"އެހެން ފާފަތައް މަނާ ނުކުރާތީ މިޔުޒިކު ޝޯވ ހުއްދަވަނީތޯ؟"

އައްޝައިޚް ޢަބްދުﷲ ޝަހީދު
އައްޝައިޚް ޢަބްދުﷲ ޝަހީދު
5 މަސް ކުރިން
2 މިނިޓް

މިޔުޒިކު ޝޯވއަކީ މުންކަރާތެކޭ ބުނެވޭ ކޮންމެ ފަހަރަކު، "ތިޔަ މީހުންނަށް މުންކަރާތް ފެންނަނީ ޢީދު އައިމަ ދޯ؟" އޭބުނެ، "މުޖުތަމަޢުގައި މިފަދަ އެތައް ފާފަތަކެއް ކުރެވޭއިރު އެކަން މަނާ ނުކުރަނީ ކީއްވެހެއްޔެވެ؟" ކިޔާ ސުވާލު ކުރުމަކީ ޢާންމުކަމެކެވެ. އެހެންކަމުން މިކަމަށް އަލިއަޅުވާލާ ލިޔުމެއް ޚާއްޞަކޮށްލާ ހިތްވީއެވެ. ވިދާޅުވުމުގައި ކުރިއަށް ވަޑައިގަންނަވާށެވެ.

ޙަޤީޤަތުގައިވެސް އަޅުގަނޑުމެންގެ މުޖުތަމަޢުތަކުގައި ނުކުރާ ފާފައެއް ނެތޭ ދެންނެވުމަކީ ދޮގަކަށް ނުވާނެ މިންވަރަށް ފާފަތައް ވަނީ ފެތުރިފައެވެ. ސިޙުރު ހެދުމާއި ޒިނޭކުރުމާއި މަސްތުވުމާއި މިޔުޒިކު ކުޅުމާއި އެ އަޑުއެހުމާއި ރިޝްވަތު ދިނުމާއި އޭގައި ހިފުމާއި ރިބާކެއުމާއި ޖުވާކުޅުމާއި ޤަޛްފުކުރުމާއި ވައްކަންކުރުމާއި ހިލޭ ފިރިހެނުންގެ ކުރިމަތީގައި އަންހެނުން އެކަނބަލުންގެ ވަނާތައް ފާޅުކުރުމާއި ދޮގު ވާހަކަތައް ފެތުރި މިއަދުގެ މުޖުތަމަޢުތައްވަނީ އެ ފާފަތަކުން ކިލަނބުވެފައެވެ. މިއާއެކު ބައެއް ފަރާތްތަކުން އުފައްދާ ސުވާލަކީ މިއީ މުޖުތަމަޢުގައި މިހާ ބޮޑަށް ވަކި ހިއްޕާލާފައިވާ މުންކަރާތްތަކެއް ނަމަވެސް، ޢިލްމުވެރިން އެ ވާހަކަތައް ނުދައްކަވަނީ ކީއްވެހެއްޔެވެ؟ "ހަމައެކަނި" މިޔުޒިކު ޝޯތަކުގެ ވާހަކަ ދައްކަވަނީ ކީއްވެ ހެއްޔެވެ؟ މުސްލިމުންގެ ޢީދުތައް ފާހަގަކުރުމަށް ދީނުގައި ޝަރުޢުކުރައްވާފައި ވީނަމަވެސް، ޢީދު "ފަނި" ކުރުމަށް ޢިލްމުވެރިން ބޭނުންވަނީ ހެއްޔެވެ؟

ދަންނަވަންތޯއެވެ! ފުރަތަމަ ކަމަކަށް، ޢިލްމުވެރިން މި ހުރިހާ ފާފަތަކެއްގެ ވާހަކަތައްވެސް ދައްކަވައެވެ! ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތަކާއި އެނޫންވެސް މަޖިލިސްތަކުގައި އެބޭފުޅުން ދަރުސްތައް ދެއްވައެވެ. ސުވަރުގެއާއި ނަރަކައިގެ ވާހަކަތައް ދައްކަވައެވެ. ސުވަރުގެވަންތަ ޢަމަލުތަކުގެ ވާހަކައިން ހިތްވަރު ދެއްވައެވެ. ނަރަކަވަންތަ ޢަމަލުތަކުގެ ވާހަކައިން އިންޛާރު ދެއްވައެވެ. މި ދަރުސްތައް ދެއްވަނީކީ ސިއްރަކުން ނޫނެވެ. ކުރިން އިޢުލާނުކުރެވި 'ޕްލޭން'ކުރެވިގެންނެވެ. އަދި ބައެއް ފަހަރު އެ ދަރުސްތައް ފޭސްބުކް ނުވަތަ ޔޫޓިޔުބް މެދުވެރިކޮށް 'ލައިވް'ވެސް ކުރެއެވެ. އެއަށްފަހު ލިޔުންތަކާއި ޚަބަރުތަކުގެ ޞިފައިގައި އޮންލައިން ނޫސްތަކުގައި ޝާއިޢުވެސް ކުރެވެއެވެ. ބަޔަކަށް އަޑު ނީވުމަކީ ނުވަތަ ނުފެނުމަކީ ޢިލްމުވެރިންގެ ކުށެއްނޫނެވެ!

