ރަށު ކަޕް ގްރޫޕް ބީގެ އެއްވަނަ ވޮލްފް ސިޓީއަށް

Admin User
Admin User
2 ހަފްތާ ކުރިން
2 މިނިޓް

ރަށު ކަޕްގައި އިއްޔެ ކުޅެވިގެން ދިޔައީ ފޯރިގަދަ މެޗްތަކެކެވެ. އެގޮތުން އިއްޔެ ހަވީރު ބައްދަލުކުރީ ވޮލްފް ސިޓީއާއި ބަދަހި އެފް.ސީއެވެ. ގްރޫޕް ބީގެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް އައުމަށް ދެ ޓީމުންވެސް ވަރަށް މަސައްކަތްކުރި މަންޒަރު ފެނިގެން ދިޔައެވެ. މެޗް ނިމިގެން ދިޔައީ ބަދަހި އެފް.ސީގެ ޖާޒީ ނަންބަރު 7 ފާރިޝް މުބާރިކްގެ ލަނޑަކާއި ވޮލްފް ސިޓީގެ ޖާޒީ ނަންބަރު 30 އަޙްމަދު އަޙްނަފްގެ ލަނޑަކާއެކު ދެޓީމް އެއްވަރުވެގެންނެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވޮލްފުގެ އަޙްމަދު އަޙްނަފްއެވެ.

މިއާއެކު ގޯލްގެ ތަފާތުން ވޮލްފް ސިޓީ މިވަނީ ގްރޫޕްގެ އެއްވަނައިގައި ހިފަހައްޓާފައެވެ. ވޮލްފް ސިޓީއިންވަނީ އެ ގްރޫޕްގެ ލީޖަން އެސް.ސީއާ ބައްދަލުކޮށް 11 ލަނޑު ޖަހާފައެވެ. ނަމަވެސް ބަދަހި އެފް.ސީއިން ލީޖަންއާ ބައްދަލުކުރި މެޗްގައި ޖެހިފައިވަނީ 7 ލަނޑެވެ. މި ގްރޫޕްގައި ހިމެނެނީ 3 ޓީމުކަމަށްވާތީ ލީޖަން އެސް.ސީއިން ކުޅުނު ދެ މެޗުންވެސް ބަލިވެފައިވުމާއެކު ސެމީއަށް ދަތުރުކޮށްފައިވަނީ ބަދަހި އެފް.ސީ އަދި ވޮލްފް ސިޓީއެވެ.

ރޭ ކުޅުނު މެޗުތަކަށް ބަލާއިރު ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ގަރާޖް އެފް.ސީ އަދި ލިނެކްއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ހާފުގެ 15ވަނަ މިނެޓްގެ ތެރޭގައި ލިނެކްގެ ޖާޒީ ނަންބަރު 10 އިބްރާހީމް މިރުޝާންއަށް، ގަރާޖް އެފް.ސީއިން އެޓީމްގެ ގޯލް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެންވަނީ ޕެނަލްޓީއެއް ދީފައެވެ. ޖޯޒީ ނަންބަރު 9 ޙަސަން މުނާޒު ޖަހައިދިން ޕެނަލްޓީއިން ގޯލް ކާމިޔާބުކޮށް ފުރަތަމަ ހާފު ނިންމާލާފައިވަނީ ލިނެކް ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފުގެ 7 ވަނަ މިނެޓްގެ ތެރޭގައި މިރުޝާން ޖަހައިދިން ލަނޑަކާއެކު ލިނެކުންވަނީ ލީޑް ފުޅާކޮށްފައެވެ. ނަމަވެސް 11ވަނަ މިނެޓްގެ ތެރޭގައި ގަރާޖް އެފް.ސީގެ ޖާޒީ ނަންބަރު 7 ޢަބްދުލް މަންނާންވަނީ ރީތި ގޯލެއް ގަރާޖް އެފް.ސީއަށް ޖަހައިދީފައެވެ. މިއާއެކު ދެޓީމުގެގެ ފަރާތުންވެސް ގިނަ ޝޮޓްތަކެއް ހަދަމުންދިޔައެވެ. ނަމަވެސް ދެ ޓީމުގެ ކީޕަރުންވަނީ އެ ބޯޅަތައް ސޭވްކޮށް ގޯލް ސަލާމަތްކޮށްދީފައެވެ. މެޗް ނިމިގެން ދިޔައީ 2:1ގެ ނަތީޖާއަކުން ލިނެކް، ގްރޫޕް އޭގެ އެއްވަނަ ހޯދައިގެންނެވެ.

މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ލިނެކްގެ ޖާޒީ ނަންބަރު 2 ޔޫސުފް ޢާމިރުއެވެ.

ރޭ ކުޅުނު ދެވަނަ މެޗްގައި ނޮދަން ޔުނައިޓެޑް އަދި ހިޔަނި އެފް.ސީ ބައްދަލުކުރި މެޗަކީވެސް ފޯރިގަދަ އަދި އެހާމެ ގިނަ ފައުލްތަކެއް ފެނިގެންދިޔަ މެޗެކެވެ. ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަމަވެސް ދެވަނަ ހާފުގެ ތިންވަނަ މިނެޓްގައި ނޮދަން ޔުނައިޓެޑްގެ ޖާޒީ ނަންބަރު 5 އަޙްމަދު ނާފިޒުގެ ލަނޑަކާއެކު އެ ޓީމުންވަނީ ކުރިހޯދާފައެވެ. އެއަށްފަހު މެޗްގެ 8ވަނަ މިނެޓްގެ ތެރޭގައި ހިޔަނި އެފް.ސީގެ ޖާޒީ ނަންބަރު 27 ޢަލީ ހަމްދާންގެ ލަނޑަކާއެކު ވަނީ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ހިޔަނި އެފް.ސީއަށް ސެމީއަށް ދިޔުމަށް އޮތް ފުރުޞަތު ބޮޑުކުރުމަށް ކުރެވެން އޮތް މަސައްކަތެއް އެ ޓީމްގެ ކުޅުންތެރިންދިޔައީ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ 17ވަނަ މިނެޓުގައި އަނެއްކާވެސް ޙަމްދާން ޖަހައިދިން ގޯލަކާއެކު ހިޔަނި އެފް.ސީއަށްވަނީ ހަމަޖެހުމެއް ހޯދައިދީފައެވެ. 

ހިޔަނި އެފް.ސީއަށް ހަމަޖެހެން ފުރުޞަތެއް ލިބިފައިވީ ނަމަވެސް ގިނަ ފައުލްތަކެއް ފަހު ދެތިން މިނެޓްގައިވެސް ދިއައީ ކުރަމުންނެވެ. އެގޮތުން ފައުލްތައް ހަމަވެ، މެޗްގެ އެންމެ ފަހު މިނެޓްތެރޭގައި ނޮދަންއަށްވަނީ ދެ ޕެނަލްޓީ ލިބިފައެވެ. ނަމަވެސް އެ ޓީމްގެ ޖާޒީ ނަންބަރު 27 މުޙައްމަދު ރިޝްފާން ޖެހި ދެ ޕެނަލްޓީވެސް ގޯލަށް އަމާޒުވާގޮތެއް ނުވިއެވެ. މެޗް ނިމުނު އިރު 2:1ގެ ނަތީޖާއިން ހިޔަނި އެފް.ސީއިންވަނީ މެޗް ކާމިޔާބުކޮށްފައެވެ.

މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހިޔަނި އެފް.ސީގެ ޖާޒީ ނަންބަރު 27 ޢަލީ ޙަމްދާންއެވެ.

Copyright © 2025 Faaru News
Made with by Afeef & Noor