މަސައްކަތްތެރިންނަށް އެބައިމީހުންގެ އުޖޫރަ ދޭށެވެ!

އައްޝައިޚް ޢަބްދުﷲ ޝަހީދު
އައްޝައިޚް ޢަބްދުﷲ ޝަހީދު
3 އަހަރު ކުރިން
1 މިނިޓް

އިސްލާމް ދީނަކީ ރަޙްމަތުގެ ދީނެވެ. އެއްވެސް ނަފްސަކަށް ބޭއިންސާފު ކުރުމަކަށް މިދީން ޖާގައެއް ނުދެއެވެ. މިދީން ދަސްކޮށްދެއްވުމަށް ފޮނުއްވުނު ރަޙްމަތުގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم ވަނީ، އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅުން އަޅުގަނޑުމެންނަށް މި ރިވެތި ނަމޫނާ ދައްކަވާ ދެއްވާފައެވެ. މީހަކު ލައްވާ އުޖޫރައަށް މަސައްކަތެއް ކުރުވައިފިނަމަ އެކަމުގެ އުޖޫރަ ވީހާވެސް އަވަހަކަށް ދިނުމަށް ނަބިއްޔާ صلى الله عليه وسلم ކުރައްވާފައިވާ އިލްތިމާސް މިކަމުގެ ހެއްކަކަށް ފުދެއެވެ.

މިއަދު އަޅުގަނޑުމެންނަށް އެންމެ ގިނައިން އިވޭ އެއް އަޑަކީ ޙައްޤުތަކުގެ ވާހަކައެވެ. އިންސާނީ ޙައްޤުތަކެވެ. އަންހެނުންގެ ޙައްޤުތަކެވެ. ކުޑަކުދިންގެ ޙައްޤުތަކެވެ. އަދިކިއެއް ޖަނަވާރުންގެ ޙައްޤުތަކުގެ ވާހަކަވެސް އަޅުގަނޑުމެން އަޑުއަހަމުއެވެ. އަދި މަސައްކަތު މީހުންގެ ޙައްޤުތަކުގެ ވާހަކަވެސް މަދުންނަމަވެސް އަޑުއިވެއެވެ. މިއިން އެއްވެސް ޙައްޤަކީ އިސްލާމް ދީން އެ ޙައްޤެއްގެ ވާހަކަ ޛިކުރު ނުކުރައްވާ ޙައްޤެއް ނޫނެވެ. އިސްލާމް ދީނާ ބީރައްޓެހި ކަންކަމެއް ނޫނެވެ. ނަމަވެސް ހިތާމައަކީ ޙައްޤުތަކުގެ ނަމުގައި ފާހިޝް ކަންކަމަށް އަޅުގަނޑުމެން ފުރޮޅާލުމަށް މަސައްކަތް ކުރުމެވެ.

ކޮންމެއަކަސް އަޅުގަނޑު ދަންނަވާލަން މި އުޅެނީ އެކަންކަމުގެ ވާހަކައެއް ނޫނެވެ. އެހެނަސް، އެބައެއްގެ ޙައްޤުތަކެއް ވާކަމަށް ބުނެ އެބަޔަކަށްޓަކާ ކަލަންޑަރުން ވަކި ދުވަހެއް ޚާއްޞަކުރެވިފައިވާ ބައެއްގެ ވާހަކައެވެ. އާދެ 'ލޭބަރުން'ގެ ވާހަކައެވެ.

ކޮންމެ މީހަކުވެސް މަސައްކަތްކުރަނީ ދިރިއުޅުމަށްޓަކައެވެ. އުފާވެރި، ފާގަތި، ތަނަވަސް ދިރިއުޅުމެއް ލިބޭތޯއެވެ. މައިންބަފައިންނާއި އަނބިދަރިން ބެލެހެއްޓުމަށްޓަކައެވެ. ނަމަވެސް އެބައިމީހުންގެ ތެރެއިން ވަރަށް ގިނަ ބައެއްގެ ޝަކުވާއަކަށްވެފައި ވަނީ މަސައްކަތް ކުރުވުމަށްފަހު އެކަމުގެ އުޖޫރަ ނުދިނުމެވެ. ދެމަސް ތިންމަސް އަދި ހަމަސް ހަތް މަސް ވާއިރުވެސް "ދެން އަންނަމަހު ދޭނަން" ކަމަށް ބުނެ މުސާރަ ނުދޭކަމުގެ ޝަކުވާއެވެ.

އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ صلى الله عليه وسلم ގެ މި ބަސްފުޅަށް ނިކަން ބައްލަވާށެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ: ”أعطوا الأجير أجره قبل أن يجف عرقه “. މާނައަކީ؛ "އުޖޫރައަށް މަސައްކަތްކުރުވައިފި ކަމުގައިވާނަމަ އޭނާގެ ގައިން އެކަމުގެ ދާ ހިކުމުގެ ކުރިން އޭނާގެ އުޖޫރަ އޭނާއަށް ދޭށެވެ." އެކަލޭގެފާނުގެ މި އަމުރުފުޅުން ދޭހަވަނީ މުސާރަ ނުދިނުން ނުވަތަ ދިންކަމުގައި ވިޔަސް ލަސްކުރުން ހުއްދަވެގެން ނުވާކަމެވެ.

އިސްލާމް ދީނުގައި ނިކަމެއްޗެއް، ތަނަވަސް މީހެއް ތަފާތެއްނެތެވެ. ކިތަންމެ ނިކަމެތި މީހެއްކަމުގައި ވީނަމަވެސް އެމީހެއް އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ހުންނަކަމުގައިވާނަމަ، އެމީހަކާމެދު ކަންތައްކުރި ގޮތަކާމެދު ޤިޔާމަތްދުވަހުން އަޅުގަނޑުމެންނާ ސުވާލުކުރައްވާނެއެވެ. އެދުވަހުން، މަޙުޝަރު ބިމުގައި ސުވާލުކުރެއްވޭ ހިނދު އަޅުގަނޑުމެންނާ ﷲތަޢާލާއާ ދެމެދު އެއްވެސް މެދުވެރިއަކު ނުވާނެއެވެ. އަދި ތެދުތެދަށް މެނުވީ ވާހަކަވެސް ނުދެއްކޭނެއެވެ.

ވީމާ އަޅުގަނޑުމެންނަކީ އެއިލާހަށް ބިރުވެތިވެ، ނަބިއްޔާ صلى الله عليه وسلم އިރުޝާދު ދެއްވާފައިވާ ފަދައިން މީހަކު ލައްވާ އުޖޫރައަށް މަސައްކަތެއް ކުރުވައިފިނަމަ ވީހާވެސް އަވަހަކަށް އެ މީހެއްގެ ޙައްޤު އަދާކުރާ ބަޔަކަށް ވަމާ ހިންގަވާށެވެ. އެހެންނޫންކަމުގައިވާނަމަ ކަލަންޑަރުން ވަކިދުވަހެއް "ލޭބަރ ޑޭ"ގެ ގޮތުގައި ފާހަގަކޮށް ބޮޅުއަޅާފައިވިޔަސް ވާނެ ފައިދާއެއް އޮންނާނެތޯއެވެ؟

Copyright © 2024 Faaru News
Made with by Afeef & Noor