ރަށު ކަޕްގައި ރޭ ކުޅެވުނު ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ގްރޫޕް އޭގެ ނޮދަން ޔުނައިޓާއި ލިނެކްއެވެ. 3 ލަނޑާއެކު މި މެޗް ކާމިޔާބު ކޮށްފައިވަނީ ލިނެކްއެވެ. ނޮދަން ޔުނައިޓެޑަށް ގޯލްއެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. މެޗް ފަށައިގެން ދެވަނަ މިނެޓްގެ ތެރޭގައި އެ ޓީމްގެ ޖާޒީ ނަންބަރު 9 ހަސަން މުނާޒު ނޮދަން ޔުނައިޓެޑް ކޮޅަށް ވަނީ ގޯލައެއްޖަހާ ލިނެކަށް ހަމަޖެހިލަން ފުރުޞަތު ހޯދައިދީފައެވެ. ނަމަވެސް ނޮދަން ޔުނައިޓެޑުން އެޓޭކް ވަރުގަދަކޮށް ޑިފެންސްވެސް ވަނީ ވަރުގަދަކޮށްފައެވެ. ފުރަތަމަ ހާފްގެ ކުޅުން ނިމިގެން ދިޔައީ އިތުރު ލަނޑެއް ނުޖެހި 1:0ގެ ނަތީޖާއަކުން ލިނެކް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ނޮދަންޔުނައިޓެޑުން ވަނީ ގޯލްޖަހާނެ ފުރުޞަތުތަކެއް ހޯދާފައެވެ. ނަމަވެސް ލިނެކްގެ ކީޕަރު އަޙްމަދު ހުޝާމް (88)ވަނީ ގޯލުތައް ވަނަ ނުދީ ހިފަހައްޓާފައެވެ. އަދި ހާފުގެ 3ވަނަ މިނެޓްގެ ތެރޭގައި ނޮދަން ޔުނައިޓެޑްގެ ޖާޒީ ނަންބަރު 26 އިބްރާހީމް ޝައްފާފްގެ ކަކުލަށް ލިބުނު އަނިޔާއަކާއެކުވަނީ ދަނޑު ބާލާފައެވެ. މިއާއެކު ކުޅުމުގެ ސީރިއަސްކަން ގަދަވެ، ކުޅުމުގެ ތެރޭގައި ފައުލްތައް އިތުރުވާން ފެށިއެވެ. އަދި ދެވަނަ ހާފުގެ މެދަކާ ހިސާބުން ނޮދަން ޔުނައިޓެޑްގެ ޖާޒީ ނަންބަރު 27 މުޙައްމަދު ރިޝްފާން ކުރި ފައުލަކާގުޅިގެން އެ ކުޅުންތެރިޔާއަށް ރެފްރީވަނީ ރީނދޫ ކާޑެއް ދައްކާފައެވެ.
ލިނެކް ޓީމްގެ ޖާޒީ ނަންބަރު 10 އިބްރާހީމް މިރުޝާންއާއި މުނާޒުގެ އިތުރު ލަނޑަކާއެކު މެޗް ނިމިގެން ދިޔައީ ލިނެކްޓީމް އެޓީމްގެ ފުރަތަމަ މެޗްގައި ތިން ޕޮއިންޓް ހޯދައިގެންނެވެ.
މި މެޗަށްފަހު ދެން ކުޅުނީ ގްރޫޕް ބީގެ މެޗެކެވެ. ބައްދަލުކުރީ ލީޖަން އެސް.ސީއާއި ބަދަހި އެފް.ސީއެވެ. މި މެޗްގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 6:1ގެ ބޮޑު ތަފާތަކުން ބަދަހި އެފް.ސީ ކުރީގައި އޮވެގެންނެވެ. އެގޮތުން ފުރަތަމަ ހާފުގައި ބަދަހި އެފްސީގެ ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ އެޓީމްގެ ޖާޒީ ނަންބަރު 11 ޢަބްދުލް މަންނާން އަބޫބަކުރު، ޖާޒީ ނަންބަރު 26 ޢަލީ އައްޒާމް، ޖާޒީ ނަންބަރު 19 އިބްރާހީމް ޒާހިދު، ޖާޒީ ނަންބަރު 7 ފާރިޝް މުބާރިކްއެވެ. ލީޖަން އެސް.ސީ، އެޓީމްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައިވަނީ ޖާޒީ ނަންބަރު 10 ޢަލީ ޢަޠޫފްއެވެ.
ދެވަނަ ހާފުގައި ދެޓީމްގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައެވެ. އަދި ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއްވެސް ދެ ޓީމަށްވެސް ލިބުނެވެ. އެގޮތުން ހާފުގެ ފަހު 10ވަރަކަށް މިނެޓްގެ ތެރޭގައި ބަދަހި އެފް.ސީއިން ގޯލަށް ފޮނުވި އެތައް ބޯޅައެއްވަނީ ލީޖަން އެސް.ސީގެ ކީޕަރު މުޙައްމަދު ރާއިފްވަނީ ވަރަށް ހުޝިޔާރުކަމާއެކު ދިފާޢުކޮށްފައެވެ. ނަމަވެސް މެޗްގެ އެންމެ ފަހު ސުކުންތު ކޮޅުގެ ތެރޭގައި ބަދަހި އެފް.ސީގެ ޖާޒީ ނަންބަރު 8 އަޙްމަދު ޝުޖާޢު ޖެހި ގޯލައަކާއެކު މެޗް ނިމިގެން ދިޔައީ 7:1ގެ ނަތީޖާއަކާއެކު ބަދަހި އެފް.ސީ މެޗް ކާބިޔާބުކޮށްގެންނެވެ.