އިންސާނާގެ ދުލުން ބުނާ ބަސްތަކަކީ ހެޔޮ ބަސްތަކަކަށް ހެދުމަށް އިސްލާމްދީން އިންސާނާއަށް ގޮވާލައެވެ. އިންސާނާ އޭނާގެ ދުލުން ބުނާ ބަސްތަކަކީ އެ ބަސް ބުނާ، މީހާއަށާއި އަނެކުންނަށް އެއިން މަންފާކުރާ އަދި ހިނިތުންވުމާއި އުފާވެރިކަން ގެނެސްދޭފަދަ ބަސްތަކެއްކަމުގައި ހަދަންވާނެއެވެ. ނަމަވެސް މިފަދަ ހެޔޮބަހެއް ބުނެވޭނީ ހެޔޮ ނަފްސެއްގެ ވެރިއަކަށެވެ. ބާރާއި ނުފޫޒާއި މުދަލުން ފަތަޙަ ނުކުރެވޭ ހިތްތައް ހިނިތުންވުމާއި، ހެޔޮބަސްތަކުންނާއި، މަތިވެރި އަޚުލާޤީ ސިފަތަކުން ފަތަޙަކުރެވޭކަމީ ދިރިހުރި ޙަޤީގަތެކެވެ. އެހެންކަމުން ހެޔޮބަހަކީ ހަށިގަނޑާއި ފުރާނައަށްވާ ޝިފާއެކެވެ. ހިތްތަކުގެ ތަޅުދަނޑިއެވެ. އެފަދަ ހެޔޮބަހެއް ރައްދުވާ މީހާއަށްވާ ފަރުވާއެކެވެ.
ސީދާވެގެންވާ ބުނުމަކުން ބަސް ބުނުމަކީ އަހަރެމެންގެ ޢަމަލުތައް އިޞްލާޙު ވެގެންދާނެކަމެކެވެ. އަދި އެއީ ފާފަތައް ފުއްސަވާކަމެކެވެ. އެހެނީ ދުލުން ބުނާ ހެޔޮބަހަކީ ޞަދަޤާތެކެވެ. އޭގެ ފޮނިކަމާއި މީރުކަމުގެ ސަބަބުން ހެޔޮވެގެންވާ މުޖުތަމަޢަކަށް މަގުދައްކައެވެ. ރިވެތިވެގެންވާ ހެޔޮބަސްތަކުން ބަސްބުނުމަކީ ﷲ އެދިވޮޑިގަންނަވާ ޢަމަލެކެވެ. އަލްއިސްރާ ސޫރަތުގެ 53 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވެއެވެ. ﴿ وَقُل لِّعِبَادِي يَقُولُوا الَّتِي هِيَ أَحْسَنُ ۚ إِنَّ الشَّيْطَانَ يَنزَغُ بَيْنَهُمْ ۚ إِنَّ الشَّيْطَانَ كَانَ لِلْإِنسَانِ عَدُوًّا مُّبِينًا ﴾ މާނައީ: " އެންމެ ރިވެތި ހެޔޮބަސްތަކުން ވާހަކަދައްކައި އުޅުމަށް، ތިމަންރަސްކަލާނގެ އަޅުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ޝައިޠާނާ، އެއުރެންގެ މެދުގައި ފަސާދަ އުފައްދަތެވެ. ހަމަކަށަވަރުން، ޝައިޠާނާއީ، އިންސާނާއަށް ފާޅުވެގެންހުރި ޢަދާވާތްތެރިއަކުކަމުގައި ވިއެވެ.
އަހަރެމެން އެ އެއްޗަކާމެދު މާބޮޑު ސަމާލުކަމެއް ނުދޭ އެ އެއްޗަކާމެދު ޣާފިލުވެފައިވާ އެއްޗަކީ ދުލެވެ. ސޯޝަލް މީޑިޔާގެ ނުފޫޒާއި އިންޓަރނެޓްގެ ފުޅާކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ސަބަބުން ބައެއް ފަހަރު އަހަރެމެން ޝައިޠާނާގެ ދަންތުރާގައިޖެހި އަހަރެމެން ބޭނުންނުވާ ކަންތައްތައް ކުރެވޭތަން އާދެއެވެ. އެކަމެއްގެ ޢިލްމު އަހަރެމެންނަށް ލިބިފާނުވާ ކަންކަމަށް އަހަރެމެންނަށް ވާހަކަ ދެކެވޭ ފަހަރު އާދެއެވެ. ހެއްކާނުލާ އަހަރެމެންނަށް ޤަބޫލުކުރެވެއެވެ. އަދި ޔަޤީންކުރުމަކާނުލާ ވާހަކަތައް ފަތުރާލެވެ. މިކަމުގެ ސަބަބުން އިޖުތިމާޢީ ފޭރާން ހަލާކުވެ ދޭދޭ ގުޅުންތަކަށް ބުރޫއަރައެވެ. އަދި ޚިޔާލާ ފިކުރުތައް ހެޔޮމަގުން ނެއްޓި ޚަރާބުވެގެން ދެއެވެ.
