ކިޔަވާ ކުދިންގެ އަޚްލާޤަށް ނައްސި ބަދަލުތަކެއް: ޒިންމާ ނަގަންވީ ކޮންބައެއް؟

ފޮޓޯ: އަންސްޕްލެޝް / Jaime Lopes
ނަޙްލާ ޢަބްދުއްރަޙްމާން
ނަޙްލާ ޢަބްދުއްރަޙްމާން
3 އަހަރު ކުރިން
2 މިނިޓް

ދާދި އިހަކަށް ދުވަހަކު މަގުމަތިން ދިމާވި އަހަރެންގެ ވަރަށް ގާތް ރައްޓެއްސަކު ކިޔައިދިން ވާހަކައަކުން، އެނގިގެން ދިޔައީ މުޖުތަމަޢުގެ ޙާލަތު މިވަނީ ވަރަށް ބޮޑަށް ގޯސްވެފައިކަމެވެ. އެ ރަޙްމަތްތެރިޔާ ކިޔައިދިނީ ކިޔަވާ ކުދިން މިސްކިތަށް ގޮސްފައި ނަމާދު ނުކޮށް ސަކަރާތްޖަހާ ވާހަކަ އާއި، ބޮޑެތި މީހުން ނަމާދަށް އެރީމާ ފިލައިގެން ގޮސް އެހެން ތަންތަނުގައި ކުޅެ، ހަޅޭއްލަވަން އުޅޭ ވާހަކައެވެ. ރަޙްމަތްތެރިޔާ ކިޔައިދިން ވާހަކަތަކުން ނޫނަސް، ޚުދު އަހަރެންގެ އަމިއްލަ ޒަމީރު ވެސް މިކަހަލަ ވަރަށް ގިނަ ކަންކަން ވަނީ ތަޖުރިބާ ކޮށްފައެވެ. ޚުދު އަހަރެންނަކީ ކުދިންނަށް ކިޔަވައިދިނުމުގައި އެތަކެއް އަހަރުތަކެއް ހޭދަކޮށްފައިވާ އެދުރެއްކަމުން ކުދިންގެ އުޅުމަށާއި، ގުޅުމަށް އަންނަމުންދާ ބަދަލުތައް، ކޮންމެ ދުވަހަކުވެސް ވަރަށް ގާތުން ފެނެއެވެ. ކްލާސްރޫމްގައި އެއް ކުއްޖަކު އަނެއް ކުއްޖަކާ ދިމާއަށް ހުތުރު ބަހުން މުޢާމަލާތު ކުރުމާއި، މުދައްރިސުންނަށް އިޙްތިރާމް ނުކުރުމާއި، ކިޔަވައިދޭ ވަގުތު ކިޔެވުމާ ނުގުޅޭ ބޭކާރު ކަންތައްތައް ކުރުން ފަދަ އެތައް ކަމެކެވެ. ސުވާލަކީ، ކިޔަވާ ކުދިންގެ އަޚްލާޤަށް މިއަންނަ ބަދަލުތައް އިސްލާޙުކުރުމަށް މަސައްކަތްކުރާނީ ކޮންބައެއްތޯއެވެ؟ ނުވަތަ އެފަދަ ބަދަލުތައް އައުމަށް މެދުވެރިވީ ކޮންބަޔަކު ޒިންމާ ނުނަގައިގެންތޯއެވެ؟  

            ކިޔަވާ ކުދިންނަކީ މުސްތަޤްބަލުގެ މޫނުބަލާ ލޯގަނޑޭ ބުނާ އަޑު އަބަދުވެސް އަހަމެވެ. އަދި އެއީ ގައުމު ބިނާކުރުމުގެ އިސް ސަފުގައި ތިބި އާރުކާޓީންނެވެ. ނަމަވެސް، ހިތާމައާއެކު ދަންނަވަން ޖެހެނީ މިހާރަކަށް އައިސް ދަރިވަރުންގެ އުޅުމަށާއި، ސުލޫކަށް ނޭދެވޭ ބަދަލުތަކެއް އަންނަމުންދާ ކަމެވެ. މިފަދަ ބަދަލުތައް އައުމަށް މެދުވެރިވީ، މިވެނި ނުވަތަ އެވެނީ ބައެއްގެ ސަބަބުންނޭ ކިޔާ އުޅެއެވެ. އެއްބަޔަކު ބުނަނީ ދަރިވަރުންގެ އުޅުން ގޯސްވީ ސްކޫލުގެ މުދައްރިސުން އެކުދިން ރަނގަޅުކުރަން ޒިންމާ ނުނަގާތީއެވެ. ނުވަތަ އެކުދިންނަށް ރިވެތި އަޚްލާޤް ދަސްކޮށް ނުދޭތީއެވެ. އަނެއް ބަޔަކު އިނގިލި ދިއްކުރަނީ ކޮންމެވެސް އެހެން ބަޔަކާ ދިމާއަށެވެ. ސުވާލަކީ ހަމައެކަނި މުދައްރިސުން ޒިންމާ ނަގައިގެން ކުދިންގެ އަޚްލާޤް ނުވަތަ ސުލޫކު ރަނގަޅު ކުރެވިދާނެ ހެއްޔެވެ؟

