ރަމަޟާން މަހުގެ ފަހު ދިހައެއްގައި ކުރެވިދާނެ 5 ކަމެއް

ޤާއިމް ޔޫސުފް އާދަމް
ޤާއިމް ޔޫސުފް އާދަމް
3 އަހަރު ކުރިން
2 މިނިޓް

ﷲގެ ރަޙްމަތުން އަޅުގަނޑުމެން މިވަނީ އަނެއްކާވެސް ރަމަޟާން މަހަކާއި ބައްދަލުކުރުމުގެ ނަޞީބު ލިބި، އެ މަހުގެ ބޮޑު ބައެއްގައި އަޅުކަންކުރުމުގެ ފުރުޞަތުވެސް ލިބިފައެވެ. މި ރަމަޟާން މަހުގެ ފަހު ދިހައަކާއި ބައްދަލުކުރަން އަޅުގަނޑުމެން ތައްޔާރުވަމުން ދާއިރު، އިތުރު ހިތްވަރެއްކޮށް، އެ ދުވަސްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ޢަޒުމު ކަނޑައަޅަން އެބަޖެހެއެވެ.

އެދުވަސްތަކެއްގައި އެއްހާސް މައްސަރުގެ ޘަވާބާއި ދަރުމަ ހިމެނިގެންވާ ލައިލަތުން ޤަދުރި ވިލޭރޭވަނީ ރަމަޟާންމަހުގެ ފަހު ދިހައިގެ އޮނަހިރި ރެއްގައި ކަމަށް ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވިކަމަށް އައިޝާ رضي االله عنها ރިވާކުރައްވާފައި ވެއެވެ. އެހެންކަމުން ލައިލަތުލް ޤަދުރި ލިބިގަތުމަށްޓަކައިވެސް، ރަމަޟާން މުހުގެ ފަހު ދިހައެއްގައި އަޅުގަނޑުމެން އަޅުކަންކަމުގައި މަސްޢޫލުވާން އެބަޖެހެއެވެ.

އެހެންކަމުން މި ލިޔުމުގައި މި ފާހަގަ ކޮށްލަނީ ރަމަޟާން މަހުގެ ފަހު ދިހައެއްގެ ފައިދާ އެންމެ ރަނގަޅުގޮތުގައި ބޭނުން ކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަމަށެވެ.

1.      އިޢުތިކާފުކުރާށެވެ.

ރަމަޟާން މަހުގެ ފަހު ދިހައެއްގައި ރަސޫލާ صلى الله عليه وسلم އިޢުތިކާފަށް އިންނަވާކަމަށް ހަދީޘުން ވާރިދުވެގެން އައިސްފައިވެއެވެ. އެހެންކަމުން މިއީ އަޅުގަނޑުމެންވެސް މިކަން ކުރަންވާނެގޮތެވެ. މިސްކިތަށް ނަމާދަށް ގޮސްވެސް، ނަމާދު ކޮށްލާގޮތް މިސްކިތުން ނިކުތުމުގެ ބަދަލުގައި، ޤުރުއާން ކިޔަވާލާ، ޒިކުރުކޮށް ހަދާލަށް ކުޑަ ވަޤުތުކޮޅެއްނަމަވެސް މިސްކިތުގައި މަޑު ކޮށްލާށެވެ.

2.     ގިނަ ގިނައިން މި ދުޢާ ކިޔާށެވެ.

ޢައިޝާ رضي االله عنها ވިދާޅުވިއެވެ. ތިމަން ކަމަނާ ރަސޫލާ صلى الله عليه وسلم އަށް ސުވާލު ކުރެއްވީމެވެ. "އޭ ﷲގެ ރަސޫލާއެވެ. ލައިލަތުން ޤަދުރިވިލޭރެއާ ބައްދަލުވެއްޖެނަމަ، އެރޭ ކުރަންވީ ދުޢާއަކީ ކޮބާ ހެއްޔެވެ؟" އެ ހިނދު މި ދުޢާ ކިޔުމަށް ރަސޫލާ ހަދީޘް ކުރެއްވިކަމަށް އައިޝާ رضي االله عنها ރިވާކުރެއްވިއެވެ.
اللَّهُمَّ إِنَّكَ عَفُوٌّ كَرِيمٌ تُحِبُّ الْعَفْوَ فَاعْفُ عَنِّي

3.     ޤުރުއާން ކިޔަވާށެވެ. އަދި ޤުރުއާނުގެ މާނައާއި މެދު ވިސްނާށެވެ.

