ކިޔަވައިދިނުމުގައި ބޭނުން ކުރެވިދާނެ އައި ސީ ޓީ ގެ ޓޫލްތައް – ޕިންޓަރރެސްޓް

މުޙައްމަދު ޢިމްރާން
މުޙައްމަދު ޢިމްރާން
3 އަހަރު ކުރިން
2 މިނިޓް

ކިޔަވައިދިނުމުގައި ބޭނުން ކުރެވިދާނެ އައި ސީ ޓީ ގެ ޓޫލްތައް – ޕިންޓަރރެސްޓް

ކިޔަވައިދިނުމުގެ މަސައްކަތްތަކުގައި ތަފާތު އެކި ކަންކަމަށް މަގުފަހިކުރުމަށްޓަކައި އޮންލައިންކޮށް ބޭނުންކުރާ ތަފާތު އެކި ޓޫލްތައް ހުރެއެވެ. މިގޮތުން މި ލިޔުމުގައި މި ބަލާލަނީ "ޕިންޓަރރެސްޓް" އަށެވެ. ޕިންޓަރެސްޓަކީ ތަފާތު އެކި ކަންކަމާއި ގުޅޭ މުއްސަދި ޚިޔާލުތައް ހޯދަައިބޭނުންކުރުމަށް މަގުފަހިކޮށްދޭ އޮންލައިން ޕްލެޓްފޯމެކެވެ. މިގޮތުން ކުރެހުމާއި، ކްރާފްޓްގެ މަސައްކަތްތަކާއި، ގެ، ކޮޓަރި ނުވަތަ ކުލާސްރޫމު ޒީނަތްތެރިކުރުމާއި އަދި، ކާބޯތަކެތި ތައްޔާރުކުރުމާއި ގާނިޝް ކުރުން ފަދަކަންކަމާއިގުޅޭ ގިނަ ޚިޔާލުތަކެއް މި ޕްލެޓް ފޯމުން ލިބިގެންދާނެއެވެ.

ޕިންޓަރެސްޓަކީ، ކިޔަވައިދިނުމާއި ގުޅުންހުރި މަސަައްކަތްތަކަށް ތަފާތު ޚިޔާލުހޯދުމާއި، ނޯޓް ތައްޔާރުކުރުމާއި ޚިޔާލުތައް ތަރުތީކުރުމާއި އަދި މިފަދަ ވަޞީލަތްތައް އެހެން ދަރިވަރުންނަށް، މުދައްރިސުނަށް ހިއްސާކޮށް، އެކުގައި ބޭނުން ކުރުމަށްވެސް ވަރަށް އެކަށީގެންވާ އަދި އެކަންކަމަށް މަގުފަހިކޮށްދޭ އޮންލައިން ޓޫލެެކެވެ. މި ގޮތުން މި ޓޫލް ކިޔެވުމާއި ކިޔަވައިދިނުމުގައި ބޭނުންކުރުމާއި ގުޅޭގޮތުން އިތުރަށް ބަލާލާނަމެވެ.

ޕިންޓަރެސްޓްގެ ސިފަތަކަށް ބަލާއިރު މުދައްރިންނަށް އަދި ދަރިވަރުންނަށްވެސް ބޭނުންތެރި ގިނަ ސިފަތަކެއް މި ޓޫލްގައި ހިމެނެއެވެ. މިި ގޮތުން މުހިއްމު ބައެއް ސިފަތައް ފާހަގަ ކޮށްލާނަމެވެ.

· އަމިއްލަ އެކައުންޓެއް ރައްކާތެރިކަމާ ފަސޭހަކަމާއެކު ބޭނުންކުރެވުން

· ކުރާ މަސައްކަތަކާ ނުވަތަ ކިޔައިވައިދޭ މާއްދާ އަކާ ގުޅޭގޮތުން ވާރޗުއަލްބޯޑުތައް ހެދުން

· ކުރާ މަސައްކަތަކާ ނުވަތަ ކިޔައިވައިދޭ މާއްދާ އަކާ ގުޅޭގޮތުން ވާރޗުއަލްޕިންތައް ހެދުން

· އެއް ބޯޑެއްގައި ތަފާތު ނޯޓް އަދި ޚިޔާލުތައް ބެހެއްޓުމަށް ޕިންޖެހުން

· ކުރާމަސައްކަތަކާއި ގުޅޭގޮތުން ކުރިން އެކި މީހުން ގެންގުޅެފައިވާ ޚިޔާލުތަކާއި ކޮށްފައިވާ މަސައްކަތްތައްބަލައި، ސާމްޕަލްތައް ފަހުންބަލާލެވޭނެ ގޮތަށް ސޭވު ކުރެވުން

· އެއްކުރެވިފައިވާ މަސައްކަތްތަކާއި ޚިޔާލުތައް (ބޯޑުތަކާއި ޕިންތަށް) އެހެންމީހުން ހިއްސާކުރުން

