ފާރު މިއޮތީ ރާނާ ނިމިފައެވެ. އަލްޙަމްދުލިﷲ!

ފާރު.އެމްވީ
ޙާތިމް ޔޫސުފް
ޙާތިމް ޔޫސުފް
3 އަހަރު ކުރިން
2 މިނިޓް

ފާރު.އެމްވީ ވުޖޫދުވީއެވެ! އަލްޙަމްދުލިﷲ!

ރ. ހުޅުދުއްފާރުގައި މީހުން އާބާދުވީތާ 26 އަހަރު ވެގެންދިޔަ އިރު، ރަށަށް ޚާއްޞަ ވެބްސައިޓެއް ނެތުމުގެ އުނިކަން މިހާތަނަށް މިވަނީ ދާއިމީކޮށް ފިލުވާނުލެވިފައެވެ.  ނަމަވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުގައި ހުޅުދުއްފާރު ރައްޔިތުން އުޅެނީ ވަކި ފަހަތެއްގައިވެސް ނޫން ކަންނޭނގެއެވެ. އެކިދުވަސްވަރު އެކި މަންސަތަކުގައި ރައްޔިތުންގެ ޝުޢޫރުފާޅުކުރަމުން ދާކަން ރަށުގެ ކުރު އެހެނަސް ދިރުން ގިނަ ތާރީޚަށް ބަލާލުމުން ފެނެއެވެ.

ރަސްމީކޮށް ހުޅުދުއްފާރުގައި މީހުން އާބާދުވީކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ 15 މާރޗް 1995ގައެވެ. އެދުވަހު، ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް ހުޅުދުއްފާރަށް ޒިޔާރަތްކުރެއްވި ދަތުރުފުޅުގައިވެސް، ރައްޔިތުންގެ ޝުޢޫރު ހިއްސާކުރެއްވި ގޮތް އެއީ މިއަދު ޒިކުރުކޮށްލަން މުނާސަބު ވާހަކައެކެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ފެށިފައި އޮތީ ރަށުގެ ފެށުމާ ހިސާބުންނެވެ. އެހެން ފަހަރަކުން އޭގެ ތަފްސީލަށް ދާނީދޯއެވެ!

އޭގެ ފަހުގައި، އެކި ސިފަ ސިފައިގައި މަޢުލޫމާތާއި ޚަބަރު ފެތުރުމުގެ ތަފާތު ވަސީލަތްތައް ރަށުގެ ދަރީން އީޖާދުކޮށްފައިވެއެވެ. ސަންދޯއް ނޫހުގެ ނަމުގައިވެސް ރަށުތެރޭގައި ތަފާތު ނޫހެއް އެނބުރުނެވެ. އޭގެ ފަހުން ފާނޫޒްގެ ނަމުގައި ދުވަސްކޮޅަކު ވެބްސައިޓެއް ހިންގުނެވެ. އަދި އެކި އެކި ބްލޮގްތަކާއި ފޭސްބުކް ގުރޫޕްތަކާއި ވައިބަރ ގުރޫޕްތައް މެދުވެރިކޮށް ވަރަށް މިނިވަންކަމާއެކު ޚިޔާލު ބަދަލުކުރެވެމުން ގޮސްފައިވެއެވެ.

މިއަދު އަނެއްކާ މި އިތުރުވީ މި ސިލްސިލާއަށް ވަރަށް މުޙިއްމު ބޮޅެކެވެ. ފާރު.އެމްވީ އަކީ ހުޅުދުއްފާރަށް ނިސްބަތްކޮށް ހެދޭ، ޤައުމީ އޯޑިއެންސަކަށް އަމާޒު ހިފޭ ވެބްސައިޓެކެވެ. މިއީ ލުއި ޚަބަރުތަކާއި، ލިޔުންތައް އެއްތާކުން ފެންނާނެ ވެބްސައިޓެކެވެ. ހާސަރުތަކާއި ޝަކުވާތަކާއި ކުޅިވަރާއި ވާހަކައެވެ. މަދަރުސީ ދައުރުގައި ހަދާއުޅުނު ފާރު ނޫހަކުން ފެންނާނެ ހުރިހާ ކުލައަކާއި ދެއްޔެއް މިތަނުން ފެންނާނެއެވެ.

މިއީ ފާރު.އެމްވީއަށް ފާރުގެ ނަން ދެވުން ބައެއް ސަބަބުތަކެވެ. އެއީ ރަށުގެ ނަންކަމަށްވާ ހުޅުދުއް"ފާރު"ގެ 'ފާރެވެ'. މަދަރުސީ ދައުރުގައި ހަދާ އުޅުންފަދަ "ފާރު"ނޫހުގެ ފާރެވެ. އަދި އެކި ޝުޢޫރުތައް ބަންޑުންކޮށްލަން ގޮސް ގޮބޮޅި (ނުވަތަ މިޒަމާނުގައި ސްޕްރޭފުޅިއާއި ދަވާދު ފިހި) ޖައްސާ "ފާރު"ތަކުގެ 'ފާރެވެ'.

