އޮންލައިން ފިލާވަޅުތަކުގައި ދަރިވަރުންގެ ބައިވެެރިވުން އިތުރުކުރުން - ވީލް އޮފް ނޭމްސް

މުޙައްމަދު ޢިމްރާން
މުޙައްމަދު ޢިމްރާން
3 އަހަރު ކުރިން
2 މިނިޓް

ފިލާވަޅެއް ކުރިއަށް ގެންދާއިރު މުދައްރިސް އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި ދަރިވަރުންގެ ސަމާލުކަމާއި ބައިވެެރިވުން އިތުރުކުރުން ހިމެނޭނެކަމާމެދު ޝައްކެއް ނެތެވެ. އޮންލައިންކޮށް ކިޔަވައިދޭއިރު މިކަމަށް ދޭންޖެހޭ ސަމާލުކަން އަދި މާ ބޮޑެވެ. މި ގޮތުން މި އާރޓިކަލްގައި މި ބަލާލަނީ މި ގޮތުން ބޭނުން ކުރެވިދާނެ ޓޫލެއް ކަމަށްވާ  ‘ވީލް އޮފް ނޭމްސް’ އަށެވެ. 

ފިލާވަޅު ކުރިއަށް ގެންދާއިރު އެ ފިލާވަޅެއް ކަނުލާ ދަރިވަރުން އަޑުއަހަން ތިބޭކަން ކަށަވަރުކުރުމަށްޓަކައި ވަކި ދަރިވަރުންނާ ސުވާލު ކުރުމަކީ ބައެއް މުދައްރިސުން ގެންގުޅޭ ހުނަރެކެވެ. އަދި ފިލާވަޅު ނިންމާ، ވަޒަންކޮށްލުމުގެ ގޮތުންވެސް ވަކި ދަރިވަރުންނާ ސުވާލު ކުރުން އެއީ ކިޔަވައިދިނުނުގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. 

ސުވާލު ކުރުމުގެ އިތުރުންވެސް ފިލާވަޅުގައި ދަރިވަރުންގެ ބައިވެރިވުން އިތުރު ކުރުމައްޓަކައި ފިލާވަޅުގެ ތެރެއިން އެކި މަސައްކަތްތައް ދަރިވަރުންނާ ހަވާލުކޮށްގެން ފިލާވަޅު ކުރިއަށް ގެންދިޔުމަކީވެސް ބައެއް މުދައްރިސުން ގެންގުޅޭ އުކުޅެކެވެ. މި ދެގޮތަށް ބަލާއިރު، މުދައްރިސް ކުރާ ސުވާލަކަށް ޖަވާބުދޭނެ ކުއްޖެއް ނުވަތަ ހަވާލު ކުރާ މަސައްކަތެއް ކުރާނެ ކުއްޖަކު ކަނޑައެޅުމުގައި ހަމަހަމަ އުޞޫލެއް އޮތުމަކީ މުހިއްމު ކަމެކެވެ. ނޫންނަމަ، ކުރާ ކޮންމެ ސުވާލަކަށް އަބަދުވެސް އެއް ދަރިވަރުންތަކެއް ޖަވާބު ދިނުމަކީ ދުރުގައި އޮންނާނެ ކަމެއް ނޫނެވެ. އަދި ބައެއް ދަރިވަރުންނަށް ޖަވާބުދިނުމުގެ ފުރުޞަތު ނުލިބި ނުވަތަ ޖަވާބުދޭން ބޭނުން ނުވާ ދަރިވަރުންނަށް ޖަވާބު ނުދީ ތިބެވިދާނެއެވެ. ވުމާއެކު، މި ފަދަ ހާލަތްތަކުގައި ޚާއްޞަކޮށް އައި ސީ ޓީ މެދުވެރިކޮށް ކިޔަވައި ދޭއިރު މުދައްރިސް ކުރާ ސުވާލަކަށް ޖަވާބުދޭނެ ކުއްޖެއް ކަނޑައެޅުމުގައި މި ވީލް އަކީ ފަސޭހައިން ބޭނުންކޮއްލެވޭނެ ޓޫލެކެވެ. 

