މާތް ޞަޙާބީ އަބޫ ހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވާ ޤުދުސިއްޔަ ޙަދީޘެއްގައިވެއެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައި ވަސައްލަމަ ޙަދީޘުކުރައްވާފައިވެއެވެ. "ﷲ ތަޢާލާ ޥަޙީ ކުރެއްވިއެވެ. ތިމަންރަސްކަލާނގެ ވޮޑިގެންވަނީ ތިމަންރަސްކަލާނގެ އަޅާގެ ހީއާ އެއްގޮތަށެވެ. އަދި އޭނާ ތިމަންރަސްކަލާނގެ ޛިކުރުކޮށްފިނަމަ (އެބަހީ ހަނދުމަކޮށްފިނަމަ)، ތިމަންރަސްކަލާނގެ އޭނާއާއެކު ވޮޑިގެންވަމެވެ. އޭނާ އަމިއްލަ ނަފްސަށް (ސިއްރިއްޔާތުގައި) ތިމަންރަސްކަލާނގެ ޒިކުރުކޮށްފިނަމަ، ތިމަންރަސްކަލާނގެ ޛާތުފުޅުގައި އޭނާ ހަނދުމަކުރައްވާހުށީމެވެ. އަދި ޖަމާޢަތެއްގެ ތެރޭގައިހުރެ އޭނާ ތިމަންރަސްކަލާނގެ ހަނދުމަކޮށްފިނަމަ، އެއަށްވުރެ ހެޔޮވެގެންވާ ޖަމާޢަތެއްގެ ތެރޭގައި ތިމަންރަސްކަލާނގެ އޭނާ ހަނދުމަކުރައްވާހުށީމެވެ."
އަދިވެސް އަބުއްދަރުދާއު ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެން އާދެއެވެ. ކީރިތި މާތް ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘު ކުރެއްވިއެވެ. "ތިޔަބައިމީހުންގެ އަމަލުތަކުގެ ތެރެއިން އެއްމެ ހެޔޮވެގެންވާ، އެއްމެ ދަރަޖަ މަތިވެރި، އަދި ތިޔަބައިމީހުން ވެރިރަސްކަލާނގެ ޙަޟްރަތުގައި އެއްމެ ޠާހިރުވެގެންވާ، ރަނާއިރިހިން ހޭދަކުރުމަށްވުރެވެސް، އަދި ޢަދުއްވުންނާ ބައްދަލުކޮށް، އެބައިމީހުންގެ ބޯތަށް ކެނޑުމަށްވުރެވެސް ހެޔޮވެގެންވާ، އަމަލަށް ތިމަންކަލޭގެފާނު މަގުދައްކަވަމުތޯއެވެ؟" ޞަޙާބީން ދެންނެވިއެވެ. "އާދޭހެވެ! އޭ ﷲ ގެ ރަސޫލާއެވެ!" ޙަދީޘުކުރެއްވިއެވެ. އެއީ ﷲ ތަޢާލާ ހަނދުމަކުރުމެވެ."
ޝައްކެއްނެތޮ ގޮތުގައި މާތް ﷲ ހަނދުމަކުރެވޭނެ އެއްމެ މާތް، އެއްމެ މަތިވެރިގޮތަކީ ކީރިތި ޤުރުއާނު ކިޔެވުމެވެ. މިއީ ޢިލްމުވެރިން އިއްތިފާޤުވެލައްވާފައިވާކަމެކެވެ. މާތް ތަބިޢީ، ސުފްޔާނުއް ޘައުރީގެ އަރިހުން ރިވާވެގެން އާދެއެވެ. "ކީރިތި ޤުރުއާނު ކިޔެވުމަކީ އެއްމެ މަތިވެރިވެގެންވާ ޛިކުރެވެ. އެއީ އެއަށް އަމަލުކުރާ ނަމައެވެ." ހަމަމިމޭރުމުން އަލްއިމާމު ނަވަވީގެ އަރިހުން ރިވާވެގެން އާދެއެވެ. "ދަންނާށެވެ! ކިރިތި ޤުރުއާން ކިޔެވުމަކީ އެއްމެ ހެޔޮވެގެންވާ ޛިކުރެވެ. އަދި މިކަމުގައި އޮންނަ ގޮތީ، ތަދައްބުރުކުރުމާއެކު ޤުރުއާން ކިޔެވުމެވެ."
ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްކލަމަގެ ސުންނަތަށް ބަލާލިޔަސް އެކަލޭގެފާނު މާތް ﷲ ހަނދުމަކުރައްވާ، ކީރިތި ޤުރުއާން ކިޔަވާވިދާޅުވުމަށް ދެއްވަވާފައިވާ އަހައްމިޔަތު ފެންނަން އެބައޮތެވެ. އިތުރު އެކަލޭގެފާނާއެކު، ޙުޛައިފަތުގެފަނާއެކު ކުރެއްވި ނަމާދެއްގެ ރަކުޢަތެއްގައި، ބަޤަރާ ސޫރަތާއި، ނިސާ ސޫރަތާއި، އާލު ޢިމްރާނު ސޫރަތް ކިޔަވާވިދާޅުވިއެވެ. އަވަހާރަފުޅު ލައްޕަވަމުން ފަލަޤު ނާސި މިދެސޫރަތް ކިޔަވާވިދާޅުވެއެވެ. އަދި ހޭފުޅުލެއްވުމާއެކު އެކަލޭގެފާނުގެ މޫނުފުޅުން ނިދީގެ އަސަރު ފޮހެލެއްވުމަށްފަހު، ފުރަތަމަވެސް ކުރައްވާކަމަކީ އާލު ޢިމްރާނު ސޫރަތުގެ ފަހު އާޔަތްތައް (އެސޫރަތުގެ 190 ވަނަ އާޔަތުން ފެށިގެން ނިޔަލަށް) ކިޔަވާ ވިދާޅުވުންކަން ޞަޙީޙުލް ބުޚާރީއިން ސާބިތުވާން އެބައޮތެވެ. ހަމައެހެންމެ، ކޮންމެ ނަމާދަކަށްފަހު ކުރުސި ކިޔަވާމީހަކާ، ސުވަރުގެއާ ދެމެދު އޮތް ހަމައެކަނި ހުރަހަކީ އޭނާ މަރުނުވެހުރިކަންކަން ބަޔާންކުރައްވާ، އެކަމަށް އިރުޝާދު ދެއްވާފައިވެއެވެ.
އަދިވެސް ޤުރުއާން ކިޔެވުމަށް ބާރުއަޅުއްވާ އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. "ކީރިތި ޤުރުއާން ހިތުދަސްކޮށް (އެއަށް ރައްކާތެރިވުމާއެކު) އެޤުރުއާން ކިޔަވާ މީހާވަނީ މަލާއިކަތުންނާއެކުއެވެ. އަދި ކޮށަކޮށައިގެން ދަތިކަމާއެކު ޤުރުއާން ކިޔަވާމީހާއަށްވެސް ދެއަޖުރުވެއެވެ."
މީގެ އިތުރަށްވެސް، މާތް ﷲ ގެ ރަޙްމަތްފުޅުން، މަދު ވަގުތުކޮޅަކުން ގިނަ އަޖުރުލިބޭނެ ފަދަ އެތައް ޛިކުރުތަކަކަށް ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ މަގުދައްކަވާފައިވެއެވެ.
