ޖުލައި 13ވަނަ ދުވަހުގެ ރޭ ފެށި ރަށު ކަޕް 2025ގައި ރޭގެ ނިޔަލަށް ފަސް (5) މެޗް ކުޅެފައިވާއިރު މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ޓީމަކަށް ވެފައިވަނީ ވޮލްފް ސިޓީއެވެ. ލީޖަން އެސް.ސީއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ވޮލްފް ސިޓީއިން ވަނީ 11 ލަނޑު ޖަހާފައެވެ. އަނެއްކޮޅުން ލީޖަން އެސް.ސީއަށް އެއްވެސް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އަދި ލަނޑެއް ޖަހާނެ ރަނގަޅު ފުރުޞަތެއްވެސް އެ ޓީމަށް ދީފައެއް ނުވެއެވެ.
ވޮލްފް ސިޓީގެ ލަނޑުތައް ކާމިޔާބު ކޮށްދީފައިވާ ކުޅުންތެރިންނަށް ބަލާއިރު ވޮލްފުގެ ކެޕްޓަން މުޙައްމަދު އަލީފު ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އަދި ޖާޒީ ނަންބަރު 30 އަޙްމަދު އަޙްނަފް، ޖާޒީ ނަންބަރު 77 މުޙައްމަދު އަނޫފް އަދި ޖާޒީ ނަންބަރު 11 އިބްރާހީމް ނާފިޒުވަނީ ކޮންމެ ކުޅުންތެރިއަކުވެސް ދެ ލަނޑު ޖަހާފައެވެ. މީގެ އިތުރުން ޖާޒީ ނަންބަރު 17 އަޙްމަދު އަބާންވެސް ވަނީ ލަނޑެއް ކާމިޔާބު ކޮށްދީފައެވެ.
މި މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޖާޒީ ނަންބަރު 10 މުޙައްމަދު އަލީފުއެވެ.
އިއްޔެ ކުޅެވުނު އަނެއް ދެ މެޗަށް ބަލާއިރު ނޮދަން ޔުނައިޓެޑާއި ގަރާޖް އެފް.ސީ ބައްދަލަކުރި މެޗް 4:1ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ގަރާޖު އެފް.ސީއެވެ. އެގޮތުން އެ ޓީމްގެ ޖާޒީ ނަންބަރު 13 އަޙްމަދު ޝާހިދު، ޖާޒީ ނަންބަރު 7 ޢަބްދުލް މަންނާން އަދި ޖާޒީ ނަންބަރު 17 ޙުސައިން ސިޒާންގެ ރީތި ލަނޑުތަކެއްވަނީ ފެނިފައެވެ. ނޮދަން ޔުނައިޓެޑްގެ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ޖާޒީ ނަންބަރު މުޙައްމަދު މުރުތަޟާއެވެ.
މި މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޖާޒީ ނަންބަރު 7 ޢަބްދުލް މަންނާނުއެވެ.
ހިޔަނި އެފް.ސީ އަދި ލިނަކް ބައްދަލުކުރި މެޗް، ލިނަކްގެ ޖާޒީ ނަންބަރު 8 އިބްރާހީމް ވަސަލަގެ ދެ ގޯލާއި ޖާޒީ ނަންބަރު 10 އިބްރާހީމް މިރުޝާންގެ ގޯލަކާއެކު 3:1ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ލިނެކެވެ. މެޗްގެ އެންމެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައިވަނީ ހިޔަނި އެފް.ސީއިން އެ ޓީމްގެ ޖާޒީ ނަންބަރު 66 އިބްރާހީމް ޖައިޝަމްއެވެ. ނަމަވެސް މެޗްގެ އޮއިވަރު ބަދަލުވެ، ފަހަތުން އަރާ، މެޗްގެ ނަތީޖާ ބަދަލުކޮށްލާފައެވެ.
މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ލިނެކްގެ ޖާޒީ ނަންބަރު 8 އިބްރާހީމް ވަސަލައެވެ.