އިނގިރޭސިބަސް އުނގަންނައިދޭ މުދައްރިސެއްގެ ހައިސިއްޔަތުން ވޭތުވެ ދިޔަ އަހަރު ތަކުގައި ވަރަށް ގިނަ އަދަދެއްގެ ދަރިވަރުންނާ އެކި ރަށްރަށުން އަބަދު ބައްދަލުވެއެވެ. އަދި އެދަރިވަރުންނާ އެކު ވަރަށް ގިނަ ވަގުތު ހޭދަކުރުމުގެ ނަސީބު ވަނީ ލިބިފައެވެ. މުދައްރިސެއްގެ ގޮތުން އަބަދު ވެސް އެންމެ ބޮޑު ސަމާލުކަމެއް އަބަދުވެސް ދޭން ޖެހެނީ ދަރިވަރުންގެ ލިޔުމުގެ ފެންވަރު ރަގަޅު ކުރުމަށެވެ. އެހެންނަމަވެސް ލިޔުމުގެ ފެންވަރު ރަގަޅު ކުރަން ބޭނުންވާ އެންމު މުހިންމު ކަމަކީ ކިޔުމުގެ އާދަ އަށަގެންނެވުމެވެ.
ނަމަވެސް ހިތާމައަކީ މިމުހިންމު އާދަ ކުޑައިރުއްސުރެން އަށަގެންފައި ހުންނަނީ ވަރަށް މަދު ދަރިވަރެއްގެ ކިބައިގައި ކަމެވެ. ސަބަބުތައް ވެސް އެބަހުއްޓެވެ. ފުރަތަމަ އިސްލާހް ވާންވީ މުޖުތަމައެވެ.
އަބަދު ވެސް އަޑު އިވެނީ ގިނަ ދަރިވަރުން ފޮތް ނުކިޔާ ވާހަކައެވެ. ބެލެނިވެރިން ބުނާ ގޮތުން އެމީހުން އެކަމަށް ވަރަށް މަސައްކަތް ކުރެއެވެ. މުދައްރިސުން ބުނާ ގޮތުން އެމީހުން ވެސް އެކަމަށް ތަފާތު އެކި ގޮތް ގޮތަށް މަސައްކަތް ކުރެއެވެ. އެހެން ވީއިރު މިކަން ކުރިޔަށް ނުގޮސްގެން އުޅޭ ސަބަބެއް ބަލާ ހޯދަން ޖެހެއެވެ.
ވަރަށް ގިނައިން ޓިވީ އަދި ރޭޑިޔޯ އިން އަޑު އިވޭ ވާހަކައެކެވެ. މަންމައާއި ބައްޕައާ ދެވެރިން ގޭގައި ޑުރާމާ ބަލަން ތިބެފައި ބަންގި ގޮވަން ފެށީމާވެސް ޓީވީ ކުރިމަތީގައި އިނދެފައި ގޮވާލާ ކަމަށް ބުނަނީ "ދަރިފުޅާ އަވަހަށް ދޭ ނަމާދަށް". މިގޮތަށް ދަރިންގެ ކިބައިގައި ނަމާދު ކުރުމުގެ ރޫހު އަށަގަންނުވާ އެކުދިންނަކީ ދީނަން ލޯބިކުރާ ދަރިންތަކެއްގެ ގޮތުގައި ބިނާ ކުރުމަކީ ނާދިރު ކަމެކެވެ.
ފޮތް އެއްޗެހި ކިޔުމުގައިވެސް އަސްލު ވެގެން އުޅޭ ގޮތަކީ ހަމަ ސީދާ މިއީއެވެ. މަންމަ އާއި ބައްޕަ އަކީ ގަވައިދުން ފޮތް އެއްޗެހި ކިޔާ އުޅޭ މީހުންނެއް ނޫނެވެ. ސްކޫލްގެ މުދައްރިސުންގެ ތެރެއިންވެސް މިމުހިންމު އާދަ ގެންގުޅެނީ އިނގިލިން ގުނާލެވޭ މަދު ބައެކެވެ. ކުދިންނަށް މިސާލު ދައްކަން ތިބިމީހުން މިކަން އަމަލީ ގޮތުން ނުކުރާނަމަ ދަރިވަރުންގެ ކިބައިގައި މިއާދަ އަށަގެނުވޭނެ ކަމަކަށް އަޅުގަނޑު އެއްވެސް ގޮތަކަށް ގަބޫލެއް ނުކުރަމެވެ. ހަމަ ޔަގީނުން ވެސް ކުޑަ އިރުއްސުރެން ދަރިވަރުންނަށް ބެލެނިވެރިންނާއި މުދައްރިސުން ފޮތް ކިޔާ މަންޒަރު އަމަލީ ގޮތުން ފެންނަ ނަމަ މިކަމަށް އެދެވޭ ހައްލެއް އަންނާނެއެވެ.
ކުޑައިރު ކުދިންނަށް ގަނެދޭންވީ ޓެބްލެޓާއި ފޯނެން ނޫނެވެ. އެބެލެނިވެރިއެއްގެ ފެންވަރުން ފޮތް ގެނެސް ދޭންވީއެވެ. ކުދިންނަށް ކިޔައި ދޭންވީއެވެ. މުދައްރިސުންވެސް ކުދިން ކައިރި ކިޔާށޭ ނުކިޔާއި އެމީހުން އެމަންޒަރު އަމަލީ ގޮތުން ދައްކަންވީއެވެ. ކުލާހަށް ގޮސް މިއީ ތިމަންނާ މިހާރު ކިޔަމުންދާ ފޮތޭ ކިޔާފާ ފޮތްވެސް ދައްކަންވީއެވެ. މިނޫން ހައްލެއް މިކަމުގައިނެތެވެ.