ޔާސީންގެ އަހުލުވެރިންގެ ވާހަކަ

ވާހަކަ ކިޔާދޭ ރަހުމަތްތެރިޔާ
ވާހަކަ ކިޔާދޭ ރަހުމަތްތެރިޔާ
3 އަހަރު ކުރިން
4 މިނިޓް

"ރަށެއްގެ އަހުލުވެރިންގެ ވާހަކަ މިސާލެއްގެ ގޮތުގައި، ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! (އެއީ) އެއުރެންގެ ގާތަށް ރަސޫލުން ވަޑައިގަތްހިނދުގައެވެ. ތިމަންރަސްކަލާންގެ އެއުރެންގެ ގާތަށް ދެރަސޫލުން ފޮނުއްވިހިނދެވެ. ފަހެ، އެއުރެން އެދެބޭކަލުން ދޮގުކުޅައޫއެވެ. ދެން ތިންވަނަ ބެއިކަލަކު ފޮނުއްވުމުން، އެދެބެއިކަލުންނަށް ގަދަކަން ދެއްވީމެވެ. ފަހެ، އެބޭކަލުން ވިދާޅުވޫއެވެ. ހަމަކަށަވަރުން، ތިމަންމެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ ރަސޫލުންނެވެ. އެއުރެން ބުނޫއެވެ. ތިމަންމެންފަދަ އާދަމްގެ ދަރިން ކަމުގައި މެނުވީ ތިޔަބެއިކަލުން ނުވަމުއެވެ. އަދި ރަޙުމާން ވަންތަ ރަސްކަލާންގެ އެއްވެސް އެއްޗެއް ބާވައެއް ނުލައްވައެވެ. ދޮގުހަދާ ބަޔަކުކަމުގައި މެނުވީ ތިޔަބެއިކަލުން ނުވަމުއެވެ. އެބޭކަލުން ވިދާޅުވޫއެވެ. ހަމަކަށަވަރުން، ތިމަންމެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ ރަސޫލުންކަން، ތިމަންމެންގެ ވެރިރަސްކަލާންގެ ދެނެވޮޑިގެންވެތެވެ. އަދި ބަޔާންވެގެންވާ އިއްވުން މެނުވީ، ތިމަންމެންގެ މައްޗަކަށް ނުވެއެވެ. އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިޔަބެއިކަލުންގެ ސަބަބުން، ތިމަންމެންނަށް ސުންޕާކަން ލިބިއްޖެއެވެ. ތިޔަބެއިކަލުން ތިޔަކަން ހުއްޓައިނުލެއްވިނަމަ ތިމަންމެން ތިޔަބެއިކަލުން ރަޖަމް ކުރާހުށީމުއެވެ. ހަމަކަށަވަރުން، ތިމަންމެންގެ ކިބައިން ތިޔަބޭކަލުންނަށް ވޭންދެނިވި ޢުޤޫބާތް ލިބިދާހުށިކަން ކަށަވަރެވެ.” (ޔާސީން: 13 – 18)

