الحمد لله والصلاة والسلام على نبينا وحبيبنا محمد صلى الله عليه وسلم
ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ ކޮބައިހެއްޔެވެ؟
ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ ނަމާދުގައި ﷲއަށް އިޚްލާޞްތެރިވެ މަޑުމޮޅިވުމެވެ. އެކަލާނގެއަށް ބިރުވެތިވެ ނިކަމެތިވުމެވެ. ނަމާދުގައި ދުނިޔަވީ އެހެން ހުރިހާ ޚިޔާލުތަކުން އެއްކިބާވެ ﷲއަށް ކުއްތަންވުމެވެ.
ﷲ تعالى ވަޙީ ކުރައްވާފައިވެއެވެ. ( وَقُومُواْ لِلَّهِ قَٰنِتِينَ ) سورة البقرة 238
"އަދި ތިޔަބައިމީހުން اللَّهއަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) ޤާއިމްވެ ތިބޭށެވެ!"
އަދިވެސް އެކަލާނގެ ޤުރުއާނުގައި މުއުމިނުންގެ ޞިފަތައް ބަޔާންކުރައްވަމުން ވަޙީކުރައްވާފައިވެއެވެ.
( قَدۡ أَفۡلَحَ ٱلۡمُؤۡمِنُونَ - ٱلَّذِينَ هُمۡ فِي صَلَاتِهِمۡ خَٰشِعُونَ ) سورة المؤمنون 1,2
"މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ."
ޚުޝޫޢަތްތެރިކަމަކީ ނަމާދުގެ ރޫޙެވެ. ފަހެ ޚުޝޫޢަތްތެރިކަމެއް ނެތި ކުރާ ނަމާދަކީ އެއްވެސް ދިރުމެއް ނުވާ ހަމައެކަނި ޙަރަކާތްތަކެއްކަމުގައި ނޫނީ ނުވެއެވެ. ވުމާއިއެކު ނަމާދުގައި ޚުޝޫޢަތްތެރި ވެވޭނީ ކިހިނެއްތޯ ބަލައިލަމާ ހިނގާށެވެ.
- · ފުރަތަމައީ، ނަމާދު ކުރެވޭ ފަރާތް ދެނެގަތުން.
އެބަހީ ﷲ تعالىގެ މަތިވެރިކަމާއި އެކަލާނގެ ހައިބަތު ދެނެގަތުމެވެ. ނަމާދަށް ހުއްޓި ހުންނަ މީހާ އެ ހުންނަނީ ﷲ تعالىގެ ކުރިފުޅުމަތީގައެވެ. ފަހެ އެކަލާނގެ ހައިބަތު އެނގޭ މީހާ ބިރުވެތިވެ މަޑުމޮޅިވާނެއެވެ. އެއީ ނަމާދުގައި އެކަންޏެއް ނޫނެވެ. ކުރާ ކޮންމެ ޢަމަލެއްގައިވެސް އިޚްލާޞްތެރިވާނެއެވެ. އިޙްސާންތެރިކަމާ ބެހޭގޮތުން ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.
( أن تعبد الله كأنك تراه, فإن لم تكن تراه فإنه يراك ) رواه مسلم
"އެއީ ތިބާއަށް ﷲ تعالى ފެނިހުރެ އަޅުކަން ކުރާ ފަދައިން އަޅުކަންކުރުމެވެ. ފަހެ ތިބާއަށް އެކަލާނގެ ނުފެނުނެއްކަމަކު، ހަމަކަށަވަރުން އެކަލާނގެ ތިބާއަށް ބައްލަވާވޮޑިގެންވެއެވެ."
- · ދެވަނައީ، ނަމާދުގެ އަހައްމިއްޔަތު ދެނެގަތުން.
އިސްލާމްދީނުގައި ނަމާދުގެ މަތިވެރިކަން އެނގޭ މީހާ ނަމާދުތަކަށް ރައްކާތެރިވެ ނަމާދުގައި ޚުޝޫޢަތްތެރި ވާނެ ނޫންހެއްޔެވެ؟ ނަމާދަކީ ޝަހާދަތުގެ ދެ ކަލިމައަށްފަހު އަޅާގެ މައްޗަށްވާ އެންމެ ބޮޑު ވާޖިބެވެ. އެއީ އިސްލާމްދީނުގެ ތަނބެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.
( وعموده الصلاة ) رواه الترمذي
"އަދި އިސްލާމްދީނުގެ ތަނބަކީ ނަމާދެވެ."
އަޅާގެ ދުނިޔަވީ އަދި އުޚްރަވީ ޙަޔާތުގެ ބާއްޖަވެރިކަން ބިނާވެގެންވަނީ ނަމާދުގެ މައްޗަށެވެ. ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނީވެސް ނަމާދާއި މެދުގައެވެ. ނަމާދުތަކަށް ރައްކާތެރިވެ ފުރިހަމައަށް އަދާކޮށްފިމީހާ ކާމިޔާބުވެއްޖެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.
