ގައުމެއްގެ ވަޞީލަތްތަކާއި ރިސޯސްތައް އެ ގައުމެއްގައި އުޅޭ ބައެއްގެ މެދުގައި ވީހާވެސް ހަމަހަމަކޮށް ބެހިގެން ދިއުމަކީ ގައުމެއް ގައުމެއްގެ ގޮތުގައި ދެމިއޮތުމަށާއި ޞުލްހަ މަސަލަސް ކަމާއި އަމާން އޮމާން ކާމާއެކު ދެމިއޮތުމަށް ވަރަށްވެސް މުހިއްމުކަމެކެވެ. ވީހާވެސް ހަމަހަމަ ގޮތުގައި ބެހިގެން ދިއުމޭ ބުނުމުގެ މައިގަނޑު މާނައަކީ އެ ގައުމެއްގެ ޖިއޮގްރަފީއާއި އާބާދީ ބެހިފައި އޮންނަ ގޮތަކުން އެންމެ އަދުލުވެރިކަމާއެކު ބަރާބަރަށް އެކަން ވުމަކީ އެކަށީގެންވާ ކަމަކަށް ނުވެ ހިނގައިދާނެތީއެވެ. މިސާލަކަށް މި ދިވެހިރާއްޖޭގަ ޙާލަތަށް ބަލާކަމުގައިވަނީނަމަ ދިހަހާސް މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެއްގައި ގާއިމު ކުރާ ވަޞީލަތްތައް ހަމަ އެގޮތަށް އެ ފެންވަރުގައި 300 މީހުން އުޅޭ ރަށެއްގައި ބިނާކުރުމަކީ ކުރުން އެކަށީގެންވާ ކަމަކަށް ނުވެ ހިނގައިދާނެއެވެ. އަދި އެއީ ފައިދާއެއް ވުމުގެ ބަދަލުގައި ގެއްލުން ވާކަމަކަށް ވެދާނެއެވެ. މިސާލަކަށް 10000 މީހުންގެ އާބާދީއަށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި ކުރާ ބިނާ ހަމަ އެގޮތަށް 300 މީޙުންގެ އާބާދީ އަށް އަމާޒުކޮށް ކުރުން ވާނީ މޮޔަކަމަކަށެވެ. އެކަމަކު އެހެނޭ ކިޔާފައި އެއްބަޔަކު އަސާސީ ވަޞީލަތްތަކުން މަޙުރޫމް ކުރުމަށްފަހު އަނެއް ބަޔަކަށް އިސްރާފަށް ވާވަރަށް ވަޞީލަތްތައް ފޯރުކޮށްދީ ނުވިތާކަށް ކޮންމެހެން މުހިއްމުނޫން 'ލަގްޒަރީ' ވަޞީލަތްތައް ފޯރުކޮށްދިނުމަކީވެސް ޙަޤީޤަތުގައި މޮޔަކަމެކެވެ. އެއީ ކޮށްގެން ވާނޭ ކަމެއްނޫނެވެ. ލަގްޒަރީ ވަޞީލަތެއްގެ ނަންވެސް ގަނެވެން ޖެހޭނީ އަސާސީ ވަޞީލަތްތައް އެންމެނަށް ހަމަކޮށްދީފައެވެ. އެހެންނަމަވެސް ހިތާމައަކީ އެކިއެކި ސަރުކާރުތަކުން ރައްޔިތުންނަށް ވަޞީލަތްތައް ފޯރުކޯށްދިނުމުގައި ޢަދުލުވެރިކަމުން ބޭރުން މިފަދަ ބޮޑެތި އިޞްރާފުތައް ކުރާތަން އަބަދުވެސް ފެންނަމުން ދާތީއެވެ.