ލޮންސިއަކުން ލިބޭ ޒަޚަމްތަކަށް ފަރުވާކޮށް ރަނގަޅުކުރެވުނު ނަމަވެސް، ސަމާސާއަށް ނަމަވެސް ދުލުން ބުނާ ދޮގުވާހަކަތަކާއި، ބަދު ބަސްތަކުން ލިބޭ ޒަޚަމުތަކަށް ދުވަހަކުވެސް ފަސޭހަވުމެއް ނުވެއެވެ. އެހެންކަމުން އަމާންރައްކާތެރި މުޖުތަމަޢެއްގައި އުފާފާގަތި ކަމާއެކު ދިރިއުޅުމަށް ހެޔޮ ބަސް ބުނުމަކީ މުހިއްމުކަމެކެވެ.
އެއްބަޔަކު އަނެއްބަޔަކަށް ހެޔޮ ބަސްބުނުމުގެ މުހިއްމުކަން ބަޔާންކުރައްވާ ކީރިތި ޤުރްއާނުގައި މާތްﷲ ސުބުޙާނަހޫ ވަތަޢާ މިސާލެއް ޖައްސަވާފައިވެއެވެ. އިބްރާހީމް ސޫރަތުގެ 24 ވަނަ އާޔަތާއި 25 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. أَلَمْ تَرَ كَيْفَ ضَرَبَ اللَّهُ مَثَلًا كَلِمَةً طَيِّبَةً كَشَجَرَةٍ طَيِّبَةٍ أَصْلُهَا ثَابِتٌ وَفَرْعُهَا فِي السَّمَاءِ﴿٢٤﴾ تُؤْتِي أُكُلَهَا كُلَّ حِينٍ بِإِذْنِ رَبِّهَا ۗ وَيَضْرِبُ اللَّهُ الْأَمْثَالَ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ ﴿٢٥﴾ މާނައީ: " ﷲ ރަނގަޅުބަހެއްގެ މިސާލު ޖެއްސެވީ ކޮންފަދަ އަކުންކަން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އެއީ، އެ ގަހެއްގެ މޫތައް (ބިމުގައި) ހަރުލާފައި ހުންނަ، އަދި އެ ގަހެއްގެ ގޮފިތައް (ބިޔަކޮށްހެދި) މައްޗަށް އުފުލިފައިވާ ގަހެއްގެ މިސާލެވެ. އެ ގަހުގެ ވެރި ރަސްކަލާނގެ އިޒުނަފުޅާއެކު، ހުރިހާ ހިނދެއްގައި އެ ގަހުގެ މޭވާ ލިބިދެއެވެ. ﷲ މީސްތަކުންނަށް މިސާލު ޖައްސަވަނީ އެއުރެން ހަނދުމަކުރުމަށް ޓަކައެވެ. އަދި ނުބައި ބަހެއްގެ މިސާލު ޖައްސަވާ އިބްރާހީމް ސޫރަތުގެ 26 އަދި 27 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވަނީ މިފަދައިންނެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ.
وَمَثَلُ كَلِمَةٍ خَبِيثَةٍ كَشَجَرَةٍ خَبِيثَةٍ اجْتُثَّتْ مِن فَوْقِ الْأَرْضِ مَا لَهَا مِن قَرَارٍ ﴿٢٦﴾ يُثَبِّتُ اللَّهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ ۖ وَيُضِلُّ اللَّهُ الظَّالِمِينَ ۚ وَيَفْعَلُ اللَّهُ مَا يَشَاءُ ﴿٢٧﴾ މާނައީ: " އަދި ނުބައި ބަހެއްގެ މިސާލަކީ، ބިންމަތިން އުފުރާލި (އަދި) އެ ގަހަކަށް އެއްވެސް ސާބިތުކަމެއްނުވާ، ނުބައި ގަހެއްގެ މިސާލެވެ.(26) "ދުނިޔޭގެ ޙަޔާތުގައްޔާއި، އާޚިރަތުގައި ސާބިތުވެގެންވާ (ހައްޤު) ބަހުން އީމާންވި މީހުންނަށް، ﷲ ސާބިތުކަން ދެއްވަތެވެ. އަދި ﷲ އަނިޔާވެރިން މަގުފުރައްދަވަތެވެ. އަދި ﷲ އެކަލާނގެ އިރާދަކުރައްވާ ކަމެއް ކުރައްވަތެވެ."
