ރަސްގެފާނުގެ ދަރުބާރުގައި ތިބާވެސްވީ ބުއްދިވެރި ވިސްނުންތެރިއަކަށެވެ.

އިކްލީލް މުޙައްމަދު
އިކްލީލް މުޙައްމަދު
2 އަހަރު ކުރިން
3 މިނިޓް

ރަސްރަސްކަލުންގެ ވާހަކަތަކަކީ އެއަށް އަހަރުމެން އަބަދުވެސް ޝައުޤުވެރިކަންދޭ ވާހަކަތަކެވެ. މިފަހަރު މިކޔައި ދެނީ ވެސް ހަމަ ރަސްކަލެއްގެ ވާހަކައެކެވެ. އަދި ތިބާގެ ވެސް ވާހަކައެކެވެ. ވާހަކަޔާއިގެން ކުރިއަށްދަމާ ހިނގާށެވެ. ބުރޫނާއީގެ ރަސްގެފާނަކީ މާރީތި އުސް ބިނާތަކެއް ހަދަން ޝައުޤުވެރިވާ ރަސްކަލެކެވެ. އަދި މުޅި ދުނިޔެ ވެސް އެރަސްކަން ބޮޑަށް ދެނެގަނެ ފާހަގަކުރަނީ އެބިނާތަކުންނެވެ. އެ ބިނާތައް ހަމައެކަނި ރީތީކީ ވެސް ނޫނެވެ. ވަރުގަދަވެފައި ބޮޑީ ވެސްމެއެވެ. ނަމަވެސް ރަސްކަން ހިންގުމުގެ ތެރޭގައި ހިތް ނުތަނަވަސްވާ ކަމެއް ހިނގަމުން އެބަދެއެވެ. މިކަމާ މަޝްވަރާކޮށް ލަފާހޯދުމަށް  މިއަދު އެ ރަސްގެފާނުގެ ދަރުބާރަށް ގައުމުގައި ހުރި ބުއްދިވެރި ހަކީމަކު ހާޒިރުކުރަން ހަމަޖެހިފައިވެއެވެ. ރަސްގެފާނުގެ ދަރުބާރުގައި ޖާގަ އޮތް މިންވަރަކުން އާންމު ރައްޔިތުންނަށް ވެސް ވަދެ އަޑު އަހަންތިބުމުގެ ފުރުސަތު އަބަދުވެސް އޮވެއެވެ. ވީހިނދު  ރަސްގެފާނުގެ ދަރުބާރަށްދަމާ ހިނގާށެވެ. މިރަސްގެފާނު ކަންބޮޑުވާ ކަމެއްވެސް އެނގިދާނެތާއެވެ. އަދި ހާޒިރުކުރެވޭ ބުއްދިވެރި ހަކީމުގެ ވާހަކައިން ލިބޭ ޢިބުރަތެއް ވެސް އެނގިދާނެތާއެވެ.

