އިއްޔެ ފެށި އިންޓަރ ހައުސް ހޭންޑްބޯލް މުބާރާތުގެ މެޗުތަކަށް ބަލާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރި އިސްކަންދަރު ހައުސްގެ މައްޗަށް 10 ލަނޑު 6 ލަނޑުގެ ނަތީޖާއަކުން ދަންޑަހެލު ހައުސްވަނީ މެޗް ކާމިޔާބު ކޮށްފައެވެ. މިމެޗްގައި ދަންޑެހެލު ހައުސްގެ ޓީމުންވަނީ ރީތި މޮޅު ކުޅުމެއް ދައްކާފައެވެ. ދަންޑަހެލުގެ ގިނަ ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ ޖާޒީ ނަންބަރު 10 އައިޝަތު ލައިހާއެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ ލައިހާއެވެ.
އިއްޔެގެ ދެވަނަ މެޗްގައި ތަކުރުފާނު ހައުސް އަދި އިއްޒައްދީނު ހައުސް ބައްދަލުކުރި މެޗު ނިމުނީ 5 ލަނޑު 13 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން އިއްޒައްދީނު ހައުސް މެޗް ކާމިޔާބުކޮށްގެންނެވެ. ފޯރިގަދަ މެޗެއް ފެނިގެން ދިޔަ މެޗްގައި ތަކުރުފާނު ހައުސްއަށް ނިންމުންތައް ކާމިޔާބުކުރުމުގައި އުނދަގޫކަމެއް ފާހަގަކުރެވިގެންދިޔައެވެ. އަނެއްކޮޅުން އިއްޒައްދީނު ހައުސްގެ ޖާޒީ ނަންބަރު 7 އަލީނާ ޖޭން އަދި ޖާޒީ ނަންބަރު 3 މަރިޔަމް އިބާނާގެ މޮޅު ކުޅުމުގެ ސަބަބުން މެޗްގެ ފުރަތަމަ ކޮޅުން ފެށިގެންވެސް ތަކުރުފާނު ހައުސް އަށްވަނީ މެޗްގެ ކޮންޓްރޯލް ގެއްލިފައެވެ.
މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އިއްޒައްދީނު ހައުސްގެ އިބާނާއެވެ.
މި މުބާރާތުގެ މެޗްތައް ދެން އޮންނާނީ މިރެއެވެ. އެގޮތުން ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ދަންޑަހެލު ހައުސްއާއި އިއްޒައްދީނު ހައުސްއެވެ. އަދި ދެވަނަ މެޗްގައި ބައްދަލުކުރާނީ އިސްކަންދަރު ހައުސްއާއި ތަކުރުފާނު ހައުސްއެވެ.