ބަޔާންވެ ދިޔަ އާޔަތްތަކުން ހާމަވާގޮތުގައި ހެޔޮބަސް ބުނުމަކީ، މުސްލިމުންގެ ކިބާގައި ކޮންމެހެންވެސް ހަރުލާފައި ހުންނަންޖެހޭނެ މާތް ސިފައެކެވެ. މަތިވެރި އަޚުލާޤީ ސްލޫކެކެވެ. ހެޔޮބަސް ބުނުމާއި ހެޔޮބަސް ރައްދުކުރުމަކީ އެކަމުގެ ސަބަބުން ހިތްހަމަޖެހުމާއި އުފާވެރިކަން ގެނުވައިދޭ ކަމެކެވެ. އަޚުވަންތަކަމާއި ލޯތްބާއި، ކުލުނުވެރިކަމުގެ ރޫޙް އުފައްދައިދޭ ކަމެކެވެ. ދެކޮޅުވެރިކަމާއި ޙަސަދަވެރިކަމުން ދުރުކޮށްދޭ ވަސީލަތެކެވެ. ހިތްތަކުގައިވާ ކިލަނބުކަން ފުހެލައިދާ ބާރެކެވެ.
އިހު ދިވެހިންގެ ހެޔޮބަސްބުނުން:
އިހު ދިވެހިންނަކީ ހިތްހެޔޮކަމާއި، އޯގާތެރިކަމުގައި ލާ މަޘީލު މިސާލެއް ފަދަ ބައެކެވެ. ހިނިތުންވުމާއި އެކު ވާހަކަދައްކާއުޅޭ، ޚުލްޤުހެޔޮކަމާއި، އެކުވެރިކަމުގައި ނަމޫނާއެއް ފަދަ ބައެކެވެ. ދޭ ސީންނާ ބިދޭސީންނަށް މިކަމުގައި ތަފާތެއް ނުކުރެއެވެ. މެހްމާން ދާރީ އަދާކުރުމުގައި ވެސް ދިވެހިން ދައްކާފައިވަނީ އިސްލާމްދީނުގެ މަތިވެރި އަޚުލާޤާއި ސްލޫކެވެ. އަވައްޓެރިކަމުގެ ޙައްޤުތައް އަދާކުރުމުގައި ވެސް އެފަދަ ދެވަނައެއްނުވާފަދަ ބައެކެވެ. ތެލީގެ ފޫކަހާލާ އަޑުއިވިއްޖެނަމަ، އެ ގެއަކަށް ކާތަކެތި ގެންގޮސްދީ ހަދާ މަދަރުވެރި ބައެކެވެ. އަވައްޓެރިންނާއި ދަންނަ މީހުންނަށާއި ނުދަންނަމީހުންނަށް އަޅާލައި އެހީތެރިބައެކެވެ.
އިހުދިވެހިންގެ ފަރާތުން ފާހަގަކުރެވޭ މަތިވެރި އަޚުލާޤީ އެހެނިހެން ސިފަތަކަށް ނަޒަރު ހިންގާލާއިރު ފާހަގަވާ އެންމެ މުހިއްމުކަމަކީ ހެޔޮބަސްތަކުން ވާހަކަދެއްކުމެވެ. މިގޮތުން މީހަކާ ބައްދަލުވުމުންނާއި ވަކިވާ ހިނދު ސަލާމްކުރުމަކީ އެބައިމީހުންގެ ތެރޭގައި ފެތުރިފައިވާ ރީތި އާދައެކެވެ. އެކަކު އަނެކަކާ ބައްދަލުވާ ހިނދު ޙާލު އަހުވާލު އަހާ އޮޅުން ފިލުވައެވެ. އަދި ބައްދަލުވުމަށްފަހު، ވަކިވާ ހިނދު ދެމީހުން ވެސް އެކަކު އަނެކަކަށް ހިތްހެޔޮކުރަން ބުނެއެވެ. ބައްދަލުވަނީ ހިނިތުންވެފައިހުރެ އިސްލާމްދީނުގެ މަތިވެރި ސަލާމުންނެވެ. އަދި އެނބުރި ވަކިވެގެންދަނީ ހިތުގެ ސާފުކަން ހާމަކޮށްދޭ ޢިބާރަތަކުންނެވެ.
