ކަންކަން ރޭވުންތެރިކަމާއެކު، ތަރުތީބުން ނިންމާލާނީ ކިހިނެއް؟

މުޙައްމަދު ޢިމްރާން
މުޙައްމަދު ޢިމްރާން
2 އަހަރު ކުރިން
3 މިނިޓް

ކަންކަން ރާވާ އިންތިޒާމު ކުރާ ފަރާތްތަކާއި އަދި އާއްމު ދިރިއުޅުމާގުޅޭ ކަންކަން ކުރާ ފަރާތްތަކަށްވެސް އެކަންކަން ފުނި ނުޖެހި ހާސްކަމެއްނެތި މުއާލާތްނުކެނޑި ނިންމާލެވުމަކީ ލިބޭނެ ވަރަށްބޮޑު ހިތްހަމަ ޖެހުމެކެވެ. އަދި އެ ކަންކަން ކުރުމަށް ލިބިފައިވާ ވަގުތު ރަނގަޅަަށް މެނޭޖް ކުރަން އެނގުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ. މި ގޮތުން މި އާރޓިކަލްގައި މި ބަލާލަނީ ވަގުތު ރަނގަޅަށް ބޭނުންކުރުމާއި ކަންކަން ކުރުމުގެ ތަރުތީބު ކަނޑައެޅުމުގައި ބޭނުންކުރެވިދާނެމޮޑެލަކަށެވެ.

ކުރިންބުނެވިދިޔަ ބޭނުމުގައި ވަރަށްގިނަ މޮޑެލްތައް ނުވަތަ ޓޫލްތައް ބޭނުން ކުރެއެވެ. މި ގޮތުން މި އާރޓިކަލްގައި މި ގެނެސްދެނީ “Eisenhower Matrix” ބޭނުން ތެެރިކަމާގުޅޭ މައުލޫމާތު ކޮޅެކެވެ. ބުނެވޭ ގޮތުގައި މި މެޓްރިކްސްއަށް ނަންދެވިފައިވަނީ މި މެޓްރިކްސް ތައާރަފު ކުރި “Dwight David Eisenhower” ގެ ނަމުންނެވެ. މީނާއަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެމެރިކާގެ ސިފައިންގެ ތެރޭގައި ހިމެނުނު ފައިވް ސްޓާރ ޖެނެރަލެކެވެ.

ކުރުގޮތަކަށް ބުނާނަމަ، މި މެޓްރިކްސް އަކީ ވަގުތާއި، މަސައްކަތްތައް ރަނގަޅަށް ރާވާއިންތިޒާމުކުރުމުގައި ނިންމަންޖެހޭ ނިންމުންތައް ރަނގަޅަށްނިންމުމަށް މަގުފަހުކޮށްދޭ މޮޑެލްއެކެވެ. މި ޓޫލް ބޭނުންކުރުމުގައި ކުރާކަމަކުން އެދެވާ ނަތީޖާއެެއް ހޯދުމަށް ވަރަށްބޮޑަށް ބާރުއާޅަފައި ވެއެވެ. އަދި ކަންކަންމުހިއްމުވާ، ނުވަތަ އިސްކަންދޭ ތަރުތީބަކުން ރާވާލުމަށް މި މެޓްރިކްސް މަގުދައްކައެވެ. އަދި އަހަރުމެންނަށް ދިމާވާކަންކަމުގެ ތެރެއިން ނުވަތަ ނިންމަންޖެހޭމަސައްކަތްތައްތަކުގެ ޕްރިއޯރިޓީ ލެވެލް ކަނޑައާޅަނެގޮތް ވެސްބުނެދެއެެވެ.

