ޢިބުރަތް ލިބިގަންނާށެވެ.

ރަމަޟާން މަހުގެ ރޭތަކުގައި، މިޞްރުގެ މަގުތައް ފާނޫޒުން ދިއްލާފައި. ފޮޓޯ: ޑެއިލީ ނިއުސް އިޖިޕްޓު.
ޢާއިޝަތު ސަމާ
ޢާއިޝަތު ސަމާ
3 އަހަރު ކުރިން
2 މިނިޓް

ރަމަޟާން މަސް، ދިވެހިން ކިޔާ އުޅޭ ގޮތުން ނަމަ "ރޯދަ މަސް" މިއީ ވަރަށްތަފާތު އިހުސާސް ތަކެއް ގެނުވާ މައްސަރެކެވެ. އެހެން މަސްތަކަށްވުރެ މާތް ﷲ އާއި އެކަލާންގެ އަޅާއާއި ގާތްކުރުވާ މައްސަރެކެވެ. ޢިބާދާތުގެ ތެރޭގައި މުޅިދުވަސް ހޭދަކުރުމަށް ލިބޭ ނުހަނު އަގުހުރި ފުރުޞަތެކެވެ.

ކަންމިހެން އޮތް ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން އެންމެ ފުރަތަމަ ކޮށް އުޅޭ ކަމަކީ ގޭތެރެ "ޑީޕް ކްލީން" ކުރުމެވެ. މުޅި ގޭގައި އާ، ތަފާތު ކުލައެއް ލުމަށްފަހު ރީތި ފަރުނީޗަރު ގެއަށް ވައްދާ ގޭތެރެ ޒީނަތްތެރިކޮށް އާ ކޮށްލުމެވެ. ކާބޯތަކެތި ގަނޑުކޮށް ގަނެ ގެއަށް ވައްދާ ރޯދަމަހުގެ ބޭނުންތަކަށް ފުދޭވަރަށް ކުދިކުދި އެހެނިހެން ސާމާނު ގެއަށް އެތެރެކުރުމެވެ.

ދުވާލުގެ ވަގުތުތަކުގައި ޤުރުއާން ކިޔަވާލަން ހޭދަވާ ވަގުތަށް ވުރެ ގިނައީ، އެދުވަހެއްގެ ހަވީރު މޮޅު އެއްޗެއް ކައްކާލުމަށް އިންޓަނެޓުންނާއި އެހެނިހެން ގޮތްގޮތުން  ރެސިޕީ ހޯދަން ހޭދަކުރާ ވަގުތެވެ. ރޯދަ ވީއްލުމަށްފަހު ބަދިގެއިން ސަލާމަތްވެގެން މަޣްރިބް ނަމާދު ކުރަން ދެވޭއިރު ހުންނާނީ ޢިޝާ ނަމާދަށް ވަގުތުކޮޅަކަށް ވެފައެވެ. އަންހެން ވެރިން މިސްކިތަށް ނުގޮސް ގޭގައި ތަރާވީޙް ނަމާދު ކުރަންޖެހުނީމާ ފަރުވާކުޑަ ކޮއްލެވޭ ފަހަރު ވެސް އާދެއެވެ. ވަރުބަލި ވާތީއެވެ. ހާރަށް ކައްކަން ޖެހޭތީއެވެ. މިނޫންވެސް ގޭތެރޭގެ ބައެއް ކަންކަމާ ހެދިއެވެ. ފިރިހެންވެރިންގެ މުޅިދުވަސް ހޭދަވަނީ ނިދުމާއި ކުޅިވަރުގައެވެ.

މިފަދަ ގޮތަކަށް މުޅިދުވަސް ހޭދަވެގެން ދާއިރު މިފަދަ މާތް މައްސަރުގެ ފައިދާ ފުރިހަމަ ގޮތުގައި އަތުލައިގަނެވުމަކީ ނާދިރު ކަމެއްކަން ޔަޤީނެވެ. ފައިދާއެއް ނެތް ދުނިޔަވީ ކަންކަމަށް ހޭދަކުރާ ވަގުތުތައް އަޅުކަމުގެ ވަގުތައް ބަދަލުކޮެއްގެން މެނުވީ އާޚިރަތުގައި މަންފާ ހޯދޭނީ ފަހެ ކިހިނެއް ހެއްޔެވެ؟ 

އާޚިރަތަށްޓަކައި މަސައްކަތް ކުރާ އަޚުންނާއި އުޚުތުން ތަކެއް އަޅުގަނޑުވެސް ދެކެފީމެވެ. ގިނަ ދިވެހިންނާއި ވަރަށް ތަފާތެވެ. "މިޞްރު" މިހެން ބުނުމުން އެއީ ކޮން ތަނެއްކަން ނުދަންނަ ދިވެހީން މަދުވާނެ އެވެ. އެބައި މީހުންގެ ތެރޭގައި ރަމަޟާން މަސް އޮންނަގޮތަށް ބަލާލަމާ ހިނގާށެވެ. 