މިދުސްވަރު ގިނަގިނައިން ޤުރުއާން ކިޔެވުމަށް ވަޤުތު ހޯދާށެވެ. އަދި އެ ކިޔަވަމުން ދާއިރު، އޭގެ މާނައަށް ބަލާއި، އެ އާޔަތްތަކާއި މެދު ފުންކޮށް ވިސްނާލާށެވެ. އޭގެ މާނަ ކިޔާ، އެއާއި މެދު ވިސްނާލުމަކީވެސް، އަޅުގަނޑުމެންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނާނެކަމެކެވެ. އިންޝާﷲ.

4.     އަމިއްލަ ނަފްސު ހިސާބުކޮށްލާށެވެ.

އަޅުގަނޑުމެން ކޮންމެ ރެއަކުވެސް ނިދަން އޮންނަމުން، އަޅުގަނޑުމެން ހޭދަކުރި ދުވަހާއި މެދު ފުންކޮށް ވިސްނާލާށެވެ. އަދި އަޅުގަނޑުމެންނަށް އެދުވަހު ކުރެވުނު ރަނގަޅު ކަންކަމާއި، ގޯސްކަންކަން ހިސާބު ކޮށްލާށެވެ. އަޅުގަނޑުމެންނަށް ފާފައެއް ކުރެވިފައިވާނަމަ، ނިދުމުގެ ކުރިން އެކުށަކަށް ތަޢުބާވެ، ދެން އެފަދަ ކަމެއް ނުކުރުމަށް ޢަޒުމު ކަނޑައަޅާ ހިތް ސާފުކޮށްލައިގެން ނިދާލާށެވެ.

5.     އާއިލާއާއިއެކު ތަރާވީޙަށް ދާށެވެ.

ތަރާވީޙަށް ދާއިރު، އާއިލާ އެހެންމެންބަރުންވެސް ގޮވައިގެން ދާށެވެ. އިމާމާގެ ފަހަތުގައި ތަރާވީޙު ނަމާދުކޮށް ނިންމާލައިފިނަމަ، މުޅިރޭ ރޭއަޅުކަންކުރި ކަމުގެ ޘަވާބާއި ދަރުމަ ލިބޭނެކަމަށް ނަބަވީ އިރުޝާދުގައި ވެއެވެ. އެހެންކަމުން މިކަހަލަ ރަނުގެ ފުރުޞަތެއް ނަގާނުލާވޭތޯ ހިތްމަތްކުރަންވާނެއެވެ.

މިނޫނަސް، އަޅުގަނޑުމެންނަށް މިރަމަޟާން މަހުގެ ފަހު ދިހައެއް އެންމެ ރަނގަޅުގޮތުގައި ބޭނުންކުރުމަށް ކުރެވިދާނެކަންކަން ހުންނާނެއެވެ. އެހެންނަމަވެސް، މި ބަޔާންކޮށްލަދިން ކަންކަމުންވެސް، އަޅުގަނޑުމެން ޢަމަލުތަކުގައި ތެދުވެރިވެ، ﷲގެ ޘަވާބާއި ދަރުމަ އެދިގެން، އެކަންކަން ކޮށްފިނަމަ، އަޅުގަނޑުމެންގެ ހެޔޮކަމުގެ ތިލަފަތް ބަރުވެގެންދާނެ ކަންކަމަށް އެކަންތައްތައް ވާނެއެވެ. އިންޝާﷲ.

އަޅުގަނޑުމެން އެންމެންނަށްވެސް ރަމަޟާން މަހުގެ ފަހު ދިހައަކާއި ބައްދަލުވުމުގެ ނަޞީބުލިބި، އެދުވަސްތަކުގައި އަޅުކަންކުރުމުގެ ތައުފީޤު ދެއްވާށިއެވެ. އަދި އަޅުގަނޑުމެންގެ އިސްވެދިޔަ ހުރިހާ ފާފައެއް ފޮހެވި، އަޅުގަނޑުމެން ސުވަރުގެ ދިއުމަށް ކޮށޭ މަގެއްގެ ގޮތުގައި މި ރަމަޟާންމަސް ލައްވާށިއެވެ. އާމީން.

Copyright © 2024 Faaru News
Made with by Afeef & Noor