންމާލީ އިޙްޔާ އިޙްޔާ ޕްރޮގުރާމަކުންނެވެ.

މީގެ އިތުރުންވެސް ރަމަޟާން މަހުގެ ތެރޭގައި، ރ. އަނގޮޅިތީމުގައި ވަނީ އަސުރު ނަމާދަށް ފަހު ޝައިޚް އިބްރާހީމް ރާފިޢުގެ ދަރުހެއް ކުރިއަށް ގެންގޮއްސައެވެ. އަނގޮޅިތީމް ކައުންސިލްއިން ރޭވި، މި ދަރުސް  ކުރިއަށް ގެންގޮއްސައިވަނީ، 22 އޭޕްރިލް 2021ވީ ބުރާސްފަތި ދުވަހުއެވެ.

ދިމާވި ބައެއް ސަބަބުތަކާއި ހުރެ، ރަށުން ބޭރުގައި ކުރިއަށް ގެންދިއުމަށް ރާވާފައިހުރި ބައެއް ޕްރޮގްރާމްތައް ކެންސަލްވި ނަމަވެސް، މި ރަމަޟާން މަހު ހިތްހަމަ ޖެހޭ ވަރުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެވުނު ކަމުގައި ލެންޓާންގެ ރައީސް ޤާއިމް ޔޫސުފް އާދަމް ވިދާޅުވިއެވެ. އަދި މި ކަންކަމުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް، ހާއްސަކޮށް އަމިއްލަ އިސްނެންގެވުމަށް ލެންޓާންގެ އިޙްޔާ ޕްރޮގްރާމްތަަކަށް ސްޕޮންސަރ ދެއްވި ފަރާތްތަކަށާއި، ރަށުން ބޭރުގެ ޕްރޮގުރާމްތައް އޮގަނައިޒް ކޮށްދެއްވި އެކި ރަށް ރަށުގެ ކައުންސިލްތަކާއި، ޖަމުޢިއްޔާތަކަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާ ކަމުގައިވެސް ޤާއިމް ވިދާޅުވިއެވެ.

ރަމަޟާން މަސް ނިމުނު ކަމުގައި ވީނަމަވެސް، ﷲގެ އިރާދަ ފުޅާއިއެކު ލެންޓާންގެ ޕްރޮގުރާމްތައް ކުރިއެކޭވެސް އެއްގޮތަށް މީސް މީޑިއާގައާއި ރަށުތެރޭގައި، އަދި ފުރުޞަތުލިބޭ ވަރަކުން ރަށުން ބޭރުގައިވެސް ކުރިއަށް ގެންދާނެކަމަށް ޤާއިމް ވިދާޅުވިއެވެ.

އަޅުގަނޑުގެ ދުޢާއަކީ މާތް ﷲ ލެންޓާންގެ މި މަސައްކަތްތަކުގައި ބަރަކާތް ލައްވާ، ލެންޓާންގެ އެކިއެކި މަސައްކަތްތަކުގައި އެހީތެރިވެދެއްވާ ފަރާތްތަކުގެ މަސައްކަތްތައް ﷲ ސުބުޙާނަހޫ ވަތަޢާލާ ޤަބޫލުކުރެއްވުމެވެ.

Copyright © 2024 Faaru News
Made with by Afeef & Noor