ރަށުކަޕް 2025ގެ ގުރު ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

Admin User
Admin User
2 ދުވަސް ކުރިން
1 މިނިޓް

އެސްޕެޑާ ސްޕޯޓްސް ކްލަބުގެ ފަރާތުން ޖުލައި 11 އިން ޖުލައި 17އަށް ހުޅުދުއްފާރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަށު ކަޕް 2025ގެ ގުރު ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މުބާރާތުގައި ޖުމުލަ ހަތް ޓީމް ބައިވެރިވެފައިވާއިރު މުބާރާތުގެ ކުޅުން ކުރިއަށްދާނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރުތަމަ ގުރޫޕުގައި ހިމެނެނީ ނޮދަން ޔުނައިޓެޑް, ލިނެކް, ހިޔަނި އެފް.ސީ އަދި ގަރާޖް އެފް.ސީއެވެ.

އަދި ދެވަނަ ގުރޫޕުގައި ހިމެނެނީ ބަދަހި އެފް.ސީ, ލީޖަން އެސް.ސީ އަދި ވޮލްފް ސިޓީއެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. އެގޮތުން ގުރޫޕް އޭގެ އެއްވަނަ ޓީމް ސެމީ ފައިނަލްގައި ކުޅޭނީ ގުރޫޕް ބީގެ ދެވަނަ ޓީމާ ދެކޮޅަށެވެ. އަދި ގުރޫޕް ބީގެ އެއްވަނަ ޓީމް ކުޅޭނީ ގުރޫޕް އޭގެ ދެވަނަ ޓީމާ ދެކޮޅަށެވެ.

ގްރޫޕް ސްޓޭޖްގެ މެޗްތައް ޖުލައި 11 އިން 14އަށް ކުޅުމަށް ހަމަޖެހިފައި ވާއިރު ސެމީ ފައިނަލްގެ ދެ މެޗް ކުޅޭނީ ޖުލައި 15ވަނަ ދުވަހުއެވެ. އަދި ފައިނަލް މެޗް ކުޅުމަށް ހަމަޖެހިވަނީ ޖުލައި 17ވަނަ ދުވަހުއެވެ.

ގުރު ނެގުމަށްޓަކާ ހުޅުދުއްފާރު މަތާރަން މާލަމްގައި ބޭއްވި ޚާއްޞަ ޙަފްލާގައި ގުރު ނެގުމުގެ އިތުރުން މުބާރާތުގެ ޓްރޮފީތައްވެސް ވަނީ ޓީމް ތަކުގެ އޮފިޝަލުންނަށް ދައްކާލާފައެވެ. މި އަހަރުގެ ޓްރޮފީތައް ތައްޔާރުކޮށްފައިވަނީ ލޭޔާއިންނެވެ. 

ރަށު ކަޕްގެ އަމާޒަކީ އެއް އަހަރުން އަނެއް އަހަރަށް ރަށު ކަޕްގެ ފެންވަރު މަތިކޮށް, ހުޅުދުއްފާރުގައި ބޭއްވޭ އެންމެ ފޯރިގަދަ އަދި އެންމެ ފުރިހަމަ މުބާރާތަކީ ރަށު ކަޕް ކަމަށް ހެދުންކަމުގައި އެސްޕަޑާގެ ރައީސް ނޫރު ޔޫސުފް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މުބާރާތުގައި ދެވޭ ޓްރޮފީ ތަކަކީ މުޅިންވެސް ރަށު ކަޕްގެ އަމިއްލަ ޑިޒައިންތަކެވެ. އަދި މުބާރާތުގެ ވާދައިގެ ތައްޓަކީ ހުޅުދުއްފާރު ރަމްޒުކޮށްދޭ ގޮތަށް 2024ވަނަ އަހަރު ތައްޔާރުކޮށްފައިވާ އަމިއްލަވަންތަ ތައްޓެކެވެ. 

Copyright © 2025 Faaru News
Made with by Afeef & Noor