މިކުދިން މުސްތަޤްބަލާމެދު ކުރާ އުއްމީދުތައް

އަބްޔަން މިޝްޢާލް
އަބްޔަން މިޝްޢާލް
3 އަހަރު ކުރިން
2 މިނިޓް

މިއަދަކީ ބައިނަލް އަޤްވާމީ ކުޑަކުދިންގެ ދުވަހެވެ. ދުވަހުގެ މުނާސަބަތުގައި ހުޅުދުއްފާރު ސްކޫލުގެ ފަރާތުންވަނީ ކުޑަކުދިން އެކުދިންގެ މުސްތަޤްބަލަށް ކުރާ އުއްމީދުތަކާ ގުޅޭ ވީޑިޔޯއެއް ޢާއްމުކޮށްފައެވެ. ޤައުމީ ބޮޑެތި މައްސަލަތަކުން ފަށައިގެން އިޤްތިސާދީ ގޮތުންނާއި ތަޢުލީމީ ގޮތުން ރާއްޖެ ކުރިއަރައިގެން ދިޔުމާއި އަމާން އޮމާން ވެއްޓެއްގައި އުޅެން އެކުދިން ބޭނުންވާކަން މި ވީޑިޔޯއިން ވަރަށް ރަނގަޅަށް ހާމަވެއެވެ.

އެންމެ ފުރަތަމަ ފެނިގެން ގޮސްފައިވަނީ، ގުރޭޑް 3ގެ ދަރިވަރު މަރްޔަމް ނަރީމާގެ އުއްމީދެވެ. ނަރީމާ ބުނެފައިވަނީ، "އަޅުގަނޑު މުސްތަޤްބަލަށް ކުރާ އުއްމީދަކީ، ދިވެހިރާއްޖެއަކީ ދުނިޔެ ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ޤުދުރަތީ ކާރިސާތަކުގެ ސަބަބުން ދުނިޔޭގެ ޗާޓުތަކުން ފޮހެވިގެން ނުދާނެ ޤައުމެއްގެގޮތުގައި މާތްﷲ ލެހެއްޓެވުން" ކަމަށެވެ.

އެލްކޭޖީގައި ކިޔަވަމުން އަންނަ އަލްވީން ޢަލީ ރަފީޤުގެ އުއްމީދު ވަރަށް ތަފާތެވެ. އަލްވީން ބުނެފައިވަނީ އޭނާ މުސްތަޤްބަލަށް ކުރާ އުއްމީދަކީ "އަނިޔާވެރިކަމާއި ނަހަމަކަމުން ސަލާމަތްވެފައިވާ އަމާން އޮމާން ސުލްހަވެރި އިންސާފުވެރި ވެއްޓެއްގައި ދިރިއުޅެން ލިބުން" ކަމަށެވެ.

ގުރޭޑް 5އޭގެ ދަރިވަރު ފާޠިމަތު ހިމްނާ ޙުސައިން ކުރަމުންދާ އުއްމީދަކީވެސް ދިވެހި ޤައުމިއްޔަތަށް ވަރަށް މުހިއްމު އުއްމީދެކެވެ. ހިމްނާ ބުނެފައިވަނީ އޭނާ މުސްތަޤްބަލަށް ކުރާ އުއްމީދަކީ "ދިވެހިންނަކީ ކުރިމަގުގައިވެސް، އިސްލާމްދީނާދެކޮޅު ކޮންމެ އޮއިވަރަކުން ދިވެހި ޤައުމާއި ދަރިން ސަލާމަތުގެ އައްސޭރިއަށް ގެންދިޔުމަށް ގަދައަޅާ މަސައްކަތްކުރާ ހިތްވަރާ ޖޯޝްހުރި ބަޔަކަށްވުން" ކަމަށެވެ.