މި މެޓްރިކްސް ބޭނުން ކުރުމުގައި އެންމެ ފުރަތަމަ ކުރަންޖެހޭކަމަކީ އަހަރުމެންގެ މަސައްކަތްތައް ދެކަމަކަށްބަލައިގެން ބައިކޮއްލުމެވެ. އޭގެ ތެރެއިން އެއްކަމަކީނުވަތަ އެއް ކެޓަގަރީއަކީ މުހިއްމު ކަންކަމުގެ ބައެވެ. ދެވަނަ ކެޓަގަރީއަކީ އާރޖެންޓް ކަންކަމެވެ. މި ގޮތައް ކަންކަން ބަހާލުމުގައި ފުރަތަމަ ކަމަކަށް މުހިއްމުކަންކަން ދެނެގަންނަން އެނގުންވެސް އެއީ ވަރަށް މުހިއްމު ކަމެކެވެ. ކަންކަމުގެ މުހިއްމުކަން ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟ މުހިއްމު ކަންކަންދެނެގަންނާނީ އެކަމެއް ފުރިހަމަކުރުމުން ނިކުންނާނެ ކަމަށްލަފާކުރާ ނަތީޖާއަށް ބަލައިގެންނެވެ. އަދި އެކަމަކުން ލިބޭނެ މަންފާއަކަށް ބަލައިގެންނެވެ. އަދިއާރޖެންޓް ލެވެލް ކަނޑައަޅާނީ އެކަމެއް ކުރަން ލިބިފައިވާ މުހުލަތައް ބަލައިގެންނެވެ. މިގޮތުން އަހަރުމެން ކުރަންޖެހިފައިވާ ކަންކަން އިސްކަންދޭތަރުތީބަކުން ރާވާލުމުގައި މި ދެބަޔަށް ބަލައިގެން ތަރުތީބު ކަނޑައަޅާލެވިދާނެއެވެ.

މި މެޓްރިސް އެކުލެވިގެންވަނީ 4 ބައެއްގެ މައްޗަށެޗެ. މި ހަތަރުބައިވެސް ބިނާވެގެންވަނީ ކުރިން މި ބުނި މައިގަނޑު ދެ ގެޓަގަރީގެ މައްޗަށެވެ. ތިރީގައި އެވާތަސްވީރަށްބަލާއިރު މި ހަތަރުބައި ވަކިން ފެނިގެންދާނެެއެވެ. ދޭހަކުރަން ފަސެހައަކަަށް މި ބައިތަކަށް ހުރި ކުލަތައް ބޭނުން ކުރާނަމެވެ. މި ގޮތުން ފުރަތަމަބައެއްގެ ގޮތުގައި މި ބަލަނީ ފެހި ކުލައިގެ ބަޔަށެވެ. މި ބަޔަށް ދެވިފައިވާ ނަމަކީ ‘ޑޫއިޓް ނަވް’ މި ބަޔަކީ އާރޖެންޓް އަދި މުހިއްމު ކަންކަމެވެ. މި މެޓްރިސްބުނާގޮތުން މި ފަދަ ކަންކަމަކީ އެންމެ އަވަހަށް ކޮށްނިންމާލަންޖެހޭ އަދި ވަގުތު ކުޑަތަންވެފައިވާ ކަންކަމެވެ. ވުމާއެކު މި ގޮޅިއަށްފެތޭ ކަންކަމަކީ ޓާސްކުލިސްޓުގެ އެންމެ ކުރިއަަށް ގެންނަންޖެހޭ ކަންކަމެވެ.

މި ކަންކަން ނުކޮށް ލަސްކުރާނަމަ އެކަންކަން ނިންމާލުމުގެ ފުރުޞަތު ގެއްލިގެން ހިގައިދާނެއެވެ. އަދި އެކަމެއް ނުވެ ވަގުތު ފާއިތުވުމުން ގެއްލުންތައްމެދުވެރިވެދާނެ ކަންކަމެވެ. މި ސާލަކަށް އެސައިންމެންޓެއްގެ ސުންގަޑި ހަމަވާ ދުވަހަކު އެ އެސައިންމެންޓް ހުށަހެޅުން ހިމެނޭނީ މި ބަޔަށް ފެތޭ ކަމެކެވެ. ސަބަބަކީ މިކަމަކީ އާރޖެންޓް އަދި އިންޕޯޓެންޓް މި ދެ ޝަރުތުވެސް ފުރިހަމަވާ ކަމެކެވެ. ވުމާއެކު މި ފަދަ ދުހެއްގެ މަސައްކަތްތައް ތަރުތީބު ކޮށްލާއިރުއެސައިންމެންޓް ހުށަހެޅުން ނޯޓްކުރަންވާނީ ޓާސްކު ލިސްޓުގެ އެންމެ ކުރީގައެވެ. އަދި މިކަން ބާއްވާފައި އެހެން ކަންކަމާ އުޅުމަކީ އެސައިންމެންޓް ހުށަނޭޅިއަދި އޭގެ ގެއްލުން ފަހުން މެދުވެެރިވާނެ ކަމެކެވެ.

