އަދަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. 2002 ވަނަ އަހަރުން ފަށައިގެން ކޮންމެ އަހަރަކުވެސް ރިޕޯޓާސް ވިތައުޓް ބޯޑާސްގެ ފަރާތުން ދުނިޔޭގެ އެކި ޤައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް ނެތް ގޮތް ދަރަޖަ ކުރެއެވެ. މިދަރަޖަ ކުރުމުގައި، އެކި ޤައުމުތަކަށް އެއްބައި އަހަރުތަކުގައި ކުރިއެރުން ލިބި، ބައެއް އަހަރުތަކުގައި ކައްސާލައިގެން ވެއްޓި ދާތަން ވެސް ފެނެއެވެ. ރާއްޖެއަށް މިއަހަރު މިވަނީ މިދިޔަ އަހަރަށްވުރެ 7 ދަރަޖަ މަތީ ކުރިއެރުމެއް ހޯދި ދުނިޔޭގެ 72 ވަނަ ލިބިފައެވެ.
ރިޕޯޓާސް ވިތައުޓް ބޯޑާސްއަކީ ކޮން ބައެއް؟
މިއީ ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ހުންނަ ބައިނަލްއަޤްވާމީ ޖަމިއްޔާއެކެވެ. މައިގަނޑު މަގްސަދަކީ މައުލޫމާތު ފެތުރުމުގެ ނުވަތަ ހޯދާ ލިބިގަތުމުގެ މިނިވަންކަމުގެ ޙައްޤު ދެމެހެއްޓުމެވެ. ޖަމިއްޔާ އުފެދިފައިވަނީ 1985 ވަނަ އަހަރު ފަރަންސޭސި 4 ނޫސްވެރިއެއްގެ މަސައްކަތުންނެވެ.
ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްއަކީ ކޮބާ؟
މިއީ ރިޕޯޓާސް ވިތައުޓް ބޯޑާސްގެ ފަރާތުން، ދުނިޔޭގެ 180 ގައުމެއްގައި މީޑިޔާތަކަށް ޚިޔާލުފާޅުކޮށް މިނިވަން ނޫސްވެރިކަމެއް ކުރުމަށް އޮތް ފުރުސަތުގެ މިންވަރު މިނެކިރުމަށް ބޭނުންކުރާ އިންޑެކްސް އެކެވެ. ބައިނަލް އަޤްވާމީ ގިނަ ޖަމާޢަތްތަކަކުން މި އިންޑެކްސް ބަލައިގަނެފައިވެއެވެ. މިސާލަކަށް، ވޯލްޑް ބޭންކުން ދުނިޔޭގެ އެކި ޤައުމުތަކުގައި ސަރުކާރުން ޤާނޫނުގެ ސިޔާދަތަށް އިހްތިރާމްކުރާ މިންވަރު ބެލުމަށް މިއިންޑެކްސްގެ އެހީ ހޯދައެވެ. 2013 ވަނަ އަހަރުން ފަށައިގެން ކޮންމެ އަހަރަކުވެސް ރާއްޖޭގެ ޙާލަތު މި އިންޑެކްސް އިން މިންކުރެއެވެ.
ނޫސްވެރިކަމުގެ މިނިވަންކަން މިނެކިރަނީ ކިހިނެއް؟
ރިޕޯޓާސް ވިތައުޓް ބޯޑާސްގެ ފަރާތުން ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަން މިނެކިރުމަށް ގެންގުޅޭ އިންޑެކްސް ޢަދަދުކުރަނީ 6 ދާއިރާއަކަށް ބަލާ މާކްސް ދީގެންނެވެ.
އޭގެތެރޭގައި،
1. ޕްލޫރަލިޒަމް: މިއީ ތަފާތު ވިސްނުންތަކާއި، ޚިޔާލާތުތަކުގެ މީހުންވެސް އެކުއެކީ އެއް މުޖްތަމަޢެއްގައި ސުލްހަވެގެން އުޅެވޭ މިންވަރު ވަޒަންކުރާ ބައެވެ. އެގައުމެއްގެ މީޑިޔާގައި އެފަދަ ތަފާތު ޚިޔާލުތައް ހިއްސާކުރުމަށް ފުރުސަތު އޮތީ ކިހާވަރަކަށްތޯ މިންކުރަނީ މިބައިންނެވެ.
2. މީޑިޔާގެ މިނިވަން މިން: މިބައިގައި ބަލަނީ އެގައުމެއްގެ ސަރުކާރުގެ ނުފޫޒުންނާއި، ވިޔަފާރިވެރިންގެ ކިބައިން، އަދި ދީނީ ބާރުތަކުގެ ފަރާތުން މީޑިޔާތައް މިނިވަންވެފައިވާ މިންވަރުގެ މައްޗަށެވެ.
