އަލްޢަޤީދާއަކީ ކޮބާ؟
އިސްލާމީ ޢިލްމުތަކުގެ ތެރެއިން އެއްމެ މުހިއްމު އެއް ޢިލްމަކީ ޢަޤީދާގެ ޢިލްމެވެ. މުކައްލަފަކު އިސްލާމްދީނަށް ވަންނަ ހިނދު އޭނާއަށްވާ އެއްމެ ފުރަތަމަ ވާޖިބަކީ ތައުޙީދާއި ޢަޤީދާ މަޢުރިފާކޮށް ދެނެގަތުމެވެ. މިހެންކަމުން މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ މުޢާޛު ބިން ޖަބަލު، އިސްލާމީ ދަޢުވަތު ދެއްވުމަށް ޔަމަނަށް ފޮނުއްވަމުން ނަޞޭޙަތް ދެއްވާ ޙަދީޘްކުރެއްވިއެވެ. ((فليَكن أوَّل ما تدعوهم إليه أن يُوحدوا الله تعالى، فإذا عرَفوا ذلك، فأخْبِرهم أن الله فرَض عليهم خمس صلوات)) رواه البخاري في صحيحه، رقم (7372)، والترمذي في سننه، رقم (2901).
މާނައީ: "ފަހެ ކަލޭގެފާނު އެބައިމީހުންނަށް ފުރަތަމަވެސް ގޮވާލައްވާ ކަމަކީ ﷲ ތަޢާލާ އެއްކައުވަންތަ ކުރުން ކަމުގައި ހައްދަވާށެވެ. އެކަންތައް އެބައިމީހުން ދެނެގަންފިނަމަ ﷲ ތައާލާ އެބައިމީހުންނަށް 5 ނަމާދު ފަރުޟުކުރެއްވިކަމުގެ ޚަބަރު ދެއްވާށެވެ."
ހަމަ އެފަދައިން ކޮންމެ ރަސޫލެއްގެވެސް އެއްމެ ފުރަތަމަ ވަޒީފާއެއް ކަމުގައިވަނީ މާތް ﷲ އެއްކައުވަންތަކުރުމަށާއި ޞައްޙަ ޢަޤީދާއަށް ގޮވާލެއްވުމެވެ.
މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރްއާނުގައި ޥަޙީ ކުރައްވާފައިވެއެވެ. وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَـٰهَ إِلَّا أَنَا فَاعْبُدُونِ ﴿٢٥﴾ މާނަައީ: ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ إله އަކު ނުވާކަމަށް އެބޭކަލަކަށް وحي ނުކުރައްވާ އެއްވެސް رسول އަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންރަސްކަލާނގެއަށް އަޅުކަން ކުރާށެވެ!
މިހެންކަމުން މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ މައްކާގައި ހޭދަކުރެއްވި 13 އަހަރު ހޭދަކުރެއްވީވެސް މީސްތަކުންނަށް ޞައްޙަ ޢަޤީދާއަށް ގޮވާލެއްވުމަށެވެ. އިތުރު އެކަލޭގެފާނު މައްކާގައި ހޭދަކުރެއްވި މުއްދަތުގައި ދީނުގެ ގިނަ އަޅުކަންތަކާއި މުޢާމަލާތުތަކާއި ގުޅޭ ޙުކުމުތަކެއް ބާއްވައެއްނުލެއްވެއެވެ. އެކަލޭގެފާނު ނަބީކަމައިގެން ފޮނުއްވުނީއްސުރެން މަދިނާއަށް ހިޖުރަކުރައްވަންދެން، އެކަލޭގެފާނަށް މައްކާގަޔާއި، ޠާއިފުގައި ކުރެވުނު ހުރިހާ ފުރައްސާރައެއް ތަހައްމަލުކުރެއްވީ މިޢަޤީދާ ފެތުރުއްވުމުގައެވެ.
ޢަރަބި ބަހުގައި ޢަލްޢަޤީދާގެ މާނަ:
އަލްޢަޤީދާ މިލަފްޡު ނެގިފައިވަނީ ޢަޤަދަ މިލަފްޡުންނެވެ. މާނައަކީ ބަނުން، ނުވަތަ ބާރުކުރުމެވެ. ގަދަފަދަކަމާއި ވަރުގަދަކަން މިފަދަ މާނަތައްވެސް މިކަލިމައިން ދޭހަވެއެވެ. މީހަކު އެކަމެއްގައި ގަދަފަދައަށް ހިފަހައްޓަން ޢަޒުމް ކަނޑައަޅާ ކަންކަމަށް ޢަރަބި ބަހުގައި ޢަޤުދޭ ކިޔެނީ (ކައިވެނީގެ ޢަޤުދު، ގަނެ ވިއްކުމުގެ ޢަޤުދު) މި މާނައިގައެވެ.
ޢަޤީދާގެ އިޞްޠިލާޙި ތަޢުރީފް:
ޢަޤީދާއަކީ އިންސާނާ އޭނާގެ ހިތް ވަކި ގޮތަކަށް ޢަޤްދު ކުރުމެވެ. އެއީ ދީނެއް ޤަބޫލުކޮށްގެން ކަމުގައި ވިޔަސް، ނުވަތަ ދީން ޤަބޫލު ކުރުމާއި ދުރުހެލިވުން ކަމުގައިވިޔަސް، އޭނާގެ ހިތުގައި އެއްވެސް ޝައްކެއްނެތް މިންވަރަށް ކަމެއް ޤަބޫލުކޮށްފިނަމަ އެއީ އެމީހެއްގެ ޢަޤީދާއޭ ބުނެވޭނެއެވެ.
މިހެން ވިސްނާނަމަ ޢަޤީދާއަކީ:
· އެއީ ހިތް އެކަމަކަށް ހަމަ ޖެހިފައިވާ، ނަފްސު އެކަންތައްތައް ޤަބޫލު ކުރާ، އެމީހެއްގެ ހިތުގައި އެކަންކަމަށް ފުރިހަމަ ޔަޤީންކަން ލިބި، އެއްވެސް ޝައްކެއްނުވާ ކަންތައްތަކެކެވެ. (އެމީހެއްގެ ހިތުގައި އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަޤީން ކުރެވޭ ކަންކަމެވެ.)
އިސްލާމީ ޝަރީޢަތުގައި ޢަޤީދާއަކީ:
އެއީ މާތް ﷲ ގެ އުލޫހިއްޔަތުވަންތަކަމާއި، ރުބޫބިއްޔަތުވަންތަކަމާއި، އެކަލާނގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކަށް އީމާންވުމާއި އެކު، އެކަލާނގެ ރަސޫލުންނަށާއި، މަލާއިކަތުންނަށާއި، އެކަލާނގެ ބާއްވާލެއްވި ފޮތްތަކަށް، އަދި އާޚިރަތް ދުވަހަށާއި، ހެޔޮ މިންވަރާއި ނުބައި މިންވަރަށް، އަދި އިސްލާމީ އަޞްލުތަކުން ޘާބިތުވެފައިވާ ކަންތައްތަކަށާއި އަދި ޣައިބުގައިވާ ކަންތައްތައް ހިތުން ކަށަވަރުކޮށް އެކަންކަމަށް އީމާންވުމެވެ.
މިއީ އަހްލުއްސުންނާ ވަލްޖަމާޢަތުގެ ޢަޤީދާއެވެ.