އިޙްމާލު ނުވާށެވެ.

އަޙްސަމް
އަޙްސަމް
3 އަހަރު ކުރިން
2 މިނިޓް

އެކުވެރިންތަކަކާއެކު ވާހަކަދެއްކުމުގެ ތެރޭގައި ފުޓްބޯޅައިގެ ވާހަކަ ފެށުނެވެ. އެކަކު ވަރަށް ބާސެލޯނާއަށް ސަޕޯޓްކުރާކަން އެނގުނެވެ. އަހަރެމެންގެ ތެރެއިން އެކަކު އޭނާއާ ސުވާލުކުރިއެވެ. "ބާސެލޯނާގެ ކިތައް ކުޅުންތެރިން އެނގޭތަ؟" އޭނާ ވަގުތުން ބަދަލު ކުޅުންތެރިންގެ ނަންތައްވެސް ހިމެނޭހެން އެންމެންގެ ނަންތަކާއި އެކުޅުންތެރިންގެ މަޢުލޫމާތުތައް ކިޔާލިއެވެ. އަހަރެމެންގެ އަނެއް އެކުވެރިޔާ ކުރި ދެވަނަ ސުވާލުން އަހަރެމެން އެންމެންގެ ބަސް ހުއްޓުނެވެ. "ޖަންނަތުގެ އުފާވެރި ޚަބަރު ދެއްވުނު 10 ބޭކަލުން އެހެންވިއްޔާ އެނގޭތަ؟" އޭނާ ވަރަށް ރުންކުރު ރާގަކަށް އަހާލިއެވެ. ބާސެލޯނާގެ ސަޕޯޓަރު ޖަވާބު ދެވޭތޯ މަސައްކަތްކުރިއެވެ. "އަބޫ ބަކުރުއް ޞިއްދީޤު، ޢުމަރު ބިން ޚައްޠާބު، ޢުޘްމާން ބިން ޢައްފާން، ޢަލީ ބިން އަބީ ޠާލިބް" މިހާ ހިސާބުން ކުރިއަކަށް ނުދިއައެވެ. އެތާ ތިބި އެކަކަށްވެސް ޖަވާބެއް ނުދެވުނެވެ. ދެން އޭނާ އެ ލިސްޓް ކިޔައިދިނުމަށްފަހު ބުންޏެވެ. "އަހަރެމެންނަށް އެނގެން ޖެހެނީ އެ މާތް ބޭކަލުން ހެއްޔެވެ ނުވަތަ ފުޓްބޯޅަ ކުޅުންތެރިންނާއި ފިލްމު ކުޅޭ މީހުން ހެއްޔެވެ؟"

އޭގެ އަހަރުތަކެއް ފަހުން ގޭގައި ކުދިވެރިންނާއެކު އުޅުމުގެ ތެރޭގައި އެއް ކުއްޖަކު ބެޓްމޭންއާއި، ސުޕަރމޭން އާއި މިފަދަ ކެރެކްޓަރ ތަކުގެ ވާހަކަ މާގިނައިން ދައްކަން ފަށައިފިއެވެ. އެހިނދު އޭގެ އަހަރުތަކެއް ކުރިން ހިނގި އެއްކަލަ ޙާދިސާ ހިތަށް އަތުވެއްޖެއެވެ. އަހަރެން ވަގުތުން ދަރިފުޅު ގާތުގައި އަހައިލީ އެއްކަލަ އެކުވެރިޔާ ކުރި ސުވާލެވެ. އަހަރެންގެ ދަރިފުޅުގެ ޙާލު އަދި މާދެރައެވެ. އަބޫ ބަކުރުއް ޞިއްދީޤާއި ޢުމަރު ބުނުލް ޚައްޠާބުގެ ނަމާ ހިސާބުން ދެން ކިޔަން ފެށީ ލިސްޓުގައި ނެތް މީހުންގެ ނަންނަމެވެ. އެ ހިނދު ހިތަށް އެރިއެވެ. އަހަރެމެންގެ ދަރިންނަށް އަހަރެމެން މިދެނީ ހަމަ ރަނގަޅު ތަޢުލީމަކާއި ތަރުބިއްޔަތެއް ބާވައެވެ؟

ދަރުހެއް ދެމުން ޝައިޚަކު ކިޔައިދިނެވެ. "އެއްފަހަރަކު އަހަރެން ޙައްޖާޖު ބިން ޔޫސުފްގެ ވާހަކަތަކެއް ކިޔައިދެމުން ގޮސް ނިންމާލި ވަގުތު އެތާ އިން ކުއްޖަކު އަހަރެންނާ ސުވާލުކުރިއެވެ. ޔޫސުފްގެފާނުގެ ދަރިއަކު އެހާ ނުބައިވީ ކީއްވެ ބާއެވެ. އަހަރެންގެ ހިތަށް އެރިއެވެ. އަހަރެމެން މުސްލިމުންގެ ގޮތުގައި ތިބެ، އަހަރެމެންގެ ދަރިންނަށް ދީނުން އުނގަންނައިދެވިފައި މިވަނީ ހާދަ ކުޑަ މިންވަރެކެވެ. އިސްލާމީ ތާރީޚް މިކުދިންނަށް އެއްވެސް ވަރަކަށް ނޭނގެއެވެ."

