ހިތަކީ ކޮބައިހެއްޔެވެ؟ ހިތުން ކުރަނީ ކޮން އަސަރުތަކެއް ހެއްޔެވެ؟ އަދި ހިތުގެ ދައުރަކީ ކޮބައި ހެއްޔެވެ؟ މިފަދަ އެތައް ސުވާލެއް ހިތާއި ބެހޭގޮތުން ތިބާއަށް ކުރެވިދާއެވެ. ނަމަވެސް، މިލިޔުމުގައި އަޅުގަނޑު ބަލައިލާނީ ކީރިތި ޤުރްއާނުގެ ޢަލީގައި ހިތަކީކޮބައިތޯއާއި ހިތުގެ ދައުރާއި ބެހޭގޮތުންނެވެ.
ހިތަކީ، އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ނާޒުކު ގުނަވަނެވެ. ހިތަކީ، މާތްﷲ އިންސާނާއަށް ދެއްވާފައިވާ ގުނާ ޢަދަދު ނުކުރޭވޭ ނިޢުމަތްތަކުގެ ތެރެއިން ނިޢުމަތެކެވެ. އިންސާނާގެ ދިރިހުރުމާއި ގުޅިފައިވާ ހިތާއި ބެހޭގޮތުން ކޮށްފައިވާ ދިރާސާތަކުން ހާމަވާގޮތުގައި އިންސާނާގެ ހަށިގަނޑުގައި މާތްﷲ ލައްވާފައިވާ ހިތަކީ ހުއްޓުމެއް އަދި ވަރުބަލިކަމެއްނެތި މިނިޓަކު ގާތްގަނޑަކަށް ހަތްދިހަ ފަހަރު ވިންދުޖަހާ މަސްކޮޅެކެވެ. ހިތުގެ މައިގަނޑު މަސައްކަތަކީ، ހަށިގަނޑުގެ އެކިދިމާތަކަށް ބޭނުންވާ ލޭ، ފޯރުކޮށްދިނުމެވެ. އެހެންކަމުން ހިތްވެފައިވަނީ ހަށިގަނޑުގެ އެންމެހާ ބައިތަކަށް ޕަންޕުކޮށް، ލޭ ފޮނުވައިދޭ މެޝިނެއްގެ ގޮތުގައެވެ. އިންސާނާގެ ނިސްބަތުގައި ހިތަކީ އިންޖީނުކަމުގައިވެސް ބުނެވިދާނެއެވެ. އެހެނީ ހިތް ހުއްޓިއްޖެނަމަ، ދިރިހުރުން ހުއްޓިގެންދާކަމަށްޓަކައެވެ.
ހިތަކީ، ޢަޖާއިބުން ފުރިފައިވާ ގުނަވަނެކެވެ. އެހެނީ ހިތަކީ ހަށިގަނޑަށް ލޭ، ފޯރުކޮށްދޭ ޕަންޕެއްގެ އިތުރުން އިންސާނާގެ ޢަމަލުތަކާއި ގުޅިފައިވާ އެއްޗެކެވެ. އެގޮތުން އިންސާނާއަށް ޢަމަލުތައް ކުރަން ބުނެދެނީ ހިތެވެ. އިންސާނާގެ ހިތް ޙަސަދާއި ބޮޑާކަމާއި ރުޅިވެރިކަމުން ފުރިއްޖެނަމަ، އެމީހާގެ ޢަމަލުތައް ފާސިދުވެދެއެވެ. ހިތާއި އީމާންކަމާއިވެސް ގުޅިލާމެހިފަވެއެވެ. އެހެނީ އީމާންކަން ވަރުގަދަކޮށް ބަދަހިކުރެވެނީ ހިތް ޠާހިރު ކޮށްގެންނެވެ. އެހެންކަމުން އީމާންކަން ވަރުގަދަކުރުމަށް ސާފު ހިތެއް ބޭނުންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ. "أَلَا وَإِنَّ فِي الْجَسَدِ مُضْغَةً، إذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ، وَإذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ؛ أَلَا وَهِيَ الْقَلْبُ " (رَوَاهُ الْبُخَارِيُّ ، وَمُسْلِمٌ) މާނައީ: " އަދި ދަންނާށެވެ. ހަމަކަށަވަރުން (އިންސާނާގެ) ހަށިގަނޑުގައި މަސްކޮޅެއް ވެއެވެ. އެ މަސްކޮޅު އިސްލާޙުވެއްޖެނަމަ، މުޅި ހަށިގަނޑު އިސްލާޙު ވެދެއެވެ. އަދި އެ މަސްކޮޅު ފަސާދަވެއްޖެނަމަ، މުޅި ހަށިގަނޑު ފަސާދަ ވެދެއެވެ. ދަންނާށެވެ. އެއީ ހިތެވެ."
