އެކުވެރިޔާއެވެ. އަހަރެންގެ މިނަސޭހަތް އަޑުއަހާބަލާށެވެ!

ޙުސައިން ޢަފީފު
ޙުސައިން ޢަފީފު
5 މަސް ކުރިން
2 މިނިޓް

މިފަހަރު ގަލަން މި އުފުލާލީ ހިތާމައާއިއެކުއެވެ. ދަންނަވަންތޯއެވެ. މިރަށުގައި ބޮޑުވެގެންވާ މުންކަރާތެއް ފަތުރަން ބަޔަކު ފޫގަޅާލާފައި ވާތީއެވެ. މިރަށަކީ މިޔުޒިކު ހަރާމްކަން ނޭންގޭ މީހަކު އުޅޭނެ ރަށެއް ނޫނެވެ. އެފަދަ މީހަކު އުޅޭނަމަ، އެމީހަކު ދުވަހަކު މިސްކިތަކަށް ނާރަނީއެވެ. ނުވަތަ ދަރުހެއް އަޑުއަހަން ނުދަނީއެވެ. ނުވަތަ އެއީ ބަލި މަޑުކަމެއްގެ ސަބަބުން އުޒުރުވެރިވެފައިވާ މީހެކެވެ. މިފަދަ މީހުން ޒިކުރު ކުރާކަށް ނެތީމެވެ. އެއީ އެމީހުން މިއުޒިކު ޝޯއަކަށް ދިޔުންވެސް އުޒުރުވެރިވާނެތީއެވެ. ބުނަން މިއުޅޭ ވާހަކައަކީ މިރަށުގެ އަހުލުވެރިންނަށް މިއުޒިކު ޝޯއަށް ގޮސް އެފާފަ ނޫފުލާނޭގޮތެއް ނޯންނާނެއެވެ. ޖާހިލުކަމުގެ އުޒުރެއް ނޯންނާނެއެވެ. އަމިއްލައަށް ހެޔޮ ބަހެއް އަހަން ނުދިޔުމަކީ އެއީ އެ އުޒުރު ފިލާދާނެ ކަމެކެވެ.

މާދަމާ ލޯމަރާލިޔަސް، ނުވަތަ މިޔުޒިކު ޝޯގައި އިންދާ މަރު ތިބާއާ ބައްދަލުކުރިޔަސް، ކައިރީ އެކަން އިންތިޒާމު ކުރަން އުޅުން މީހަކުވެސް، އަދި ސްޓޭޖްމަތީ ނަށަންހުރި މީހަކުވެސް، އަދި އެކަމަށް ހުއްދަ ދިން ވެރިއަކުވެސް ތިބާއަށް މަދަދު ދޭކަށް ނާންނާނެއެވެ. ވަޅުލާ ފަސްއަޅާ ފުރާފައި އެނބުރި ދާނީ ގެޔަށެވެ. ސުވާލުތަކާ ތިބާ ކުރިމަތިލާނީ އެކަންޏެވެ. އެހީވާން ހުންނާނީ ތިބާކުރި އަމަލެކެވެ. ދަންނާށެވެ. ރައްޓެހިން ކަމުގައި ދެކުނަސް، ދުވާލު ދެދަޅައަށް ކޮފީދިނަސް، ކާންދިނަސް، ލާރިދިނަސް، އެކުގައި ކުޅެންދިޔަސް، ގޭގައި ކައްކައިދިނަސް، އެޔަކުން ޤިޔާމަތްދުވަހު ކުރާނޭ މަންފާއެއް ނޯންނާނެއެވެ. އެދުވަހުން ނުބައި އެކުވެރިން ގެންގުޅެވުނީތީ ހިތާމަކޮށް ރޯނެއެވެ. ﷲ ތަޢާލާ މީސްތަކުންގެ ހާލު ބަޔާންކުރައްވާ ވަޙީކުރައްވާފައިވެއެވެ.

يَا وَيْلَتَىٰ لَيْتَنِي لَمْ أَتَّخِذْ فُلَانًا خَلِيلًا ‎﴿٢٨﴾‏ لَّقَدْ أَضَلَّنِي عَنِ الذِّكْرِ بَعْدَ إِذْ جَاءَنِي ۗ وَكَانَ الشَّيْطَانُ لِلْإِنسَانِ خَذُولًا ‎﴿٢٩﴾

"އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ސަހަރޯއެވެ! ތިމަން އެވެނި މީހަކު މިތުރަކު ކަމުގައި ނުހިފިނަމަ، ކިހާ ރަނގަޅުވީސްހެއްޔެވެ! ހަމަކަށަވަރުން، ތިމަންނާއާހަމަޔަށް އެ قرآن އައުމަށްފަހު، އޭނާ ތިމަން އެއިން އެއްކިބާކޮށް މަގުފުރައްދައިފިއެވެ. އިންސާނާއަށް އޭނާ ދެރަކޮށް ނިކަމެތިކޮށްލާ އެއްޗެއްކަމުގައި شيطان އާ ވެއެވެ." سورة الفرقان