މިނަން ކިޔަނީ ހުޅުދުއްފާރުވީމަތޯ؟

އަޅުގަނޑުމެންނަކީ ރ. ހުޅުދުއްފާރަށް ނިސްބަތްވާ ނޫހެކެވެ. ނޫހުގެ ނަމަކަށް ފާރު ކިޔިފައިވާ އެއްސަބަބަކީ އެއީ ކަމަށް ދެކުނަސް އެންމެ ރަނގަޅެވެ. އެހެނަސް، އަޅުގަނޑުމެންގެ ލިޔުންތެރިންވެސް، އަދި ކިޔުންތެރިންވެސް އެހައްދަށްވުރެ ފުޅައެވެ.

ފާރު ނޫސްވީމަތޯ؟

މަދަރުސީ ދައުރުގައި ފާރު ނޫސް ހަދާ އުޅުން ހަނދާންވޭ ހެއްޔެވެ؟ މިއީ އެފަދަ އޮންލައިން މަންސައެކެވެ. ހުރިހާ ރަހައެއްގެ ލިޔުމެއްވެސް ފެންނާނެއެވެ. އިޖްތިމާޢީ ލިޔުންތަކެވެ. ޢިލްމީ ލިޔުންތަކެވެ. ތާރީޚީ ލިޔުންތަކެވެ. ލުއި ޚަބަރުތަކެވެ. ހާސަރުތަކެވެ. ޝަކުވާތަކެވެ. ކުޅިވަރެވެ. ވާހަކައެވެ. ފާރު ނޫހަކުން ފެންނާނެ ހުރިހާ ކުލައަކާއި ދެއްޔެކެވެ.

ފާރުގައި ގޮބޮޅިން ލިޔާތީތޯ؟

ރަށްފުށުގައި ކުރިން ފެންނަނީ ހުދު ފާރުތަކުގައި ގޮބޮޅިން ލިޔެ ޝުޢޫރު ބަންޑުންކޮށްލާތަނެވެ. މިހާރު ކޮންމެސް ވަރަކަށް ދަވާދާއި ސްޕްރޭއިން މިކަން ކޮށްފަހުންނަތަން ފެނެއެވެ. އެއްބަޔަކަށް އެއީ ނާތަހުޒީބުކަމެކެވެ. އަނެއް ބަޔަކަށް އެއީ ފަންނެކެވެ. އަނެއް ބަޔަކަށް އެއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެވެ. ވަކި ކޮޅެއް ނަގާކަށް ނެތީމެވެ. މުޙިއްމީ ލިޔާ އެއްޗެކެވެ. ހެޔޮ އެއްޗެހިވެސް ފެނެއެވެ. މިގޮތަށް، ޤުރުއާންވެސް ފެނެއެވެ. އައުގުރާނަވެސް ފެނެއެވެ. ދީނީ އިރުޝާދުތަކާއި އާޔަތްތައްވެސް ފެނެއެވެ. މޮޔަ ގޮވާފަ ހުއްޓަވެސް ފެނެއެވެ. މިހުރިހާ ވައްތަރެއްގެ ލިޔުން ހުއްޓަސް އެއްގޮތްވާ ކަމެއް ވެއެވެ. މެސެޖުދޭ ވަސީލަތަކީ ފާރެއްކަމަށް ވުމެވެ. ފާރު ނޫސް ކިޔުނީ މިހެންވެ ކަމަށް ބުންޏަސް ވަރިހަމައެވެ.

ކޮންމެއަކަސް އަޅުގަނޑު މިނަން ހުށައެޅީ މަޖަލަކަށެވެ. އެއީ ވެބްސައިޓްގެ މައި ޑިވެލޮޕަރ އަށް އެއްލި ގާ ބުރިއެކެވެ. (އޭނާ މިހިސާބަށް ކިޔުން އެއީ ނާދިރުކަމެއް ކަމަށް އެނގޭތީ ބުނެލާނަމެވެ.) އޭނާގެ ބައްޕައަށް ޢަބްދުލްޣައްފާރު ކިޔާތީ ބުނެލި ނަމެކެވެ. އެހެނަސް އެންމެންނަށް މިނަން ރީތިވެފައި މާނަ ފުންވީ އެވެ. ހަހަހަ...

މިއީ ފާރު ނޫހެވެ. ކިޔުންތެރިންނަށް މަރުޙަބާއެވެ. ލިޔުންތެރިން ގޮބޮޅިއެއް ހިއްޕަވައިގެން ފާރުގައި ލިޔުއްވަން ވަޑައިގަންނަވާށެވެ.

Copyright © 2024 Faaru News
Made with by Afeef & Noor