އަޅުގަނޑުގެ ތުއްތު ދަރިފުޅާއި އަޅުގަނޑުގެ ނަމާދު

ނާނު
ނާނު
2 ހަފްތާ ކުރިން
1 މިނިޓް

މަންމައަކީމުއެވެ. އެންމެ 6 މަހުގެ މަންމައަކީމުއެވެ. ހަވާލުވެފައިވަނީ ކުޑަ ކުޑަ ފުރާނައަކާއެވެ. މަންމައެއްގެ ޒިންމާތައް ގިނަވެފައި، ބޮޑެވެ. އެހެން ނަމަވެސް ﷲގެ ރަޙްމަތްފުޅުން މަންމައެއްގެ ހައިސިއްޔަތުން އަދާކުރަންޖެހިފައިވާ ޒިންމާތަކަށް މަޑު މަޑުން ހޭނި ދަސްވަމުން އެބަދެއެވެ. 

ދަރިފުޅު ލިބުމުން އަޅުގަނޑުގެ ދިރިއުޅުން ވަރަށް ބޮޑަށް ބަދަލު ވެއްޖެއެވެ.  މުޅި ދުވަސް ހޭދަވެގެންދަނީ ދަރިފުޅުގެ ހިދުމަތުގައެވެ. ދުވަސް ފުރާލެވިފައިވަނީ ދަރިފުޅާއެކު ހޭދަކުރާ ލޯބި ލޯބި ވަގުތުތަކުންނެވެ. ކެތްތެރިވެ، ހިތްވަރުކޮށްލަންޖެހޭ ވަގުތުތައްވެސްމެއެވެ. އެންމެ ފާހަގަކޮށްލެވޭ ކަމަކީ އަމިއްލަ ކަންކަން  ކުރުމަށް ވަގުތު ހޯދަންޖެހުމާއި ރާސްލާފައި އެކަންކަން ނިންމަންޖެހޭ ކަމެވެ. 

ރާސްލާފައި ކައި ނިންމާލަން ޖެހޭ ފަދައިން ރާސްލާފައި ނަމާދުވެސް ނިންމާލަންޖެހޭލެއް މަދެއް ނޫނެވެ. ނަމާދު ކުރަނީ ދަރިފުޅު ކައިރީގައި ބާއްވައިގެން ނުވަތަ ކޮށްޓަށް ލައިގެންނެވެ. ބައެއް ފަހަރު ނަމާދުކޮށްނިމި ޒިކުރުކޮށް ނިމެންދެންވެސް ކުޅެން އޮވެފާނެއެވެ. އަޑެއްބަޑެއް ނީންވާލާފަހަރުވެސް އާދެއެވެ. މަންމި ނަމާދުކޮށް ނިމެންދެން ހިތްވަރުކޮށްލީތީ އަފަލުން ދަރިފުޅަށް 'ތެންކިޔޫ' ބުނެވެއެވެ. 

އަނެއްބައި ފަހަރުތޯއެވެ؟ ކުރިމަތީގައި ޝަކުވާގެ ރާގަކަށް ރޯލަ ރޯލަ އިނދެދާނެއެވެ. ނޫންނަމަ އަޑުން އަޑުނަގައި ރޮއެފާނެއެވެ. ހިތުގައިޖެހި ކަރުނަ އައިސްދާނެއެވެ. ނަމަވެސް ނަމާދަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަން އެންމެ ތުއްތު އިރުން ފެށިގެންވެސް ބުނެދޭން އެބަޖެހެއެވެ. އަމަލުން ދައްކައިގެންނެވެ. އެހެނެއް ކަމަކު ދަރިފުޅުގެ ރުއިމުގެ އަޑު އިވުމުން ނަމާދު ކުރުކޮށްލާ އަވަސް ކޮށްލަންޖެހެއެވެ. ސޫރަތުލް ފާތިހާގެ އިތުރުން އިތުރު ސޫރަތެއް ކިޔަވައި ނުލައި ގިނަ ނަމާދުތަކެއް ކުރުކޮށްލަން ޖެހެއެވެ. ނުވަތަ ކިޔަވާލަން ޖެހެނީ އެންމެ ކުރު ސޫރަތްތަކެވެ. 

 ނަމާދު ކުރުކުރަން ޖެހުމުން އެއީ ވަރަށް ދެރަ ކަމެއްކަމަށް ފުރަތަމަ ހީވެދާނެއެވެ. އެހެން ނަމަވެސް ދަރިފުޅުގެ ރުއިމުގެ އަޑުގެ ސަބަބުން ނަމާދު ކުރުކޮށްލުމުން ނަމާދުގެ ވާޖިބު އަދާވުމުގެ އިތުރަށް ސުންނަތެއްވެސް ފުރިހަމަ ކުރެވުނީއެވެ. އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް) ނަމާދު ދިގުކޮށް ކުރެއްވުމަށް ނިޔަތްގަންނަވާ ނަމާދު ފައްޓަވާފައިވެސް ތުއްތު ކުދިންގެ ރުއިމުގެ އަޑު އިވިވަޑައިގަތުމުން ނަމާދު ކުރުކުރައްވާކަމަށް ބުޚާރީއާއި މުސްލިމުގައި ރިވާވެގެންވާ ހަދީޘްފުޅެއްގައި ވެއެވެ. އިސްލާމް ދީނުގެ ފުރިހަމަ ކަމާއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ އޯގާވަންކަމާއެވެ. 

އަޅުގަނޑުމެން މަންމަމެންނަށް އުފުލަންޖެހޭ އިތުރު ބުރަތަކާއެކު ފަސޭހަތަކެއްވެސް މިންވަރު ކުރައްވާފައިވެއެވެ. ދަރިފުޅު ގޮވައިގެން ނަމާދުކުރަން އުދަނގޫނަމަ، ކުރުކޮށް އަވަހަށް ކޮށްލާށެވެ. ނަމާދު ދިގުކޮށް، ވީހާވެސް ފުރިހަމައަށް އަދާކުރުމަށް ވަގުތު ލިބޭ ފުރުސަތުތައް މަދު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފޭތޯބަލަމާ ހިނގާށެވެ. 

އަޅުގަނޑުމެންނަށް ކުދި ދަރިން ގޮވައިގެން ކުރެވޭ މަދު އަޅުކަންތައް ގަބޫލުކުރައްވައި، އިތުރު ހެޔޮ ޘަވާބާއި ދަރުމަ ދެއްވާށިއެވެ! އާމީން!

Copyright © 2024 Faaru News
Made with by Afeef & Noor