މަގޭ ބަލިފައި: ޞާލިހު ހުރިހާ އަންހެނުން ހުސްވީ ހެއްޔެވެ؟

ފޮޓޯ: ފްރީޕިކް / zurijeta
އާމިނަތު ރަޝީދާ ޢަލީ
އާމިނަތު ރަޝީދާ ޢަލީ
3 އަހަރު ކުރިން
5 މިނިޓް

      ވަރަށް ޒަމާންވީ ރައްޓެއްސަކު ޚަބަރުނުވެ ހައެއްކަ އަހަރުފަހުން ފޯނުން ގުޅާލިއެވެ. ހާލުއަހުވާލުގެ ވާހަކައާއި ދިރިއުޅުމުގެ ކަންކަމުގެ ވާހަކަތައް ދައްކަމުން ގޮސް، އިންނާނެ ރަނގަޅު އަންހެނަކު ތިޔަ ރަށުގައި ނެތްތޯ އަހާލިއެވެ. އަހަރެން ވަރަށް ހައިރާންވެފައި ކުރީގެ އަންހެނުން ކޮބައިތޯ ސުވާލުކުރީމެވެ. އޭނާ ވަރަށް އަސަރާއެކު ބުންޏެވެ. ދެ ދަރިން ލިބުނު ފަހުން ޙަޤީޤީ ލޯބިވެރިޔާއާ ބައްދަލުވެގެން ގަދަކަމުން އަހަރެންގެ ގާތުން ވަރިވެގެން ދިޔަތާ މިވީ ހަމަހެވެ. އޭނާގެ ޙަޔާތުގެ އަފްސާނާ އަޑުއަހާލުމަށްފަހު އިންނަން ބޭނުންވާ އަންހެނާގެ ކިބައިގައި ހުންނަންވީ ޝަރުތުތަކާ ބެހޭގޮތުން އަހަރެން ސުވާލުކޮށްލީމެވެ. އޭނާގެ ޖަވާބު ކުރުވެފައި ފޮންޏެވެ. އޭނާ ބުންޏެވެ. އަހަރެން ބޭނުންވަނީ ދީންވެރި ޞާލިހު އަންހެނެކެވެ. ގެވެހިވެފައި މުރާލި އަންހެނެކެވެ. އަހަރެންގެ މުސްކުޅި މައިންބަފައިންނަށް އަޅާލައި، އަހަރެންގެ ދަރިންނަށް މައެއްގެ ލޯބިދޭނެ އަންހެނެކެވެ. އަހަރެންނަށް ލިބޭ އެއްލާރި ދެލާރިއަށް ހަދަން ދަންނަ އަދި މިންވަރަށް ޝުކުރުވެރިވާ، ޙާލަތަށް ރުހޭ އަންހެނެކެވެ. އަހަރެންނަށް އިހްތިރާމްކުރާ ވަފާތެރި ދުޅަހެޔޮ އަންހެނެކެވެ. މިފަދަ އަންހެނެއް އަހަންނަށް ހޯދައިދީފާނަން ހެއްޔެވެ. އަހަރެން ބުނީމެވެ. ތިޔަފަދަ އަންހެނަކު އަހަރެން ތިބާއަށް ހޯދައިދޭނަމެވެ. އޭނާ އަހަންނަށް ގޮންޖަހާފައި ބުންޏެވެ. ތިޔަފަދަ ޞާލިހު، ގެވެހި، ނިޔަނެތި އެއްވެސް އަންހެނަކު މިހާރަކު ނޫޅެއެވެ. އަހަރެން ހިތާ ހިތާ ސުވާލުކޮށްލީމެވެ. ހުރިހާ ޞާލިހު އަންހެނުން ހުސްވީ ހެއްޔެވެ؟

