އަނގަޔަށް ވިރޭ ބުރު ހަމަ ހަނދެއް ފަދަ ރޮއްޓެއް ފިހެލަން ބޭނުން ހެއްޔެވެ!

އާސިޔާ
އާސިޔާ
3 އަހަރު ކުރިން
2 މިނިޓް

ރޮއްޓާއި ނުލާ ދިވެހިންގެ ހެނދުނުގެ ނާސްތާ ފުރިހަމައެއް ނުވާނެއެވެ. އެކި މީހުންނަށް ރޮށި ކަމުދަނީ އެކި ގޮތަށެވެ. ބައެއް މީހުންނަށް ހުނި ލައިގެން ރޮށި ކަމުދާ އިރު ތެޔޮ ރޮށި ނޫނީ ނުދިރޭ ބަޔަކު ވެސް އުޅެއެވެ. މީގެ ތެރެއިން ވެސް އެންމެ ޙާއްސަ އެއް ބަޔަކީ ބުރުހަމަ، ފަށުވި ކޮޅެއްހާ ތުނި، އަނގަޔަށް ވިރޭ ފަދަ މަޑު ރޮއްޓަށް ލޯބި ކުރާ މީހުންނެވެ. މިފަދަ ރޮއްޓެއް ފިހަން ކުރަން ޖެހޭ އުދަނގޫ ދަތުރު އިނގޭނީ ހަމަ އަންހެނުންނަށެވެ. މި ބަޔާން ކޮއްލަނީ މިފަދަ ރޮއްޓާއި ބެހޭގޮތުން އަޅުގަނޑު ކުރި ދިރާސާއެކެވެ.

ކޮންމެ އެއްޗެއް ކެއްކުމުގައި ވެސް އެންމެ މުހިންމު އެއް ކަމަކީ އެއަށް އަޅަން ޖެހޭ އެއްޗެހި މިނަށް އެޅުމެވެ.އެގޮތުން ރޮށި ފިހުމުގައި ވެސް އެންމެ މުހިއްމު ކަމަކީ މިނަށް ތަކެތި އެޅުމެވެ.ރޮއްޓަށް އަޅަންޖެހޭ ތަކެތި މަދު ކަމުގައި ވީ ނަމަވެސް އަޅަން ޖެހޭ މިންވަރަށް ވުރެ އިތުރު ވިޔަސް ނުވަތަ މަދުވިޔަސް ރޮށި ފިހަން ދަތިތަކާއި ކުރިމަތިވެއެވެ.

ތެޔޮ

ތެލަކީ ރޮށީގެ އެންމެ މުހިއްމު އެކައްޗެވެ. ތެޔޮ ގިނަވެއްޖެ ނަމަ ރޮށި ދަމަމުން ދާ ވަގުތު ހަލާކު ވުން ވަރަށް ގާތެވެ. ތެޔޮ މަދު ވެއްޖެ ނަމަ ރޮށި ހަރު ވުމަށް މަގުފަހިވެއެވެ. މިނަށް ތެޔޮ އެޅުމަށް ފުށުގެ މެދުން ވަޅެއް ހެދުމަށް ފަހު ތެޔޮ އެޅުމަކީ އެންމެ ފަސޭހަ ގޮތެވެ .

ކިރު

ތިހީކުރައްވަނީ ރަނގަޅަކަށް ނޫނެވެ. ފުށް މޮޑޭ އިރު ކިރުއަޅައިގެން ރަހަޔަކަށް އެއްވެސް ބަދަލެއް ނާންނާނެވެ. ބަދަލުގައި ރޯކިރު އެޅުމުން، ރޮއްޓަށް އަނގަޔަށް ވިރިގެންދާ ފަދަ މަޑު ކަމެއް އަންނާނެއެވެ. ނަމަވެސް އެއީ މިނަށް އަޅައިފި ނަމައެވެ. ކިރިޔާ ވެސް ގިނަވެއްޖެނަމަ ފުށްގަނޑު ހަލާކުވާނެއެވެ.ފުށްގަނޑަށް ޖަހާނީ ދޭއް ނުވަތަ ތިން ތިކި ރޯކިރެވެ.