ބޮޑުކަމަކަށް އެދޭ ހިނދު ﷲ ގެ ވަޖުހަފުޅަށްޓައި ދިނުމަށް އެދެއެވެ. އަތުން އެއްޗެއް ހޭދަކުރާނަމަ، ލިއްލާހިއަށްޓަކައި ހޭދަކުރި އެއްޗެއްކަމުގައި ބުނެއެވެ. ނުރަނގަޅު ކަމެއް ކުރާތަން ފެންނަ ހިނދު މާތްކަލާކޮށްޓަކައި ގޮވާފައި އެކަމެއް ހުއްޓުމަށް އެދެއެވެ. މީހަކަށް އޭނާ ދައްކާ ވާހަކައިގެ ތެދުކަން ކަށަވަރުކޮށް ދިނުމަށް ޝަހާދަތްފަދަ ތެދޭ ބުނެ އެބަހުގެ ތެދުކަމާއި ކަށަވަރުކަން އަނެކާއަށް ސާބިތުކޮށް ދެއެވެ. ހާސްވެ ކަންބޮޑުވާ ހިނދުތަކުގައި ސުބުޙާނަﷲ ކިޔުމާއި، އަސްތަޣުފިރުﷲ ކިޔުން ފަދަ ހެޔޮ އާދަތަކަށް އެމީހުންގެ ނަފްސުތައްވަނީ ހޭނިފައެވެ. ދުރުތަންތަނަށް ދާއިރު ގާތްމީހުންނާއި ދުރުމީހުންގެ ކިބައިން ހިތްހަލާލުކޮށް ދިނުމަށް އެދެއެވެ. އަވަށްޓެރިންނާއި ރައްޓެހިންނަށް އަގަކާ، އަދި ބަދަލަކާއި ނުލާ މަސައްކަތްކޮށް ދިނުމަށްފަހު، ލިއްލާހިއަށްޓަކައި ނުވަތަ ދަރުމައަށްޓަކައި ކުރި ކަމެއްކަމުގައި ބުނެއެވެ. ދަންނަމީހުންނާއި ނުދަންނަ މީހުން މަރުވުމުން އެ ޚަބަރު ލިބޭވަޤުތު ފުރަތަމަ އަނގައިން ބޭރުވާ ބަހަކީ إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ, އެވެ. މިދަންނަވާލެވުނީ އިހު ދިވެހިންގެ ކިބައިގައި ހަރުލާފައިވާ ހެޔޮބަސްބުނުމުގެ ތެރެއިން މަދުމިންވަރެކެވެ.
ބަދަލުވަމުންދާ ދިވެހި މުޖުތަމަޢުގައި ހެޔޮބަސްބުނުން:
ޒަމާނާއި ތަނަށް އަންނަމުންދާ ބަދަލުތަކާއެކު މުޖުތަމަޢުތަކަށް ބަދަލުއައުމަކީ ފެންނަމުންދާ ޙަޤީޤަތެކެވެ. މިގޮތުން ތަރައްގީއާއި ތަހުޒީބުގެ ތެރެއިން އަންނަމުންދާ، ޒަމާނީ ބަދަލުތަކާއި އެކު މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އާދަކާދައަށްވެސް، ބޮޑަތި ބަދަލުތަކެއް ދަނީ އަންނަމުންނެވެ. މިގޮތުން އަދުގެ ދުނިޔޭގައި ކުރިއަރާފައިވާ ޓެކްނޮލޮޖީއާއި މީޑިއާގެ ވަޞީލަތްތަކާއި އެކު ދިވެހިންގެ ބަސްމަގާއި އުޅުމަށް ވެސް މިވަނީ ބޮޑަތި ބަދަލުތަކެއް އަންނަންފަށާފައެވެ.