       ތިބާ ފަސްމީރު ކުރިރުކެއް ފަދަ އަނތްބަކު ހޯދުމަށްޓަކައި ފަސްމީރު ކުރި ރުކަކަށް ވާށެވެ. ދީނީގޮތުންނާއި ދުނިޔަވީގޮތުން ވެސް ރަނގަޅު ނަމޫނާއަކަށް ވާށެވެ. އަދި އަންހެނުންނަށް އެބައިމީހުންނަށް ޙައްޤު ޙިމާޔަތާއި، އެހީތެރިކަން ދޭށެވެ. ކޮންމެ އަންހެނަކީ ކޮންމެވެސް ބައްޕައެއްގެ ލޯބިވާ ދަރިއެކެވެ. ނޫނީ ކޮންމެވެސް ދަރިއެއްގެ މައެކެވެ. ނޫނީ ކޮންމެވެސް އާއިލާއެއްގެ ދައްތައެއް ނުވަތަ ކޮއްކޮއެކެވެ. ނޫނީ ކޮންމެވެސް ފިރިއެއްގެ އަނތްބެކެވެ. އަންހެނުން އިސްލާހުކޮށް ހަމަ މަގަށް އެޅުވުމުގެ އެންމެ އިސް މޭސްތިރިންނަކީ ފިރިހެނުންނެވެ. ތިބާ އަޅައިގެން ހުރި ތޮތްޕަކަށް ފެތޭ ޒިންމާ ފުރިހަމައަށް ތިބާ ނަގާށެވެ. ބައްޕައެއްގެ ގޮތުގައެވެ. ފިރިއެއްގެ ގޮތުގައެވެ. ބޭބެއެއްގެ ގޮތުގައެވެ. ކޮއްކޮއެއްގެ ގޮތުގައެވެ. ނުވަތަ ދަރިއެއްގެ ގޮތުގައެވެ. އެހެންކަމުން މިއަދު ތިބާގެ ޒިންމާ އަމިއްލަ ނަފުސުން ފަށާށެވެ.

      ހެޔޮލަފާ ޞާލިހު އަންހެނަކު އުފަންކުރުމަށް...

-         ދީނަށް ލޯބިކުރާ، ދީނަށް ޢަމަލުކުރާ މީހަކަށް ވާށެވެ.

"އާދަނާ! އާދަނާ! މިހާރު އެއޮށް އިރު އަރަނީ... އަދިވެސް ތެދުވާކަށް ނުވޭތަ؟ ފަތިސް ނަމާދު ބަންގި ގޮވީއްސުރެ މި ގޮވަނީ.. ދެން މިރޭ ވެސް ފަތިސްނަމާދެއް ނުކުރެވޭނެ... ކިހިނެއް ފަތިސްނަމާދަށް ހޭލާނީ ހޮޓާތަކުގައި ދަންވަރު އެކެއް ދޭއް ޖަހަންދެން ވައި އަނގަތަޅަން ތިބެންޏާ...." މިއީ އާދަނުގެ ޙާލެވެ. އާދަނު ވެސް ބޭނުންވަނީ ހެޔޮލަފާ ޞާލިހު އަނތްބެކެވެ. ދެ ދުނިޔޭގެ ޙަޔާތަށް ބާއްޖަވެރިކަން ގެނުވާ ޞާލިހު ދަރިންނެވެ. އެހެނަސް... އާދަނުގެ ކިބައިގައި ފަރުޟު ނަމާދުތައް ފުރިހަމައަށް އަދާކުރުމުގެ ހިތްވަރެއް ވެސް ނެތެވެ. މިފަދަ އާދަނަކަށް ތިބާ ނުވާށެވެ. އެންމެ ފުރަތަމަ އާއިލާގެ އިސްމީހާ ކަމުގައިވާ ބައްޕަ ދީނީ ވާޖިބުތައް އާއިލާއާއި އެކު އަދާކުރުމާއިއެކު ވީވަރަކުން ސުންނަތްތަކަށް ޢަމަލުކުރުމުގައި ސާބިތުވާށެވެ. ބައްޕަގެ ހެޔޮ ނަމޫނާއިން ހެޔޮ ލަފާ ޖީލެއް ބިނާކުރެވޭނެކަން ޔަޤީނެވެ. އަދި ހަމައެހެންމެ އަނބިންނަށް ނަމޫނާއަކަށް ފިރިން ވުމުން، މުޅި އާއިލާގައި ދީނީ ކަންކަމަށް ލޯބި އުފެދި، ދީނަށް ޢަމަލުކުރުމުގެ ރޫހެއް ޤާއިމުކުރެވޭނެއެވެ. އޭރުން ތިޔަގޭގެ ހިޔަލުގައި ތިބޭނީ ހުސް އިސްލާމްދީނަށް ޢަމަލުކުރާ ޞާލިހު އަންހެނުންނެވެ.