ގުރޭޑް 1އޭ ގައި ތަޢުލީމް ޙާސިލްކުރާ މުޖާހިދު ބިން ޖިހާދުގެ އުއްމީދުވަނީ ވަރަށް ބޮޑަށް ތަޢުލީމީ ދާއިރާއާ ގުޅިފައެވެ. މުޖާހިދު ބުނެފައިވަނީ "އަޅުގަނޑު މުސްތަޤްބަލަށް ކުރާ އުއްމީދަކީ، ދިވެހިންނާއި ދިވެހިރާއްޖެއަކީ ތަޢުލީމީ ގޮތުން އެންމެ ޤާބިލު އަދި ކުރިއަރާފައިވާ ބަޔަކު ދިރިއުޅޭ ޤައުމެއްގެ ގޮތުގައި މުޅި ދެކުނު އޭޝިޔާގައި ނަންވިދާލުން." ކަމަށެވެ.

ގުރޭޑް 2ގެ މަރްޔަމް ސާރާ ސަމީރުވެސް އުއްމީދުކުރަނީ މިހާރަށްވުރެ ބޮޑަށް އިހްތިރާމްކުރުން އޮންނަ މުޖްތަމަޢަކަށް ވުމެވެ. ސާރާ ބުނެފައިވަނީ އޭނާގެ އުއްމީދަކީ "އެކަކު އަނެކަކަށް އިހްތިރާމްކުރާ އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް އޯގާތެރި ރައްޔިތެއް ދިރިއުޅޭ ގައުމަކަށް މިގައުމުވުން" ކަމަށެވެ.

އިބްރާހީމް ޢާއިޝް (ގުރޭޑް 3)ގެ އުއްމިދުވެސް ގުޅެނީ ސުލްހަވެރި މުޖްތަމަޢަކަށެވެ. ޢާއިޝްވެސް ބުނެފައިވަނީ އޭނާގެ އުއްމީދަކީ، "ދިވެހިރާއްޖެއަކީ ޚިޔާލުތަފާތުވުންތަކާއެކު ވެސް، ސުލްހަވެރިކަމާ އަމާންކަމާއެކު އުޅެވޭ، އަޅުގަނޑުމެން ކާފައިންނާއި މާމަމެން ޒަމާނުގައި އޮތް ފަދަ އެކުވެރި އަޚްވަންތަ ސުލްހަވެރި އަމާން ވެއްޓެއް އޮންނަ ގައުމެއްގެ ގޮތުގައި އޮތުން" ކަމަށެވެ.

ޔޫކޭޖީގެ ދަރިވަރު އިމާޝާ ރަޝީދު ކުރާ އުއްމީދަކީ ރާއްޖޭގެ މިނިވަންކަމާ ގުޅޭ އުއްމީދެކެވެ. އިމާޝާ ބުނެފައިވަނީ "އަޅުގަނޑު މުސްތަޤްބަލަށް ކުރާ އުއްމީދަކީ، ދިވެހިރާއްޖެއަކީ ބޭރުގެ އެއްވެސް ނުފޫޒެއް ނެތި މިނިވަން ދިދައެއްގެ ހިޔާދަށުގައި ތާއަބަދަށް ދެމި ތިބެވޭނެ ބައެއްކަމުގައިވުން" ކަމުގައެވެ.

މިވީޑިޔޯކޮޅު ނިންމާލާފައިވަނީ ގުރޭޑް 6އޭ ގެ ދަރިވަރު އާއިޝަތު ޝާއިފާގެ އުއްމީދުގެ ވާހަކައިންނެވެ. ޝައިފާ ބުނެފައިވާ ގޮތުން އޭނާގެ އުއްމީދަކީ "އަޅުގަނޑުމެން ބޮޑެތި މީހުންނަށް ވެގެންދާއިރު މިދިވެހި ގައުމަކީ އިގްތިސާދީ ރޮނގުންނާއި ފުދުންތެރިކަމުގެ ގޮތުން ދުނިޔޭގައި ނަން ހިނގާފަދަ ކުރިއަރާފައިވާ ގައުމަކަށް ވެގެން ދިޔުން" ކަމަށެވެ.

  ވީޑީޔޯ ބައްލަވާ ލެއްވުމަށް: https://fb.watch/5oV0X-AUhl/

Copyright © 2024 Faaru News
Made with by Afeef & Noor