ޢީދަކީ، އުފާ ފާޅުކުރުމަށްޓަކައި މާތްﷲ ޝަރުޢުކުރެއްވި ދުވަހެކެވެ. އެދުވަސް ލެއްވުނީ ހެޔޮކަމުގެ މޫސުމެއްގައި އަޅުކަން ކުރުމުގެ ތައުފީޤް ލިބުނީތީ އެކަމުގެ އުފާފާޅު ކުރުމަށްޓަކައެވެ. އެހެންކަމުން ޢީދު ދުވަހު އުފާފާޅު ކުރުމަކީ ޝަރުޢީ ދީނީ ކަމެކެވެ. ވުމާއެކު، އެދުވަސްތަކުގައި އުފާފާޅުކުރަންވާނީވެސް ޝަރުޢީ މިންގަނޑުގެ ތެރޭގައެވެ.
ނަމަވެސް ހިތާމައަކީ، އަހަރެމެންގެ މި އިސްލާމީ މުޖުތަމައުގައިވެސް ޢީދު ފާހަގަ ކުރުމުގެ ނަމުގައި އެކި ކަހަލަ މުންކަރާތްތަކަށް އަރައިގަތުން މިވަނީ އާއްމު ކަމަކަށް ހަދާފައެވެ. އެއީ ދީނުގައި ހުއްދަ ކަމެކޭ ބައެއް މީހުންނަށް ހީވާކަހަލައެވެ. ޢީދުތަކުގައި މިއުޒިކް ޝޯތަށް ބާއްވާ، ޝަރުޢީ މިންގަނޑާއި ޚިލާފަށް ހެދުން އަޅާ އުޅޭ މީހުން ގެނެސް، ފިރިހެނުންނާއި ކުޑަކުދިންގެ ކުރިމަތީ ނަށުވާ ހެދުން "އޯކޭ" ނުވަތަ "ސަޅި" ވާ މީހުން އަހަރެމެންގެ ތެރޭގައި އެބަ އުޅެއެވެ. އެކަން ކަމަށް އިންކާރު ކުރުމަކީ އެއީ ހަރުކަށި ކަމެއްކަމަށާއި، އެއީ ހައްދު ފަހަނަ އެޅުން ކަމަށް ބުނާ މީހުން އެބަ އުޅެއެވެ. މިވެސް އަހަރެމެންގެ ތެރޭގައި އުޅޭ ބައެއް މުސްލިމުންގެ ހާލެވެ.
މިފަދަ ބައެއް މީހުން ގާތު އެފަދަ މުންކަރާތްތަކާއި ދެކޮޅަށް ވާހަކަ ދެކެވިއްޖެނަމަ، ދެން ޢީދުވެސް ފާހަގަ ނުކުރާންވީހޭ ބުނެ އެކި ބަހަނާތައް ދައްކައެވެ. ތިމަންމެން މިކުރާ ކަންކަމާއި ކަލޭމެން ނުބެހި ތިބޭށޭ، ތިމަންމެން ޢީދު ފާހަގަކުރާނެ ގޮތް އެނގޭނީ ތިމަންމެންނަށޭ ބުނެ، ނަސޭހަތުން މޫނު އަނބުރާލައެވެ.
މިފަދަ ހުރިހާ ފަރާތްތަކަށްވެސް ނަސޭހަތެއްގެ ގޮތުގައި ބުނެލަމެވެ. އަޅުގަނޑުމެން ދުނިޔޭގައި ލެއްވިފައިވަނީ ﷲ އަށް ކިޔަމަންތެރިކަން އަދާ ކުރުމަށެވެ! ހިތަށް އެރިހާ ގޮތަށް މިތާ އުޅޭކަން ނޫނެވެ. ( أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ ) - المؤمنون 115 - މާނައީ: "ތިމަންއިލާހު ތިޔަބައިމީހުން ހެއްދެވީ ބޭކާރު ގޮތެއްގައި ކަމަށް ތިޔަބައިމީހުން ހީކުރަނީ ހެއްޔެވެ؟ އަދި ތިމަން އިލާހުގެ ހަޟްރަތަށް ރުޖޫޢަނުކުރައްވާނެ ކަމަށް ތިޔަބައިމީހުން ހީކުރަނީ ހެއްޔެވެ؟"
ތިމަންމެން މިކުރާ ކަންކަމާ ބެހުމުގެ ޙައްޤެއް ނޯންނާނޭ ބުނާއިރު، މާތްﷲގެ ބިމުގައި އެއިލާހުގެ އުޑުދަށުގައި އެއިލާހު ދެއްވި ރިޒްޤުން ކައިގެން އެއިލާހަށް އުރެދެން އަހަރަމެންނަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ! އެއިލާހު މިބިންމަތީގައި އަހަރެމެން ލެއްވީކީ އެ އިޚްތިޔާރު ދެއްވާފައެއް ނޫނެވެ. ﷲއަށް އުރެދި ފާފަތަކަށް އަރައިގަތުމަކީ ﷲ އެއްވެސް އަޅަކަށް ދެއްވި އިޚްތިޔާރެއް ނޫނެވެ. އެހެންނަމަ، ޤިޔާމަތްދުވަހުން އެފާފަތަކަށް އަޛާބު ކަނޑައަޅުއްވާފައެއް ނުވީހެވެ. އަދި އެފަދަ މުންކަރާތްތަށް މަނާ ކުރަން، ވެރިންނަށާއި، ޢިލްމުވެރިންނަށާއި، އަދި އެނޫން މީހުންނަށް ﷲ އަމުރެއް ނުކުރެއްވީހެވެ. އަތުން މަނާ ކުރުމުގެ ބާރު ހުރި ފަރާތްތަކަށް ބާރުގެ ބޭނުންކޮށްގެން އެކަންކަން ހުއްޓުވާކަށް ނޭންގެވީހެވެ. މިކަންކަމުން މި އެނގެނީ ﷲ އަށް އުރެދުމަކީ އެއްވެސް އިންސާނަކަށް ﷲ ދެއްވި ޙައްޤެއް ނޫންކަމެވެ.