3. މީޑިޔާގެ މާހައުލާއި އަމިއްލަ ސެންސަރޝިޕް: މިބައިގައި ބަލަނީ މީޑިޔާގައި ޙަރަކާތްތެރިވާ ފަރާތްތައް މަސައްކަތްކުރާ މާހައުލަކީ މީޑިޔާގެ މަސައްކަތްތަކަށް ކިހާ ފަހި ފުރުސަތެއް އޮތް މާހައުލެއްތޯއެވެ.
4. ޤާނޫނީ ތަރަހަ: މިބައިގައި ބަލަނީ ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގެ މަސައްކަތަށް ޤާނޫނުތަކާއި ޤަވާޢިދުތަކުން ބާރު ފޯރުވާ މިންވަރުގެ މައްޗަށެވެ.
5. ދެފުށްފެނުން: މިބައިގައި ބަލަނީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި ނުފޫޒު އޮތް މުއައްސަސާތައް އެކަމުގައި ގެންގުޅޭ ދެފުށްފެންނަ އުސޫލުތައް ހުރި މިންވަރަށެވެ.
6. ނޫސްވެރިކަމަށް މަގުފަހިކުރުވާ ވަސީލަތްތައް: މިބައިގައި މިނަނީ ޚަބަރާއި މައުލޫމާތު ގެނެސްދިނުމަށް ހުރި ވަސީލަތްތައް ލިބެމުގައި ހުރި ފަސޭހަކަމުގެ މިންވަރެވެ.
މިދާއިރާތަކާގުޅޭ 86 ވަރަކަށް ސުވާލު ހިމެނޭ ކޮލިޓޭޓިވް ކުއެއްޝަނެއަރއެއް ރިޕޯޓާސް ވިތައުޓް ބޯޑާސްގެ ފަރާތުން ތައްުޔާރުކޮށް، ދާއިރާގެ އެކި ފަރާތްތައް ލައްވާ ފުރުވައެވެ. މިގޮތުން، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ގޮވާލާ އެކި ޖަމިއްޔާތަކާއި، ހޮވާލެވޭ ވަކި ނޫސްވެރިން، ޤާނޫނީ ބޭފުޅުން އަދި އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތައް މިސުވާލުތަކަށް ޖަވާބުފޮނުވައެވެ. މިޖަވާބުތަކުގެ މައްޗަށް ބިނާކޮށް ޤައުމުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންވަރު އަންދާޒާކުރެވެނީއެވެ. މީގެ އިތުރަށް ދެން ބޭނުންކުރާ ބައި ބިނާވަނީ ކުއެންޓިޓޭޓިވް ދިރާސާއެއް ގޮތަށް، އެއަހަރެއްގައި ނޫސްވެރިންނަށް ބިރުދެއްކުމާއި ކުރިމަތިވާ އަނިޔާގެ މައްސަލަތަކުގެ އަދަދުގެ މައްޗަށެވެ.
މިމިންގަނޑަށް ހުރި ފާޑު ކިޔުންތައް
ބައިނަލްއަޤްވާމީ ގިނަ ޖަމިއްޔާތަކުން ބަލައިގަނެފައިވާ މިންގަނޑެއްކަމުގައި ވިޔަސް، ކޮންމެ އަހަރަކު ނެރޭ މި ދަރަޖަކުރުމަށް ގެންގުޅޭ އުސޫލުތަކަށް އެކި ދާއިރާތަކުން ފާޑުކިޔުން އަމާޒުވެފައިވެއެވެ. އެންމެ ގިނައިން މިފަދަ ފާޑު ކިޔުންތައް ކިޔާނީ މި މިންކުރުމުގައި އެންމެ ދަށުން މާކްސް ލިބޭ ޤައުމުތަކުގެ ފަރާތުން ކަމަށް ވިޔަސް، މި މިންކުރުމަށް ގެންގުޅޭ އުސޫލުތަކުގައި ހުރި އުނި ކަންކަން އިސްލާހްކުރުމަކީ ނެތްކަމެއް ނޫނެވެ.
