ރަށު ކަޕް 2025ގެ ސެމީ ފައިނަލް މިރޭ

Admin User
Admin User
1 ހަފްތާ ކުރިން
1 މިނިޓް

މިއަހަރުގެ ރަށުކަޕްގެ ސެމީ ފައިނަލްގެ މެޗްތައް މިރޭ ކުޅެވިގެންދާނެއެވެ. ގްރޫޕް ސްޓޭޖްގައި ފޯރިގަދަ މެޗްތަކެއް ފެނިގެން ދިޔަ މި މުބާރާތުގައި ޖުމުލަ 7 ޓީމް ބައިވެރިވެފައިވާއިރު ގްރޫޕް އޭ އިން ސެމީ ފައިނަލަށް ދަތުރު ކޮށްފައިވަނީ ލިނެކް އަދި ގަރާޖް އެފް.ސީއެވެ. ގްރޫޕް ބީ އިން ވޮލްފް ސިޓީ އަދި ބަދަހި އެފްސީއިން ވަނީ ސެމީއަށް ދަތުރުކޮށްފައެވެ.

ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ އެއްވަނަ ޓީމާއި ގްރޫޕް ބީ ދެވަނަ ޓީމެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގެ އެއްވަނަ ޓީމާއި ގްރޫޕް އޭގެ ދެވަނަ ޓީމެވެ.

އެހެންކަމުން މިއަދުގެ ސެމީ ފައިނަލްގައި ވޮލް ސިޓީއާއި ގަރާޖް އެފް.ސީ ބައްދަލުކުރާއިރު ލިނެކް ބައްދަލުކުރާނީ މިދިޔަ އަހަރުގެ ޗެމްޕިއަންސް ބަދަހި އެފް.ސީއާއެވެ. ލިނެކް އަކީ މިދިޔަ އަހަރުގެ ރަނަރަޕް ޓީމެވެ.

މިދިޔަ އަހަރުގެ ފައިނަލްގައި ލިނެކް އަދި ބަދަހި އެފް.ސީ ބައްދަލުކުރި މެޗް ބަދަހި އެފް.ސީއިން ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެންނެވެ. އެހެންކަމުން މިރޭގެ މެޗަކީ އޭގެ ބަދަލުހިފުމަށް ލިނެކުން ނުކުންނާނެ މެޗެކެވެ. އަނެއްކޮޅުން ތަށި ދިފާޢުކުރުމަށް ބަދަހި އެފް.ސީއިން ކުރެވުނު ހުރިހާ މަސައްކަތެއް އެ ޓީމުން ކުރާނެކަން ޔަޤީނެވެ.

ވޮލްފް ސިޓީ ސެމީ ފައިނަލަށް ގޮސްފައިވާއިރު އެ ޓީމަކީ ގަރާޖް އެފް.ސީއާ އަޅާ ބަލާއިރު ޒުވާން ކުޅުންތެރިންގެ ޓީމެކެވެ. މިދިޔަ އަހަރުގެ ސެމީގައިވެސް ވޮލްފުވަނީ ކުޅެފައެވެ. މިދިޔަ އަހަރުގެ ސެމީގައި ވޮލްފު ބައްދަލުކުރީ ލިނެކާއެވެ. އެފަހަރު ލިނެކުން ފައިނަލަށް ދިޔައީ 1:1ގެ ނަތީޖާއަކުން މެޗު އެއްވަރުވުމުން ޕެނަލްޓީއިން މެޗު ކާމިޔާބު ކޮށްގެންނެވެ. އެއާއެކު ގަރާޖް އެފް.ސީއަކީ ތަޖުރިބާކާރު ކުޅުންތެރިން ގިނަ ޓީމެކެވެ. ނިމިގެންދިޔަ ރ. ވެޓްރަންސް ކަޕްގައި ހުޅުދުއްފާރު އެފް.ސީއަށް ކުޅުނު ގިނަ ކުޅުންތެރިން ތިބީ ގަރާޖް އެފް.ސީގައެވެ. އެ މުބާރާތުގެ ކިންގް ޢަބްދުލް މަންނާނުވެސް ހުރީ އެ ޓީމްގައެވެ. އޭނާއަކީ މި މުބާރާތުގައި ޓޮޕް ސްކޯރަރ އަށްވެސް ވާދަކުރާ ކުޅުންތެރިންގެ އެންމެ ކުރީގައިވާ ކުޅުންތެރިޔާއެވެ. މަންނާނުވަނީ މިހާތަނަށް ޖުމުލަ 9 ގޯލް ޖަހާފައެވެ.

Copyright © 2025 Faaru News
Made with by Afeef & Noor