ރަށު ކަޕްގެ ފައިނަލަށް ބަދަހި އެފް.ސީ އަދި ވޮލްފް ސިޓީ

Admin User
Admin User
1 ހަފްތާ ކުރިން
2 މިނިޓް

ރަށު ކަޕްގެ ފައިނަލްގެ ޖާގަ މިދިޔަ އަހަރުގެ ޗެމްޕިއަންސް ބަދަހި އެފް.ސީ އަދި ވޮލްފް ސިޓީ ހޯދައިފިއެވެ.

ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ލިނެކް އަދި ބަދަހި އެފް.ސީ ބައްދަލުކުރި މެޗު ބަދަހި އެފް.ސީ އިން ކާމިޔާބުކުރީ 4:0ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ. ނަމަވެސް ދެވަނަ ހާފުގެ ފުރަތަމަ މިނެޓްގެ ތެރޭގައި ބަދަހި އެފް.ސީގެ ޖާޒީ ނަންބަރު 92 ނަޞްރުالله ޢަބްދުލް ބާރީވަނީ އެޓީމުގެ ފުރަތަމަ ގޯލް ޖަހައިދީފައެވެ. އެ ޓީމުގެ ދެވަނަ ގޯލް ޖަހައިދީފައިވަނީ ފުރަތަމަ ގޯލް ޖެހިތާ މިނެޓެއްގެ ތެރޭގައި ޖާޒީ ނަންބަރު 7 ފާރިޝް މުބާރިކްއެވެ. އެއަށްފަހު ދެވަނަ ހާފުގެ 10ވަނަ މިނެޓްގެ ތެރޭގައި ބަދަހި އެފް.ސީ އިން ލިނެކްގެ ގޯލަށް ނުރައްކާކުރަމުން ދަނިކޮށް، ލިނެކްގެ ޖާޒީ ނަންބަރު 8 އިބްރާހީމް ވަސަލަ ސާފުކޮށްލަން ޖެހި ބޯޅަ ވަނީ ބައިކޮޅަށް ވަދެ މެޗުގެ ނަތީޖާ ތިނެއް ސުމަކަށް ބަދަލުވެފައެވެ. އަދި ސާދަވަނަ މިނެޓްގައި ބަދަހި އެފް.ސީގެ ޖާޒީ ނަންބަރު 6 އިބްރާހީމް މާޖިދުގެ އެސިސްޓަކުން ފާރިޝްގެ 2ވަނަ ގޯލް ޖަހައިދީ ބަދަހި އެފް.ސީގެ ލީޑްވަނީ ފުޅާ ކޮށްދީފައެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ ފާރިޝްއެވެ.

ލިނެކްއަކީ މިދިޔަ އަހަރުގެ ރަނަރަޕް ޓީމެވެ. އަދި މިއަހަރުގެ ސެމީއަށް ލިނެކް ދަތުރުކުރީ ގްރޫޕް ސްޓޭޖްގައި ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެއެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ ގަރާޖް އެފް.ސީއާއި ވޮލްފް ސިޓީއެވެ. މި މެޗް 2:0ގެ ނަތީޖާއަކުން މެޗް ކާމިޔާބުކޮށް ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކުރީ ވޮލްފް ސިޓިއެވެ. ގިނަ ފައުލުތަކެއް ފެނިގެންދިޔަ މި މެޗްގައި ވޮލްފްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ފުރަތަމަ ހާފުގެ 11ވަނަ މިނެޓްގައި އެ ޓީމްގެ ޖާޒީ ނަންބަރު 17 އަޙްމަދު އަބާންއެވެ. އެއަށްފަހު މެޗްގެ ފޯރި ގަދަވެ، ދެޓީމުންވެސް ވަނީ ގިނަ ފައުލްތަކެއް ކޮށްފައެވެ. އަދި ވޮލްފުގެ ފައުލްތައް ހަމަވެ، ގަރާޖް އެފް.ސީއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް ޖާޒީ ނަންބަރު 8 ޢަބްދުލް ޙައްޤު އިސްމާޢީލް ފޮނުވާލި ޕެނަލްޓީވަނީ ވޮލްފުގެ ކީޕަރު މުޙައްމަދު ނާއިޝް ދިފާޢުކޮށްދީފައެވެ.

