ރައްކާތެރި ވާށެވެ. ފަހެ އެއީ ވިހައެކެވެ.

އާސިޔާ
އާސިޔާ
2 އަހަރު ކުރިން
3 މިނިޓް

ޣީބަބުނުމާއި، ދޮގު ވާހަކަ ފަތުރާ މީހުންގެ އަބުރު ކަތިލުމަކީ، ފެންފޮދެއް ބޯލުމަށް ވުރެންވެސް ފަސޭހަ ކަމަކަށް މިއަދު މިވަނީ ވެފައެވެ. މީސްމީޑިޔާއިންނާއި ޚަބަރު ފަތުރާ ވަސީލަތްތަކުން މީހުންގެ އަބުރު ކަތިލާ އިރު ބިރުގެ ކަންފުޅެއްވެސް ނެތެވެ. ފިނި ކޮޓަރިއެއްގައި ތިބާ އިނދެ ލިޔެލާ ލިޔުމަކީ، ތިބާ ނަރަކައިގެ ހޫނު އަލިފާނަށް އެއްލައިލެވޭނެ ސަބަބެއް ކަމުގައި ނުވާނޭ ކަމުގެ ޔަޤީންކަން ތިބާއަށް ލިބިގެންވޭ ހެއްޔެވެ؟ ޢީބަ ބުނެ، ދޮގު ވާހަކަ ފަތުރާ، މީހުންގެ އަބުރު ކަތިލާ އިރު، ޤިޔާމަތް ދުވަހު ތިބާގެ ހެޔޮ ޢަމަލުތައް އެމީހުންނަށް ދޭން ނުޖެހޭނެ ކަމުގެ ކިހާ ޔަގީންކަމެއް އެބަ އޮތް ހެއްޔެވެ؟

ﷲ ތަޢާލާ ވަހީ ކުރައްވާފައިވެއެވެ ( يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ تَوَّابٌ رَّحِيمٌ ‎)

މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް غيبة ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ أخ އާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ." [49:12]

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏"‏ أَتَدْرُونَ مَا الْغِيبَةُ ‏"‏ ‏.‏ قَالُوا اللَّهُ وَرَسُولُهُ أَعْلَمُ ‏.‏ قَالَ ‏"‏ ذِكْرُكَ أَخَاكَ بِمَا يَكْرَهُ ‏"‏ ‏.‏ قِيلَ أَفَرَأَيْتَ إِنْ كَانَ فِي أَخِي مَا أَقُولُ قَالَ ‏"‏ إِنْ كَانَ فِيهِ مَا تَقُولُ فَقَدِ اغْتَبْتَهُ وَإِنْ لَمْ يَكُنْ فِيهِ فَقَدْ بَهَتَّهُ ‏"‏ ‏.‏

މާނަޢީ: “އަބޫ ހުރައިރާ ރަޟިޔަﷲ އަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ސައްލައްﷲ އަލަހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ޣީބައަކީ ކޮބައިކަން ތިޔަބައި މީހުން ދަންނަމު ހެއްޔެވެ؟ އެވަގުތު ޞަޙާބީން ދެންނެވިއެވެ. އެކަން މޮޅަށް ދެނެވޮޑިގެންވާނީ ﷲ އާއި، އެކަލާނގެ ރަސޫލާ އަށެވެ. ޙަދީޘް ކުރެއްވިއެވެ. “އެއީ ތިބާގެ އަޚާ, (ނެތްތަނެއްގައި) އޭނާ ނުރުހޭ ވާހަކައެއް ދެއްކުމެވެ.” ޞަޙާބީން ސުވާލުދެއްނެވިއެވެ. އެކަމަކީ އެއަޚާގެ ކިބައިގައި ހުރިކަމެއްކަމުގައި ވީނަމަވެސް ތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ”އެބުނި ބަހަކީ އޭނައިގެ ކިބައިގަ ހުރިކަމެއްކަމުގައިވާނަމަ ތިބާ ތިޔަބުނީ ޣީބައެވެ. އަދި އެއީ އޭނާގެ ކިބައިގައި ނެތްކަމެއްކަމުގައިވާނަމަ އެހެދީ ބޮޑުވެގެންވާ ދޮގެކެވެ." ( މުސްލިމް ،2589

ވިސްނަވާށެވެ. މިއީ އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް ދޮގުހެދުމާއި ޣީބަބުނުމުގައި ހުރި ނުބައިކަމުގެ މައްޗަށް އައިސްފައިވާ ދަލީލުތަކެވެ. އަދި ޢިލްމުވެރިން ތޯއެވެ؟ ދެން ފަހެ އެއީ ޣީބައިގެ ތެރެއިންވެސް އެންމެ ނުބައި އެއް ޣީބައެވެ. العلَّامة ابن عساكر رحمه الله ލިޔުއްވާފައިވެއެވެ. "ޢިލްމުވެރިންގެ މަހަކީ ވިހައެކެވެ. ފަހެ ދޮގުހަދާ ޢިލްމުވެރިންގެ އަގު ވައްޓާލާ މީހުންގެ ހަށިތައް މަރުވުމުގެ ކުރިން އެބައިމީހުންގެ ހިތްތައް މަރުވުމަށް ﷲތަޢާލާ މެދުވެރި ކުރައްވައެވެ."