މަގުތައް އޮންނާނީ ކުލަބޮކި ތަކުންނާއި ފާނޫޒު ތަކުން ޖަރީކޮެއްލާފަ އެވެ. ކޮންމެ ގެއެއްގެ ދޮރާ ދިމާލުުން އެލުވާލާފައި އޮންނަ ފާނޫޒެއް އޮވެއެވެ. ބުނެވޭގޮތުގައި އެއްވެސް އަލިކަމެއް ނުލިބި އުޅުނު ޒަމާނުގައި ރޯދަ މަހަށް ޚާއްޞަކޮށް ފާނޫޒުން މަގުތައް އަލިކޮށްލައެވެ. އަވައްޓެރިންގެ ގޭގެއަށް ޒިޔާރަތް ކުރުމަށާއި މިސްކިތްތަކަށް ދިޔުމަށް ފަސޭހައަކަށެވެ. ނަމަވެސް މިއާދަ މިއަދާހަމައަށް ވެސް ދެމިގެން އައިސްފައި ވެއެވެ. މިހާރު ހުރިހާ ޢަރަބި ޤައުމެއްގައި ވެސް މިއާދަ ދަމަހައްޓަމުން ގެންދެއެވެ. މި އާދަޔަށް " ފާނޫޒް ރަމަޟާން" ގެ ނަމުން ނަން ދެވިގެން ވެއެވެ. 

ރޯދަމަހުގެ ހަވީރު މަގުތައްމަތީގައި މޭޒުތައް އަތުރާލެވިފައި ހުރެއެވެ. ކޮންމެ ގެއަކުން ވެސް ދެވޭ މިންވަރަކުން އެ މޭޒުތަކަށް ކާއެއްޗިހި ފޯރުކޮށްދެއެވެ. ކާއެއްޗިހި ނުގެންދެވޭ މީހުން ގެންގޮސްދެނީ ކަދުރެވެ. މިއީ ކާނެއެއްޗެއް ލިބުމަށް ދަތިވެފައިވާ މީހުނަށް ޚާއްޞަކޮށް ބެހެއްޓިފައިވާ މޭޒުތަކެކެވެ. ފީ ސަބީލިއްލާހި އަށްޓަކައި އެންމެހާ އަޅުތަކުންގެ ކަރު ތެންމައިލުމަށް ބެހެއްޓިފައިވާ ސުފުރާއެކެވެ.

ބަންގި ގޮވަން ކައިރިވުމުންނާއި، ދަމުނަމާދު ވަގުތު ކައިރިވުމުން ބެރެއްފަދަ އެއްޗެއްގައި ދަނޑިކޮޅަކުން ފަސް ފަހަރު ޖަހާލުމައްފަހު ދުޢާ ކުރާ އަޑު އިވޭނެއެވެ. ވަގުތު ގާތްވެއްޖެ ކަން ހަނދާންކޮށްދިނުމަށްޓަކައެވެ. ހާރު ގަޑީގައި ވެސް މި އަޑު އިވޭނެ އެވެ. ތަފާތަކީ ކޮންމެ ގެއެއް ކައިރިންލާފައި ދާއިރު އެ ގެއެއްގެ އަހުލުވެރިންނަށް ހާރުކާން ގޮވަމުން ދުޢާކުރަމުން ދިޔުމެވެ. އެއީ ވެސް މުސްކުޅި ބޭބެއެއްގެ އިޙްސާންތެރިކަމެވެ. ކޮންމެ ރެއަކު ކޮންމެ އަވަށެއްގައި އެކަހަލަ އެތައް އަޚުން އެގޮތަށް ގޮވަމުން ދެއެވެ. އެންމެހާ މުސްލިމް އަޚުންނާއި އުޚުތުންނަށް ހަނދުމަކޮށްދިނުމަށްޓަކައެވެ.

މިސްކިތްތައް ފުރިބާރުވެފައި ވާ ހާލު، މުޅި ޖައްވުގައި ގުގުމަމުން ދާނީ ކީރިތި ޤުރުއާނުގެ އަޑެވެ. ފެންނަމުންދާނީ އެއްބައިވަންތަކަމާއި އެކުވެރިކަމެވެ. ހިނިތުންވުމާއެކު އަނެއްއަޚާގެ މަދަދު ފުއަދައިދޭ މަންޒަރެވެ. އެކަކު އަނެކަކާއި ބައްދަލުވާހިްދުގައްޔާއި ވަކިވާހިނދު އެމީހަކަށް ހެޔޮދުޢާކޮއްލާ މަންޒަރު ފެނުމުން ހިތަށް ފިނިކަން ގެނުވައިދެއެވެ. އެ ބިމުގައި ހުއްޓިހުންނައިރު މި ހުރެވެނީ ބަރަކާތުގެ މައިދާނުގައޭ ހިތައްއަރާނެއެެވެ. ރޯދަ މަހު އެކަންޏެއްނޫނެވެ. އެއީ އެމީހުންގެ އާދަކާދަ އެވެ. އިސްލާމީ ރިވެތި އުސޫލެވެ. 

އޭ އަޚާއެވެ. އޭ އުޚްތާއެވެ. ޢިބުރަތް ލިބިގަންނާށެވެ. މި ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ހެޔޮކަން ލިބިގަންނާށެވެ. އިސްލާމީ ފަތްފުއްތަކުން ރިވެތި ގޮތް އުނގެނޭށެވެ. ކުޅިވަރާއި މަޖަލުގައި ތިބާގެ ދުވަސްތައް ހޭދަ ނުކޮށް، ކީރިތި ޤުރުއާނާއި މާތް ނަބިއްޔާގެ ސުންނަތަށް ބިނާކޮށް ތިބާގެ ދިރިއުޅުން ބައްޓަން ކުރާށެވެ. إن شاء الله ދިރިއުޅުމުގައި ބަރަކާތް ލައްވާނެއެވެ. 

Copyright © 2024 Faaru News
Made with by Afeef & Noor