މެޗްގެ ދެވަނަ ހާފުގެ 8ވަނަ މިނެޓްގެ ތެރޭގައި ވޮލްފުގެ ޖާޒީ ނަންބަރު 30 އަޙްމަދު އަހްނަފްވަނީ ގޯލެއްޖަހާ ވޮލްފަށް ހަމަޖެހިލަން ފުރުޞަތު ތަނަވަސްކޮށްދީފައެވެ. ނަމަވެސް މި ހާފުގައިވެސް ފައުލްތައް ހަމަވެ، ގަރާޖް އެފް.ސީއަށްވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޖާޒީ ނަންބަރު 10 އަޙްމަދު ޖިހާދު ޖަހައިދިން ޕެނަލްޓީވަނީ ފުރަތަމަ ހާފެކޭ އެއްފަދައިން ނާއިޝް ހިފަހައްޓާފައެވެ. މެޗްގެ މޮޅު ކުޅުންތެރިއާއަށް ހޮވިފައިވަނީވެސް ނާއިޝްއެވެ.

މި މެޗުގައިވަނީ ތިން ރީނދޫ ކާޑެއް ފެނިފައެވެ. އެގޮތުން ފުރަތަމަ ހާފުގެ ތެރޭގައި ވޮލްފުގެ އަހްނަފް ކުރި ފައުލަކާ ގުޅިގެން އޭނާއަށްވަނީ ރެފްރީ ރީނދޫ ކާޑު ދައްކާފައެވެ. އަދި ދެވަނަ ހާފުގެ ތެރޭގައި ގަރާޖު އެފް.ސީގެ ޙައްޤުއަށާއި ވޮލްފުގެ ޖާޒީ ނަންބަރު 10 މުޙައްމަދު އަލީފަށްވެސް ވަނީ ކާޑު ދައްކާފައެވެ.

މި މެޗްގައި ގަރާޖް އެފް.ސީގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ޢަބްދުލް މަންނާނު މެޗުގެ ކުރިން ވާރމްއަޕްގެ ތެރޭގައި ހަރަކާތްތެރިވަނިކޮށްވަނީ އަނިޔާވެފައެވެ. އަދި ފަރުވާއަށްފަހު މެޗަށް ނުކުމެ ކުޅުނު ފުރަތަމަ މިނެޓްގެ ތެރޭގައި މަންނާނުވަނީ އެ އަނިޔާގެ ސަބަބުން ކުޅުމާ ދުރަށްދާން ޖެހިފައެވެ. މަންނާނުވަނީ މުބާރާތުގެ ޓޮޕް ސްކޯރަރގެ މަޤާމް ގާތްގަނޑަކަށް ޔަޤީންކޮށްފައެވެ. އޭނާވަނީ މި މުބާރާތުގައި ޖުމުލަ 9 ގޯލް ޖަހައިދީފައެވެ. 

މީގެ ކުރިން ގްރޫޕް ސޭޓޭޖްގައި ކުޅުނު ނޮދަން ޔުނައިޓެޑްގެ ޖާޒީ ނަންބަރު 26 އިބްރާހީމް ޝައްފާފުވެސް ވަނީ ކުޅުމުގެ ތެރޭގައި ލިބުނު އަނިޔާއެއްގެ ސަބަބުން މުބާރާތުގެ ކުޅުމާ ވަކިވެފައެވެ. 

މުބާރާތުގެ ފައިނަލް އޮންނާނީ 19 ޖުލައި 2025ވާ ހޮނިހިރު ދުވަހުގެ ރެއެވެ. ބައްދަލުކުރާނީ ބަދަހި އެފް.ސީއާއި ވޮލްފު ސިޓީއެވެ.

Copyright © 2025 Faaru News
Made with by Afeef & Noor