      ޒިންމާދާރުވެ މުރާލިވާށެވެ.

      "އާދަނާ، ސިންކު އިސްކުރު ބިނދިފައި ހުންނަތާ މިހާރު މިއޮށްވަނީ މަސްދުވަސް... ފާހާނާގައި ފެން ނުފައިބާ އެންމެ އިސްކުރެއް ވެސް ނެތް. ކިހާ ކަރަންޓެއް އިސްރާފު އެވަނީ.. އަޅެ ހަލާކުވެފައި ހުރި އިސްކުރުތައް ރަނގަޅު ކޮށްލަދީބަލަ... މިހާރު މިކަމާވެސް އާދޭސް ކުރާތާ ކިތައް ދުވަސް" މިއީ އާދަނުގެ ޙާލެވެ. އާދަނު ވެސް ބޭނުންވަނީ ޒިންމާދާރު، މުރާލި އަނތްބެކެވެ. އާދަނުގެ ކިބައިގައި އަނބިމީހާއަށް އުނދަގޫވާކަންކަން ފަސޭހަކޮށްދިނުމުގެ އާދަ އަށަގެންފައެއް ނެތެވެ. މިފަދަ އާދަނަކަށް ތިބާ ނުވާށެވެ. ގޭތެރޭގައި އަނބިންނަށް ފަސޭހަކޮށް ދެވެން ހުންނަކަންކަން ލަސްނުކޮށް އަވަހަށް ރަނގަޅުކޮށްލާށެވެ. ހުރިހާ ކަމެއްގައި އަނބިމީހާއަށް އެހީތެރިވެދޭށެވެ. ދަރިންގެ ކަންކަމާއި، މައިންބަފައިންގެ ކަންކަމުގައި ޒިންމާދާރުވެ މުރާލިވާށެވެ. އޭރުން ތިބާގެ ނަމޫނާއިން ފިލާވަޅު ލިބިގެން މުޅި އާއިލާ ޒިންމާދާރުވެ މުރާލިވާނެއެވެ. ދަރިންނަށް ވެސް އެކުދިންގެ ޒިންމާތައް އަމިއްލައަށް އަދާކުރުމަށާއި މަންމައާއި ބައްޕައަށް އެހީތެރިވުމަށް ދަސްކޮށްދޭށެވެ. އޭރުން ތިޔަގޭގެ ހިޔަލުގައި ތިބޭނީ ޒިންމާދާރު، މުރާލި އަންހެނުންނެވެ.

-         މައިންބަފައިންނަށް އަޅާލާ އޯގާތެރިވާށެވެ.