ބަވަނަ ވެފައިވާ ދުނިޔޭގެ އޮއިވަރުގައި ޖެހި ދިވެހި ކާބަފައިންގެ ސާދާ ދިރިއުޅުމާއި ބީރައްޓެހި ބިދޭސީ ގޮތްތައް އަޅުގަނޑުމެންގެ ތެރޭގައި މިއަދު ވަނީ ތަޢާރަފުވެ އަށަގަނެފައެވެ. ދޭދޭ މުއާމަލާތު ތަކަށްވުރެ، ސޯޝަލް މީޑިޔާގައި ކުރެވޭ މުއާމަލާތު ގިނަވެ، ދިވެހި ބަހަށްވުރެ ބޭރު ބަސްތަކުން ބަސްމޮށިއުޅޭ ދިވެހިން މިވަނީ ގިނަވާން ފަށާފައެވެ. މި ބަދަލުތަކާއި އެކު ދިވެހިންގެ ބަސްމޮށުމުގައި ހެޔޮބަސްބުނުން މިއަދުވެސް ނެތެކޭ ނުދެންނެވޭނެއެވެ. މިގޮތުން އަޅުގަނޑުމެންގެ މި މުޖުތަމަޢުގައި މިއަދުވެސް މީހަކަށް ތަޢުރީފުކުރަނީނަމަ (އެސްފީނާއަކަށް ނުވުމަށް އެދި) މާޝާ ﷲ އޭ ބުނެ އެކަމެއް ފާހަގަ ކުރުމާއި، ހާލު އަހުވާލު އަހާލުމުން އަލްހަމްދުލިﷲ އޭ ބުނުންފަދަ، އަދި މުސްތަގުބަލުގައި ކަމެއް ކުރަން އެއްބަސްވާނަމަ އިންޝާﷲ އޭ ނުވަތަ އިރާދަކުރެއްވިއްޔާއޭ ބުނުމުގެ އާދަ މިއަދުވެސް ގިނަ މީހުންގެ ކިބައިން ފެނެއެވެ. އަދި ހަމަ މިއާއެކު މީހަކަށް މޮޅުކަމެއް ލިބިއްޖެނަމަ ސޯޝަލް މީޑިގައި ނުވަތަ އެހެން ޒަރީއާއަކުން ނަމަވެސް ކޮންގްރެޖުލޭޓް ކުރުން ނުވަތަ މަރުހަބާ ކިޔުމާއި، ތިމާގެ އަތުން އަނެކާއަށް ދެރަކަމެއް ލިބޭ ހިނދު ސޮރީއޭ ބުނެ މަޢާފަށް އެދުމާއި، ގާތް މީހަކު ނުވަތަ ރައްޓެއްސަކު ބަލިވެއްޖެނަމަ ޝަފާކަﷲ އޭ ބުމާއި މީހަކު މަރުވެއްޖެ ނަމަ، إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ ކިޔުމަކީ އަދިވެސް ގިނަ ބައެއްގެ އާދައެކެވެ. ހަމަމިއާއެކު ދެމީހަކު ބައްދަލުވާ ހިނދު ސަލާމްކުރުމާއި، ސަލާމް ގޮވުމަކީ މިއަދުވެސް ދިވެހިންގެ ސްލޫކުގައި ހަރުލާފައިވާ އިސްލާމީ ރިވެތި އާދަތަކެވެ. ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް ދެވިފައިވާ މަތިވެރި ޤަދަރު ހާމަކޮށްދޭ މަރިވެރި ރަމްޒެކެވެ. މީގެ އިތުރުން ޖަލްސާތައް ފެށުމުގައި ޙަމްދު ޞަލަވާތް ކިޔުމާއި ސަލާމަށްފަހު، އަމިއްލަ ވާހަކަތައް ދައްކަން ފެށުމަކީ ވެސް ހެޔޮބަސް ބުނުމަށް ދިވެހިން އާދަވެފައިވާ މިންވަރު ހާމަވާކަމެކެވެ. ނަމަވެސް، ދިވެހިންގެ ތެރެއަށް އިންޓަނެޓް ފުޅާވެ، ސޯޝަލްމީޑިޔާގެ ތެރެއަށް ދިވެހިން ފީނައިގަތުމާއެކު ހެޔޮބަސްބުނުގެ ވައްޓަފާޅިއަށް ބަދަލުތައްވަނީ އަންނަންފަށާފައެވެ. އެއީ، ސޯޝަލްމީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށް ހެޔޮބަސް ރައްދުކުރަން ފެށުމެވެ. މިގޮތުން އުފަންދުވަހާއި، ކައިވެންޏާއި، ގާތްތިމާގެ މީހުންނާއި ރައްޓެހިންނާއި ދަންނަ މީހުންނަށް ލިބޭ ތަފާތު ކާމިޔާބީތަކަށް މަރުޙަބާއާއި ޝުކުރުގެ މެސެޖްތައް ފޮނުވަމުންދިއުމެވެ. އަދި އެއްބަޔަކު އަނެއްބައެއްގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން އެކަން ރަމުޒުކޮށްދޭ ތަފާތު ޢިބާރާތްތަކުން މެސެޖްތަކާއި. ސްޓިކާތަކާއި، އިމޯޖީތައް ފޮނުވަމުންދެއެވެ.