( إِنَّ أَوَّلَ مَا يُحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ مِنْ عَمَلِهِ صَلَاتُهُ فَإِنْ صَلُحَتْ فَقَدْ أَفْلَحَ وَأَنْجَحَ وَإِنْ فَسَدَتْ فَقَدْ خَابَ وَخَسِرَ ) رواه أبو داود, والترمذي, والنسائي
"ހަމަކަށަވަރުން އަޅާގެ ޢަމަލުތަކުގެ ތެރޭން، ޤިޔާމާތް ދުވަހު އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނީ އެމީހެއްގެ ނަމާދާއި މެދުގައެވެ. ފަހެ ނަމާދު ރަނގަޅުވެއްޖެނަމަ، ނަޖާވެ ކާމިޔާބުވެއްޖެއެވެ. ނަމާދު ފަސާދަވެއްޖެނަމަ ގެއްލި ހަލާކުވެއްޖެއެވެ."
މުސްލިމުންގެ ދެވަނަ ޚަލީފާ ﷲ ރުއްސުންލެއްވި ޢުމަރު ބުނު އަލްޚައްޠާބު ވިދާޅުވެފައިވެއެވެ.
( لا حظ في الإسلام لمن ترك الصلاة )
"ނަމާދު އަޅާ މީހާއަށް އިސްލާމްކަމުގެ އެއްވެސް ހެވެއް ނުވެއެވެ."
- · ތިންވަނައީ ނަމާދުގައި ކިޔާ ޛިކުރުތަކުގެ މާނަ ދަސްކުރުން
ނަމާދުގައި ކިޔާ ޛިކުރުތަކުގެ މާނަ ދަސްކުރުމުގެ ސަބަބުން ނަމާދު ކުރާއިރު އެހެނިހެން ޚިޔާލުތަކުން ދުރުވުމަށް ފަސޭހަވެގެންދާނެއެވެ. ނަމާދުގެ ޛިކުރު ތަކުގެ އިތުރުން އިމާމުން ޢާންމުކޮށް ކިޔަވާ ނުވަތަ ތިރީ ކުދި ސޫރަތްތަކުގެ މާނަ ދަސްކުރެވިދާނެއެވެ. އިމާމު މީހާ ކިޔަވަމުން ދާއިރު މާނައަށް ވިސްނައި އެހެނިހެން ފިކުރުތަކުން ދުރުވެވޭނެއެވެ.
- · ހަތަރުވަނައީ ނަމާދުގައި މަރު މަތިން ހަނދުމަކުރުން
ދުނިޔޭގައި ލިބިފައި މިހާ ވަގުތުކޮޅަކީ މަދު ވަގުތުކޮޅެކެވެ. މަރު އައިސް ބައްދަލު ކުރާނީ ކޮންއިރަކުންކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. ވުމާއިކު ކުރާ ކޮންމެ ނަމާދަކީވެސް ތިބާގެ އެންމެ ފަހު ނަމާދަށް ވެދާނެކަމަށް ހީކޮށް ނަމާދުކުރާށެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޠް ކުރައްވާފައިވެއެވެ.
(اذكر الموت في صلاتك، فإن الرجل إذا ذكر الموت في صلاته لحري أن يحسن صلاته)
أخرجه البيهقي في كتاب الزهد الكبير وصاحب كنز العمال، وحسنه الشيخ الألباني
"ތިބާގެ ނަމާދުގައި މަރު ހަނދުމަކުރާށެވެ. ފަހެ ހަމަކަށަވަރުން މީހާ، އޭނަގެ ނަމާދުގައި މަރު ހަނދުމަކުރާނަމަ، އޭނާގެ ނަމާދު ފުރިހަމަކުރުމަށް އަހައްމިތްތަތުކަން ދޭނެއެވެ."
ޚުޝޫޢަތްތެރިކަމަކީ ﷲ ދެއްވާ ނިޢުމަތެކެވެ. އެކަލާނގެ އެކަމުގެ ތައުފީޤު ދެއްވާ އަޅަކަށް މެނުވީ ނުލިބޭނެއެވެ. ވުމާއެކު ޚުޝޫޢަތްތެރިވުމަށް އަޅުގަނޑުމެން މަސައްކަތް ކުރާ ޙާލު އެކަމަށް އެދި ދުޢާކުރަންވެސް ޖެހޭނެއެވެ. ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނު ދުޢާ ކުރައްވާއިރު ވިދާޅުވާ ކަމުގައި ވެއެވެ.
( اللهم إني أعوذ بك من قلب لا يخشع .. ) رواه الترمذي
"އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! (އިބަ އިލާހަށް) ބިރުވެތި ނުވާ ހިތަކުން މިއަޅާ ރައްކާތެރިކަމަށް އެދެމެވެ."
أسأل الله أن يجعلنا من الخاشعين