ބައްޕައަކަށް ނުވަތަ މަންމައަކަށް ވުމުން ކޮންމެ މީހަކުވެސް ބޭނުންވަނީ ކުދިންނަށް ރީތި ހެދުމާއި މީރު ކާއެއްޗެއްސާއި މުނިފޫހިފިލާނެ ކުޅޭ ތަކެތި ހޯދުމަށެވެ. ނަމަވެސް މިހުރިހާ ކަމެއް ފަހަތަށް ޖައްސައި ކުދިންނަށް ހެޔޮތަރުބިއްޔަތެއް ދޭން އިސްކަންދެނީ ކިތައް މައިން ބަފައިން ހެއްޔެވެ؟ އަހަރެމެން ލޯބިވާންވީ ކޮން ބައެއް ދެކެ ކަމާއި، ރުޅިއަންނަން ޖެހޭނީ ކޮން ބައެއް ދެކެކަން ބުނެދެނީ ކިތައް ބެލެނިވެރިން ހެއްޔެވެ؟ ނަމާދަށް ވުރެ އެހެން އެއްވެސް ކަމެއް އިސްކޮށްގެން ނުވާނެ ކަމާއި، މުސްކުޅިންނަށް ހެޔޮކޮށް ހިތުމުގެ މުހިއްމު ކަމާއި، މަގުމަތީގެ އަދަބު ތަކާއި ޢާއްމު ދިރިއުޅުމުގެ އަދަބުތައް އުނގަންނައިދެނީ ކިތައް މައިން ބަފައިން ހެއްޔެވެ؟ ކޮންމެ ބެލެނިވެރިއަކުވެސް ދަރިންގެ ފަރާތުން އެދެނީ ދުނިޔަވީ ޢިލްމެއްގައި ކުރިއަރައި ބޮޑު މުސާރަ ލިބި ބޮޑު ގެއަކާއި، އަގުބޮޑު ކާރެއް ހޯދައިގެން 'އަރާމު' ދިރިއުޅުމެއް ހޯދާށެވެ. މުސްލިމް އުއްމަތް މިހާރު މިއޮތް ނިކަމެތި ދަރަޖައަށް ވެއްޓެން ދިމާވީ މިފަދަ 'އަރާމު' ދިރިއުޅުން ހޯދަން އުޅޭ މުސްލިމުން ގިނަވުމުންނެވެ.

ދަންނާށެވެ. އަހަރެމެންގެ ދަރިންނަށް ޕިއްޒާއާއި ސަބްމެރިން ނުދީގެން ނުވަތަ އަގުބޮޑު އަންނައުނު ނުދީގެން އެކަމާ ޖަވާބުދާރީވާކަށް ނުޖެހޭނެއެވެ. އެހެނަސް އެކުދިންނަށް ﷲ ތަޢާލާ މަޢްރިފާކޮށްނުދީފިނަމަ، ނަމާދަށް އަހުލުވެރިކުރަން މަސައްކަތް ނުކޮށްފިނަމަ، ނުވަތަ ރިވެތި އަޚްލާޤެއް ހޯދައިދިނުމަށް މަސައްކަތް ނުކޮށްފިނަމަ، އެއީ އަހަރެމެން މާދަމާ އެކަމާމެދު ޖަވާބުދާރީވާން ޖެހޭނެ ކަމެކެވެ. ނަބިއްޔުންނާއި، ޞިއްދީޤުންނާއި، ޝަހީދުންގެ ވާހަކަތައް އެކުދިންނަށް ކިޔައިދޭށެވެ. މަތިވެރި ޞަޙާބީންނާއި މިދީނުގެ ޙައްޤުޤައި ޖާނާއި މާލުން ޤުރުބާންވީ މީހުންގެ ވާޤިޢާތައް ކުދިންނަށް އަބަދު އިއްވާށެވެ. އިސްލާމް ދީނުގެ ޢިލްމާއި އެދީނުގެ ޢިލްމުވެރިންނަށް އެކުދިންގެ ހިތުގައި ލޯބި އުފައްދާށެވެ. ދަރިންނަކީ ބޮޑު ޒިންމާއެކެވެ. އަމާނާތެކެވެ. އެއަށް އިޙްމާލުނުވާށެވެ.

Copyright © 2024 Faaru News
Made with by Afeef & Noor