ސޯޝަލް މީޑިޔާ މެދުވެރިކޮށް އަނެކުންނަށް ހެޔޮބަސް ރައްދުކުރުމަކީ ރަނގަޅުކަމެއް ނަމަވެސް މިކަމުގައި ވެސް ސަމާލުކަންދިނުން މުހިއްމުކަމެއް އެބައޮތެވެ. އެއީ، ދޭދޭ ފަރުދުންގެ މެދުގައި ކުރެވޭ މުޢާމަލާތުތަކުގެ ތެރެއިން އެއްބަޔަކު އަނެއްބަޔަކަށް ހެޔޮ، ރަނގަޅު ބަސްތަކުން މުޚާތަބުކުރުމަށް ސަމާލުކަން ދިނުން އިތުރު ކުރުމެވެ. އަދި ހެޔޮބަސްތައް ރައްދުކުރުމަށް އޮތް ހަމައެކަނި ވަސީލަތަކީ ސޯޝަލްމީޑިޔާކަމުގައި ނުހެދުމެވެ.
ކީރިތި ޤުރްއާނުގައިވާ ވާހަކަދެއްކުމުގެ އަދަބުތައް:
އެންމެ ހެޔޮ ބަހަކީ الله ގެ ބަސްފުޅެވެ. ޤުރުއާނަކީ الله ގެ ބަސްފުޅެވެ. އެކަލާނގެ މަތިވެރިވެގެންވާ ކަލާމްފުޅެވެ. ކީރިތި ޤުރްއާނަކީ، މުއުމިނުންގެ ދުސްތޫރެވެ އަދި ތަޤުވާވެރިންނަށްވާ ރޫޙީ ޣިޛާއެކެވެ. އެފޮތަކީ، ޢާލަމްތަކަށްވާ ހިދާޔަތެވެ. މިފޮތް އެންމެ ސީދާވެގެންވާ މަގަށް އިންސާނާއަށް މަގުދައްކައެވެ. ކީރިތި ޤުރްއާނަކީ މީސްތަކުންނައްވާ އެންމެ ރަނގަޅު ދިރިއުޅުމުގެ މަންޖެވެ. މިގޮތުން ތިރީގައި ބަޔާންކޮށްފައި އެވަނީ ކީރިތި ޤުރްއާނުގައިވާ ވާހަކަ ދެއްކުމުގެ އަދަބުތަކުގެ ތެރެއިން ބައެއް އަދަބުތަކެވެ. ދުޢާއަކީ ކީރިތި ޤުރްއާނުގައިވާ މިފަދަ އިރުޝާދުތަކަށް ތަބާވެ، ސީދާވެގެންވާ ތެދުބަހުން ބަސްބުނުމުގެ ސިފަ ދިވެހިންނަށް މިންވަރު ކުރެއްވުމެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ހެޔޮ ބަސް ބުނުމުގެ މަތީގައި ތާއަބަދުމެ ލެހެއްޓެވުމެވެ.
1 . ތެދުބަހުން ވާހަކަދެއްކުން:
﴿ لصَّابِرِينَ وَالصَّادِقِينَ وَالْقَانِتِينَ وَالْمُنفِقِينَ وَالْمُسْتَغْفِرِينَ بِالْأَسْحَارِ﴾ (އާލްޢިމްރާން:17)
މާނައީ: " (އެއުރެންނީ) ކެތްތެރީންނެވެ! އަދި ތެދުވެރިންނެވެ! (އެބަހީ: ބަހާއި ޢަމަލުން) އަދި ﷲ އަށް ކިޔަމަންތެރިވާ މީހުންނެވެ. އަދި (ހެޔޮގޮތުގައި) ހޭދަކުރާމީހުންނެވެ. އަދި ހާރުދަމުގައި ފާފަފުއްސެވުންއެދި ދުޢާކުރާމީހުންނެވެ.
2. ޢަދުލުވެރިކަމާއެކު ވާހަކަދެއްކުން:
﴿ يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا سَدِيدًا﴾ (އަޙްޒާބު: 70)
މާނައީ: " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ސީދާވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސްބުނާށެވެ!