"އާދަނާ! މަންމަގެ ބޭސް ހުސްވެފައި ހުރީ.. މިއަދު އޮފީހުން އަންނަމުން ބޭސް ނަގައިދީބަލަ... މިދިޔަ މަހު ބޭސް ސިޓީ ގެއްލުވާލިހެން ފަރުވާކުޑަ ނުކޮށް އެ ގެނެސްދޭތި.." މިއީ އާދަނުގެ ޙާލެވެ. އާދަނު ވެސް ބޭނުންވަނީ މައިންބަފައިންނަށް އަޅާލާ އޯގާތެރި އަނތްބެކެވެ. އެހެނަސް އާދަނުގެ އަމިއްލަ މައިންބަފައިންގެ ކަންކަން ކުރުމުގައި ވެސް ފަރުވާތެރިކަމެއް ނެތެވެ. މައިންބަފައިންނަށް ލޯބިކުރުމަކީ އެބައިމީހުންގެ ކުދިކުދި ބޭނުންތަކަށް ވެސް ރިއާޔަތް ކުރުމެވެ. އެކަންކަމަށް ފަރުވާތެރިވެ ވަގުތުދިނުމެވެ. އެންމެ ފުރަތަމަ ތިބާ މައިންބަފައިންނަށް އަޅާލާ އޯގާތެރިވާށެވެ. އަދި އަނބިމީހާގެ މައިންބަފައިންނަށް ވެސް އޯގާތެރިވެ އެހީތެރިވާށެވެ. އޭރުން ތިބާގެ ޢަމަލުތައް ފެނި އަނބިމީހާއާއި ދަރިންނާއި މުޅި އާއިލާ މައިންބަފައިންގެ އަގު ވަޒަންކުރާނެއެވެ. މައިންބަފައިން މުސްކުޅިވި ދުވަހު އަޅާލާ އޯގާތެރިވާނެއެވެ. އޭރުން ތިޔަގޭގެ ހިޔަލުގައި އިންނާނީ ތިބާގެ މައިންބަފައިންނަށް އަޅާލާ އޯގާތެރި އަނތްބެކެވެ.

-         އިސްލާމީ ތަރަހައިގެ ތެރޭގައި ދަރިން ތަރުބިއްޔަތުކުރާށެވެ.

"އާދަނާ! އަދިވެސް ނިދަނީތަ؟ މިހާރު އެއޮށް މެންދުރުވީ... ރޯދަކުރުވަނީ ހަމައެކަނި ނިދީމަތަ؟ އެކުދިން ގޮވައިގެން ޖަމާޢަތަށް ނަމާދަށް ދިޔައްޔާ ކީއްތަވާނީ... ބޯހަލާކު" މިއީ އާދަނުގެ ޙާލެވެ. އާދަނު ވެސް ބޭނުންވަނީ އިސްލާމީ ރިވެތި ތަރުބިއްޔަތެއް ދަރިންނަށް ދޭނެ އަނތްބެކެވެ. އާދަނުގެ ކިބައިގައި ދަރިން ތަރުބިއްޔަތުކުރުމުގެ ޤާބިލުކަމެއް އަމުދުން ނެތެވެ. އިސްލާމީ ތަރަހައިގައި ދަރިން ތަރުބިއްޔަތުކުރުމަށް ރަސޫލާގެ ސީރަތު އުނގެނި އެގޮތަށް ތިބާގެ ޢަމަލުތައް ބައްޓަން ކުރާށެވެ. ދަރިންނަށް ނަމޫނާއަކަށް ވާށެވެ. އަދި ތުއްތުއިރުން ފެށިގެން އިސްލާމް ދީނަށް ދަރިން ހާނުވާށެވެ. އިސްލާމީ ރިވެތި އަޚްލާޤުން ޒީނަތްތެރި ކުދިބަޔަކަށް ހެދުމަށް މަސައްކަތް ކުރާށެވެ. ދަރިން ތަރުބިއްޔަތުކުރުމުގެ ޒިންމާ ދެމަފިރިން އެކުގައި ނަގާށެވެ. ތިބާ އިސްލާމީ ތަރަހައިގެ ތެރޭގައި ނަފުސު ހާނުވާށެވެ. އޭރުން ތިޔަގޭގެ ހިޔަލުގައި އިންނާނީ ތިބާއާއެކު އިސްލާމީ ތަރަހައިގެ ތެރޭގައި ދަރިން ތަރުބިއްޔަތު ކުރާނެ ޞާލިޙު އަނތްބެކެވެ.

