ބަނގުރޫޓުވުމުގެ ކުރިން

އަބޫ ފާޠިމާ
އަބޫ ފާޠިމާ
3 އަހަރު ކުރިން
1 މިނިޓް

އެއްދުވަހަކު ރަސޫލާ صلى الله عليه وسلم އަޞްޙާބު ބޭކަލުންނަށް ޙަދީޘްކުރެއްވިއެވެ. ބަނގުރޫޓުވެފައިވާ މީހަކީ ކާކުކަން ތިޔަ ބޭކަލުންނަށް އެނގިލައްވާތޯއެވެ. އެހިނދު އެބޭކަލުން ދެންނެވިއެވެ. ބަނގުރޫޓުވެފަވާ މީހަކީ އެމީހެއްގެ އަތުގަ ދިރުހަމެއް މުދަލެއް ނެތް މީހާއެވެ. އެހިނދު ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުއްމަތުގައި ބަނގުރޫޓުވެފައިވާ މީހަކީ ޤިޔާމަތް ދުވަހު الله ގެ ޙަޟްރަތަށް އެތަކެއް ބޮޑެތި ޘަވާބާ ދަރުމަ ހިމެނޭ ޢަމަލުތަކެއް، ނަމާދާއި، ރޯދައާއި ޒަކާތް ފަދަ އެތަކެއް ޢަމަލުތަކެއް ހިފައިގެން އަންނަ މީހާއެވެ. އެހެނެއްކަމަކު އޭނާ އަންނާނީ ކޮންމެވެސް މީހެއްގެ ބޮލުގަ ޒިނޭގެ ތުހުމަތު އަޅުވާފައި، ކޮންމެވެސް މީހެއްގެ މުދާ ކައިފައި، ކޮންމެވެސް  މީހެއްގެ ލޭ އޮހޮރުވާލާފައެވެ. އަދި އެވެނި މިވެނި މީހެއް ގައިގަ ޖަހާފަ އަނިޔާ ކޮށްފައެވެ. ދެން އޭނާގެ ހެޔޮ ޢަމަލުތައް އެވެނި މިވެނި މީހަކަށް ދީ އޭނާގެ ހެޔޮ ޢަމަލުތައް ހުސްވެދެއެވެ. ނަމަވެސް އޭނާގެ ފަރާތުން އަނިޔާ ލިބިފައިވާ މީހުންގެ ޙައްޤުތައް އަދާކޮށް ނުނިމޭނެއެވެ. ދެން އެމީހުންގެ ނުބައި ކަންތައްތައް އޭނާގެ ބޮލުގައި އަޅަން ޖެހިދެއެވެ. އެއާއެކު އޭނާ ނަރަކައަށް އެއްލާ ލެވޭނެތެވެ. ތިމަންކަލޭގެފާނުގެ އުއްމަތުގައި ބަނގުރޫޓުވެފަވާ މީހަކީ އެފަދަ މީހާއެވެ.

 އެކުވެރިންނޭވެ. އެހެންކަމުން އަޅުގަނޑުމެން އަޅުގަނޑުމެންގެ ދުލަށް ރައްކާތެރިވާން ޖެހެއެވެ. އަޅުގަނޑުމެން އަޅުގަނޑުމެންގެ އަތާ ފައިގެ ނުބައިކަމުން އަޅުގަނޑުމެންގެ އެހެނިހެން މުސްލިމް އަޚުންނާ އުޚްތުން ރައްކާތެރިކުރަންޖެހެއެވެ. އަނިޔާވެރިކަމުން އެއްވެސް މިންވަރެއް އަޅުގަނޑުމެންގެ ފަރާތުން އެހެން މީހަކަށް ފޯރާފައިވާނަމަ އެމީހެއްގެ ފަރާތުން މަޢާފަށް އެދި އެކަމެއް ޙައްލުކުރަންޖެހެއެވެ.

މާދަމާ ޤިޔާމަތް ދުވަހު އެކަން ޙައްލުކުރަން ވެއްޖެނަމަ އެއީ އެމީހަކަށް ލިބިގެންދާނޭ ބޮޑުވެގެންވާ ގެއްލުމެކެވެ. ބަނގުރޫޓުވެ ނަރަކައަށް ވަންނަން ޖެހޭ ފަދަ މީހަކަށް ވެދާނެތީއެވެ. އެހެންކަމުން މިފަދަ ކަންކަމަށް ސަމާލުވެ އަޅުގަނޑުމެންގެ ޢަމަލުތައް އިޞްލާޙުކޮށްލަމާތޯއެވެ.

Copyright © 2024 Faaru News
Made with by Afeef & Noor