ދެވަނަބަޔަކީ ‘ޑިސައިޑް’ މި ބައެވެ. ނޫކުލައިން ފެންނަ މި ބައި ރަމްޒުކޮށްދެނީ މުހިއްމު އެހެނަސް އާރޖެންޓް ނޫންކަންކަމެވެ. މިފަދަ ކަންކަމަކީ އެކަންކަންނިންނުމަށް އެކަށީގެންވާ ވަގުތު އޮތް އަދި ދުރާލާ ރާވައިގެން ކޮށްނިންމާލެވޭނެ ކަންކަމެވެ. މިއީ އެދުވަހުން އެދުވަހަށް ނިންމަންޖެހޭ ކަންކަމަށް ނުވާތީ މިކަންކަން ލިސްޓުގެ އެންމެ ކުރިއަަށްގެނައުން މުހިއްމެއް ނޫނެވެ. އަދި މިފަދަ ކަންކަން ލިސްޓުގެ އެންމެ ކުރީގައި ނޯޓްކޮށްގެން އެކަންކަމަށް އުޅޭނަމަ،އެދުވަހު ކޮންމެހެން ނިންމަންޖެހޭ ކަންކަން އަތުން ދޫވެގެން ހިގައިދާނެއެވެ. މި ބައިގެ މިސާލަކަށް ބަލާލާއިރު ސެމެސްޓަރގެ ފުރަތަމަ ހަފްތާގައިކިޔަވަމުންދާ ދަރިވަރަކަށް 4 ހަފްތާ ފަހުން ހުށަހަޅަން ހަވާލުކުރެވޭ އެސައިންމެންޓްގެ މަސައްކަތް ބެލެވިދާނެއެވެ. ސަބަަބަކީ މި އެސައިންމެންޓް ހުށަހެޅުމަކީމުހިއްމު ކަމެއްކަމަށްވިއަސް މިކަމަށް އެކަށީގެންވާ ވަގުތި އޮތުމެވެ. ރޭވުންތެެރިކަމާއެކު ކަންކަން ކުރާމީހުން ގިނަކަންކަން ލިސްޓްކޮށްފައި ހުންނާނީ މިކެޓަގަރީގައެވެ. މިކަންޖެހޭނީ ޝެޑިއުލަށް ލައިގެން ވަގުތުކުޑަތަން ނުވަނީސް ކޮށް ނިންމާލާށެވެ.

ތިންވަނަބަޔަކީ ‘ޑެލިގޭޓް’ ގެން ނަންދެވިފައިވާ ރަތްކުލައިން ފެންނަ ބައެވެ. މި ބަޔަކީ އާރޖެންޓް އެހެނަސް މުހިއްމުކަންކުޑަ ކަންކަމެވެ. މި ފަަދަކަންކަމަކީއޭގެޒާތުގައި މުހިއްމުކަން ކުޑަ އެހެނަސް ވަގުތު ކުޑަތަންވެފައިވާ ކަންކަމެވެ. މި ފަދަ ކަންކަން އެންމެ ރަނގަޅީ އެހެންމީހަކާ ހަވާލުކޮށްލުމެވެ. އަދި އެހެން މީހަކާހަވާލުކުރަން ދަތި ވެގެން އަމިއްލައަށް ކުރިނަމެސް މިކަންކަމަށް ވަގުތުހޭދަ ކުރަންވާނީ ފުރަތަމަ ދެ ބަޔަށްފެތޭ ކަންކަން ނިންމާފައެވެ. ނުވަތަ އެ ކަންކަމަަށްއެކަށީގެންވާ ވަރަށް ވަގުތު ދީފައެވެ. މި ފަދަ ކަންކަމަށް މާބޮޑަށް ސަމާލުކަން ނުދިނަސް ރަނގަޅުވާ ސަބަބަކީ މި އީ ކުރިން ބުނެވިދިޔަ ދެ ބަޔަށްވުރެމުހިއްމުކަން ކުޑަ ކަންކަމަށްވާތީއެވެ.