ދަރުބާރު އެފެށުނީއެވެ. ކިއުންތެރިޔާ ތިބާވެސް ތިޔަ އިނީ ރަސްގެފާނުގެ ދަރުބާރުގައެވެ. އަޑުއަހަން އިންނާށެވެ. ރަސްގެފާނު ވާހަކަފުޅު ދައްކަވަން ފައްޓަވައިފިއެވެ. އޭ ބުއްދިވެރި ހަކީމެވެ. އަހަންނަކީ މިދުނިޔޭގެ އެންމެ ރީތި އުސްބިނާ ހެދުމަށް މަޝްހޫރުވެފައިވާ ރަސްގެފާނެވެ. އަހަރެން އެ ބިނާތައް ހަދަންފެށީ އަހަރެންގެ 15 އަނބިންކުރެ ކޮންމެ އަނތްބަކަށް ބިނާއެއް ހެދުމުގެ ނިޔަތުގައެވެ. މިދިޔަ ހަފުތާގައި އެ ނިމުނީ 15 ވަނަ އަނބިމީހާއަށް ހެދި ބިނާއެވެ. ނަމަވެސް މިއިން ބިނާއެއް ހަދައި ނިމުނަސް އަހަންނަކަށް އެއިން ހަޤީޤީ އުފަލެއް ނުލިބެއެވެ. ސަބަބަކަށްވަނީ އެ މަސައްކަތުގައި އުޅޭ ޚާދިމަކަށް ނުވަތަ ޚާދިމުންތަކަކަށް ބޮޑު އަނިޔާއެއް ނުލިބި ނުވަތަ އެތަނުން އެކަކު ނުވަތަ ގިނަ ބަޔަކު މަރުވެގެން ނޫނީ އެއްވެސް ބިނާއެއް ނިމޭގޮތެއް ނުވާތީއެވެ. މީ އަހަރެންގެ ހިތުގައި އޮތް ވަރަށްބޮޑު ނުތަނަވަސްކަމެކެވެ. މިހާރު ވެސް މި ވިސްނަނީ އިތުރު ބިނާއެއް ހަދާށެވެ. އެކަމަކު އެއީ ވަރަށްބޮޑު ބިރެކެވެ. ކަންމިހެން ހުރުމާއެކު، އެއްވެސް މީހަކަށް ގެއްލުމެއް ނުވެ ރައްކާތެރިކަމާއެކު ބިނާއެއް ހަދައި ނިންމޭނެ ގޮތުގެ ލަފަޔަކަށް ނުވަތަ ނަޞޭޙަތަކަށް ތިޔަ ޙަކީމުގެ ކިބައިން އެދެމެވެ.

ދެން ޙަކީމު ވާހަކަދައްކަން ފެށިއެވެ. މާތް ރަސްގެފާނެވެ. މަނިކުފާނުގެ ތިޔަ އެދިވަޑައިގަތުމަށް އަޅުގަނޑު ދެ ނަޞޭޙަތެއް އަރުވާނަމެވެ. އަޑުއައްސަވާށެވެ. ފުރަމަތަ ނަސޭހަތަކީ، ކަންބަޅިއަކަށް ލިބިފައިވާފަދަ ހަށިގަނޑެއް އިންސާނަކަށް ލިބިފައިނުވާކަން ދަންނާށެވެ. މިދެންނެވި ވާހަކައިގެ ތަފުޞީލަށް ދިޔުމުގެ އިޒުނައަށް އެދެމެވެ. އެއް ޒަމާނެއްގައި ކަންބަޅިތަކެއް ގެންގުޅުނު ހުއިހައްޕާ މީހަކު އުޅުނުވެ. މީނާ ކަންބަޅިތަކަށް ވިނަ ކާންދެމުން ގޮސް ފަރުބަދައަކަށް އަރަން ދިމާކޮށްފިއެވެ. ކަންބަޅިތައް އިސާހިތަކު ބާރުބާރަށް ގޮސް ފަރުބަދަ މައްޗަށް އެރިއެވެ. ނަމަވެސް ހަށިގަނޑުގެ ހަރުކަމާހެދި ހުއިހައްޕާކަލޭގެއަށް ފަރުބަދައަށް އެރުމަކީ މާފަސޭހަކަމަކަށް ނުވިއެވެ. ފަރުބަދައަށް އަރަން އުޅެގެން ވެއްޓި ފައި ބިނދުނެވެ. އެކަމަކު އެއީ މާ އުސް އަދި ނުރައްކާތެރި ފަރުބަދައެއް ވެސް ނޫނެވެ. ނަމަވެސް ދެރައީ އިންސާނާގެ ހަށިގަނޑު މާތްރަސްކަނލާގެ ސީދާ އެކަމަށް އެންމެ ބޭނުންވާނޭހެން ތައްޔާރުކުރަންވާފައި ނެތްކަން ހުއިހައްޕާކަލޭގެއަށް ނުވިސްނުނީމައެވެ. ކަންބަޅިއެއް އެފަދަ ތަނަކުން ވެއްޓުމުގެ ފުރުސަތު ކުޑައެވެ. އަދި ވެއްޓުނު ނަމަވެސް އަނިޔާއެއް ނުވެ ސަލާމަތްވެވުނީހެވެ. ސަބަބަކީ އެމަޚްލޫގުގެ ހަށިގަނޑު މާތްﷲ ޚަލްޤު ކުރައްވާފައިވަނީ އެފަދަ ތަންތަނަށް އެރުމަށް އެންމެ އެކަށޭނެގޮތަށެވެ. މާތްވެގެންވާ ރަސްގެފާނެވެ. ކަންބަޅިތަކުގައި އައްސާފައި ހުރި ވަލުގައި ހިފައިގެން ހުއިހައްޕާކަލޭގެ ފަރުބަދަ މައްޗަށް އަރަން އުޅުނު ނަމަ، އެކަން އެހެން ދިމާނުވީހެވެ. ވީހިނދު މަނިކުފާނުގެ ޚާދިމަކު ބިނާއެއް ހަދަން މައްޗަށް އަރުއްވާއިރު ބަނޑުގައި އައްސާނެ ބަންދަކާއި (ސޭފްޓީ ބެލްޓް) ވަލެއް އޭނަގެ އަތަށް ދެއްވާފައި ނޫނީ އޭނާ މައްޗަށް ނާރުއްވާށެވެ. ސަބަބަކީ އޭނާއަކަށް ކަންބަޅިއަކަށް ލިބިފައިވާފަދަ ހަށިގަނޑެއް ލިބިފައި ނުވާތީއެވެ.