މީހަކު މަރުވީމާ އަހަރެމެން އެންމެންވެސް ކިޔާ ޛިކުރެއް އޮވެއެވެ. އެއީ : "إِنَّا ِلله وَإِنَّا إِلّيهِ رَاجِعٌون!" މިއެވެ. މާނައީ "އަހަރެމެންނަކީ ﷲއަށް މިލްކުވެވޮޑިގެންވާ ބައެކެވެ. އަދި އަހަރެމެން ރުޖޫޢަކުރެއްވޭނީ އެއިލާހުގެ ހަޟްރަތަށެވެ!" މިޛިކުރުގެ މިބުނާ އެއްޗަކާއި މެދު އެއްފަހަރުވެސް ފުންކޮށް ވިސްނާލިން ހެއްޔެވެ! އަހަރެމެންނަކީ ﷲގެ އަޅުންނެވެ. އެއިލާހުގެ މިލްކެކެވެ. އަޅުންނަށް އަޅުންނޭ ކިޔުނީ ފުރިހަމަ އިޚްތިޔާރު އޮންނަ ބަޔަކު ކަމުގައި ނުވާތީއެވެ.
އަހަރެމެންނަކީ ﷲގެ އަޅުވެތިކަން ޤަބޫލުކުރާ ބަޔަކު ކަމުގައި ވާނަމަ، އަހަރެމެން އުޅެންޖެހޭ ގޮތްތަކާއި އުޅެގެންނުވާނެ ގޮތްތަކެއް ވާނެކަން ޤަބޫލުކުރަންޖެހެއެވެ. އަހެރެމެން ކުރަންޖެހޭ ކަންކަމަކާއި ކޮށްގެންނުވާނެ ކަންކަން ހުންނާނެކަން ޤަބޫލުކުރަންޖެހެއެވެ. މުސްލިމުންނަށް "މުސްލިމުން"ގެ ނަމުން ނަންދެވުނީ ކަމެއްވެގެންނެވެ. މުސްލިމްގެ މާނައަކީ ﷲއަށް ކިޔަމަންތެރިވާ އަޅާއެވެ.
އަދިވެސް ބުނެލަމެވެ! ﷲ ޙަރާމްކުރެއްވި ކަންކަން ރާވާ ނުހިންގާށޭ، އެކަންކަމަށް ވާގިވެރި ނުވާށޭ ބުނެ ނަސޭހަތްދެވޭ ހިނދު މިއީ "ކަލޭމެންނާ ބެހޭ ކަމެއް ނޫނޭ" ބުނެ ގަދަ ބަސް ބުނާއިރު، ތި ބަސް ރައްދުވަނީ ކާކަށް ކަމާމެދު ވިސްނާލިން ހެއްޔެވެ؟ އަޢަރު ނިވާ ނުވާ ހާލު މީސްތަކުން ކުރިމަތީ ޒީނަތްތެރިކަން ފާޅުކުރުން ހަރާމްކުރެއްވީ ކާކު ހެއްޔެވެ؟ މިއުޒިކާއެކު ނަށާ ހެދުން ހަރާމްކުރެއްވީ ކާކު ހެއްޔެވެ؟ ގައިގޯޅިވެ ބީހި އުޅުން ހަރާމްކުރެއްވީ ކާކު ހެއްޔެވެ؟ އެމުންކަރާތްތައް ފެންނަ ހިނދު އެކަން މަނާކޮށް ބަސްބުނަން އެނގެވީ ކޮން ފަރާތަކުން ހެއްޔެވެ؟ އެހެންކަމަށްވާނަމަ، "ކަލޭމެންނާ ބެހޭ ކަމެއް ނޫނޭ" މިބަސް ޙަޤީޤަތުގައި ރައްދުވާނީ ކޮން ފަރާތަކަށް ހެއްޔެވެ؟ ﷲ އާއި އެއިލާހުގެ ރަސޫލާއަށް ނޫންހެއްޔެވެ! ވިސްނާލާށެވެ!
އަދިވެސް ބުނެލަމެވެ. ހެވެއް އޮވެގެން މެނުވީ މާތްﷲ ކަމަކަށް ޢުމަރެއް ނުކުރައްވާނެއެވެ. އަދި ނުބައެއް ފަސާދައެއް އޮވެގެން މެނުވީ ކަމެއް ﷲ ހަރާމް ނުކުރައްވާނެއެވެ. ކޮންމެ ހަރާމްކަމެއްގައި، ފަރުދަށް ނުވަތަ މުޖުތަމައަށް އޭގެ ނުބައި އަސަރު ނުކޮށެއް ނުދާނެއެވެ. ތިބާ ރާވާ ހިންގާ ފާފަތަކުން މުޖުތަމަށް ކުރާ ކޮންމެ އަސަރެއްގެ ޒިންމާ ތިބާ އުފުލަން ޖެހޭނެއެވެ. އެއަޘަރުތައް ތިބާއަށް އެނގުނު ކަމުގައި ވިޔަސް ނުވަތަ ނޭންގުނު ކަމުގައިވިޔަސްމެއެވެ. (وَنَكْتُبُ مَا قَدَّمُوا وَآثَارَهُم ) "އަދި އެއުރެން އިސްކޮށްފައިވާ ޢަމަލުތަކާއި، އެއުރެން ފަހަށް ދޫކޮށްފައި ދިޔަ އަޘަރުތައްވެސް ތިމަން އިލާހު ލިޔުއްވަމެވެ."