“އެބޭކަލުން ވިދާޅުވޫއެވެ. ތިޔަބައިމީހުންގެ ސުންޕާކަންވަނީ ތިޔަބައިމީހުންނާއެކުގައެވެ. ތިޔަބައިމީހުންނަށް (ޙައްޤުގޮތް) ހަނދާންކޮށްދެވުނަސް (އެއީ، ސުންޕާކަމެއްކަމުގައި ބަލަނީ) ހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ކާފިރުކަމުގައި) ހައްދުފަހަނައަޅާފައިވާބައެކެވެ. އެރަށުގެ އެންމެ ދުރުފަރާތުން މީހަކު ދުވަމުން އައިސް ބުންޏެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން އެ ރަސޫލުންނަށް ތަބަޢަވާށެވެ! ތިޔަބައިމީހުންގެ ކިބައިން، އެއްވެސް އުޖޫރައަކަށް ނޭދޭބަޔަކަށް ތިޔަބައިމީހުން ތަބާ ވާށެވެ! އަދި އެއުރެންނީ ތެދުމަގު ލިބިގެންވާ ބަޔެކެވެ. އަދި އިސްވެ ދިޔަ މިސާލަކާނުލައި، ތިމަން އުފެއްދެވި ކަލާންގެއަށް ތިމަން އަޅުކަން ނުކުރަންވީ ކީތްވެގެން ހެއްޔެވެ؟ އަދި ތިޔަބައިމީހުން ރުޖޫޢަ ކުރައްވާހުށީ އެކަލާންގެ ޙަޟްރަތަށެވެ. އެކަލާންގެ ފިޔަވައި އެހެން އިލާހުންތަކެއް ތިމަން ހިފަންވީހެއްޔެވެ؟ ރަޙްމާން ވަންތަ ރަސްކަލާންގެ، ތިމަންނާއަށް ގެއްލުމަކަށް އިރާދަކުރައްވާނަމަ، އެތަކެތީގެ ޝަފާޢަތްތެރިކަމުން ތިމަންނާއަށް އެއްވެސް ކަމެއް ފުއްދައެއް ނުދެވޭނެތެވެ. އަދި އެތަކެއްޗަށް ތިމަން ސަލާމަތެއްވެސް ނުމެ ކުރެވޭނޭމެއެވެ. އެހެންވެއްޖެނަމަ، ހަމަކަށަވަރުން، ތިމަން ވާހުށީ ފާޅުވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަން ތިޔަބައިމީހުންގެ ވެރިރަސްކަލާންގެއަށް އީމާން ވެއްޖައީމެވެ. ފަހެ ތިޔަބައިމީހުން ތިމަންގެ ބަސްއަހާށެވެ!” ޔާސީން: 19 – 25

“އަންގަވާނެތެވެ. ތިބާ ސުވަރުގެއަށް ވަންނާށެވެ! އޭނާ ބުނާނެތެވެ. ތިމަންގެ ވެރިރަސްކަލާންގެ ތިމަންނާއަށް ފާފަފުއްސަވައި، މާތްކުރައްވާފައިވާ މީހުންގެ ތެރެއިން، އެކަލާންގެ ތިމަން ލެއްވި ގޮތް، ތިމަންގެ ޤައުމުގެ މިހުން ދަންނާނެނަމަ، ކިހާ ރަނގަޅުހެއްޔެވެ؟ އޭނާއަށްފަހު، ތިމަންރަސްކަލާންގެ، އޭނާގެ ޤައުމުގެ މީހުންގެ މައްޗަށް އުޑުން (މަލާއިކަތުންގެ) ލަޝްކަރެއް ބާއްވައެއް ނުލައްވަމެވެ. އަދި ތިމަން ރަސްކަލާންގެ (އެފަދަ ލަޝްކަރެއް) ބާއްވައިލައްވާކަށް އިރާދައެއް ނުކުރައްވަމެވެ. (އެއުރެންގެ ޢުޤޫބާތަކީ) ބިރުވެރި އެންމެ އަޑެއްކަމުގައި މެނުވީ ނުވެއެވެ. ފަހެ، އެއުރެން، މަރުވެ ހިމޭންވެފައިވާ ބަޔަކު ކަމުގައި އެއުރެންވޫއެވެ.” ޔާސީން: 26 – 29

މިއީ ތާރީޚް ޢިލްމުވެރިންގެ ތެރޭގައި އަންތާކިޔާ ނަކަމަކަށް ކިޔާ ރަށެކެވެ. އެމީހުންގެ ބުދަށް އަޅުކަން ކުރާ ރަސްކަލަކު ވެރިއަކަށް ހުއްޓެވެ. އެމީހުންގެ މައްޗަށް ފުލުފުލުން ﷲ ތަޢާލާ ތިން ރަސޫލަކު ފޮނުއްވިއެވެ. އެއީ: ޞާދިޤް، މަސްދޫޤް އަދި ޝަލޫމް އެވެ. އެހެނަސް އެމީހުން އެއެންމެހާ ރަސޫލުން ދޮގުކުރިއެވެ. އެއީ ކަނޑައެޅިގެންވާ ﷲ ގެ ތިން ރަސޫލުބެއިކަލުންނެވެ.

