ކައުންސިލުން ރައްޔިތުންނާއި ބައްދަކުރަން ބާއްވާ ބައްދަލުވުންތަކަށް، ރައްޔިތުންގެ ގިނަ ބަޔަކު ހާޟިރުނުވާ މައްސަލައަކީ އަބަދުވެސް ދިމާވާ މައްސަލައެކެވެ. ބައެއް ފަހަރަށް އެކަކު ދެމީހަކުވެސް ތިބެދާނެއެވެ. މިހެންވެ، ކައުންސިލުން އެދިގެން، އޭގެ ބައްދަލުވުމެއްގައި، ބައްދަލުވުންތަކަށް ހާޟިރުވުމުގެ މުހިއްމުކަމާއި ބެހޭގޮތުން "ނަސޭހަތެއް" ދެވުން ހަނދާންވެސްވެއެވެ.
ބައެއް ޒުވާނުންނާއި ވަކިންވެސް ވާހަކަ ދެއްކީމެވެ. ރައްޔިތުންގެ ބައްދަލުވުންތަކަށް ނުދަނީ ކީއްވެތޯވެސް އެޒުވާނުންނާއި ސުވާލުކޮށްލުމުން އެމީހުންގެ ޖަވާބު ވަރަށްވެސް ކުރެވެ. "އެއީ ބޭކާރުކަމެކެވެ." ރައްޔިތުންގެ އަޑު ކައުންސިލުން ނާހާނެ ވާހަކަޔާއި، އެމީހުން ކަންތައް ކުރާނީ އެމީހުންނަށް ފެންނަ ގޮތަށްކަން، ސުވާލު ކުރެވުނު ގިނަ ޒުވާނުން ފާހަގަކުރިއެވެ.
ކޮންމެއަކަސް، ރައްޔިތުންގެ ތެރެއިން ބަޔަކު އުޛުރެއްގެ ގޮތުގައި އެއްކަމެއް ތަކުރާރުކޮށް ފާހަގަކުރުމުން، އެކަމުގައި ޙަޤީޤަތެއް އޮވެދާނެކަމުގައި އޭރުވެސް ޤަބޫލުކުރެވުނެވެ.
އަޅުގަނޑަށް މިކަން ފާހަގަވީ، ރަށަށް ލޯކަލް ޓޫރިޒަމް ތާޢާރަފްކުރުމަށްޓަކައި، ރަށުގެ އުތުރުން ބޮޑު ސަރަހައްދެއް ސިޓީހޮޓާއަޅަން ޚާއްޞަކުރަން ކައުންސިލުން ނިންމި ހިސާބުންނެވެ. ރަށަށް ލޯކަލް ޓޫރިޒަމް ތަޢާރަފް ކުރުމަށް ވާހަކަ ދެކެވެންފެށި އެންމެ ފުރަތަމަ ދުވަހުން ފެށިގެން، އެކަމާއި ދެކޮޅަށް އަޅުގަނޑު ވަކާލާތު ކުރީމެވެ. އަޅުގަނޑު އެކަންޏެއްނޫނެވެ. އެ ބައްދަލުވުންތަކަށް ހާޟިރުވެ ޚިޔާލު ހުށަހެޅި ގިނަ ނުވަތަ ގާތްގަނޑަކަށް ހުރިހާ އެންމެންގެވެސް ވިސްނުމަކީ ސިޓީހޮޓާ ރަށަށް ތަޢާރަފް ނުކުރުމެވެ. އެކަމަށް ބިން ދޫނުކުރުމެވެ.
ނަމަވެސް ބައްދަލުވުންތަކުގައި ރައްޔިތުން ފާޅުކުރި ޚިޔާލުތަކަށް ބީރުކަންފަތެއް ދިނުމަށްފަހު، ކައުންސިލުން ބޭނުންވާ ގޮތަށް އެބިން ލޯކަލް ޓޫރިޒަމަށް ޚާއްޞަކުރަން ނިންމާ ލޭންޑްޔޫޒް ޕްލޭން ފާސްކުރިއެވެ. އެއިން ބައްދަލުވުމެއްގައި، އެކަމަށް ފެނޭތޯ ވޯޓަކަށްވެސް އަހާނުލައެވެ. އެޕްލޭން ފާސްކޮށްފައިވަނީ ރައްޔިތުންގެ ވިސްނުމާއި ދެކޮޅަށެވެ. އެބައްދަލުވުންތަކަށް ދިޔަ ރައްޔިތުން މިކަމަށް ހެކިވާނެއެވެ.