-         އާމްދަނީ ހޯދުމަށް ޙަލާލު މަސައްކަތެއް ކުރާށެވެ. ލިބޭ އާމްދަނީ އިސްރާފު ނުކުރާށެވެ.

"ތަންކޮޅެއް ލުއިގޮތަކަށް ލާރިކޮޅެއް ލިބޭނެ ގޮތެއް ވިސްނަންވީ؟ މަ ވަރަށް ބޭނުން އެންމެ ފަހުން ނިކުތް އައިފޯން 12 ޕްރޯއެއް ގަންނަން... ކިހިނެއް ހަދާނީ... އާ!.. ވިސްނިއްޖެ.. ސޯސަލް މީޑިއާގައި މީހަކަށް އޮޅުވާލައިގެން ލާރިކޮޅެއް ކަޓުވާލާނީ... ކާކަށް އެނގޭނީ މަ ލާރި ހޯދާގޮތެއް... އާދަނު ހިތައް އެރިއެވެ. މިއީ އާދަނުގެ ޙާލެވެ. އާދަނު ވެސް ބޭނުންވަނީ ޞާލިހު އަނބި ދަރިންނެވެ. އަނބިދަރިންނަށް ކާންބޯންދެވެނީ ހަލާލު ތަކެތި ކަމުގައި ނުވާނަމަ އެކަމުގެ ނޭދެވޭ އަސަރު އެބައިމީހުންގެ އަޚުލާޤަށާއި ތަރުބިއްޔަތަށް ކުރާނެއެވެ. އެހެންކަމުން އަނބިދަރިންނަށް ޚަރަދުކުރަންވާނީ ތިބާ ޙަލާލު މަސައްކަތުން ހޯދާ އާމްދަނީކަން ކަށަވަރުކުރާށެވެ. އަދި ބޭކާރު ގޮތުގައި ލިބޭ އާމްދަނީ ދުނިޔޭގެ ޒީނަތަށް އިސްރާފު ނުކުރާށެވެ. ތިބާއަށް ވީވަރަކުން ޞަދަޤާތްދީ މުދާ ހެޔޮގޮތުގައި ބޭނުންކުރާށެވެ. ޙަލާލު ނޫން ގޮތަކަށް، ޙައްޤު ނޫން މުއްސަނދިކަން ހޯދުމުގައި މަސްޣޫލު ނުވާށެވެ. ތިބާއަކީ ތެދުވެރި ނަޒާހާތްތެރިއަކަށް ވާށެވެ. އޭރުން ތިޔަގޭގެ ހިޔަލުގައި ތިބޭނީ މިންވަރަށް ޝުކުރުވެރިވާ އަނބިދަރިންނެވެ.

-         ވަފާތެރިކަމާ އިހްތިރާމާއެކު ލޯބިދޭށެވެ.

"އާދަނާ... ދަންވަރު ނުނިދާ ކާކަށް ތިޔަ މެސެޖުކުރަނީ... މަ ނިދީމަ ތީދޯ މިހާރު ކުރާ ކަމަކީ ކޮންމެ ރެއަކު... މިހާރު