ކިއުންތެރިޔާ ތިބާ ރަސްގެފާނުގެ ދަރުބާރުގައި އިނދެ ތާއްޔާ ޖެހެނީހެއްޔެވެ؟ ހަކީމު އޭނާގެ ދެވަނަ ނަސޭހަތާއިގެން ކުރިއަށްދާން ފަށައިފިއެވެ. މާތް މަނިކުފާނެވެ. އަޅުގަނޑުގެ ދެވަނަ ނަޞޭހަތް އަޑު އައްސަވާށެވެ. ކިތަންމެ އާދައިގެ އެއްޗެއް ވެސް މީހަކަށް ބޭނުންކުރަން ނޭނގި ހިނގައިދާނެކަން އަބަދު ވެސް ވިސްނާވަޑައިގަންނަވާށެވެ. މިދެންނެވި ވާހަކައިގެ ތަފުޞީލް މަނިކުފާނުގެ އިޒުނަޔާއެކު ދަންނަވައިފާނަމެވެ. އެއްދުވަހަކު ތުނބުޅީގައި ނުރައެއް ވެސް ނެތް ދެ ޒުވާނެއްގެ ގާތު އެކުދީންގެ ކާފަ ހަރުގަނޑުން ފުރާޅަށް އަރައި ފުރާޅު ސާފުކުރުމަށް އެދުނެވެ. އިސާހިތަކު ކާފައަށް އަޑެއް އިވިގެންގޮސް ބަލައިލިއިރު، ދެ ކުދިން ތިބީ ހަރުގަނޑުން ވެއްޓިފައެވެ. އެވަގުތު ކާފަ އެ ކުދިންނަށް ބުންޏެވެ. ދަރިފުޅުމެންނޭވެ! ހަރުގަނޑަކަށް އަރާއިރު އެކަކު ތިރީގައި ހިފަހަށްޓަން ހުންނަން ވާނެވެ. ނުވަތަ ހަރުގަނޑު އައްސަން ވާނެއެވެ. ފުރާޅުގައި ލައްގާފައި ހަރުގަނޑު ބަހައްޓަންވާނީ، ފޫޓެއްހައި މިންވަރު ފުރާޅުގައި ހަރުގަނޑު ލެއްގި ހިސާބުން މައްޗަށް ހުންނަވަރަށެވެ. ހަރުގަނޑަށް އަރާއިރު ފުހޭ ފިހިގަނޑާއި ބާލިދީ އަތަށް ނުނަގާށެވެ. އަތް ހުސްކޮށް ބާއްވައިގެން އަރާށެވެ.