ޢިލްމުވެރިންގެ މާތްކަން ބަޔާންކުރައްވާ އެތައް ހަދީޘެއް ވާރިދުވެގެން އައިސްފައިވެއެވެ. މިގޮތުން أبي الدرداء رضي الله عنهގެ އަރިހުން ރިވާވެގެން އައިސްފައިވާ ހަދީޘެއް ގައިވެއެވެ.

عن أبي الدرداء رضي الله عنه قال: سمعت رسول الله صلى الله عليه وسلم يقول: ((مَن سلَك طريقًا يبتغي فيه علمًا، سهَّل الله له طريقًا إلى الجنة، وإن الملائكة لتضع أجنحتها لطالب العلم رضًا بما يصنع، وإنَّ العالم ليَستغفر له مَن في السموات ومن في الأرض، حتى الحيتان في الماء، وفضل العالِم على العابد كفضل القمر على سائر الكواكب، وإنَّ العلماء ورثة الأنبياء، وإن الأنبياء لم يورثوا دينارًا ولا درهمًا، وإنما ورَّثوا العلمَ، فمَن أخذه أخذ بحظٍّ وافر))؛ (رواه أبو داود والترمذي).

މާނައީ: އެކަލޭގެފާނު ވިދާޅުވި އެވެ.ރަސޫލާ ހަދީޘް ކުރައްވާ އަޑު އެއްސެވީމެވެ. "ޢިލްމު އުނގެނުމަށްޓަކައި މީހަކު މަގެއް އިޚްތިޔާރުކޮށްފިނަމަ ، އޭނާ ސުވަރުގެއަށް ދާނޭ މަގެއް، ﷲ ތަޢާލާ އޭނާއަށް ފަސޭހަކޮށްދެއްވައެވެ. އަދި ހަމަކަށަވަރުން ޢިލްމު އުނގެނުމަށް ޓަކައި މީހަކު ކުރާ މަސައްކަތާ ރުހިވަޑައިގެން މަލާއިކަތްބޭކަލުން އެބޭކަލުންގެ ވަރަފުޅުތަކުން އޭނާއަށް ހިޔާ އަޅުއްވާނެތެވެ. އަދި ހަމަކަށަވަރުން އުޑުތަކާއި ބިމުގައިވާހައި ބަޔަކާއި، އަދި ކަނޑުގައިވާ މަސްމަހާމެއްސަށް ދާންދެން ޢިލްމުވެރިޔާއަށް ފާފަފުއްސަވައި ދެއްވުމަށް އެދި ދުޢާކުރެއެވެ. (އަލިކަމުގައި) އެންމެހައި ތަރިތަކުގެ މައްޗަށް ހަނދު މާތްވެގެންވާ ފަދައިން އަޅުވެރި އެއްގެ މައްޗަށް ޢިލްމުވެރިޔާ މާތްވެގެންވެއެވެ. ހަމަކަށަވަރުން ޢިލްމުވެރީންނަކީ ނަބީބޭކަލުންގެ ވާރިސުންނެވެ. އެބޭކަލުން ދީނާރެއް އަދ ދިރްހަމެއް ވާރުތައެއް ނުކުރައްވަތެވެ. އެބޭކަލުން ވާރުތަ ކުރެއްވީ އިލްމެވެ. އެއިން މިންވަރެއް ލިބިގެންފި މީހާ ފަހެ ބޮޑުވެގެންވާ ނަޞީބެއް ލިބިގެންފިއެވެ."

ޢިލްމުވެރިންނަށް ބަދުބަސް ބުނުމަކީ ދީނީ ދަޢުވަތަށް ދެވޭ ގެއްލުމެކެވެ. ވީމާ މިކަންކަމުން ދުރުހެލިވުން ހުއްޓެވެ. އެއީ ޢިލްމުވެރިން ބުނާ ޙައްޤު ބަސް މީހުން ރައްދު ކުރުމުގެ ސަބަބަކީ ތިބާ ކަމުގައިވެ، އެކަމުގެ ފާފަ ތިބާ އުފުލަން ޖެހިދާނެ ކަމަށްޓަކައެވެ. ފަހަރުގައި މިއަދު ތިބާ އަށް ކުރެވޭ 'ކުޑަ' ޢަމަލަކީ މީޒާނުގައި ބަރު ފާފަ އަކަށް ވެދާނޭ ކަމަށް ޓަކައެވެ.

Copyright © 2024 Faaru News
Made with by Afeef & Noor