އާދަނަށް އަހަރެން ކޮށްދޭ އެއްވެސް ކަމެއް ކަމުނުދަނީ ތިޔަ ކަހަލަ އަންހެނުންނާ ގުޅުން ބާއްވާތީކަން ޔަޤީންވެއްޖެ.. ރޭ ދަންވަރު ދެއްކި ހުރިހާ ވާހަކައެއް މަ އަޑުއެހިން..." މިއީ އާދަނުގެ ޙާލެވެ. އާދަނުވެސް ބޭނުންވަނީ ވަފާތެރި ތެދުވެރި އިހްތިރާމްކުރާ އަނތްބެކެވެ. އެހެނަސް ތިބާ ސިއްރުން ފެންނަހާ މަލަކުން ފޮނިބޮމުން ދާއިރު ވެސް އެދެވެނީ ވަފާތެރި، ތެދުވެރި، އިހްތިރާމްކުރާ އަނތްބަކަށެވެ. ތިބާ އަނބިންނަށް އިޙްތިރާމް ނުކޮށް، އަނބިންގެ ފަރާތުން އިޙްތިރާމަށް އުންމީދު ނުކުރާށެވެ. އިޙްތިރާމް ލިބޭނީ އިޙްތިރާމް ދީގެންނެވެ. ތިބާ އަނބިމީހާއަށް ތެދުވެރިވާށެވެ. ބަދަލުގައި އޭނާގެ ކިބައިން ތެދުވެރިކަމަށް އުންމީދު ކުރާށެވެ. އަދި ތިބާ ވަފާތެރި ފިރިއަކަށް ވާށެވެ. އޭރުން ތިބާގެ އަނބިމީހާ ވެސް ވަފާތެރިވާނެއެވެ. ފަހަރުގައި ތިބާއަށް އަނތްބަކު ބޭވަފާތެރި ވިޔަސް މާޔޫސް ނުވާށެވެ. ތިބާ ތެދުވެރި ގޮތުގައި ހުރިއްޔާ މާ ރަނގަޅު ބައިވެރިއަކު ލިބޭނެކަން ކަށަވަރެވެ. ވަކީލުކުރަންވީ ﷲ ސުބްޙާނަހޫ ވަޠަޢާލާއަށެވެ. ތިބާގެ ޢަމަލުތައް ސީދާ ކުރުމުން، ތިޔަގޭގެ ހިޔަލުގައި ތިބޭނީ ތެދުވެރި، ވަފާތެރި އިހްތިރާމްކުރާ އަންހެނުންނެވެ.

-         ކަސްރަތުކުރުމާއި، ފައިދާހުރި ކާނާ ކާށެވެ.

"އާދަނާ... މިހާރު ފިޒީ ބުއިންތައް ބޮއެގެން ލުއިކާނާތައް ކައިގެން ތިޔަހެން ފޯނުން ގޭމްކުޅެން އިނދެއިނދެ މީހާ ހީވަނީ ލޭނު ބޮތްކެއްހެން... ތިޔަހެން ނޫޅެ ކަސްރަތު ކުރަން ދޭބަލަ..." މިއީ އާދަނުގެ ޙާލެވެ. އާދަނު ވެސް ބޭނުންވަނީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރި ލޫޅާފަތި އަނތްބެކެވެ. ތިބާ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ދިރިއުޅުމުގެ ރަނގަޅު އާދަތަކުގައި ހިފާށެވެ. މުޅި އާއިލާގައި ފައިދާހުރި ކާނާ ކެއުމުގެ ރޫޙެއް އާލާކުރާށެވެ. މުޅި އާއިލާ އެކުގައި ހަރަކާތްތެރިކޮށް ދިރިއުޅުމަށް ކަސްރަތު ކުރާށެވެ. އާއިލީ ކެއުން ތައް އިންތިޒާމުކުރާށެވެ. އަދި ގުޅުން ބަދަހިކޮށް ދިރިއުޅުމުގެ ރީތި އާދަތަކަށް މުޅި އާއިލާ ހާނުވާށެވެ. ތިބާ އާއިލާގެ އިސް މީހެއްގެ ގޮތުގައި ހުރެ ނަމޫނާ ދެއްކުމުން، މުޅި އާއިލާއިން އެކަން ބަލައިގަންނާނެއެވެ. ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް އެކުގައި މަސައްކަތްކުރާށެވެ. ތިބާގެ ނަފުސުން ފެށުމުން، ތިޔަގޭގެ ހިޔަލުގައި ތިބޭނީ ދުޅަހެޔޮ އަންހެނުންތަކެކެވެ.

