އިސްލާމްދީން ގޮވާލަނީ ޢިލްމު އުނގެނުމަށެވެ. ވިސްނާ ފިކުރު ކުރުމަށެވެ. ކައުނުގައި ލއްވާފައި ﷲ ގެ ކުޅަދުންވަންތަކަމުގެ ބުއްދީގެ ލޮލުން ދެނެގަނެވޭނީ ޢިލްމުންކަމަށްވާތީއެވެ. މީސްތަކުންގެ ތެރެއިން ﷲ އަށް ބިރުވެތިވާމީހުންނަކީ ޢިލްމުގެ އަހުލުވެރިންކަން ބަޔާންކުރައްވާ ފާޠިރު ސޫރަތުގެ 28 ވަނަ އާޔަތުގައި އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. "إِنَّمَا يَخْشَى اللَّهَ مِنْ عِبَادِهِ الْعُلَمَاءُ" ﷲ އަށް ބިރުވެތިވާކަން ކަށަވަރީ އެކަލާނގެ އަޅުންގެ ތެރެއިން ޢިލްމުވެރިންނެވެ." ޢިލްމުގެ ތެރެއިން އެންމެ މަތިވެރި ދަރަޖައެއް ލިބިގެންވާ ޢިލްމަކީ ޝަރުޢީ ޢިލްމެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. يَرْفَعِ اللَّـهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ وَاللَّـهُ بِمَا تَعْمَلُونَ خَبِير (ސޫރަތުލް މުޖާދަލާ:11) މާނައީ: “ތިޔަބައިމީހުންގެ ތެރެއިން އީމާންވި މީހުންނާއި، ޢިލްމު ލިބިގެންވާމީހުން ﷲ ދަރަޖަތަކަކަށް އުފުއްލަވާނެތެވެ. ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ މި އާޔަތުގައި އީމާނާއި ޢިލްމު ގުޅިގެންދާގޮތެއްގައި އަންގަވާފައިވުމުން ޝައުޢީ ޢިލްމުގެ މުހިއްމުކަން ހާމަވެއެވެ. ކީރިތި މާތް ނަބިއްޔާ ޙަދީޘްކުރައްވާފައިވެއެވެ مَنْ سَلَكَ طَرِيقًا يَلْتَمِسُ فِيهِ عِلْمًا، سَهَّلَ اللهُ لَهُ بِهِ طَرِيقًا إِلَى الْجَنَّةِ (ރަވާހް މުސްލިމް) މާނައީ: " މާނައީ: “ޢިލްމެއް (އެބަހީ: ޝަރުޢީ ޢިލްމު) ޙާޞިލުކުރުމުގެ ގޮތުން މަގަކުން ހިނގައިފިމީހާ ދަންނައެވެ އޭގެ ސަބަބުން އޭނާއަށް ސުވަރުގެ ދިޔުމުގެ މަގެއް ﷲ ތަނަވަސްކޮށްދެއްވާނެއެވެ" ޝަރުޢީ ޢިލްމު އުނގެނި އެޢިލްމުން މީސްތަކުންނަށް މަންފައެއް ހޯދައިދީފިމީހާ، އޭނާ ދުނިޔެދޫކޮށް ދިއުމުންވެސް އެކަމުގެ މަންފާކުރާނެކަން ބަޔާންކުރައްވާ ނަބިއްޔާ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "މާނައީ: “އިންސާނާ މަރުވުމުން އޭނާގެ ހުރިހާ ޢަމަލެއް ކެނޑިގެން ދެއެވެ. ތިންކަމެއް ފިޔަވައެވެ. އެއީ ދެމިގެންދާ ޞަދަޤާތެއް ނުވަތަ ފައިދާކުރަނިވި ޢިލްމެއް ނުވަތަ އޭނާއަށްޓަކައި ދުޢާކުރާނޭ ޞާލިޙު ދަރިއެއް ފިޔަވައެވެ"
(ނިމުނީ)