ކީރިތި ޤުރްއާނުގައި ހިތުގެ ވާހަކަ 132 ފަހަރު ޛިކުރު ކުރެވިފައިވެއެވެ. އަދި މަޖާޒީގޮތުން ހިތަށް އިޝާރާތްކޮށް 50 ފަހަރު ހިތުގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ. ޤުރްއާނުގައި ބަޔާންކުރައްވާފައިވާގޮތުން، ބައެއް ހިތަކީ، ތެދުމަގާ ދުރުގައިވާ ހިތްތަކެކެވެ. އަދި އަނެއްބައި ހިތްތަކުގައިވަނީ ފަރުދާއެއް ލެވިފައެވެ. އަދި އަނެއްބައި ހިތްތަކަކީ ބަލިމަޑުކަމެއް ވެރިވެފައިވާ ހިތްތަކެކެވެ. އަނެއްބައި ހިތްތަކަކީ ސިއްކަ ޖައްސަވާ ބަންދުކުރައްވާފައިވާ ހިތްތަކެކެވެ. މިފަދަ ހިތްތަކަށް ޙައްޤުގެ މަގެއް ނުވިސްނޭނެއެވެ. މީގެ އިތުރުން ޠާހިރުވެގެންވާ ސާފު ހިތްތަކާއި، ﷲ އަށް ބިރުވެތިވާ ހިތްތަކެއްވެސްވެއެވެ. މިފަދަ ހިތްތަކަކީ ﷲ ގެ ހިދާޔަތު ލިބިގެންވާ ނިޢުމަތުގެ ވެރި ހިތްތަކެކެވެ. ﷲ ގެ ޙަޟްރަތަށް ކިޔަމަންތެރިވުމުގައި މިފަދަ ހިތްތައްވަނީ މަޑުމޮޅިވެ، ހިމޭންވެގެންނެވެ. ﷲ އަށް ބިރުވެތިވުމާއި، އެކަލާނގެ ހަނދުމަކުރުމުން މިފަދަ ހިތްތައްވަނީ ހިތްހަމަޖެހިގެންނެވެ. ކެތްތެރިވުމާއި، ޝުކުރުވެރިވުމާއި ހޭދަކުރުމާއި، ފުދިގެންވުމާއި ﷲ ފިޔަވައި އެހެން ފަރާތަކަށް ބިރުނުގަތުމާއި ސަބަބުތަކުގައި ހިފުމާއި އެކަލާނގެއަށް ވަކީލުކުރުމަށް މިފަދަ ހިތްތައްވަނީ ރުހިގެންނެވެ. މިއީ، ބޮޑުވެގެންވާ ނަޞީބު ލިބިގެންވާ ނަފުސްތަކުގެ ވެރި ހިތްތަކެވެ.
ކީތިރި ޤުރްއާނުގައި ހިތައް ދެވިފައިވާ ނަންތައް:
1. القلب: (އައިސްފައިވަނީ ބަދަލުވުމުގެ މާނައިގައެވެ.) އީމާންކަމާއި، ބަލިމަޑުކަމުގެ ވާހަކަ ބަޔާންކުރާ ތަންތަނުގައި "القلب" މިލަފުޒު ކީރިތި ޤުރްއާނުގައި އައިސްފައިވެއެވެ.
ބަދަލުވުމުގެ މާނައިގައި: ރަޢުދު ސޫރަތުގެ 28 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވެއެވެ. ﴿ الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِاللَّهِ تَطْمَئِنُّ الْقُلُوبُ ﴾ "އެއުރެންނީ އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟"
ބަދަލުވުމުގެ މާނައިގައި: ޒުމަރު ސޫރަތުގެ 22 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވަނީ ﴿ فَمَن شَرَحَ اللَّهُ صَدْرَهُ لِلْإِسْلَامِ فَهُوَ عَلَىٰ نُورٍ مِّن رَّبِّهِ ۚ فَوَيْلٌ لِّلْقَاسِيَةِ قُلُوبُهُم مِّن ذِكْرِ اللَّهِ ۚ أُولَٰئِكَ فِي ضَلَالٍ مُّبِينٍ ﴾ " ފަހެ، އިސްލާމްދީނަށް އެމީހެއްގެ ހިތް ތަނަވަސްކޮށްދެއްވައި އޭނާގެ ވެރިރަސްކަލާނގެ ޙަޟްރަތުން ނޫރެއް ލިބިފައިވާ މީހަކު (އެނޫންމީހަކާ އެއްފަދަ ހެއްޔެވެ؟) ފަހެ، ﷲ ހަނދާންކުރުން ފިޔަވައި، އެއުރެންގެ ހިތްތައް ހަރުކަށިވެފައިވާ މީހުންނަށް ހަލާކު ހުއްޓެވެ. އެއުރެންވަނީ، ފާޅުވެގެންވާ މަގުފުރެއްދުމެއްގައެވެ.