ތިބާ ހެޔޮލަފާ ޞާލިހު އަންހެނަކު ނުލިބުމުގެ ހިތާމަކުރުމުގެ ކުރިން ތިބާއަކީ ޞާލިހު ހެޔޮލަފާ ފިރިހެނަކަށް ވާށެވެ. ގެވެހި މުރާލި އަންހެނަކު ގެއަށް ގެންނަން ބޭނުންވާނަމަ ތިބާއަކީ ވެސް ގޭތެރޭގެ މަސައްކަތުގައި ޝާމިލުވެ އަނބިންނަށް ފަސޭހަކޮށްދޭ މުރާލި ފިރިއަކަށްވާށެވެ. ތިބާގެ މައިންބަފައިން މުސްކުޅިވެ ގައިބާރު ދެރަވި ދުވަހު ތިބާ ވެސް އެ މައިންބަފައިންނަށް އަޅާލާ އޯގާތެރިވާށެވެ. އަދި މައިދައިތައާއި ބަފައިބެއަށް ވެސް އިޙްތިރާމްކޮށް އަޅާލާ ލޯބިދޭށެވެ. އޭރުން ތިބާގެ އަނބިމީހާ ވެސް ތިބާގެ މައިންބަފައިންނަށް އަޅާލާ އޯގާތެރިވާނެއެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި އަނބިމީހާއާއި އެކު ޒިންމާނަގައި ދަރިންނަށް އިސްލާމީ ރިވެތި ތަރުބިއްޔަތެއް ދޭށެވެ. ދަރިން ގޯސްމަގުން ދިއުމުގެ ޒިންމާ މަންމަގެ ބޮލުގައި އެޅުވުމުގެ ކުރިން ދެމަފިރިން އެކުގައި ދަރިންގެ ހައްޤުތައް ހަމަހަމަކަމާއެކު އަދާކުރުމަށް ހިއްމަތްކުރާށެވެ. ދުނިޔޭގެ ޒީނަތަށް ލިބުނު ގޮތަކަށް މުއްސަނދިކަން ހޯދުމުގެ ބަދަލުގައި ޙަލާލުގޮތުގައި އާމްދަނީ ހޯދުމަށް މަސައްކަތް ކުރާށެވެ. އަނބިދަރިންނަށް ޙަލާލު މުދަލުން ޚަރަދު ކުރާށެވެ. ހަރަކާތްތެރި ދިރިއުޅުމަކަށް ކަސްރަތުކޮށް ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް ދިރިއުޅުމުގައި ރަނގަޅު އާދަތައް ގެންގުޅޭށެވެ. ވިދާހާ އެއްޗަކީ ރަނެއް ނޫންކަން ޤަބޫލުކޮށް ފެންނަހާ މަލަކުން ފޮނިބުއިމަށް މަސައްކަތްނުކޮށް ވަފާތެރިކަމާއި އިހްތިރާމާއެކު ލޯބިދޭށެވެ. މިފަދައިން ތިބާގެ ނަފުސު ހާނުވައި ފިރިހެން ދަރިއެއް ނުވަތަ ފިރިއެއް ނުވަތަ ބަފައެއްގެ ޒިންމާ ތިބާ ފުރިހަމައަށް އަދާކުރުމަށް ފަހު ކިތައް ޞާލިހު އަންހެނުން ތިބިތޯ އަހާލާށެވެ. ތިބާއަށް މުޅި އުންމަތުން ވެސް ފެންނާނީ ހެޔޮލަފާ ޞާލިހު، ވަންހަތަކެއް ބިނާކުރާ ޞާލިހު އަންހެނުން ތަކެކެވެ. އަންހެން ދަރިންގެ ގޮތުގައެވެ. ދައްތައިން ނުވަތަ ކޮއްކޮއިންގެ ގޮތުގައެވެ. އަނބިންގެ ގޮތުގައެވެ. މަންމައިންގެ ގޮތުގައެވެ. އެކުވެރިޔާއެވެ. މިހާރު ތިބާއަށް ޖަވާބު ލިބިއްޖެކަމަށް އުންމީދުކުރަމެވެ.

Copyright © 2024 Faaru News
Made with by Afeef & Noor