ރ.ހުޅުދުއްފާރު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޤާއިމް ޔޫސުފް އައްޔަންކޮށްފި

މަޤާމާ ޙަވާލުވުމަށްފަހު މިއަދު ކައުންސިލަށް ވަޑައިގަތުމުން މަރުޙަބާ ވިދާޅުވަނީ (ފާރު ފޮޓޯ: އަޙްމަދު ފާރިޟް)
ހަމްދީ
ހަމްދީ
2 އަހަރު ކުރިން
1 މިނިޓް

ރ.ހުޅުދުއްފާރު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް، ރ.ހުޅުދުއްފާރު، މުނާ، އަލްފާޟިލް ޤާއިމް ޔޫސުފް އާދަމް އައްޔަންކޮށްފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ލޯކަލް ކައުންސިލްގެ އިދާރާތަކުގެ ސިވިލް ސަރވިސް އެންމެ އިސްވެރިޔާގެ ގޮތުގައި އައްޔަންކުރުމަށް ޤާނޫނުގައި ބަޔާންކުރާ ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް، ރ.ހުޅުދުއްފާރު ކައުންސިލުން ޤާއިމް ޔޫސުފް އައްޔަންކުރީ މިއަދުއެވެ.


ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ، ކައުންސިލް އިދާރާގެ އިދާރީ އެންމެ އިސް މަޤާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.


ރ.ހުޅުދުއްފާރު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް، އައްޔަންކުރުމުގެ ކުރިން ޤާއިމް ޔޫސުފް އަދާކުރަމުން ގެންދިޔައީ ރ.ހުޅުދުއްފާރު ސުކޫލުގައި އިކޮނޮމިކްސް ޓީޗަރެއްގެ މަޤާމެވެ. މީގެ އިތުރުން ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ޤާއިމް ޔޫސުފްވަނީ، ރ.ހުޅުދުއްފާރު ކައުންސިލްގެ ރައީސްގެ މަޤާމަށްވެސް ކުރިމަތިލާފައެވެ.
ރ.ހުޅުދުއްފާރު ސުކޫލުން ތަޢުލީމު ހާސިލުކުރުމަށްފަހު އިޓަލީން ޑިޕްލޮމާ ނިންމައި ޤާއިމް ޔޫސުފް ވަނީ އެމެރިކާއިން އިކޮނޮމިސްއިން ޑިގްރީ ހާސިލްކޮށްފައެވެ.

Copyright © 2024 Faaru News
Made with by Afeef & Noor