އެއްދުވަހު މުއުމިނުންގެ މައިކަމަނާ، ޖުވައިރިޔަތުގެފާނު ފަތިސް ނަމާދުކުރެއްވިތަނާ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ނިކުމެވަޑައިގަތެވެ. އެކަލޭގެފާނު އެނބުރި ވަޑައިގަތީ ޟުޙާ ވަގުތުއެވެ. އޭރުވެސް ޖުވައިރިޔަތުގެފާނު އިންނެވީ ނަމާދުކުރެއްވި ތަނުގައެވެ. އެކަލޭގެފާނު ނިކުމެވަޑާއިގަތީއްސުރެވެސް، އެކަމަނާ ތެދުވެވަޑައިނުގަންނަވަންތޯ އެއްސެވުމަށްފަހު ލޮބުވެތި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރުއްވިއެވެ. "ކަމަނާއާ (ވަކިވެވަޑައިގަތުމަށް) ފަހު ތިމަންކަލޭގެފާނު 4 އިބާރާތެއް 3 ފަހަރަށް ވިދާޅުވީމެވެ. ކަމަނާ މިއަދު ވިދާޅުވި ބަސްފުޅުތަކާ، އެއިބާރަތްތަކާ ކިރާލެވިއްޖެނަމަ (ހެޔޮކަމުގެ ތިލަފަތުގައި) އެކަލިމަތައް ބުރަވީހެވެ. (އެއީ) سُبْحَانَاللهِ وَبِحَمْدِهِ، عَدَدَ خَلْقِهِ وَرِضَا نَفْسِهِ وَزِنَةَ عَرْشِهِ وَمِدَادَ كَلِمَاتِهِއެވެ."
އަދިވެސް އިތުރު އެކަލޭގެފާނުގެ އަރިހުން ރިވާވެގެން އާދެއެވެ.
"لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ" މިފަދައިން 10 ފަހަރު ކިޔާ މީހާ، އިސްމާޢީލުގެފާނުގެ ދަރިފަސްކޮޅުގެ 10 މީހުން މިނިވަންކުރިފަދައެވެ."
ރަމަޟާނުމަސް އައިސް އަޅުގަނޑުމެންނާ ބައްދަލުކުރާއިރު އަޅުގަނޑުމެން މަސައްކަތްކުރަންވީ، އެމަހާއި ބައްދަލުކުރުމުގެ ނިޢުމަތް އަޅަމެންނާ ދެއްވާ ގަދަކީރިތިވަންތަ މާތް ﷲގެ މަތިން ހަނދުމަކުރުމުގައި އަޅުގަނޑުމެންގެ ދޫތެތްކޮށް ބަހައްޓުމަށެވެ. ސިއްރިއްޔާތާއި ފާޅުގައެވެ. އެހެނީ އަދި ޚާއްޞަގޮތެއްގައި ނުބައިކަންކަން ފެތުރޭ ޒަމާނެއްގައި، ފާޅުގައި ހެޔޮ ޢަމަލުކުރުމަ ޢިލްމުވެރިން ބާރުއަޅުއްވައެވެ.
އެއީ އަޅުގަނޑުމެންގެ ޙަޔާތަށް އެތައް މަންފާއެއް ބާވައިލައްވާނޭ ކަމެކެވެ. އެހެނީ ޛިކުރުކުރުން ގިނަ ކުރުމަކީ މާތް ﷲ ގެ ވާގިވެރިވަންތަކަން ލިބުމުގެ ސަބަބެކެވެ. ފާފަފުއްސަވާ، ރިޒުޤު އިތުރުކުރައްވާކަމެކެވެ. ހިތްތަކަށް ހިތްހަމަޖެހުން ބާވައިލައްވާ ކަމެކެވެ. އަދި އެއީ މާތް ﷲ އާ، އެކަލާނގެ މަލާއިކަތުންގެ ޞަލަވާން އެބައެއްގެ މައްޗަށް ބާވައިލެއްވޭ ކަމެކެވެ. އެކަލާނގެ ޥަޙީ ކުރެއްވިއެވެ. يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا ﴿٤١﴾ وَسَبِّحُوهُ بُكْرَةً وَأَصِيلًا ﴿٤٢﴾ هُوَ الَّذِي يُصَلِّي عَلَيْكُمْ وَمَلَائِكَتُهُ لِيُخْرِجَكُم مِّنَ الظُّلُمَاتِ إِلَى النُّورِ ۚ وَكَانَ بِالْمُؤْمِنِينَ رَحِيمًا ﴿٤٣﴾