ސަލާމް ލެއްވި ޢީސާގެފާނުންގެ ތިން އަޞްޙާބަކުވެސް އަންތާކިޔާއަށް ޢީސާގެފާނުން ފޮނުއްވިއެވެ. އަދި އަންތާކިޔާ ވީ އެންމެ ފުރަތަމަ އެކީއެކަށް ޢީސާގެފަނުންނަށް ތަބާވީ ރައްކަމުގައެވެ. ނަޞާރާއިންގެ މުޤައްދަސްކަމުގައިވާ ހަތަރު ރަށެއްވެއެވެ. އެއީ: އަންތާކިޔާ، ބައިތުލް މަޤްދިސް، އެލެކްސެންޑްރިއާ އަދި ރޯމްއެވެ. ނަމަވެސް އެތިން ރަސޫލުން އެރަށަށް ފޮނުއްވުމުން އެރަށުގެ އަހުލުވެރިން ވީ އެބެއިކަލުން ދޮގުކުރުމުގެ ސަބަބުން ހަލާކުކުރައްވާފައެވެ. އަދި އެއަށްފަހު އަލުން އާބާދުވެ ދެން ޢީސާގެފާނުން ފޮނުއްވި އެކަލޭގެފާނުންގެ ތިން ސަޙާބީއެއްގެ ގޮވައިލުމަށް އެރަށް އެކީ އިސްލާމްވެފައެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: “ތިމަން ރަސްކަލާންގެ އެބައިމީހުންނާއި އެއްފަދަ ބަޔަކު އެރަށަށް ފޮނުއްވީމެވެ” ﷲ ތަޢާލާ ވާޙީކުރެއްވިއެވެ: “އެމީހުންގެ ގާތަށް ރަސޫލުން އައިހިނދެވެ. ތިމަން ރަސްކަލާންގެ ދެބެއިކަލަކު ރަސޫލުންކަމުގައި ފޮނުއްވީމެވެ. އެކަމަކު އެބައިމީހުން އެދެބެއިކަލުން ދޮގުކުރުމުން ދެން ތިންވަނަ ބެއިކަލަކު ފޮނުއްވުމުން، އެދެބެއިކަލުންނަށް ގަދަކަން ދެއްވީމެވެ”. އެބެއިކަލުން އެމީހުންނަށް ދީނަށް ގޮވައިލެއްވުމުން އެމީހުން ބުންޏެވެ: “ކަލޭމެންނަކީ ހަމައެކަނި އަހަރެމެން ފަދަ އިންސާނުންނެވެ. އެހެންވީމާ ވަކި ކަލޭމެންނަށް ވަޙީގެ ބަސްފުޅުތައް އުޑުން އަންނާނީ ފަހެ ކޮންގޮތަކުން ހެއްޔެވެ؟ ކަލޭމެންނާއި އަހަރެމެންނާއި ތަފާތުވަނީ ކޮންގޮތަކުން ހެއްޔެވެ؟” އެމީހުން ބުނާގޮތުގައި އިންސާނުންގެ ތެރެއިން ބަޔަކު އިންސާނުންނަށް ރަސޫލުން ކަމުގައި ފޮނުއްވާނޭކަމާމެދު ވަރަށް ވެސް ދުރެވެ. އެބެއިކަލުން ދެންނެވިއެވެ. ﷲ ޠަޢާލާ އަހަރެމެންނަކީ ރަސޫލުންކަމުގައި ދެނެވޮޑިގެންވެއެވެ. އެހެންނޫންނަމަ އަހަރެމެން ބެއިކަލުންގެ މިދޮގުވެރިކަމަށްޓަކައި ﷲ ތިމަން ބެއިކަލުންނަށް އަދަބުބެއްވާނެއެވެ.