މީގެ ފުރިހަމަ 'ކުލެސިކަލް' އެއް މިސާލަކީ 2018 ވަނަ އަހަރު މާލާގައި ހުޅުވުނު 'ވިންޓަރ ތީމް ޕާކެވެ'. އޭގެ ސަބަބަކީ މާލޭގައި ދިރިއުޅޭ ކުދިންނަށް އަދި މީހުންނަށް ފިނިމޫސުމް އިޙުސާސް ކޮށްދޭން ޖެހޭ ކަމަށް ސަރުކާރަށް ފެނިވަޑައިގަތުމެވެ. އެކުދިންނަށް ސްނޯ އިޙުސާސް ކޮށްދިނުމާއި އައިސްކޭޓް ކުރަން ފުރުސަތު ހޯދައިދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް ވެރިންނަށް ފެނިވަޑައިގަތުމެވެ. އެ ހިސާބުން ފައިސާ ހުރިތާކުން ނެރެގެން އެކަން ކުރަންވީއެވެ. ގައުމު ދަރާވިކިފައި އޮތަސް މައްސަލައެއް ނެތެވެ.
ބަޔަކު މީހުން އެކަމަށް ފާޑުކިޔުމުން މި ބުނަނީ ޕާކަށް ސަރުކާރުގެ ބަޖެޓުން ލޯލާރިއެއްވެސް ހަރަދުނުކުރާނެކަމަށެވެ. އަދި އެތަން ހުޅުވުމަށްފަހު އެތަން ހިންގުމަށް ކުރަން ޖެހޭ ޚަރަދުވެސް ސަރުކާރު ބަޖެޓުން ނުކުރާނެކަމަށެވެ. އެހެންނަމަވެސް އެވެރިންނަށް އެނގެން ޖެހޭ ނުވަތަ އެނގޭނޭ ޙަޤީޤަތަކީ އެތަނަށްވެސް އެހޭދަކުރީ ގައުމުގައި ހުރި ރިސޯސްކަމެވެ. އެއީ ޓްއަރިޒަމް ސެކްޓަރ ސީއެސްއާރުން ކަމަށްވިޔަސް، ކުންފުންޏެއްގެ ސްޕޮންސަރޝިޕް ކަމަށްވިޔަސް ނުވަތަ ބޮޑު މަހުޖަނެއްގެ ދީލަތި ހަދިޔާއެއްކަމަށް ވިޔަސް އެއީ ހަމަ ގައުމުގައި ހުރި ވަޞީލަތްތަކެވެ. އެފަދަ ވަޞީލަތެއް މީހަކު ދޭން ހުރިނަމަ އޭގެ ބޭނުންކުރަންވާނީ ގައުމަށް ފައިދާހުރި ކޮންމެހެން ކުރަން ޖެހޭ ކަންކަމަކަށެވެ. ގައިމު ސަރުކާރުން ހުއްދަ ނުދޭނަމަ އެ ޕާކަކަށް އެ ބަޔަކު އެ ޚަރަދެއް ނުކުރާނެއެވެ. ކަލޭމެންގެ ސީއެސްއާރުގެ ދަށުން މިވެނި ރަށްރަށުގެ ސްކޫލްތަކުގައި އިތުރުކުރަންޖެހޭ ކުލާސްރޫމް އަޅާދޭށޭ އެވެނި ރަށްރަށުގެ ހެލްތު ސެންޓަރަށް ބޭނުންވާ އެނދު ހޯދަދޭށޭ ނުވަތަ މިވެނިރަށެއްގެ ފެން ޕްލާންޓް ބިނާކޮށްދޭށޭ ސަރުކާރުން ބުނެފިނަމަ އެ ބަޔަކު އެކަން ނުކޮށްދޭންވީ އެއްވެސް ސަބަބެއް ނުވިސްނެއެވެ. އެކަމަކުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންނަށް ސާފު ރައްކާތެރި ބޯފެން ނުލިބޭއިރު ނަޖިސް ފެންނޫނީ އެހެން ފެނެއް ގައިން ތާހިރުވާން ނުލިބޭއިރު ކިލަޔާއި ހިރަފުހުގައި ނޫނީ ދުވެލަން ނުލިބޭއިރު މިވެރިން މިއުޅެނީ މާލޭގެ ކުދިންނަށް ސްނޯ އާއި ފިނިމޫސުމް ނުގެނެސްދެވިގެންނެވެ. އަޖައިބު އަންތަރީހެއް މީހަކު ނުވާނެހެއްޔެވެ؟