އެކި ގައުމުތަކުން ނޫސްވެރިންނާއި ދާއިރާގެ މާހިރުން ލައްވާ މިފުރުވާ ފޯމުގެ ޖަވާބުތަކަށް ބިނާކޮށް ނެރެވޭ ނަތީޖާއަކަށް ވީހިނދު، ޖަވާބުދިނުމުގައި އަންނަ ވަކިކޮޅަކަށް ޖެހުމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް މިހާރު އޮތް އުސޫލުގެ ތެރެއިން ގެނައުން ވެފައިވަނީ ދަތިކަމަކަށެވެ. ވަކި ސަރުކާރެއް އޮތީމާ މާކްސް ދަށްކޮށްލުމުގެ ގަސްދުގައި، ނުވަތަ ސިޔާސީ ބައެއްގެ ނުފޫޒުން މާކްސް މަތިކުރުމުގެ ބޭނުމުގައި ވަކިގޮތަކަށް ޖަވާބުތައް އުފެއްދުން މިއީ ބޮޑު ފުރުސަތެއް އޮތް ކަމެކެވެ. މިކަން ކުރާ ޕްރޮސެސް ދެފުށްފެންނަ ގޮތް ހެދުމަށް ރިޕޯޓާސް ވިތައުޓް ބޯޑާސް އިން މަސައްކަތް ކޮށްފައެެއް ނުވެއެވެ. ޖަވާބުދެނީ ކޮން ބައެއްކަމެއް، ދީފައިވާ ޖަވާބުތަކަކީ ކޮބައިކަމެއް ހާމަކުރަމުން ނުދާހިނދު، ނަތީޖާގެ ސައްހަކަމާމެދު ސުވާލު އުފެދުމުގެ ފުރުސަތު އޮވެއެވެ.
ބައެއް ސުވާލުތައް އެއީ އެހާ އިންސާފުވެރިކޮށް ގެނެވިފައިވާ ސުވާލުތަކެއް ކަމާމެދުވެސް ބައެއް މީހުން ސުވާލު އުފައްދައެވެ. މިސާލަކަށް، ސަރުކާރާއި ވިޔަފާރިތަކާއި ދީނީ ބާރުތަކުން ނޫސްވެރިންނަށް ފޯރުވާ ނުފޫޒުގެ މިންވަރު މިނުމަށް ހުށައެޅިފައިވާ ސުވާލުގައި ވަނީ ނިމިދިޔަ 12 މަހުގެ ތެރޭގައި އެފަރާތްތަކުން ނޫސްވެރިއަކާ ދިމާއަށް ދެވޭ ރައްދުތައް އެފޯމު ފުރާމީހާއަށް އިވިފައިވާ މިންވަރު ބަލަން ސުވާލުކުރެވިފައިވެއެވެ. މިފަދަ ގިނަ ސުވާލުތަކަކީ ޖަވާބުދޭ މީހާގެ ޟަމީރު ޖެހޭ ކޮޅަކުން މާކްސް ގިނަވެ މަދުވެ ހެދޭނެ ސުވާލުތަކެވެ.
އަދި ބައެއް ސުވާލުތަކަކީ، އުފެދުމުގައިވެސް ބައެއް ޤައުމުތަކަށް ނާޖާއިޒު ގެއްލުމެއް ލިއްބައިދޭ ފަދަ ސުވާލުތަކެކެވެ. ތަފާތު ޘަޤާފަތުތައް އޮންނަ ޤައުމުތަކުގައި އޮންނަންވާ ވަރަށް ޕްލޫރަލިޓީ އެއްޘަޤާފަތެއްގެ މައްޗަށް ބިނާވާ ޤައުމެއްގައި ނޯންނާނެ ހިނދު، މިބައިން އެޤައުމުތައް ރަނގަޅު ނަތީޖާ ހޯދޭނެ ގޮތަކީ، މިހާރުގެ މިންގަނޑަށް ބަލާނަމަ ނެތް ގޮތެކެވެ.
މިމިންގަނޑުން ބަލަނީ މިނިވަން ނޫސްވެރިކަމެއް އޮވޭތޯ ނޯވޭތޯއެވެ. އަދި އެއީ ކިހާވަރަކަށްތޯއެވެ. މިއީ ނޫސްވެރިންގެ ސުލޫކާއި ނޫސްވެރިންގެ ފެންވަރު ދެނެގަންނަ މިންގަނޑެއް ނޫންކަމަށް ރިޕޯޓާސް ވިތައުޓް ބޯޑާސްއިންވެސް ފާހަގަކުރެއެވެ. އެއީ ވަކި މައްސަލައެކެވެ.
ކޮންމެއަކަސް، މިފަދަ މިންކުރުމެއް އޮތުމަކީ މުޙިއްމުކަމެކެވެ. ޖައްބާރުވާ ބައެއް ސަރުކާރުތަކާއި، ސިޔާސީން މިއިންޑެކްސް ދެކެ މިހާ ބިރެއް އެގަންނަނީވެސް މީގެ ނުފޫޒު ރަނގަޅުކަމުންނެވެ. އެހެނަސް، އިހުނަށްވުރެ ބޮޑަށް ދެފުށްފެންނަ ގޮތަށް މިއުސޫލު ހިންގުމާއެކު، އަދި އެކި ސަރަހައްދުތަކާއި ޤައުމުތަކުގެ ދަރަޖަކުރުމަށް ތަފާތު އޮނިގަނޑުތަކެއް ގެންގުޅުމަކީ، މިމިންގަނޑުގެ އިތުބާރު ދެމެހެއްޓުމަށް މިހާރުވެސް ކުރަން ޖެހޭ ކަންކަން ކަމުގައި ފެނެއެވެ.