އިސްލާމްދީނުގެ ނަޒަރުގައި "ޢިލްމު" މިލަފްޒަކީ، ހުރިހާ ދާއިރާތަކަކާއި ފަންނުތަކުގެ މަޢުލޫމާތު ހިމެނޭ ލަފްޒެކެވެ. އޭގެތެރޭގައި ޝަރްޢީ ޢިލްމުތަކާއި، އެނޫން ޢިލްމުތައް ވެސް ހިމެނެއެވެ. ޢިލްމަކީ އީމާންކަން އިތުރުކޮށް ވަރުގަދަކޮށްދޭ ވަސީލަތެކެވެ. މިފަދަ ވަސީލަތަކަށް ޢިލްމުވެފައިވަނީ މާތްﷲގެ ކުޅަދުންވަންތަ ކަމުގެ ހެކިތައް ފުރިހަމައަށް ދެނެގަނެވޭނީ، މާތްﷲ މިކައުނުގައި ލައްވާފައިވާ ޤުދްރަތީ ޤާނޫނުތަކާއި ބާރުތައް ހޯދާ ބަލާ ދިރާސާކުރާ ބަޔަކަށް ކަމަށް ވާތީއެވެ. ޢިލްމުގެ ސަބަބުން އައު މަޢުލޫމާތު ދެނެގަތުމަށް އެހީވެދެއެވެ. އަދި ވިސްނުން ތަރައްޤީކޮށް ދެއެވެ. އިންސާނާއަށް ފެންނަތަކެއްޗާއި ނުފެންނަ ބައެއްތަކެތީގެ ޙަޤީޤަތް ދެނެގަނެވެއެވެ. މިކަންކަމުގެ ސަބަބުން ޙަޟާރީގޮތުން އާ އުސްމިންތަކަށް ވާޞިވުމަށް މަގުފަހިވެގެން ދެއެވެ. ޢިލްމުގެ ސަބުން ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރައިގެން ދިއުމަށް އެހީވެދެއެވެ. އެކަމުގެ ސަބަބުން އިންސާނުން އިންސާނުން ޤާބިލު އަދި ތަހުޒީބު ބަޔަކަށް ވެގެންދެއެވެ. ޢިލްމަކީ އިންސާނުންނާއި ޖަނަވާރުންނާ ވަކިކޮށްދޭ މައިގަނޑު އަސާސެވެ. އިންސާނުންނަށް ރަނގަޅާއި ނުބައި ވަކިކުރުމުގެ ޤާބިލުކަން ލިބިގެންދަނީ ޢިލްމުގެ ސަބަބުންނެވެ. މީގެ އިތުރުން އެކި ޙާލަތްތަކުގައި އެންމެ ރަނގަޅު ނިންމުންތައް ނިންމުމަށް ޢިލްމުން އެހީވެދެއެވެ.
ޢިލްމަކީ އިންސާނާގެ ޙަޔާތުގެ އިންޖީނެވެ. ޢިލްމު އުނގެނުމަކީ، ކާމިޔާބު ދިރިއުޅުމަކަށް އެންމެ މުހިއްމު ބިންގަލެވެ. މީހުންގެ ކާމިޔާބީ މިންކުރަނީ ޢިލްމުންނެވެ. ޢިލްމުގެ ސަބަބުން މީހެއްގެ ދިރުމުގެ ޙަޔާތް ފަސޭހަވެގެން ދާނެއެވެ. ޢިލްމަކީ ރަނގަޅު ދިމާއަށް މިޞްރާބުދައްކައިދޭ އާރުކާޓީއެވެ.ޙަޔާތުގެ ކުލަތައް ތަރުޖަމާކޮށްދެނީ ޢިލްމުންނެވެ. ތިބާގެ އަތުގައި ޢިލްމު ހުރި މިންވަރަކުން ފައިދާކުރާނީ ތިބާއަށެވެ. ތިބާ ޢިލްމު ބޭނުންކުރާ މިންވަރަކުން އެހެން މީހުންނަށްވެސް އެކަމުން ފައިދާކުރާނެވެ. ޢިލްމު އުނގެނުމުގެ މައިގަނޑު މަޤުޞަކީ ތިމާ އުފެއްދެވުމުގެ ޙަޤީޤީ ބޭނުން ދެނެގަތުމެވެ،އެއީ ﷲ ތަޢަލާއަށް އަޅުވެތިވުމާއި އެކަލާނގެ ރުއްސަވާމަގުން ދުނިޔެ އާރާސްތުކުރުމާއި އުޚުރަވީ ޙަޔާތުގެ ބާއްޖަވެރިކަން ލިބިގަތުމަށް މަސައްކަތްކުރުމެވެ. އެހެންކަމުން ޢިލްމު އުނގެނުން ލައްވާފައިވަނީ ވާޖިބެއްކަމުގައެވެ. ކީރިތި މާތް ނަބިއްޔާ ޙަދީޘްކުރައްވާފައިވެއެވެ."طَلَبُالعِلْمِفَرِيضَةٌعَلَىكُلِّمُسْلِمٍ"މާނައީ: "ޢިލްމު އުނގެނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ފަރުޟެކެވެ." މިބަސްފުޅުން ދޭހަވާ ޙަޤީޤަތަކީ ޢިލްމު އުނގެނުމަކީ ވަކި ޖިންސަކަށް ކަނޑައެޅިފައިވާ ކަމެއް ނޫންކަމެވެ. މިކަމުގައި އަންހެނުންނާއި ފިރިހެނުން ހަމަހަވެގެންވެއެވެ. އަދި ޚާއްޞަކޮށް، އެއްވެސް މީހަކަށް އެމީހަކު ﷲ تَعَالىٰއަށް އަޅުވެތިވުން ވާޖިބުވާނެ މިންވަރު ދެނެނުގަނެ ހުރުން ހުއްދަވެގެން ނުވެއެވެ.