ބައްދަލުވުންތަކުގައި، ރައްޔިތުންގެ ވޯޓަކަށް އެހުމަށް ހާޟިރުވެ ތިއްބެވި ބައެއް ބޭފުޅުން އެދުނެވެ. ނަމަވެސް، ވޯޓަށް އަހައިފިނަމަ ހާޟިރުވެ ތިބި ގިނަ ރައްޔިތުން، ބިން ދޫކުރުމާއި ދެކޮޅުވާނެކަން އެނގޭތީ ވޯޓަށް އަހަން ކައުންސިލުން ދެކޮޅުހެދިއެވެ. ރައްޔިތުންގެ ބައްދަލުވުމަކީ ގޮތް ނިންމަން ބާއްވާ ބައްދަލުވުމެއް ނޫނޭ ބުނެ އެކަމަށް ކައުންސިލުން އިންކާރުކުރިއެވެ.
ނަމަވެސް، މިފަހަކުން، ތުރުކީގެ ކުންފުންޏަކުން، ރަށަށް "ހައުސިންގ ސްކީމެއް" ތަޢާރަފްކުރަން ހުށަހާޅާފައިވާތީ އެކަމުގެ މައުލޫމާތު ދިނުމަށް ރައްޔިތުންނަށް ބޭއްވި ބައްދަލުވުމުގައި، ކައުންސިލުން ބޭނުންވާ ގޮތަށް، ހާޟިރީންގެ ގިނަބަޔަކު އެކަމަށް ތާޢީދުކުރާނެ ކަމަށް ފެނުމުން، ވޯޓަށް އަހާ ވަގުތުން އެކަން ފާސްކޮށްލިއެވެ. އެކަމައިގެން ކުރިއަށްދާން ނިންމީއެވެ. ޢަދުލުވެރިކަން ކޮބައިތޯއެވެ؟ އުސޫލު ހިފެހެއްޓިފައި ކޮބައިތޯއެވެ؟
ތިމާމެން ބޭނުންވާ ގޮތަށް ކަމެއް ފާސްވާނެކަން އެނގޭތީ ވޯޓަށްވެސް އެހެއެވެ. އެހެން ނޫންނަމަ، ރައްޔިތުންގެ ބައްދަލުވުމަކީ ވޯޓަށް އަހަން ހެޔޮވާވަރު ތަނަކަށް ނުވަނީއެވެ.
މި ދެންނެވުނު ބައްދަލުވުމުގައި އެކަމަށް ވޯޓަށް އަހާފައިވަނީ، މައްސަލަ މުޅިން ސާފުނުވާ ކަމަށް ބުނެ ރައްޔިތަކު ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް ވެސްމެއެވެ. އަދި ވޯޓަށް އަހައިގެން މިއުޅެނީ ކޮންކަމެއްކަން ސާފުނުވާ ރައްޔިތުންވެސް އެތާ ތިއްބެވެ. ނަމަވެސް، ރައްޔިތުންނަށް އެކަމާއިމެދު ވިސްނާލާ، ކަންކަން އޮޅުންފިލުވާ، ދިރާސާއެއް ކޮށްލަންވެސް ވަގުތު ނުދީ، ހަމަ އެބައްދަލުމުގައި، އަވަސް އަވަހަށް ގޮތް ނިންމާލީއެވެ.
ސިޓީ ހޮޓާ ނުގެނެވެސް ރަށަށް "ހައުސިންގ ސްކީމެއް" ތަޢާރަފް ކުރެވޭނެއެވެ. ނަމަވެސް، ކައުންސިލުން ބޭނުންވަނީ ސިޓީ ހޮޓާ ތަޢާރަފްކުރުންކަމަށް ވެފައި، ރައްޔިތުންގެ ގިނަބަޔަކު އެކަމާއި ދެކޮޅުވާނެތީވެ، ރައްޔިތުންނަށް ބޭނުންޖެހިފައިވާ ކަމެއް ދައްކައިގެން އޭގެ ނިވަލުގައި ސިޓީހޯޓާ ގެނެވޭނެ ގޮތެއް ހެދީކަމުގައި ޤަބޫލުކުރެވެއެވެ. އެ ބައްދަލުވުމުގައި ސިޓީ ހޮޓާގެ ވާހަކަ މާ ބޮޑަށް ނުދައްކާ ހައުސިންގެ ވާހަކަ އެހާ ތަފްސީލުކޮށް ދެއްކީ މިހެންވެ ކަމުގައި ބުނުމުގެ ޖާގަ އެބައޮތެވެ. ގެދޮރު ހަދަން ބޭނުންނަމަ، ސިޓީ ހޮޓާއެޅުމަށް ރުހުން ދޭން މަޖުބޫރުކުރުވީއޭވެސް ބުނެވިދާނެއެވެ.
