ހިތް ސާފުކުރާށެވެ.

ފޮޓޯ: ސްމާޓްބްރީފް.ކޮމް
އަޙްސަމް
އަޙްސަމް
3 އަހަރު ކުރިން
2 މިނިޓް

"ޑިއުޓީ ފްރީ ފިހާރައަކަށް ވަދެ ބިސްކޯދު ބޮނޑިއެއް ގަނެގެން އައިސް އިށީނީ އަހަރެންގެ ޕްލައިޓަށް ބޯޑްކުރަން އަދި ވަގުތު އޮތީމައެވެ. އަހަރެން އިން ބެންޗުގެ އަނެއްކޮޅުގައި މީހަކު އައިސް އިށީނެވެ. އިރުކޮޅަކުން އޭނާ އަހަރެންގެ ބިސްކޯދު ބޮނޑި ނަގައި ކަނޑައިލިއެވެ. އަދި އެއް ބިސްކޯދު ނަގައި އަހަރެންނަށް ދިއްކޮށްލައި އެހެން ބިސްކޯދެއް އޭނާ ކައިލިއެވެ. އެވަގުތު އަހަރެން ވަރަށް ރުޅިއައެވެ. ނަމަވެސް އެއްޗެއް ނުބުނަމެވެ. އަނެއްކާވެސް ހަމަ އެފަދައިން އޭނާ އެކަން ކުރިއެވެ. ނަމަވެސް ކިތަންމެ ރުޅިއަޔަސް އެކަން ފިއްތައިލައި ހަޖަމުކޮށްލީމެވެ. މިހެން ކަންކުރަމުން ގޮސް އެންމެ ބިސްކޯދަކަށްވެއްޖެއެވެ. އޭނާ އެ ބިސްކޯދުވެސް އަހަރެންނަށް ދިނުމުގެ ބަދަލުގައި، ހޭވެސް އަހައިނުލައި ބިސްކޯދު ދެފަޅިއަށް ފަޅައިލައި، އެއްފަޅި އަހަރެންނަށް ދިއްކޮށްލުމަށްފަހު އޭނާ އަނެއް ފަޅި ކައިލިއެވެ. އޭރު އަހަރެންގެ ރުޅި ފަޅައިގެންދާ ވަރުވިއެވެ. ނުވެސް ދަންނަ މީހަކު އަހަރެންގެ ބިސްކޯދު ޕެކެޓާމެދު އޭނާ ބޭނުން ގޮތެއް އެ ހެދީ އަހަރެން ގާތު އަހައިވެސް ނުލައެވެ. އިރުކޮޅަކުން އޭނާގެ ފްލައިޓްގެ ގަޑި ޖެހުމުން ސަލާމްކޮށްލުމަށްފަހު އޭނާ ދިޔައެވެ. އަހަރެން ކިހާ ރަނގަޅު ހެއްޔެވެ. ރުޅިމޫނުވެސް ނުދައްކަމެވެ. ފޯނުގެ ޗާރޖް ތަންކޮޅެއް ދައްވުމުން ޗާރޖަރ ނެގުމަށް ދަބަސް ހުޅުވާލީމެވެ. އަސްތާއެވެ. މިއޮތީ އަހަރެން އޭރު ގަން ބިސްކޯދު ބޮނޑިއެވެ. އެ ހުރިހާ ވަގުތެއްގައި އަހަރެންނަށް އެ ކެވުނީ އޭނާގެ ބިސްކޯދު ބޮނޑިއެވެ. އޭނާއާމެދު އެހާ ގޯސްކޮށް ވިސްނުނީމާ ވަރަށް ދެރަވިއެވެ. އޭނާގެ އެންމެ ފަހު ބިސްކޯދުވެސް އަހަރެންނާ ޙިއްޞާކުރިއެވެ. ނަމަވެސް އޭނާއަށް ޝުކުރުވެރިވެސް ނުވެވުނެވެ." ދަތުރުވެރިއަކު އޭނާގެ ތަޖުރިބާއެއް ޙިއްޞާކޮށްލަމުން ކިޔައިދިނެވެ.