ޕިންޓަރެސްޓްގެ ފައިދާތަކަށް ބަލާލާއިރު، ކިޔަވައިދިނުމާއިގުޅޭ ވަޞީލަތްތައް ތައްޔާރުކުރުމާއި ގުޅޭ މުއްސަނދި ޚިޔާލުތަައް ފަސޭހައިން ހޯދާލެވުމާއި، ޑައުންލޯޑް ކުރުމަކާނުލައި، ތަފާތު އެކި ޚިޔާލުތައް ތަރުތީބުކޮށްފައި ބެހެއްޓުން ހިމެނެއެވެ. އަދި މައުލޫމާތު ހޯދުމައް ކުރެވޭ ސާރޗް އަކާގުޅިގެން އެއާ ގުޅުންހުރި އިތުރު މައުލޫމާތުތައް ފަސޭހައިން ފެންނަށް ހުރުމާއި، އެ ޚިޔާލުތަކާއި ގުޅޭގޮތުން އަމިއްލަ ނޯޓް ލިޔެލެވުން ހިމެނެއެވެ. އަދި އެކި ޚިޔާލުތަކާޢި ނޯޓްތައް އަދި ވަޞީލަތްތަށް ރައްކާކުރުމަށް އެއްވެސް ސްޓޯރޭޖް މީޑިއާއެއް ބޭނުންނުވުމާއި، ކޮންމެތާކު ކޮންމެ ވަގުތަކު ބަލާލެވުމާއި އެޑިޓްކުރެވުންވެސް މި ޓޫލްގެ ފައިދާތަކުގެ ތެރޭގައި ހިމެނެއެވެ. މިސާލަކަށް ކިޔަވައިދޭ މާއްދާއަކާ ގުޅޭގޮތުން ވޯކުޝީޓްތައްޔާރުކުރަން ބޭނުންވާނަމަ، އެ މާއްދާގެ ނަން (މިސާލު "ޤުރުއާން ވޯކުޝީޓްސް) މިފަދަ ގޮތަކަށް ކީވޯޑް ބޭނުންކޮށްގެން ސާރޗްކުރުމުން އެހެންމީހުން މިފަދަ ވޯކްޝީޓްސް ހެދުމުގައި ގެންގުޅެފައިވާ ޚިޔާލުތައް، ޑިޒައިންތައް އަދި ސާމްޕަލްތައްވެސް ލިބެންހުންނާނެއެވެ.

ޕިންޓަރެސްޓްގައި ތިރީގައި އެވާ ތަރުތީބުން މަސައްކަތްތައް ފަށައިގަނެގެން ކުރިއަށް ގެންދެވިދާނެއެވެ.

• ލޮގިން ވުން – ލޮގިންވުމައްޓަކައި އިތުރު އެކައުންޓެއް ބޭނުންނުކޮށް މިހާރު ގެންގުޅޭ ގޫގުލް އެކައުންޓުންވެސް ލޮގިންވެވޭނެއެވެ.

• އަމިއްލަ ޕްރޮފައިލެއްހެދުން – ލޮގިންވުމާއެކު ޑީފައުލްޓް ޕްރޮފައިލެއް ފެންނާނެ އަދި ބޭނުންނަމަ، މި ޕްރޮފައިލް އަޕްޑޭޓް ކުރެވޭނެ އަދި އެހެން މީހުންނާއި ހިއްސާވެސް ކުރެވޭނެ.

• ބޭނުން ނަމެއްގައި ވާރޗުއަލް ބޯޑުހެދުންް

• ޚިޔާލުތައް ހޯދުމަށް ސާރޗްކުރުމާއި ބޭނުންތެރި ޚިޔާލުތައް ބޯޑުގައި ރައްކާކުރުން

• ބޯޑުގައި ތަފާތުނަންނަމުގައި ޕިންތައް ހެދުން

• ޕިންތަކުގެ ދަށުންވެސް އެކި ޚިޔާލުތައް ހޯދައި ރައްކާކުރުން

ޕިންޓަރރެސްޓްގެ އަމިއްލަ އެކައުންޓަށް ދިޔުމުން ކުރިން ހަދާފައިވާ ބޯޑުތަކާއި ޕިންތައް ފެންނަންހުންނާނެއެވެ. އަދި މި ބޯޑުތަކާއި ޕިންތައް  އެހެންމީހުނާ ވަރަށްފަސޭހައިން ހިއްސާކުރެވިދާނެއެވެ. މި ގޮތުން އީމެއިލް، ފޭސްބުކު، ވަޓްސްއެޕް ޓުވިޓަރ އަދި ވަކި ލިންކެން މެދުވެރިކޮށް ވެސް ބޯޑުތައް އެހެންމީހުންނާއި ހިއްސާކުރެވޭނެއެވެ.

ޕިންޓަރރެސްޓަށް ލޮގިންވުމަށް ތިރީގައި އެވާ ލިންކު ބޭނުން ކުރެވިދާނެއެވެ. ނުވަތަ "ޕިންޓަރރެސްޓް" މި ކީވޯޑް ބޭނުންކޮށްގެން ގޫގުލް ސާރޗްކޮށްގެންވެސް ލޮގިންވެވޭނެއެވެ. ޕިންޓަރރެސްޓްގެ މޮބައިލް އެޕްލިކޭޝަން ޑައުންލޯޑްކޮށްގެން ފޯނުންވެސް ބޭނުންކުރެވޭނެއެވެ. 

www.pinterest.com

Copyright © 2024 Faaru News
Made with by Afeef & Noor