އެސްޕާޑާގެ ރަށު ކަޕްގެ ފުރަތަމަ މުބާރާތް ލެންޓާނާއި ގުޅިގެން ހުޅުދުއްފާރުގައި!

ddd
ޔޫނާ
ޔޫނާ
5 މަސް ކުރިން
2 މިނިޓް

މުޖުތަމައުގެ ކުރިއެރުމަށް ލޯބި ކުރާ ޒުވާން ގްރޫޕެއް އުފައްދާފައިވާ އެސްޕާޑާއިން ހުޅުދުއްފާރުގެ މަދަނީ ޖަމުއިއްޔާ ލެންޓާނާއި ގުޅިގެން "ރަށު ކަޕް"ގެ ފުރަތަމަ މުބާރާތް ރ. ހުޅުދެއްފާރުގައި ބާއްވަން ނިންމައިފިއެވެ.

އެސްޕާޑާގެ ފަރާތުން މުބާރާތް ކޯޑިނޭޓް ކުރައްވާ އިބްރާހިމް ވިޝާހް "ފާރް"އަށް ވިދާޅުވީ ލެންޓާނާއި ގުޅިގެން އެސްޕާޑާއިން އިންތިޒާމް ކުރާ ރަށު ކަޕް 2024 ބްރޭންޑުކޮށްފައިވަނީ ފޯރި އިތުރުވުމަށް ފުރުސަތު ލިބޭނެ ފަދަ ގޮތަކަށް ކަމަށެވެ.

އެގޮތުން ރަށު ކިންގް، ރަށު ޗެމްޕިއަން ގޮތަށް ރަށަށް ނިސްބަތަކޮށް އިބާރާތް ބޭނުން ކޮށްފައިވުމުން މުބާރާތުގެ ފޯރި ގަދަ ވާނެކަމަށް ވިޝާހް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވިގޮތުގައި މުބާރާތް ކުރިއަށް ގެންދަން ރާވާފައިވާ ގޮތަށް ކުރިއަށް ގޮސްފިނަމަ ކުޅިވަރު އިމުގެ ތެރެއިން ފޯރި ގަދަ ކާމިޔާބު މުބާރާތެއް ކުރިއަށް ގެންދެވޭނެއެވެ.

ރަށް ރަށުގައި މިހާރު މުބާރާތްތައް ކުރިއަށް ގެންދާ ގޮތުގެ މައްޗަށް އަލި އަޅުއްވާލައްވާ ވިޝާހް ވިދާޅުވީ ރަށްރަށުގައި މުބާރަތްތަކަށް ރަށުން ބޭރު ކުޅުންތެރިން ވަރަށް ގިނައިން ނަގާ ކަމަށާއި އެކަމުގެ ސަބަބުން ރަށް ރަށުން އާ ކުދިން ކުރިއެރުމަށް އޮތް މަގަށް ހުރަސް އެޅޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރަށުގެ ކުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އެހެންވެ ރަށު ކަޕް ޑިޒައިން ކުރެވިފައިވަނީ ކޮންމެސް ސިފައެއްގައި ރަށުގެ ރައްވެއްސަކަށް ވެގެން މުބާރާތުގައި ބައިވެރިވެވޭނެ ފަދަ ގޮތަކަށް ކަމަށް ވިޝާހް ވިދާޅުވިއެވެ.

މި މުބާރާތް ޑިޒައިން ކޮށްފައިވާގޮތުން އަސްލު މުބާރާތުގައި ބައިވެރިވެވޭނީ ރަށަށް ކޮންމެސް ގޮތަކުން ނިސްބަތްވާ މީހަކަށް.. މިސާލަކަށް ރަށުގެ ރައްޔިތެއް، ރަށުގައި ކިޔަވަން ނުވަތަ ވަޒީފާގައި އުޅޭ މީހެއް، ނުވަތަ ރަށުގެ މީހަކާއި އިނދެގެން އުޅޭ މީހަކަށް.
އިބަރާހިމް ވިޝާހް | މުބާރަތް ކޯޑިނޭޓަރ

މި މުބާރާތާއި ގުޅިގެން އެސްޕާޑާގެ ރައީސް ނޫރު ޔޫސުފް ވިދާޅުވީ އެސްޕާޑާއިން ސީދާ ފުޓްސަލް ނޫނަސް ކުޅިވަރާ ގުޅޭ އެހެން ދާއިރާތަކަށް ފޯކަސް ކުރާނެ ކަމަށެވެ. އެގޮތުން މި މުބާރާތުގެ ތެރެއިން ލިޔުން ތެރިންނާއި ފޮޓޯގްރަފަރުން ފަދަ އިތުރު ފަންނުވެރިން އުފެއްދުމަކީ ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިސާލަކަށް ލިޔަން ޝައުގުވެރިކަން ހުންނަ ކުދިންނަށް ސްޕޯޓްސް ޖާނަލިސްޓުން މެދުވެރިކޮށް ވޯކްޝޮޕެއް ހިންގަން ވިސްނަން އަޅުގަނޑުމެން. ހަމަ އެގޮތަށް ސްޕޯޓްސް ފޮޓޯގްރަފީ ވެސް ފަންނުވެރިން މެދުވެރިކޮށް ކުދިންނަށް ދަސްކޮށްދޭން އަޅުގަނޑުމެން ވިސްނަން" ނޫރު ވިދާޅުވިއެވެ.