އެންމެ ފަހު ބަޔަކީ، ‘ޑިލީޓް’ ނުވަތަ އެލިމިނޭޓްގެ ބައެވެ. މި ބައިގައި ހިމެނެނީ މުހިއްމު ނޫން އަދި އާރޖެންޓްނޫނަް ކަންކަމެވެ. މި ކަންކަމަކީޓާސްކުލިސްޓުން އުނިކޮއްލަންޖެހޭ ކަންތައްތަކެވެ. މި ބައިގާހިމެނޭ ކަންކަން ފުރިހަމަ ކުރުމަށް ހޭދަކުރެވޭ ވަގުތަކީ ބޭކާރުވެގެންދާ ވަގުތުތަކެކެވެ. ވުމާއެކު މިބަޔަށް ފެތޭކަންކަން ވިސްނުންތެރިކަމާއެކު ކަނޑައަޅަން ޖެހެއެވެ. މި ގޮތުން މި ބަޔަށް ފެތޭކަމެއްތޯ ބަލާނީ އެކަމެއްގެ މުހިއްމުކަމަށް ބަލައިގެންނެވެ. އަދިހަމަ އެއާ އެކު ކުރިންވެސް ބުނެވުނު ފަދައިން މުހިއްމު ކަނޑައަޅާނީ އެކަމަކުން ލިބޭނެ އެއްޗަކަށް ނުވަތަ ނުކުންނާނެ ނަތީޖާއަށް ބަލައިގެންނެވެ. މިސާލަކަށްބަލާއިރު އެސައިންމެންޓެެއް ހުށަހަޅަން ވަގުތު ކުޑަތަންވެފައި އޮއްވާ ގިނަވަގުތު ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރުން ނެގިދާނެވެ.

ޖުމުލަކޮށް ބަލާލާއިރު މި މޮޑެލްއިން ލިއްބައިދޭ އެންމެ މުހިއްމު ފިލާވަޅަކީ އަހަރުމެންނަށް ދިމާވާ ކަންތަައްތަކާއި، ކުރަން ޖެހިފައިވާ މަސައްކަތްތަކާއި އަދިނިންމަން ހަވާލުވާ މަސައްކަތްތައް އެކަމަށް ލިބިފައިވާ ވަގުތުގެ ތެރޭގައި ހަމަޖެހިލައިގެން، ދުރާލާ، ބޯހާސްނުވެ، ރޭވުންތެރިކަމާއެކުކޮށްނިންމާލެވިދާނެކަމެވެ. އަދި މި ފަދަ މޮޑެލްތައް ބޭނުން ކުރުމުން ސިސްޓަމެޓިކްކޮށް ކަންކަން ކުރެވިދާނެކަމެވެ. ޚާއްޞަކޮށް ގިނަ ޒިންމާތަކާ ހަވާލުވެއެކަންކަން ނިންމުމަށް މަސައްކަތްކުރާ ފަރާތްތަކަށް ކާމިޔާބުކަމާއެކު މަސައްކަތްތައް ނިންމާލުމަށް މިއީ ބޭނުންތެެރި ޓޫލެކެވެ.

Copyright © 2024 Faaru News
Made with by Afeef & Noor