މައެއްގެ ދުލުން : ރޯދަ މަސް

އާސިޔާ
އާސިޔާ
3 އަހަރު ކުރިން
1 މިނިޓް

އަޅުގަނޑަކީ ތުއްތު ކުދިންތަކެއްގެ މަންމައެކެވެ.  ރޯދަ މަހަކީ އަޅުގަނޑަށް މަސްހުނި އިހްސާސްތަކެއް ކުރުވާ މަހެކެވެ. ބަރަކާތްތެރި މައްސަރާ ބައްދަލުވުމުގެ ފުރުސަތު ލިބުމުން ލިބޭ އުފާވެރިކަމާއެކު ބޭނުންވާ ވަރަށް އަޅުކަން ނުކުރެވުމުން ލިބޭ ހިތާމައިން ހިތް މާޔޫސް ކުރުވައެވެ.  ހިތް އެދެނީ ދިގުކޮށް ޚުޝޫއަތްތެރިކަމާއެކު ނަމާދުތައް ކުރުމަށެވެ. ނަމަވެސް އެހެނެއް ނުވެއެވެ. ސަޖިދައަށް ދާ ވަގުތު ކުދިން ބުރަކަށި މައްޗަށް އަރާ ކުޅެން ފަށާފާނެއެވެ. ނުވަތަ ބުރުގަލުގައި ހިފާ ނަގަން އުޅެފާނެއެވެ. ނުވަތަ ކުދިން ތޮޅެން  ފެށުމުން ނަމާދު ކުރުކޮއްލަން  މަޖުބޫރުވެއެވެ.

ޤުރުއާން ކިޔަވަން އިންދާ މުސްޙަފް އަތުލަން އުޅެފާނެއެވެ. ނުވަތަ އުނގަށް އަރާ ސަކަރާތް ޖަހަން ފަށާފާނެއެވެ. ރޭއަޅުކަމުގައި ވެސް މިފަދައެވެ. ކުއްޖަކު ހޭލުމުން ނަމާދު ކުރުކޮއްލަން ޖެހިދެއެވެ. ނުވަތަ ހަށިގަނޑަށް  ލިބިފައިވާ ވަރުބަލި ކަމަކުން ނިދީގެ މައްޗަށް ބާރު ނުފޯރުވޭ ފަހަރުވެސް އާދެއެވެ. މާޔޫސްވެ ބައެއް ފަހަރު ޝަކުވާ ކުރެވެއެވެ. އެއްވެސް އުދަނގުލަކާ ނުލާ އަޅުކަން ކުރެވޭނެ ނަމައެވެ.  ގިނަ ވަގުތު އަޅުކަމުގައި ހޭދަ ކުރެވޭނެ ނަމައެވެ. ސުވަރުގެ އާއި އެތާގެ ނިއުމަތްތަކަށް މިހިތް ވަނީ އެހާވެސް  ދަހިވެތި ވެފައިއެވެ. ﷲ ތަޢާލާ ގެ ރަޙްމަތަށް އެދި މިހިތް ރޮނީއެވެ.

މިފަދަ ކިތަންމެ މައިންނެއް އަޅުގަނޑުމެންގެ ތެރޭ ވާނެ ކަމީ ޝައްކެއް ވެސް ނެތް ކަމެކެވެ. އޭ ލޮބްވެތި މަންމައެވެ. ތިބާއީ އިސްލާމީ އުއްމަތަށް ޙިދުމަތް ކުރާނޭ ދަރިންތަކެއް ތަރުބިއްޔަތު ކުރުމުގެ ބުރަ މަސައްކަތް ކޮންމެ ދުވަހަކުމެ ކުރަމުންދާ މީހެކެވެ. ތިބާ ގެ މަސައްކަތަކީ އާޚިރަތުގައި އޭގެ ޘަވާބާއި ދަރުމަ ލިބޭނޭ ކަމެކެވެ. އޭ މަންމައެވެ. ތިބާގެ ހާލަތު އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ ﷲ އެވެ. ތިބާ ހިތުގެ އުދާސްތައް އެންމެ މޮޅަށް އެކަލާނގެ ދެނެވޮޑިގެންވެއެވެ.  އަދި އެކަލާނގެ ރަޙްމަތް ތަނަވަސް ވެގެން ވެއެވެ. އެކަލާނގެ ވަހީ ކުރައްވާފައިވެއެވެ. "އަދި ތިމަންރަސްކަލާނގެ رحمة ކޮންމެ އެއްޗަކަށްމެ ތަނަވަސް ވެގެންވެއެވެ." (الاعراف:  156 )

އޭ މަންމާއެވެ. ތިބާ އުދަނގުލާ އެކު ކުރާ އަޅުކަން އެކަލާނގެ ޙަޟްރަތުގައި ފަހަރުގައި ހެޔޮކަން ބޮޑުވެދާނެއެވެ. އެހެނީ ތިބާގެ ހިތް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެ ރަޙްމަތް އަޅުތަކުންގެ މައްޗަށް ތަނަވަސް ވެގެންވާ މިންވަރަކީ މީހަކު ހެޔޮކަމެއް ކުރަން ހިތުލާ އެކަމެއް ނުކުރެވުނު ނަމަވެސް އެމީހަކަށް  ޘަވާބު ދެއްވައެވެ. ތިބާ ހިތާމަ ކުރަނީ މަދުން އަޅުކަން ކުރެވޭތީ ހެއްޔެވެ. ﷲ ތަޢާލާ ޙަޟްރަތުގައި އެންމެ ލޮބުވެތި ޢަމަލަކީ މަދު ނަމަވެސް ތަކުރާރުކޮށް އަބަދު ކުރެވޭ އަޅުކަން ކަމުގައި ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވެއެވެ. އޭ މަންމާއެވެ. މާޔޫސް ނުވެ ހިތްވަރާ އެކު ކުރިޔަށް ދާށެވެ. ތިބާގެ ވެރި އިލާހު ތިބާ ބައްލަވާވޮޑިގެންވެއެވެ. އަދި އެކަލާނގެ ރަޙްމަތް ތަނަވަސްވެގެންވެއެވެ.

Copyright © 2024 Faaru News
Made with by Afeef & Noor