3. މެދުމިނަކުން ވާހަކަދެއްކުން:
﴿ وَلَا تَجْهَرْ بِصَلَاتِكَ وَلَا تُخَافِتْ بِهَا وَابْتَغِ بَيْنَ ذَٰلِكَ سَبِيلًا ﴾ (އަލްއިސްރާ:110)
މާނައީ: "އަދި ކަލޭގެފާނު ނަމާދުގައި މާއަޑުހަރުކޮށް ކިޔަވާ ވިދާޅުނުވާށެވެ! އަދި އެ ނަމާދުގައި މާ މަޑުންވެސް ކިޔަވައި ވިދާޅުނުވާށެވެ! އަދި އެދޭތެރޭގެ މެދުމިން މަގެއް ކަލޭގެފާނު ޤަޞްދުކުރައްވާށެވެ!
4. ހެޔޮކޮށް ވާހަކަދެއްކުން:
وَقُولُوا لِلنَّاسِ حُسْنًا (ބަޤަރާ:83) މާނައީ: " އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސްބުނާށެވެ! މިއާޔަތުގައި ހެޔޮބަސްބުނާށޭ އޮތްބަސްފުޅުގެ މުރާދަކީ ހެޔޮކަންތައްތަކަށް އަމުރު ކުރުމާއި ނުބައިކަންތައްތައް ނަހީކުރުމެވެ.
5. ރިވެތިކޮށް ވާހަކަދެއްކުން:
وَقُل لِّعِبَادِي يَقُولُوا الَّتِي هِيَ أَحْسَنُ ۚ (އަލްއިސްރާ: 53) މާނައީ: " އެންމެ ރިވެތި ހެޔޮބަސްތަކުން ވާހަކަދައްކައި އުޅުމަށް، ތިމަންރަސްކަލާނގެ އަޅުންނަށް ކަލޭގެފާނު ވިދާޅުވާށެވެ!
6. މަޑުމައިތިރިކަމާއެކު ވާހަކަދެއްކުން:
وَإِمَّا تُعْرِضَنَّ عَنْهُمُ ابْتِغَاءَ رَحْمَةٍ مِّن رَّبِّكَ تَرْجُوهَا فَقُل لَّهُمْ قَوْلًا مَّيْسُورًا (އަލްއިސްރާއު: 28)
މާނައީ: " ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން އައުމަށް އެދިވަޑައިގަންނަވާ ރަޙުމަތެއްގެ އެދުމުގައި، އެއުރެންނާ ދުރުހެލިވެ ވަޑައިގަންނަވާނަމަ، ފަހެ، މަޑުމައިތިރި ބަހަކުން އެއުރެންނަށް ބަސްވިދާޅުވާށެވެ!
7. ފުންކޮށް ނުވަތަ ބަލާޣާތްތެރިކޮށް ވާހަކަ ދެއްކުން:
أُولَٰئِكَ الَّذِينَ يَعْلَمُ اللَّهُ مَا فِي قُلُوبِهِمْ فَأَعْرِضْ عَنْهُمْ وَعِظْهُمْ وَقُل لَّهُمْ فِي أَنفُسِهِمْ قَوْلًا بَلِيغًا
(އައްނިސާ:63)
މާނައީ: " އެއުރެންނަކީ، އެއުރެންގެ ހިތްތަކުގައިވާ ގޮތްތައް ﷲ ދެނެވޮޑިގެންވާ މީހުންނެވެ! ފަހެ، (ކަލޭގެފާނު އެއުރެންނާ ޢުޤޫބާތް ދެއްވުން ފިޔަވައި) ކަލޭގެފާނު ދުރުހެލިވެ ވަޑައިގަންނަވާށެވެ! އަދި، އެއުރެންނަށް ވަޢުޡުއާއި ނަސޭޙަތް އިއްވަވާށެވެ! އަދި އެއުރެންގެ ނަފްސުތަކާމެދު އަސަރުކުރާފަދަ ބަލާޣަތްތެރި ބަސްފުޅުތަކުން އެއުރެންނާ ވަހަކަފުޅު ދައްކަވާށެވެ!
8. ޝުކުރުވެރިކަމާއެކު ވަހަކަދެއްކުން:
وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا (އަލްއިސްރާއު: 23) މާނައީ: " އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެދެމީހުން ތިބާގެ ގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް އުއްފުވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަބަހެއް ވިޔަސް ނުބުނާށެވެ! އަދި މާތްބަހަކުން އެދެމީހުންނަށް ބަސްބުނާށެވެ!
