ދިވެހި އަންހެނުން މިއީ އަޖައިބެއް ފަދަ ބައެކެވެ. ބޭރުތެރޭގައި އުޅޭއިރު އެއްބަޔަކު ތިބޭނީ ގަޔަށް ދޫ ބޮޑުހެދުން ލައިގެނެވެ. އަނެއްބަޔަކު ހަށިގަނޑުގެ ވަނާތައް ފާޅުވަާވަރުގެ ބާރު ހެދުން ލައިގެން ތިބޭއިރު ބޮލުގައި ފޮތިގަނޑެއް އޮޅާލަފައި އޮވެއެވެ. ދެން އުޅެނީ މުޅިން އެހެން އުޞޫލެއްގެ ދަށުން ހެދުން އެޅުމުގެ ވައްޓަފާޅި ގެންގުޅޭ ބައެކެވެ. "ޙިޖާބު" މި ލަފުޒުވެސް ނުދަންނަ ބައެކެވެ. ކޮންމެއަކަސް މިއެންމެން ވެސް މިއީ އިސްލާމީ ޝަރީޢަތަށް ތަބާވާ ބައެއް ކަމުގައި ބުނެއެވެ.
ޙިޖާބު މި ލަފުޒުގެ މާނައަކީ ރައްކާ ކުރުމެވެ. ނުވަތަ ނިވާކޮށް ފޮރުވައިލުމެވެ. އިސްލާމްދިނުގައި ޙިޖާބް މާނަކޮށްފައި ވަނީ އަންހެން ކަބަލުންގެ ޢައުރަރައްކާތެރިކަމާއެކު ފޮރުވައިދޭ ފަރުދާއެއްގެ ގޮތުގައެވެ. ޙިޖާބު ޝަރުޢު ކުރެވުނީ މުސްލިމް އަންހެނާގެ ރައްކާތެރިކަމަށްޓަކައެވެ. ހަމަ އެހެންމެ ޢައުރަ ނިވާކުރުން އެއީ މުސްލިމް އަންހެނާގެ މައްޗަށް ވާޖިބެއްވެސް މެއެވެ. އިސްލާމީ ޝަރީޢަތުގައި މުސްލިމް އަންހެނާގެ ޢަައުރައާ ބެހޭގޮތުން ޢިލްމުވެރިންގެ އަރިހުގައި އިޚްތިލާފްތަކެއް އުފެދިފައި ވެއެވެ. ބައެއް ޢިލްމުވެރިންގެ ރައުޔަކީ މިނިވަން މުސްލިމް އަންހެނާގެ ޢައުރަ އަކީ މޫނާއި ދެއަތްތިލަ ފިޔަވާ މުޅި ހަށިގަނޑެވެ. އަނެއްބައި ޢިލްމުވެރިންގެ ރައުޔަކީ މިނިވަން މުސްލިމް އަންހެނާގެ ޢައުރަ އަކީ މުޅިހަށިގަނޑެވެ.
ދިވެހިންގެ ތެރޭގައި "ޙިޖާބު" ބޭނުންކުރަނީ ބުރުގާގެ ނަމުގައެވެ. ނަމަވެސް ހިޖާބުގެ ޙުކުމް އެއަށް ދެވޭކަމާމެދު ޝައްކެވެ. ބައެއްމީހުންގެ ޢަމަލުތައް ހުންނަ ގޮތުން ބުރުގާ އަކީ ޢައުރަ އާއި ގުޅުމެއްވާ އެއްޗެއްހެން ހިއެއްނުވެއެވެ. ބުރުގާ އަޅަނީ ހަމަ އެކަނި ގެއިން ބޭރަށް ނިކުމެލަންވީމައެވެ. ގޭތެރޭގައި ބުރުގާ ނާޅާ ހުއްޓާ ކޮންމެ މީހަކު ގެއަށް އަޔަސް ވަރިހަމައެވެ. ޅިޔަނުންގެ ކުރިމަތީގައި ބުރުގާ ނާޅާއުޅުން މީ ވެސް އާންމު ކަމެކެވެ. ފަހަރެއްގައި ޙިޖާބުގެ ބޭނުން ރަނގަޅަށް އޮޅުން ނުފިލާ އޮތީ ކަމަށް ވެސް ވެދާނެއެވެ.
ނޫރު ސޫރަތުގެ 31 ވަަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. (وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاء بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاء بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُوْلِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَى عَوْرَاتِ النِّسَاء وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ ﴿٣١﴾)
މާނައީ: ( އަދި مؤمن އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخ ންނަށް، ނުވަތަ އެކަނބަލުންގެ أخ ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخت ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ عورة ތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ مؤمن ންނޭވެ! ތިޔަބައިމީހުން އެންމެން اللَّه އަށް توبة ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، نصيب ލިބުމަށްޓަކައެވެ.)
ލޮބުވެތި ކަނބަލުންނޭވެ. ގެއަށް ޒިޔާރަތްކުރާ ދުރުހިލޭ ފިރިހެނުންގެ ކުރިމަތީގަ އާއި ޅިޔަނުންގެ ކުރިމަތީގައި ތިބާގެ ޢައުރަ ކަޝްފު ނުކުރާށެވެ. އާދައިގެ ކަމެއްކަމަށް ހީކޮށް ފަސޭހަކޮށްލާފައި ބުރުގާ ނާޅާ، ޣައިރު މަޙްރަމުންގެ ކުރިމަތީގައި ހުންނައިރު ތިބާގެ ޒީނަތްތެރިކަމަކީ ހަމަ އެކަނި ތިބާގެ ޙަލާލު ފިރިމީހާ އަށް މެނުވީ ހުއްދަ އެއްޗެއްނޫނެވެ. ހީވެދާނެއެވެ. ގޭތެރޭގައި އުޅޭއިރު ބުރުގާ ނާޅާހުރުމުން ވާނީ ކީއްހެއްޔެވެ؟ އަންހެނާގެ ހަށިގަނޑުގެ ވަނާތަކަކީ ފިރިހެނުންގެ ހިތްލަނބުވާލާ ފަދަ ބާރުގަދަ ހަތިޔާރެއްކަމަށް ބުނެވެއެވެ. ޢައުރަ ނިވާކުރަން އަންގަވާފައި ވަނީ މި ސަބަބަށްޓަކައެވެ. އެއީ ފިތުނަފަސާދަ އަށް މަގުފަހި ކުރުވާ ކަމަކަށްވާތީ އެވެ. އާދޭހެވެ. ބެލުން ތިރިކުރުމަށް ފިރިހެނުންނަށް އަންގަވާފައިވެއެވެ. ނަމަވެސް ޅިޔަނެއްގެ ހާޒިރުގައި ތިބާ ބުރުގާ ނާޅާހުރުމުން ، (ތިބާގެ އިސްތަށިގަނޑާއި ކަރުވަޅު ކަޝްފުވެފައި ހުރުމުން)، އެހާލަތުގައި އުފަންވެގެންދާ ފިތުނައަށް ޒިންމާވާނީ ތިބާ ނޫން ފަހެ ކާކުހެއްޔެވެ؟ ތިބާގެ ސަބަބުން އަނެއް އުޚްތާގެ ޙަޔާތަށް އައިސްދާނެ ހީނަރުކަމަކަށްޓަކާ ބިރުވެތިވާށެވެ. ނޭނގުމުގެ ތެރޭގައި ކުރެވޭ ކުށްފާފަތަކަށް ތައުބާވާށެވެ.