ކޮންމެ ކަމަކީ ވެސް އަހަރެމެން ވިސްނާ މިސްރާބަށް ނިސްބަތްވާ ކަމެކެވެ. އެހެންމީހުންނާމެދު އަހަރެމެންގެ ވިސްނުމުގެ މިސްރާބު ސީދާ ނުކޮށްފިނަމަ، މިފަދަ ކަންކަން އަހަރެމެންގެ ޙަޔާތުގައި ތަކުރާރުވާނެއެވެ. ކިތަންމެ ހެޔޮ ކަމެއް މީހަކު ކުރިޔަސް އެކަމަކީ ގޯސްކަމެއްގެ ގޮތުގައި އަހަރެމެންނަށް ފެންނަން ފަށާނެއެވެ.

އެމްސްޓަރޑެމްގެ ޕާރކެއްގައި އެންތޮނީ އިނީ މަސްތުވާ އެއްޗެއް ބޭނުންކުރާށެވެ. އިރުކޮޅަކުން އެތަނަށް އައީ ޙަސަނެވެ. އޭނާވެސް އައިސް މަސްތުވާ ތަކެތި ބޭނުންކުރަން ފެށިއެވެ. މިއީ ދެމީހުން ދިމާވި ފުރަތަމަ ފަހަރު ކަމުގައި ވިޔަސް، ދެމީހުންގެ މެދުގައި ވާހަކަ ދެކެވެން ފެށުނެވެ. އޭރު ދެމީހުންވެސް ތިބީ މަސްތުވެގެން ތިބި ޙާލުގައެވެ. ދެމީހުންގެ ވާހަކަތައް ކުރިއަށް ދަމުން ގޮސް ދީނުގެ ވާހަކަވެސް ދެކެވެން ފަށައިފިއެވެ. އިސްލާމްދީނުގެ ވާހަކަވެސް ވަރަށް ފުޅާކޮށް ދެކެވުނެވެ. ދެމީހުންމެ ތިބީ ހުވަފެނީ ދުނިޔެއެއްގައި ކަމުން ޙަސަން ވެސް ދީނުގެ ކަންކަން ކިޔައިދެމުން ދިޔައީ އާދަޔާ ޚިލާފު މިންވަރަކަށެވެ. އަދި އެންތޮނީއަށް އެކަން ސިފަކުރެވެމުން ދިޔައީވެސް މުޅިން ތަފާތު މިންވަރަކަށެވެ. ދެމީހުން އެދުވަހު ޕާރކުން ވަކިވެ ދިޔައީ މަސްތުގެ ޙާލަތުގައި ކަމުގައި ވިޔަސް، އިސްލާމްދީނުގެ މިވާހަކަތަކުން އެންތޮނީގެ ހިތަށް ވަރަށް އަސަރުކުރުވިއެވެ. އަދި އެދުވަހުން ފެށިގެން އިސްލާމްވެ، މަސްތުވާ ތަކެތީގެ ވަބާއިން ވެސް ސަލާމަތްވިއެވެ. ނަމަވެސް ފަހުންވެސް ޙަސަން މަގުމަތީގައި މަސްތުވެފައި ހުއްޓާ ފެނެއެވެ. ޓީވީ ޗެނަލެއްގައި އޭނާ އިސްލާމްވީ ގޮތް ކިޔައިދިނުމުން، އިންޓަރވިއު ކުރި މީހާ ބުންޏެވެ. "ޙަސަން މުސްލިމެއްގެ ގޮތުގައި ހުރެ މަސްތުވާތަކެތި އެބޭނުންކުރަނީ. ހާދަ ގޯސް މީހެކޭ." އެހިނދު އެންތޮނީ ބުންޏެވެ. "ނޫން. އޭނާއާމެދު އެހެން ނުބުނޭ. ޤިޔާމަތްދުވަހުން އޭނާއަށް ފަތް ލިބޭއިރު އޭނާ ކޮށްފައި ނުވާ އެތައް ހެޔޮ ޢަމަލެއް އެފަތުން އޭނާއަށް ފެންނާނެ. އެއީ އަހަރެން ކުރާ ކޮންމެ ހެޔޮ ޢަމަލަކީ އެ ޢަމަލުގެ ޘަވާބު އޭނާއަށްވެސް ލިބޭނެ ކަމެއް."

މި ވާހަކައިގައި ގެނެވުނު ނަންތަކަކީ ޚިޔާލީ ނަންތަކެއް ނަމަވެސް، ޙާދިޘާއަކީ ޙަޤީޤީ ޙާދިޘާއެކެވެ. އަހަރެމެންގެ ޠަބީޢަތަކީ އަހަރެމެންގެ އަމިއްލަ ނަފްސުގައި ހުރި ގޯސްތައް އެއްފަރާތްކޮށް، އަބަދުވެސް އެހެންމީހުންގެ ކުށްތަކާއި ފާފަތަކުގެ ވާހަކަދެއްކުމެވެ. އާއެކެވެ. ޙަސަން އެކުރަނީ ބޮޑު ފާފައެކެވެ. ނަމަވެސް އޭނާއަށް ނޭނގިނަމަވެސް އޭނާގެ ސަބަބުން އެވަނީ މީހަކު އިސްލާމްވެފައެވެ. އަހަރެމެން އެކަކަށްވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހެއްގެ ދަރަޖައެއް ނޭނގެއެވެ. އަދި ނިމިދާނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. އެހެންކަމުން އެހެން މުސްލިމުންނާމެދު ހެޔޮކޮށް ވިސްނުން މުހިއްމެވެ. އަދި އެއީ ޚުދު އެމީހެއްގެ ދަރަޖަވެސް މަތިވެރިވެގެންދާނެ ކަމެކެވެ.

ޢަބްދުﷲ ބިން ޢަމްރު (ރަޟިޔަﷲ ޢަންހް) ގެ ފަރާތުން އައިސްފައިވާ ޙަދީޘަށް ވިސްނާލުމުން މިކަން އެނގޭނެއެވެ. ތިން ދުވަހުވެސް ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމް) ސުވަރުގޭގެ އަހުލުވެރިއެއް ކަމުގައި ދައްކަވަނީ އެންމެ ޞަޙާބީއެކެވެ. ނަމަވެސް އެއީ މަޝްހޫރު ޞަޙާބީއެއް ނޫނެވެ. އަދި ޢަބްދުﷲ ބިން ޢަމްރު (ރަޟިޔަﷲ ޢަންހް) ފަދަ ބޭބޭކަލުންނާ އަޅާ ބަލާއިރު އަޅުކަމުގައި ކުރިއަރައި ދިޔަ ބޭކަލެއްވެސް ނޫނެވެ. ނަމަވެސް އެކަލޭގެފާނު ސުވަރުގޭގެ އަހުލުވެރިއަކަށް ވުމަށް ކުރެއްވީ ތަފާތު އެންމެ ކަމެކެވެ. އެއީ ކޮންމެ ރެއަކު ނިދުމުގެ ކުރިން ހުރިހާ މުސްލިމުންނާމެދު ހިތް ސާފުކުރުމެވެ. އާދޭހެވެ. އަހަރެމެންގެ މުޖުތަމަޢާ ޞަޙާބީންގެ އެ މުޖުތަމަޢާ ހުރި އެންމެ ބޮޑު އެއް ތަފާތަކީވެސް މިއީއެވެ. އެމީހުންގެ މެދުގައި އޮތް އަޚްވަންތަކަން ދެމިއޮތީ އެކަކު އަނެކަކާމެދު ހިތް ރަނގަޅުކޮށްގެނެވެ.

﴿وَٱلَّذِينَ جَآءُو مِنۢ بَعۡدِهِمۡ يَقُولُونَ رَبَّنَا ٱغۡفِرۡ لَنَا وَلِإِخۡوَٰنِنَا ٱلَّذِينَ سَبَقُونَا بِٱلۡإِيمَٰنِ وَلَا تَجۡعَلۡ فِي قُلُوبِنَا غِلّٗا لِّلَّذِينَ ءَامَنُواْ رَبَّنَآ إِنَّكَ رَءُوفٞ رَّحِيمٌ١٠﴾ [އަލްޙަޝްރް: 10]

"އަދި އެއުރެންގެ ފަހުން އައި މީހުން ބުނެތެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންނަށާއި، އަދި އަޅަމެންނަށްވުރެ ކުރިން އީމާންވި، އަޅަމެންގެ އަޚުންނަށް ފާފަފުއްސަވާނދޭވެ! އަދި އީމާންވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި ޙަސަދަވެރިކަމެއް ނުލައްވާނދޭވެ! އަޅަމެންގެ ވެރި ރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، ރަޙީމްވަންތަ ރަސްކަލާނގެއެވެ." [ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާ]

Copyright © 2024 Faaru News
Made with by Afeef & Noor