ސުކޫލު ދައުރު ކާމިