ހުޅުދުއްފާރުގެ ރައްޔިތުން ފަލަސްޠީނާއެކު!

އިޒްރޭލުން ފަލަސްޠީނަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި ހާލުގައި ޖެހުނު ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ރ. ހުޅުދުއްފާރުގެ ރައްޔިތުން ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން މިދިޔަ ހޯމަ ދުވަހު ހުޅުދުއްފާރު ސްކޫލުގެ ގާރލް ގައިޑާއި ސްކައިޓްގެ ދަރިވަރުން ގުޅިގެން ބޭއްވި ފަންޑް ރެއިޒިން ހަރަކާތަށް ރަށުގެ ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު އެ ހަރަކާތުން 21 ހާހަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ފާރު ނޫހަށް ވަނީ މައުލޫމާތު ލިބިފައިވެއެވެ.

މީގެ އިތުރުން "ހުޅުދުއްފާރު ފަލަސްޠީނާއެކު" ނަމުގައި އިއްޔެ ބޭއްވި ބޮޑު ހިނގާލުމުގައި ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާއިރު ރަށުގެ މުވައްސަސާތައް ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ފަލަސްޠީނު މިނިވަންކުރުމަށް އެދި ވަނީ ގޮވާލާފައެވެ. އަދި އެ ހިނގާލުމުގައި މައިގަނޑު ގޮތެއްގައި އަޑުއުފުލާފައިވަނީ އިޒްރޭލުން ފަލަސްޠީނަށް ދެމުން ގެންދާ ހަމަލާތަށް މިހާރުން މިހާރަށް ހުއްޓާލުމަށެވެ.

މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރާ ހަނގުރާމަވެރި ހަމާސް އާއި އިޒްރޭލު ސިފައިންނާ ދެމެދު ހަމަލާތައް ބަދަލު ކުރަން ފަށާފާވާއިރު އެ ހަމަލާތަކުގައި ފަލަސްޠީނުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ޝަހީދުވެފައެވެ.

Copyright © 2024 Faaru News
Made with by Afeef & Noor