9. މަޑުމޮޅިކަމާއެކު ވާހަކަދެއްކުން:
فَقُولَا لَهُ قَوْلًا لَّيِّنًا لَّعَلَّهُ يَتَذَكَّرُ أَوْ يَخْشَىٰ (ޠާޙާ: 44) މާނައީ: " ފަހެ، މަޑުތިރިބަހުން ތިޔަދެބޭކަލުން އޭނާއަށް ބަސްވިދާޅުވާށެވެ! (އެއީ) އޭނާ ހަނދުމަކޮށް، ނުވަތަ ބިރުވެރިވޭތޯ އެކަމުގެ އުންމީދުގައެވެ. "
10. އަބުރުވެރިކަމާއެކު ވާހަކަދެއްކުން:
يَا نِسَاءَ النَّبِيِّ لَسْتُنَّ كَأَحَدٍ مِّنَ النِّسَاءِ ۚ إِنِ اتَّقَيْتُنَّ فَلَا تَخْضَعْنَ بِالْقَوْلِ فَيَطْمَعَ الَّذِي فِي قَلْبِهِ مَرَضٌ وَقُلْنَ قَوْلًا مَّعْرُوفًا (އަލްއަޙްޒާބު:32) މާނައީ: " އޭ ނަބިއްޔާގެ އަނބިއަނބި ކަނބަލުންނޭވެ! ތިޔަކަނބަލުން (އެހެން) އަންހެނުންގެ ތެރެއިން އެކަކާވެސް އެއްފަދަ ބަޔަކުކަމުގައި ނުވަމުއެވެ. ތިޔަކަނބަލުން (ﷲއަށް) ތަޤުވާވެރި ވެއްޖެނަމައެވެ. ފަހެ، ތިޔަކަނބަލުން ލޫޅާފަތި އަޑަކުން ވާހަކަ ނުދައްކާށެވެ! (އެއީ) ހިތުގެ ތެރޭގައި (ނިފާޤުގެ) ބަލިމަޑުކަމެއްހުރި މީހަކު ދަހިވެތިވެދާނެތީއެވެ. އަދި ތިޔަކަނބަލުން ރަނގަޅު ބަހުން ބަސްބުނާށެވެ!"
11. ބޭކާރުވާހަކަތަކުން ދުރުވުން:
وَالَّذِينَ هُمْ عَنِ اللَّغْوِ مُعْرِضُونَ (އަލްމުއުމިނޫން: 3)
މާނައީ: " އަދި އެއުރެންނީ، ބޭކާރު ވާހަކަތަކާއި، ކަންތަކުން ދުރުހެލިވެ ތިބޭމީހުންނެވެ!"
12. ކެރިގެން ވާހަކަދެއްކުން:
وَاحْلُلْ عُقْدَةً مِّن لِّسَانِي (ޠާހާ: 27)
މާނައީ: " އަދި މިއަޅާގެ ދުލުގެ ގޮށް މޮއްސަވައި ލައްވާނދޭވެ! (އެބަހީ: ދުލުގައިހުރި ދަތިގޮތް ފިލުއްވައިދެއްވައި ދޫ ފަސޭހަކޮށްދެއްވާނދޭވެ!
13. ތެދުބަހުން ވާހަކަދެއްކުން:
وَأَنَّا ظَنَنَّا أَن لَّن تَقُولَ الْإِنسُ وَالْجِنُّ عَلَى اللَّهِ كَذِبًا (سورة الجن: 5)
މާނައީ: " އަދި ﷲ އާމެދު އިންސިއަކުވެސް އަދި ޖިންނިއަކުވެސް އެއްވެސް ދޮގެއް ނުބުނާނެކަމަށް ތިމަންމެން ހީކުރީމެވެ."
14. އަޑުހަރުކޮށް ވާހަކަނުދެއްކުން:
وَاقْصِدْ فِي مَشْيِكَ وَاغْضُضْ مِن صَوْتِكَ ۚ إِنَّ أَنكَرَ الْأَصْوَاتِ لَصَوْتُ الْحَمِيرِ (ލުޤްމާން: 19)
މާނައީ: " އަދި ތިބާ ހނގާ ހިނގުމުގައި މެދުމިނަށް ހިނގާށެވެ! އަދި ތިބާގެ އަޑު މަޑުކުރާށެވެ! ހަމަކަށަވަރުން، އަޑުތަކުގެ ތެރެއިން އެންމެ ހުތުރުވެގެންވާ އަޑަކީ ޙިމާރުގެ އަޑުކަން ކަށަވަރެވެ."
(ނިމުނީ)