           ކަތުންނޭވެ! އަޚްލާޤަކީ ހަމައެކަނި ސްކޫލުތަކުން ދަސްކޮށްދީގެން، އަށަގެންނުވޭ އެއްޗެއް ނޫނެވެ. ނުވަތަ ދަރިވަރުންގެ އަޚްލާޤް ގޯސްވަނީ ސްކޫލުތަކުގެ މުދައްރިސުން އެކުދިންނަށް މަކާރިމުލް އަޚްލާޤް ދަސްކޮށް ނުދޭތީއެއް ނޫނެވެ. ތިޔައީ މުޅިން ނައްސި ވިސްނުމެކެވެ. މުދައްރިސުން، ކިތަންމެ ވަރަކަށް ވެސް ރަނގަޅުކުރަންވީ ކަންތައްތައް ކިޔައިދެއެވެ. އަދި ނުރަނގަޅު ބަދަލެއް ކުއްޖާގެ ފަރާތުން ފެންނަނަމަ އެކުދިންގެ މައިންބަފައިންނަށް އެކަންތައްތައް ޙިއްސާކުރެއެވެ. ނަމަވެސް، ދަރިފުޅު ކުރި ގޯސް ކަންތައް ގިނަ ބެލެނިވެރިންނަކަށް ބަލައެއް ނުގަނެވެއެވެ. ބެލެނިވެރިން، މުދައްރިސުންނަށް އެއްބާރުލުން ނުދޭނަމަ ކުދިންގެ އަޚްލާޤް ރަނގަޅު ކުރެވިދާނެ ހެއްޔެވެ؟ ދަރިފުޅު ގޯސްކަމެއް ކުރީމާ "ދޮންފުތު" ކުރުމުގެ ބަދަލުގައި އެ ކުރެވުނީ ގޯސްކަމެއްކަން ދަރިފުޅަށް ރީތިކޮށް ވިސްނައިދެވުނުނަމަ މިއަދު މިފެންނަ ޒާތުގެ މައްސަލަތަކެއް ދިމާނުވީސްކަން ޔަޤީނެވެ.  

         އަޚްލާޤް ރަނގަޅު ކުދިންތަކެއް އުފެއްދުމުގައި ކުއްޖާގެ ދިރިއުޅޭ މާޙައުލަކީ ވެސް ވަރަށް މުހިންމު ރޯލެއް އަދާކުރާ ބަހާއެކެވެ. ނަމަވެސް، މި މުޖުތަމަޢުގެ ތެރެއިން ކަންތައްތައް ފެންނަނީ މިއާ އިދިކޮޅަށެވެ. ކުއްޖަކު، މިސްކިތުގައި ނުވަތަ އެނޫންވެސް ތަނެއްގައި ސަކަރާތް ޖެހިޔަސް ނުވަތަ އަޚްލާޤީގޮތުން ދަށް ޢަމަލެއް ކުރިޔަސް އެކަންތައް ހުއްޓުވާނެ މީހަކު ނުހުރެއެވެ. އެވަގުތު، އެފަދަ ތަނަކުން މުދައްރިސަކު ފެނިއްޖެނަމަ އެކަންތައް ހުއްޓުވަން ޙަވާލުކުރާނީ އެ މުދައްރިސަކަށެވެ. އޭގެ ބަދަލުގައި، އެކަންތައް ކުރަނިކޮށް ފެނުނު މީހާ، އެކަންތައް ހުއްޓުވައި އެ ކުދިބަޔަކަށް ނަޞޭޙަތްތެރިވިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟

އެހެންކަމުން، އެކަކު އަނެއްކަކަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ ނަގަން އާދަކުރަމާތޯއެވެ! މުޖުތަމަޢުގައި ދިރިއުޅޭ ކޮންމެ ފަރާތަކީ ވެސް ކުދިންގެ އަޚްލާޤް ރަނގަޅުކުރުގައި ޒިންމާދާރުވެރި ފަރާތެކެވެ. އޭރުން، ކިޔަވާ ކުދިންގެ ފަރާތުން ފެންނަ އެފަދަ ގޯސް ޢަމަލުތައް ރަނގަޅުކުރުމަށް އިތުރު ބާރަކަށް ވެގެންދާނެއެވެ.

Copyright © 2024 Faaru News
Made with by Afeef & Noor