މާތް މަނިކުފާނެވެ. ހަރުގަނޑަކަށް އަރަން ދެން ނޭގޭނީ ކާކަށް ހެއްޔެވެ؟ އެއީ ވަރަށްވެސް އާދައިގެ ކަމެއް ނޫންހެއްޔެވެ؟ ހަރުގަނޑަކަށް އަރަން އެހާ ބޮޑަށް ވިސްނަން ޖެހޭ ހެއްޔެވެ؟ މީ އަހަރުމެންނަށް ހީވާގޮތް ނޫންހެންޔެވެ؟ ޢިއްޒަތްތެރި ރަސްގެފާނެވެ. މިދެންނެވުނު ވާހަކާގައިވެސް ކަންހިނގި ގޮތަކީ މިއީއެވެ.އެއީ މާ އާދައިގެ ކަމެއް ކަމަށް ހީކޮށް ކާފައަށް އެކުދީންނަށް ހަރުގަނޑު ބޭނުންކުރާނޭގޮތް ކިޔައި ނުދެވުނީއެވެ. ވީހިނދު މަނިކުފާނުގެ ޚާދިމަކު އަތަށް މަސައްކަތެއް ކުރުމަށްޓަކައި އެއްޗެއް ދެއްވާއިރު އެއީ ކިތަންމެ އާދައިގެ އެއްޗެއް ކަމަށް ހީވިޔަސް އެ އެއްޗެއް ބޭނުންކުރަން ނުވަތަ އެކަމެއް ކުރުމަށް އެ މަސައްކަތް ޙަވާލުކުރެވޭ ފަރާތަށް ނޭނގި ދާނޭކަން ވިސްނާވަޑައިގަންނަވާށެވެ. އެހެންކަމުން މަސައްކަތެއް ކުރުމަށްޓަކައި އެއްޗެއް ދެއްވާއިރު، އެ  އެއްޗެއް ބޭނުންކުރަންޖެހޭ ގޮތް ވިދާޅުވެ ދެއްވައި ރައްކާތެރިކަމާއެކު، އެކަން ކުރެއްވިދާނޭކަން ޔަޤީން ކުރައްވާށެވެ.

މިހާ ހިސާބަށް ދިޔަތަނާ ދަރުބާރުގައި ތިބި މީހުން އަތްތިލަބަޑި ޖަހަންފަށައިފިއެވެ. ބުއްދިވެރި ހަކީމަށް ރަސްގެފާނު ޝުކުރުއަދާ ކުރެއްވިއެވެ. އެއަށްފަހު ހަކީމު ބުނިހެން ވިސްނުންތެރިކަމާއެކު ކަންތައްތައްކޮށް އިތުރު ބިނާއެއް ހެދުމަށް ވަޒީރަށް އަމުރުކުރެއްވިއެވެ. ދަރުބާރުނިމި އެންމެން ހިނގައިދާނޭހެން ހީވިތަނާ ތިބާއަށް ރަސްގެފާނުގެ ދަރުބާރުގައި މަޑަކުން ނުހުރެވުނެވެ. ރަސްގެފާނަށް ސުވާލެއް ދެންނެވިއެވެ. މާތް މަނިކުފާނެވެ. ހުއްދަ ދެއްވައިފިއްޔާ އަޅުގަނޑުގެ ސުވާލެއް ދަންނަވަން ބޭނުމެވެ. ރަސްގެފާނުގެ ހުއްދައާއެކު ތިބާ ސުވާލު ދެންނެވިއެވެ. މަނިކުފާނު ބިނާތައް ހައްދަވަމުން ތިޔަ ގެންދެވީ ކޮންމެ އަނތްބަކަށް ބިނާއެކެވެ. މަނިކުފާނުގެ 15 އަބިންނަށް 15 ބިނާ ހައްދަވައިފީމުއެވެ. އިތުރު ބިނާއެއް މިފަހަރު ތިޔަ ހައްދަވަނީ ކާކަށްތޯއެވެ؟ ރަސްގެފާނު ހިނިފުޅުވެޑުވުމަށްފަހު، ވިދާޅުވިއެވެ. ތިބާއަކީ ވެސް ބުއްދިވެރި ވިސްނުންތެރިއެކެވެ. މިފަހަރުގެ ބިނާއަކީ އަހަރެންގެ ހިތްހަމަޖެހުމަށްޓަކައި ހަދާ ބިނާއެކެވެ. މި އުޅެނީ އެއްވެސް ޚާދިމަކަށް، އެއްވެސް އާއިލާއަކަށް އަނިޔާއެއް ދެރައެއް ނުލިބި މި ރަސްކަމުގައި މަސައްކަތެއް ނިންމޭތޯއެވެ.