މުބާރާތާއި ގުޅިގެން ނޫރު އިތުރަށް ވިދާޅުވީ ރަށު ކަޕް ބްރޭންޑް ކޮށްފައި ވާނީ ހުރިހާ ރަށެއްގައިވެސް އެރަށެއްގެ ކުޅިވަރު ނުވަތަ އެނޫންވެސް އެންޖީއޯއަކާއި ގުޅިގެން ބާއްވާގޮތަށް ކަމަށެވެ. އަދި  މުބާރާތުގައި ކުޅެވޭނީ 100 އިންސައްތަ ރަށުގެ ރަށްވެހިންނަށް ކަމަށް  ނޫރު ވިދާޅުވިއެވެ.

ނޫރު ވިދާޅުވީ ރަށު ކަޕްގެ ފުރަތަމަ މުބާރާތް ހުޅުދުއްފާރުގައި ބޭއްވި ނަމަވެސް ކުރިއަށް އޮތް ތަނުގައި އެހެން ރަށްތަކުގައިވެސް މުބާރާތް ބާއްވަން ގަސްތުކުރާކަމަށެވެ.

އަދި އެސްޕާޑާއަކީ ރަޖިސްޓާ ނުވާ ޖަމުއިއްޔާއަކަށްވާތީ މިފަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ ހުޅުދުއްފާރުގެ ޖަމުއިއްޔާ ލެންޓާންއާ ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ނޫރު އިތުރަށް ވިދާޅުވީ މުބާރާތުގެ މައިގަނޑު މަގުސަދުތަކަކީ ރަށު ކުޅުންތެރިންނަށް ފުރުސަތު ހޯދައިދީ ކުރީގައި އޮންނަ ކުޅިވަރު ފޯރި އަނބުރާ ދަނޑަށް ގެނައުމާއި ކުރީގެ ޓީމްތަކުގެ ވާދަވެރިކަން އަނބުރާ ދިރުވުންކަމަށެވެ.

އެހެންވެ މުބާރާތުގެ ސްލޯގަންގެ ގޮތުގައި ބޭނުންކުރަނީވެސް އެކަމަށް ގުޅުވާފައި "ފޯރި އަނބުރާ ދަނޑަށް" ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުދުއްފާރުގައިވެސް މިހާރު ފުޓްސަލް މުބާރާތެއް ނުބާއްވާތާ ދެ ވަރަކަށް އަހަރު ވަނީ. މި މުބާރާތް ކުރިއަށްގެންދަން ރޭވި އެއް ސަބަބަކީވެސް އެއީ. އަޅުގަނޑުމެން ބޭނުންވަނީ ހަމަ "ފޯރި އަނބުރާ ދަނޑަށް" ގެންނަން.
ނޫރު ޔޫސުފް | އެސްޕާޑާގެ ރައީސް

ރަށު ކަޕް 2024 އާ ގުޅިގެން ލެންޓާންގެ ރައީސް ޤާއިމް ޔޫސުފް އާދަމް ވިދާޅުވީ އެސްޕާޑާއިން މި މުބާރާތް ބާއްވަން ނިންމާ، ލެންޓާންއަށް ދައުވަތު ދީ މުބާރާތާއި ގުޅޭ މައުލޫމާތު އެ ޖަމުއިއްޔާއަށް ހިއްސާކޮށްފައިވާކަމަށެވެ.

އެގޮތުން އެއީ ރަށުގެ ކުޅިވަރު ކުރި އެރުވުމަށް ފޯކަސްކޮށްގެން ކުރިއަށް ގެންދާ މުބާރާތެއްކަމަށްވެފައި ލެންޓާންގެ ވިސްނުމާއި އެއްގޮތަށް ކުރިއަށް ގެންދާ މުބާރާތެއްކަން ކަށަވަރުވުމާއި އެކު އެޖަމުއިއްޔާއިން އެކަމުގައި ބައިވެރިވުމަށް ނިންމީކަމަށް ޤާއިމް  ވިދާޅުވިއެވެ.

މީގެއިތުރުން ރަށުގެ ޒުވާން ކުދިންތަކެއް އިސްނަގައިގެން ކުރިއަށް ގެންދާ މުބާރާތެއްކަމުން ލެންޓާންގެ ފަރާތުން ވެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ބޭނުންވީކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރަށު ކަޕް 2024 ގެ ފުރަތަމަ މުބާރާތް ބާއްވަން ނިންމާފައި ވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހުގައެވެ.

އެސްޕާޑާއިން ބުނީ ޓީމްތަކުން މުބާރާތުގައި ބައިވެރިވާ މިންވަރަށް ބަލާފައި މުބާރާތް ހަފްތާއަކަށް ކުރިއަށް ގެންދަން ވިސްނާކަމަށެވެ. އަދި ހުޅުދުއްފާރުގައި މިހާރު 8 ވަރަކަށް ޓީމް އޮންނަކަމަށާއި މުބާރާތާއި ގުޅިގެން ރަނގަޅު ފައިސާގެ އިނާމެއް ދޭން ނިންމާފައިވާކަމަށްވެސް އެ ޖަމުއިއްޔާއިން ބުނެފައިވެއެވެ. އަދި ތަފާތު ވަނަތައް ހޮވާނެކަންވެސް އެސްޕާޑާއިން ފާހަގަކޮށްފައިވެއެވެ.

މި މުބާރާއި ގުޅިގެން ސްޕޮންސާސް ނުވަތަ އިތުރު އެހީތައް ދޭން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

އެގޮތުން އެހީތެރިކަން ފޯރުކޯށްދޭން ބޭނުން ފަރާތްތަކުން 9779872 ނުވަތަ 7468264 އަށް ގުޅައިގެން ކުރިއަށް ގެންދިއުމުން ޕްރޮޕޯސަލްއާ ގުޅޭ މައުލޫމާތާއި އިތުރު މައުލޫމާތު ފޯރުކޮށްދޭނެކަމަށް އެސްޕާޑާއިން ބުނެފައިވެއެވެ.

Copyright © 2024 Faaru News
Made with by Afeef & Noor