މި ވީލްގެ ބޭނުންތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ގުރުއަތު ނެގުމެވެ. މި ގޮތުން ފިލާވަޅުން ވަޒަންކުރުމުގެ ގޮތުން ކުރެވޭ ސުވާލުތަކަށް ޖަވާބު ދިނުމައްޓަކައި ގުރުއަތުން ދަރިވަރުން ނެގިދާނެއެވެ. މި ގޮތަށް ގުރުއަތުން ދަރިވަރުންނެގުމުން ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުޞަތު ލިބިގެންދެއެވެ. އަދި ޖަވާބު ނުދީ ދަރިވަރުން ތިބުމުގެ ފުރުޞަތު ހަނިވެގެންދެއެވެ. އަދި ކުލާހުގައި ކުރަންޖެހޭ މަސައްކަތްތެއް ވަކި މަސައްކަތެއް ކުރުމަށްޓަކައި ވަކި ކުއްޖަކި ހޮވުމަށްޓަކައިވެސް މި ވީލް ބޭނުން ކުރެވިދާނެއެވެ. 

މި ވީލްގެ ފަސޭހަކަންކަމުގެ ތެރޭގައި ކުލާސްތައް ވަކިން ވީލް ހެދުމަށްފަހު ސޭވްކޮށްފައި ބެހެއްޓުން ހިމެނެއެވެ. އަދި ދަރިވަރުންގެ ނަންތައް ލިޔުމުގެ ބަދަލުގައި ކުރިން ގަދާފައިވާ ލިސްޓަކުން ކޮޕީކޮށް މި ވީލަށް ޕޭސްޓް ކުރެވޭނެއެވެ. އަދި މިއާއެކު، ގުރުއަތުން ވަކި ކުއްޖަކު ނެގުމުން އެ ދަރިވަރެއްގެ ނަން އުނިކުރެވުން ހިމެނެއެވެ. މި އޮންލައިންކޮށް ބޭނުން ކުރެވޭ ޓޫލެއް ކަމުން އެއް ފަހަރު ހަދާފައިވާ ވީލްތައް ލޮގިން ވެގެން އަލުން ބޭނުން ކުރެވޭނެއެވެ. 

މި ވީލް ބޭނުން ކުރާއިރު ނަންތައް ލިޔުމަށް ދެވިފައިވާ ޖާގައިގާ ނަންތައް ލިޔާވަރަކަށް ވީލުން ފެންނަމުންދާނެއެވެ ބޭނުންނަމަ ނަމުގެ ބަދަލުގައި ދަރިވަރުންގެ ފޮޓޯވެސް ބޭނުން ކުރެވިދާނެއެވެ. އަދި ނަންތައް ލިޔެނިމުމުން ވީލް އަނބުރާލެވޭނެއެވެ. ވީލް އެނބުރެމުން ގޮސް ކޮންމެވެސް އެއް ނަމަކާ ދިމާއަށް ހުއްޓޭނެއެވެ. އަދި ގުރުއަތުން ނެގޭ ނަން ބޮޑުކޮށް ސްކްރީނުން ފެންނަން ހުންނާނެއެވެ. އަދި މި ހިސާބުން އެ ދަރިވަރެއްގެ ނަން ބޭނުމިއްޔާ އުނި ކުރެވޭނެއެވެ. ބާކީ ހުރި ނަންތަކާއެކު އަނެއްކާވެސް ވީލް އަނބުރާލެވޭ ނެއެވެ. އަދި ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސެޓަޕް ހަދާލެވޭ ވަރަށް ފަސޭހަ ޓޫލެކެވެ. ވީލް އޮފް ނޭމްސް އަށް ތިރީގައި އެވާ ލިންކުން ދެވޭނެއެވެ. 

https://wheelofnames.com

ގުރުއަތުން ދަރިވަރުން ނެގުންނޫނަސް މައުޟޫ ގުރުއަތުލުން އަދި، ގުރޫޕް މަސައްކަތް ގުރޫޕްތައް ހުަށަހަޅާނެ ތާރިޚެއް ނުވަތަ ތަރުތީބެެއް ގުރުއަތުން ކަނޑައެޅުންފަދަ ކަންކަމަށްވެސް މި ވީލް ބޭނުން ކުރެވިދާނެއެވެ. މި ފަދަ އާދައިގެ ޓޫލެއް ބޭނުންކޮށްލުމުންވެސް ދަރިވަރުން ފިލާވަޅަށް ދޭ ސަމާލުކަންދޭ ސަމާލުކަމާއި ޝައުޤުވެރިކަން އިތުރުވެގެން ދާނެއެވެ. 

Copyright © 2024 Faaru News
Made with by Afeef & Noor