އާދޭހޭވެ. އަޅުގަނޑުމެންގެ އަސްލީ ދިރިއުޅުގައި ވެސް މަސައްކަތުގެ މާހަޢުލުތަކުގައި ރައްކާތެރިކަން ކަށަވަރު ނުވެގެން ކިތަންމެ ބައިވަރު ހާދިސާއެއް ވެސް ހިނގާފައި އެބަހެއްޓެވެ. އެގޮތުން ޢިމާރާތްތަކުގެ މަތިން މީހުން ވެއްޓުމާއި، ބޮލަށް އެއްޗެއްހި ވެއްޓުމާއި، އެކިއެކި ހާނިއްކަވުމާއި މިނޫންވެސް އިތުރު އަނިޔާތަކެވެ. މިފަދަ ހާދިސާތައް މަދުކުރެވޭނީ ބުއްދިވެރި ހަކީމު ރަސްގެފާނަށް ދެންނެވިފަދަ ނަސޭހަތްތަކުގައި ހިފައިގެންނެވެ. އަދި އެނޫން ވެސް އެމާހަޢުލަކަށް ބޭނުންވާނޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ. ރައްކާތެރިކަމަށް ބޭނުންވާނޭ އާލާތްތައް ބޭނުންކޮށްގެންނެވެ. މަސައްކަތަށް ގެންގުޅޭ އާލަތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް ކަންކަމަށް ބޭނުންވާނޭ ތައުލީމާއި، ތަމްރީނާއި ތަދުބީރު މަސައްކަތްތެރީންނަށް ފޯރުކޮށްދީގެންނެވެ. މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމަށް ބޭނުންވާނެ ޤާނޫނުތައް ހަދައި އެ ޤާނޫނުތައް ތަންފީޒުކޮށްގެންނެވެ.

މަޢުލޫމާތު ނޯޓް : އެމެރިކާގެ މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި އަދި ސިއްޙަތާ ބެހޭ އިދާރާ (އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތް އެޑްމިނިސްޓްރޭޝަން) ބަޔާންކުރާގޮތުން 6 ފޫޓަށްވުރެ މަތީގައި މަސައްކަތްކުރާނަމަ ވެއްޓުމުން ސަލާމަތްވެވޭނެގޮތްތަކެއް ރޭވިފައި ނުވަތަ ހެދިފައި ހުންނަންވާނެއެވެ. އެއީ ސޭފްޓީ ނެޓް ބޭނުންކުރި ކަމުގައި ވިޔަސް ނުވަތަ ސޭފްޓީ ބެލްޓް ބޭނުންކުރި ކަމުގައި ވިޔަސްމެއެވެ. މައްޗަށް އެރުމަށް ބޭނުންކުރާ އަށިތައް (ސްކަފޯލްޑް) ހުންނަންވާނީ ވަށާކޮށްޓެއް (ގާޑްރިލް) ޖެހި ނުވެއްޓޭނެހެން ހެދިފައެވެ. (އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތް އެޑްމިނިސްޓްރޭޝަން 1996)

Copyright © 2024 Faaru News
Made with by Afeef & Noor