ފެން

މަޑު ރޮއްޓެއް ބޭނުންނަމަ ކެކިކެކި ހުންނަ ހޫނު ފެން ބޭނުން ކުރަންވާނެއެވެ. ފެން އަޅަންވާނީ ލަސްލަހުންނެވެ. ފެން އަޅަމުން ދާ ވަރަކުން ސަމުސަލަކުން ނުވަތަ ދޭފަތަކުން ފުއްގަނޑު މޮޑެންވާނެއެވެ. މޮޑެވޭ ވަރަށް ފެން އެޅުމަށް ފަހު ދެން އޮންނާނީ އެންމެ މުހިއްމު ބައެވެ. އެއީ ފުށް މޮޑުމެވެ. ފުށް ހޫނު ކޮއް ހުއްޓާ ވީހާވެސް ގިނައިރު މޮޑުމަކީ ފުށްގަނޑު މަޑުވާނޭ ކަމެކެވެ. އަދި ރޮށި ދަމަން ވެސް ފަސޭހަވާނޭ ކަމެކެވެ. މިދެންނެވި ގޮތައް ފުށް މޮޑެވިއްޖެ ނަމަ ރޮށި އޮންނާނީ ބުރުހަމަ ހަނދެއް ފަދައިންނެވެ.

އިނގޭ ހެއްޔެވެ. އަޅުގަނޑުމެންގެ ދަރިންނަކީ ވެސް ރޮށި ފިހަން މޮޑޭ ފުށްގަނޑެއް ފަދަ ބަޔެކެވެ. ދަރިން ތަރުބިއްޔަތު ކުރުމަށް ވެސް ފުރަތަމަ ކަމަކަށް އެކަމުގެ ޢިލްމު ލިބިގަނެ ދިރާސާ ކުރަންޖެހެއެވެ. ދެން އޮންނާނީ މިނަށް ތަކެތި އެޅުމެވެ. ތެލަކީ ކުއްޖާ އަށް ދޭން ޖެހޭ ލޯއްބެވެ.ގިނަ ވެއްޖެނަމަ ރޮށި ދަމަމުންދާ ވަރަކަށް ހަލާކުވާ ފަދައިން ދަރިންވެސް ބޮޑުވަމުންދާ ވަރަކަށް ހަލާކުވެދާނެއެވެ. ކިރަކީ ކުއްޖާއަށް ދޭން ޖެހޭ މިނިވަންކަމެވެ. ކުޑައިރުންސުރެ އަމިއްލަ ގޮތް އިޚްތިޔާރު ކުރުމުގެ ފުރުސަތު ކުދިންނަށް ދިނުމަކީ ކުއްޖާ އަމިއްލަ ނަފްސަށް އިތުބާރުކުރަން ދަސްވެ،ބެލެނިވެރިންނާއި އޮންނަ ގުޅުން ރަނގަޅުވާނޭ ކަމެކެވެ. ނަމަވެސް ދޭންވާ މިންވަރަށް ވުރެ އިތުރު ވެއްޖެނަމަ ނަތީޖާ ވަރަށް ހިތިވެދާނެއެވެ.

ފެނަކީ ކުއްޖާ އަށް ތިބާ ދޭ ތަޢުލީމާއި، ކުއްޖާ ކިބައިގައި ހަރުލައްވަން ބޭނުންވާ އާދަތަކެވެ. އެކަންކަމަކީ ފުށްގަނޑަށް ފެން އަޅާ ބީދައިން ލަސްލަހުން ކުއްޖާ އެކަންކަމަށް ހޭނޭވަރަކުން ކުރަންޖެހޭ ކަންކަމެވެ. ދެން އޮތީ އެންމެ މުހިއްމު ކަމެވެ. އެއީ ކުއްޖާ ތަރުބިއްޔަތު ކުރުމެވެ. ފުށްގަނޑު ރަނގަޅަށް ނުމޮޑެވެނިސް ރޮށި ދަމަން އުޅެފިނަމަ ހަލާކުވެދާ ފަދައިން ކުދިންވެސް ވަކި ހިސާބަކުން ދޫކޮއްލައިފިނަމަ ހަލާކުވެދާނެއެވެ. ވީމާ ރަނގަޅު އާދަތައް މަތީ ކުއްޖާ ތަރުބިއްޔަތު ކުރުމުގައި އެކަށީގެންވާ ވަގުތު ހޭދަކުރަން ޖެހެއެވެ. ތިބާއަށް ފުރުސަތު އޮތީ ފުށްގަނޑު މޮޑެ، ގުޅަ ޖަހަންދެނެވެ. އޭގެ ފަހުގައި، ހިކި ފުށް އަޅައިގެންވެސް އެދެވޭ ނަތީޖާއެއް ނުނިކުމެދާނެއެވެ.

Copyright © 2024 Faaru News
Made with by Afeef & Noor