އެމީހުން ބުންެޏެވެ: ކަލޭމެންގެ ފަރާތުން ނުބައިވެގެންވާ ކަމަކަށްނޫނީ އަހަރެމެންނަކަށް އަންނާނޭކަމަކަށް ނުފެނެއެވެ. (މާނައީ ތިއީ ރަސޫލުންނެއްނޫނެވެ، ދޮގުވެރިންނެވެ) އަދި ބުންޏެވެ: އެހެންވީމާ ކަލޭމެން މިތަނުން ފިލައި ނުގޮސްފިނަމަ، އަހަރެމެން ކަލޭމެންގެ މައްޗަށް ގައު އުކައި އަނިޔާވެރިވުމަކުން އަނިޔާވެރިވާނަމެވެ.”

ޤުރުއާނުގައި އަންގަވާފައިވެއެވެ: “އެންމެދުރުގައިވާ ރަށަކުން މީހަކު ދުވަމުން އައެވެ.” އޭނާ އައީ ރަސޫލު ބެއިކަލުންނަށް ސަޕޯޓް ކުރުމުގެ ގޮތުންނެވެ. އަދި އޭނާގެ އީމާންތެރިކަން އެބެއިކަލުންނަށް އެންގުމަށެވެ. އެމީހާ ބުންޏެވެ: އޭ އަހުރެންގެ މީހުންނޭވެއެވެ! މިރަސޫލުންނަށް ތަބާވާށެވެ. އެމީހުން ކަލޭމެންގެ ފަރާތުން މުދަލަކަށް ނުވަތަ ބަދަލަކަށް ނޭދޭ ސާލިޙުންނަށް ތަބާވާށެވެ.

އެމީހުންނަކީ ތިޔަބައިމީހުންގެ މާދަމާއަށް ވާންހުރިގޮތާއިމެދު އިޚްލާޞްތެރިންނެވެ. އަދި އޭނާ ބުންޏެވެ: “އަދި އަހުރެން ﷲ އަށް ތަބާނުވާންވީ ކީތްވެހެއްޔެވެ؟ އެއީ ތިމަން ޚަލްޤުކުރެއްވި ފަރާތެވެ. އަދި ތިމަން އެންބުރި ދާންވީ ފަރާތެވެ. އަހުރެން އެކަލާންގެ ފިޔަވައި އެހެން އިލާހުން އިޚްތިޔާރު ކުރާންވީހެއްޔެވެ؟ ދީލަތިވަންތަ ﷲ ތަޢާލާ އަހުރެންގެ މައްޗަށް ނުރައްކަލެއް އިޚްތިޔާރުކުރައްވާނަމަ، މި(ރަސޫލު ބެއިކަލުންގެ) ޝަފާޢަތް ބޭކާރުއެއްޗެއްކަމުގައި ވާނެތެވެ. އަދި އެބެއިކަލުންނަށް ތިމަންނައެއް ސަލާމަތެއްވެސް ނުކުރެވޭނެއެވެ. ހަމަޔަޤީނުންވެސް އެއިރުން އަހުރެން ވާހުށި ފާޅުވެގެންވާ އޮޅުމެއްގެތެރޭގައެވެ.”

ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ: ޙަބީބު ނައްޖާރު، އަކީ އެމީހާއަށް ކިޔާ ނަމެވެ. ބުނެވޭ ގޮތުގައި އެއީ ވަޑިއެކެވެ. އަދި ޖުޒާމްބަލި ޖެހިފައިވާ، އޯގާތެރި މީހެކެވެ. ނަމަވެސް އޭނާގެ އަހުލުވެރިން އޭނާ ޤަތުލުކުރީއެވެ. އޭނާ ޤަތުލުވުމުން ﷲ ތަޢާލާ އޭނާއަށް ވަޙީކުރެއްވިއެވެ: “ސުވަރުގެއަށް ވަންނާށެވެ” ދެން އޭނާއަށް ﷲ ތަޢާލާގެ ރަޙުމަތުން އޭނާއަށް ހުރި ނިޢުމަތްތައް ފެނުމުން ދެންނެވިއެވެ: “އޭނާ ދެންނެވިއެވެ: ‘އަހުރެންގެ މީހުންނަށް އަހުރެންނަށް އަހުރެންގެ ކަލާންގެ ޢަފޫކުރެއްވިކަމާއި ބަރަކާތްތެރިކަން ލިބިގެންވާ މީސްތަކުންގެ ތެރޭގައި ލެއްވުނުކަން އެނގޭނަނަމައެވެ.” އިބްން ޢައްބާސް ވިދާޅުވިއެވެ: އެމީހާ ވަނީ އޭނާގެ ދިރިހުރުމުގައި ދުނިޔޭގައިވެސް މީސްތަކުންނަށް ނަޞޭޙަތްތެރިވެފައެވެ. އަދި މަރުވެ ގޮސް އޭނާއަށްވާ ނިޢުމަތްފެނުމުންވެސް ދިރިތިބީންނަށް ނަޞޭޙަތްތެރިވެފައެވެ.

ޤަތާދާ ވިދާޅުވިއެވެ. އެމީހުން އޭނާ ޤަތުލުކުރުމުން ﷲ ތަޢާލާ އެމީހުން ދުލެއްނުކުރައްވައެވެ. “ބިރުވެރި އެންމެ އަޑެއްކަމުގައި މެނުވީ ނުވެއެވެ. ފަހެ، އެއުރެން، މަރުވެ ހިމޭންވެފައިވާ ބަޔަކު ކަމުގައި ވިއެވެ.”

ﷲ ވަޙީ ކުރެއްވިއެވެ: “އޭނާއަށްފަހު، ތިމަންރަސްކަލާންގެ، އޭނާގެ ޤައުމުގެ މީހުންގެ މައްޗަށް އުޑުން (މަލާއިކަތުންގެ) ލަޝްކަރެއް ބާއްވައެއް ނުލައްވަމެވެ. އަދި ތިމަން ރަސްކަލާންގެ (އެފަދަ ލަޝްކަރެއް) ބާއްވައިލައްވާކަށް އިރާދައެއް ނުކުރައްވަމެވެ. (އެއުރެންގެ ޢުޤޫބާތަކީ) ބިރުވެރި އެންމެ އަޑެއްކަމުގައި މެނުވީ ނުވެއެވެ. ފަހެ، އެއުރެން، މަރުވެ ހިމޭންވެފައިވާ ބަޔަކު ކަމުގައި އެއުރެންވޫއެވެ”

މުފައްސިރުން ވިދާޅުވާގޮތުގައި؛ ﷲ ތަޢާލާ ޖިބްރީލް ގެފާނުން ފޮނުއްވައި އެރަށުގެ ގޭޓްތައް އުފުރާލައްވައި ބާރުގަދަ ހަޅޭކުގެ އަޑެއް ފޮނުއްވިއެވެ. ދެން އެމީހުން ހިމޭންގެ ގަނޑުވީއެވެ. މިހުރިހާ ދަލީލުތަކަށް ބެލުމަށްފަހު ބުނެވޭނީ އެރަށަކީ އަންތާކިޔާ އެއްނޫންކަމުގައެވެ. އެހެންނޫނަސް އަންތާކިޔާއަކީ އެރަށަކަށް ޢީސާގެފާނުން ގެ އަޞްޙާބުން ފޮނުއްވުމުން އެންމެން އެކީ އިސްލާމްދީން ޤަބޫލުކުރި ފުރަތަމަ ރަށެވެ.

Copyright © 2024 Faaru News
Made with by Afeef & Noor