ދެވަނަ ކަމަކަށް، ސްޓޭޖް ޝޯތަކަކީ އޭގައި އެތައް ފާފައެއް އެކުލެވޭ ބޮޑުވެގެންވާ މުންކަރާތަކަށްވުމަކީ އެ ވާހަކަތައް ހަރުއަޑުން ދައްކަންޖެހޭ ސަބަބެކެވެ. އެގޮތުން، އެފަދަ ޝޯތަކުގައި މިޔުޒިކު ހިމެނެއެވެ. އަންހެން ކަނބަލުން އެކަނބަލުންގެ ޒީނަތްތައް ހިލޭ ފިރިހެނުންގެ ކުރިމަތީގައި ފާޅުކުރެއެވެ. ހިލޭ އަންހެނުންނާއި ފިރހެނުން މަސްހުނިވެ ގައިގޯޅިވެއެވެ. މުޖުތަމަޢުގެ އެހެން ފަރުދުންނަށް އުނދަގޫވާ ވަރަށް އަޑުގަދަ ކުރެއެވެ. މީގެ އިތުރުން އެފަދަ ޝޯތަކުގެ ފެށުމާއި އާޚިރު ނަތީޖާވެސް އެހާމެ ހިއްޗެވެ! ޅަ ދަރިންގެ އަޚްލާޤަށް ނުބައި އަސަރުކުރެއެވެ. ޝޯތަކަށް ފަރިތަކުރުމުގެ ތެރެއިންނާއި، އޭގެ ފަހުން ނުބައި ފާހިޝް ޢަމަލުތަކަށް އަރައިގަތުމާއި، މަސްތުވުމަކީ މި ދިވެހި މުޖުތަމަޢުގައިވެސް ހިނގާ ކަންކަމެވެ.

ތިންވަނަ ކަމަކަށް، ސްޓޭޖް ޝޯތަކާ ޚިލާފަށް އެހެން މުންކަރާތްތައް މިވީހާ ތަނަކަށް މީސްތަކުންނަށް ފާޅުގައި ދަޢުވަތު ދެވި، އިސްތިހާރުކޮށްގެން ކުރާކަމެއް އަޅުގަނޑަށް އެނގިފައެއް ނެތެވެ. އެހެންކަމުން ސިއްރުން ކުރާ ފާފަތަކުގެ ވާހަކަ ދައްކާވަރަށްވުރެ މާ ބާރަށް އެ ފާފައިގެ ވާހަކަ ދައްކާނެއެވެ. މުޅި މުޖުތަމަޢު ބައިވެރިކޮށްގެން އެފަދަ މުންކަރާތެއް ކުރާ ހިނދު، اللهގެ ކޯފާއެއް އަތުވެދާނެކަމަށް ޢިލްމުވެރިން އިންޛާރު ނުދެއްވާ ތިއްބެވުމަކީ އެބޭކަލުން ފާފަވެރިވާނެ ކަމެކެވެ. ބަނީ އިސްރާއީލުގެ ދަރިންގެ ވާހަކަ ބަޔާންކުރައްވާ الله ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. لُعِنَ الَّذِينَ كَفَرُوا مِن بَنِي إِسْرَائِيلَ عَلَىٰ لِسَانِ دَاوُودَ وَعِيسَى ابْنِ مَرْيَمَ ۚ ذَٰلِكَ بِمَا عَصَوا وَّكَانُوا يَعْتَدُونَ ‎﴿٧٨﴾‏ كَانُوا لَا يَتَنَاهَوْنَ عَن مُّنكَرٍ فَعَلُوهُ ۚ لَبِئْسَ مَا كَانُوا يَفْعَلُونَ ‎﴿٧٩﴾ - المائدة ٧٨، ٧٩ - މާނައަކީ: "އިސްރާއީލުގެ ދަރިންގެ ތެރެއިން، ކާފިރުވި މީހުންނަށް، ދާވޫދުގެފާނާއި މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނުގެ ދޫފުޅުމަތިން ލައުނަތް ލައްވާފައިވެއެވެ. އެއީ އެބައިމީހުން އުރެދުނު ކަމަށް ޓަކައެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅައިދާކަމުގައި އެބައިމީހުން ވީކަމަށް ޓަކައެވެ. އެބައިމީހުން ކުރި ނުބައިކަންތައް، އެއްބަޔަކު އަނެއްބަޔަކަށް ނަހީކޮށެއް ނުއުޅެތެވެ. އެބައިމީހުން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ"!

މިނޫނަސް ސަބަބުތައް ބައިވަރެވެ. އެހެންކަމުން އެއް ފާފައެއްގެ ވާހަކަ ދައްކަވާފައި އަނެއް ފާފައެއްގެ ވާހަކަ ޢިލްމުވެރިން ނުދައްކަވާ ކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެކެވެ. އަނެއްކޮޅުން އެކަން އެ މަގުން ހިނގި ނަމަވެސް އެއީ މި ފާފަތައްކުރުން ހުއްދަވާނެ ކަމެއް ނޫނެވެ! އެކަމަށް ދެއްކެން އޮތް ޙުއްޖަތެއްވެސް ނޫނެވެ! ރަމަޟާން މަހުގެ ދަރުސްތަކުގައި ޙައްޖުގެ މާތްކަމުގެ ވާހަކަދެއްކުން މުނާސަބެއް ނޫނެވެ. ޙައްޖު މޫސުމުގައި ރަމަޟާން މަހުގެ ވާހަކަ ދެއްކުން މުނާސަބެއް ނޫނެވެ. ކަން މިހެން އޮތްއިރު ފާފައެއް އެންމެ ބޮޑަށް ފެތުރި ޢާންމުވާ ހިނދު، އެ ވާހަކައެއް ދެއްކުން އެންމެ މުނާސަބު ވާނީ އެކަމެއް ހިނގާ ދުވަސްވަރުގައިކަންވެސް ދަންނާށެވެ!

Copyright © 2024 Faaru News
Made with by Afeef & Noor