ދަންނާށެވެ. އެކުވެރިންގެ އަވާގައި ޖެހި ތިމާގެ ދެދުނިޔޭގެ ހަޔާތް ގެއްލުވާނުލާށެވެ. އެއީ އެންމެ މިޔުޒިކު ޝޯއެކޭ ކިޔާ ނުދާށެވެ. އެތަނުން އެނބުރި އަންނާނޭކަމުގެ ޔަގީންކަން ތިބާއަށް ދިނީ ކާކުހެއްޔެވެ؟ ވިސްނާށެވެ. މަރަކީ އެއީ ތިބާއަށް އެންގުމަކާ ނުލާ ޒިޔާރަތްކުރާނޭ އެއްޗެކެވެ. އާދޭސް ކޮށްފައި ބުނަމެވެ. އެ ފާހިޝްކަންކަމަށް ތިބާއަށް އެގޮވަނީ ތިބާގެ އެކުވެރިންނެއް ނޫނެވެ. އެއީ ތިބާގެ ނަރަކައަށް ގެންދިއުމަށް ދެވޭ ދައުވަތެކެވެ. އެކަމަށް ފުރަގަސް ދޭށެވެ.

މިޔުޒިކަކީ ހަރާމް އެއްޗެކެވެ. އަންހެން ފިރިހެން އެއްވެ މަސްހުނިވެ ނެށުމަކީވެސް ހަރާމްކަމެކެވެ. މީސްތަކުންގެ ތެރޭގައި ފާޅުކޮށް ހަރާމްކަންތައް ކުރުމަކީ އެކަމުގެ ފާފަ ބޮޑުވާނޭ ކަމެކެވެ. މި ހުރިހާ ކަމެއް އެއްވާ މިއުޒިކު ޝޯތަކަށް، ދުނިޔޭގެ އެންމެން އެތަނަށް ހާޒިރުވިޔަސް އޭގެ ފާފައިން ކުޑަމިންވަރެއްވެސް އުންޏެއް ނުވާނެއެވެ. ތިބާ ތިޔައީ އެތަނަށް ދާން ވިސްނާފައިވާ މީހަކު ކަމުގައިވަނީނަމަ އެކަމުން އަަވަހަށް ދުރުވާށެވެ. ނޫންނަމަ އެފަދަ މީހަކު ހޯދައި އެމީހަކު އެކަމުން ދުރު ކުރާށެވެ. ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރާ މީހުންގެ ތެރެއިން ތިބާ ވާށެވެ. މިއުއްމަތުގެ ސިފަ ލިބިގަންނާށެވެ. ތެދެކެވެ. މުންކަރާތް ނަހީކުރާ މީހުންދެކެ މީހުން އެހާ ލޯބި ނުވެދާނެއެވެ. އެއީ މީސްމީހުން އެމީހުންގެ ހަވާނަފްސަށް ތަބާވުމަށް ހުރަސް އަޅާތީއެވެ.

މިއަދު މިކަމާ ދެކޮޅުވާ ބަޔަކަށް ކިތަންމެ އުޒުރެއްވެސް ތިބާއަށް ދެއްކިދާނެއެވެ. ރަސްމީކޮށް ނޭންގުމާއި، ޔަޤީންކޮށް ނޭންގުމާއި، ނިޔަތް ހާލިސްވުމާއި، އެހެން ކަމަކަށް އެހީތެރިވުމާއި، ފާފައެއް ނުކުރާނަމޭ ބުނުމާއި އަދިވެސް އެނޫން އުޒުރު ދެއްކިދާނެއެވެ. ދަންނާށެވެ. އުޒުރު ދައްކަންވީ މިކަން މަނާކުރަން އުޅޭ ބަޔަކަށް ނޫނެވެ. ތިޔަ އުޒުރު ތަކައިގެން ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ކުރިފުޅުމަތީ ހުއްޓޭށެވެ. ތިބާގެ ދޫ ބަންދުވެ ގުނަވަންތައް ތިބާއާ ދެކޮޅަށް ހެކިދޭ ދުވަހު ތިޔައިން އެއްވެސް އުޒުރެއްގައި އާރެއް ނުހުންނާނޭކަމީ ހުދު ތިބާވެސް ވިސްނާލައިފިނަމަ ގަބޫލުކުރާނޭ ކަމެކެވެ.

Copyright © 2024 Faaru News
Made with by Afeef & Noor