ސިޓީ ހޯޓަލާއި ދެކޮޅަށް ރައްޔިތުން ޚިޔާލު ފާޅުކޮށް އެތައް ބައްދަލުވުމެއްގައި އަޑުއުފުލާފައިވަނިކޮށް، އެތަޢާރަފްކުރަންވެގެން، ހީލަތްތެރި ގޮތްތައް ބޭނުންކޮށްގެން، އިތުރު ބައްދަލުވުންތައް ބާއްވާ މިހަދަނީ ރައްޔިތުންގެ ޚިޔާލު ކައުންސިލަށް ބަލައި ނުގަނެވޭތީ ނޫންތޯއެވެ؟
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުންތަކަކީ ނަމެއްގައި ބާއްވާ ބައްދަލުވުންތަކެކެވެ. ވޯޓަށްވެސް އަހަނީ ތިމާމެން ބޭނުންވާ ގޮތަށް ފާސްވާނެކަމަށް ފެންނަންޏާއެވެ. މީގެ ކުރިން ބައެއް މައްސަލަ ތަކުގައި ރައްޔިތުންގެ ވޯޓަށްއަހައި އޭގެ ތެރެއިން ގިނަ ބަޔަކު ވަކި ގޮތަކަށް ވޯޓު ދިނީމާވެސް އެއާ ދެކޮޅަށްވެސް ކައުންސިލުން ކަންކަން ކޮށްފައި ހުރި ކަމުގެ ޝަކުވާ އަޑުއަހަމެވެ. ކަންމިހެން އޮތް އިރު ދެން، ރައްޔިތުން، ބައްދަލުވުންތަކަށް ނުދާ ވާހަކަ ދެއްކުމުގެ ބޭނުމެއް އެބަ އޮތްހެއްޔެވެ؟
ހުޅުދުއްފާރުގެ ރައްޔިތުންނަކީ މަޑުމައިތިރި ބަޔަކަށްވެފައި، ހަމަނުޖެހުމާއި މުޒާހަރާ ތަކާއި އެއްވުންތަކަކީ އެރައްޔިތުންގެ އަޚްލާޤްކަމުގައި ނުވާތީ އޭގެ ނާޖާއިޒް ބޭނުންހިފައި ތިމާމެން ބޭނުންގޮތަށް ކަންތައް ކޮށް ނިންމާލަނީއެވެ.
މީގެ އިތުރުން، ބައްދަލުވުންތަކަށް ދާ ބައެއް ބޭފުޅުން އެހެން ކަމެއްވެސް ފާހަގަކުރެއެވެ. އެއީ، ބައްދަލުވުންތަކަށް ކައުންސިލުން ރަނގަޅަށް ތައްޔާރު ނުވާކަމާއި، ރައްޔިތުންނާއި ބައްދަލުކުރާ ބައްދަލުކުރުންތަކަކީ މުހިއްމުކަމެއްކަމުގައި ޚުދު ކައުންސިލުންވެސް ނުދެކޭ ކަމުގެ ޝަކުވާއެވެ. ބައްދަލުވުން ދިގުލައި ގޮސް، ބައްދަލުވުމަށް ހާޟިރުވި މަދު މީހުންގެ ތެރެއިން، ގިނަ ބަޔަކު ބައްދަލުވުން ދޫކޮށްވެސް ދެއެވެ. ޚިޔާލަށް ހުޅުވާލާއިރު، ބައްދަލުވުމުގައި ތިބެނީ މަދު ބައެކެވެ.
ބައްދަލުވުންތަކުގެ ކަންކަން ހުރި ގޮތަކީ މިއީއެވެ. ކުރަންހުރި މުހިއްމު ކަންކަން ދޫކޮށްލާފައި، ވަގުތު ހުސްކޮށްގެން ބައްދަލުވުމަށްގޮސް، އެ "ދިގު، ފޫހި" ބައްދަލުވުން ނިމެންދެން ކެތްކޮށްލައިގެން ތިބެ، ޚިޔާލު ފާޅުކުރާ ރައްޔިތުންގެ ޚިޔާލު އެއްވެސް އެއްޗަކަށްނުވަނީއެވެ. ސައިހޮޓާ ތަކުންނާއި، މަގުމަތިން ޚިޔާލު ދޭ މަދުބައެއްގެ ވިސްނުމަށް ގޮތްނިންމާނަމަ ރައްޔިތުންގެ ބައްދަލުވުންތަކަށް، ވަގުތު ހުސްކޮށްގެން ދިޔުމުގެ ބޭނުމެއް އެބަ އޮތްހެއްޔެވެ؟ ކަންހުރި މަގަކީ މިއީ ކަމަށްވާއިރު، ދެން ބުނެވޭނީ ބައްދަލުވުންތަކަށް ރައްޔިތުން ނުދަނީ ހަމަހަޤީޤަތުގައިވެސް ބޭކާރު ކަމަކަށް ވާތީއެވެ.