ފުރަތަމަ އާޔަތުގައި ބަޔާންކުރައްވާފައިވަނީ އެހިތަކުން ﷲ ހަނދުމަކުރާ ހިތެއްގެ ވާހަކައެވެ. މިއާޔަތުގައި ހިތް ބަދަލުވެފައި އެވަނީ ރަނގަޅުހެޔޮ ބަދަލަކަށެވެ. އަދި ދެވަނަ އާޔަތުގައި ބަޔާންކުރައްވާފައިއެވަނީ ﷲ އަށް އީމާންވި މީހުންނާއި އެނޫން މީހުން ހަމަހަމަވެގެން ނުވާކަމާއި، ހިތްތައް ހަރުކަށިވިމީހުންނަށް ގެއްލުމާއި ހަލާކުހުރިކަން ބަޔާންކުރައްވާ އެފަދަ މީހުންނަކީ މަގުފުރެދުމެއްގެ ތެރޭގައިވާ ބައެއްކަން ހާމަކުރައްވާފައެވެ. މިތަނުގައި ހިތް ބަދަލުވެފައިވަނީ ޙައްޤަށް އިންކާރުކޮށް ހިދާޔަތާ ދެކޮޅަށް މަސައްކަތްކުރާ ހަރުކަށިވެފައިވާ ހިތެއްގެ ގޮތުގައެވެ.
2. الفؤاد (އެނދުން ނުވަތަ ހުޅުގަނޑު) ކީރިތި ޤުރްއާނުގައި "الفؤاد" މި ލަފުޒު ބޭނުންކޮށްފައިވަނީ އިންސާނާގެ އިޙުސާސްތައް އުތުރިއަރާ ހާލަތު ބަޔާންކުރާ ތަންތަނުގައެވެ. އޭގެ ތެރޭގައި ހިތާމައާއި، ރުޅިވެރިކަމާއި، އުފާވުން ފަދަ ޙާލަތްތަކުގައެވެ.
ކީރިތި ޤުރްއާނުގެ ޤަޞަޞް ސޫރަތުގެ 10 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. ﴿ وَأَصْبَحَ فُؤَادُ أُمِّ مُوسَىٰ فَارِغًا ۖ إِن كَادَتْ لَتُبْدِي بِهِ لَوْلَا أَن رَّبَطْنَا عَلَىٰ قَلْبِهَا لِتَكُونَ مِنَ الْمُؤْمِنِينَ ﴾ " އަދި މޫސާގެފާނުގެ މައިކަމަނާގެ ހިތްޕުޅު (މޫސާގެފާނު ފިޔަވައި އެހެން ހުރިހާ ކަމަމުން) ހުސްވެގެންވެއެވެ. ތިމަންރަސްކަލާނގެ އެކަމަނާގެ ހިތްޕުޅަށް ގަދަކަން ނުދެއްވިނަމަ، އެ ދަރިކަލުންގެ ކަންތައް އެކަމަނާ ފާޅުކުރައްވައިފީހެވެ. (އެއީ ހަރުދަނާ) މުއުމިނުންގެ ތެރެއިން އެކަމަނާ ވެވަޑައިގަތުމަށްޓަކައެވެ.
މިއާޔަތުގައި މޫސާގެފާނު ނީލަކޯރަށް ދޫކޮށްލުމުން މޫސާގެފާނުގެ މަންމަގެ ހިތަށް ވެރިވި ހިތާމަވެރިކަމާއި، ހުސްކަން ސިފަކޮށްދިނުމުގެ ގޮތުން، "الفؤاد" މިލަފުޒު ގެންނަވާފައި ވެއެވެ.
3. الصدر މާނައަކީ (މޭ) ކީރިތި ޤުރްއާނުގައި މިލަފުޒު ބޭނުންކުރައްވާފައިވަނީ ކުރަން ބޭނުން ކަންކަން އަދި ސިއްރުތައް މިދެބައި ބަޔާންކުރާ ޙާލަތްތަކުގައެވެ.
އާލްޢިމްރާން ސޫރަތުގެ 29 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. ﴿ قُلْ إِن تُخْفُوا مَا فِي صُدُورِكُمْ أَوْ تُبْدُوهُ يَعْلَمْهُ اللَّهُ ۗ وَيَعْلَمُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴾ "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ހިތްތަކުގައިވާކަމެއް، ތިޔަބައިމީހުން ވަންހަނާކުޅަޔަސް، ނުވަތަ އެކަމެއް ތިޔަބައިމީނުން ފާޅުކުޅަޔަސް، ﷲ އެކަމެއް ދެނެވޮޑިގެން ވެތެވެ. އަދި، އުޑުތަކުގައި ވާހާ ކަމަކާއި، ބިމުގައި ވާހާކަމެއްވެސް، އެކަލާނގެ ދެނެވޮޑިގެންވެތެވެ. ﷲ އީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަން ރަސްކަލާނގެއެވެ."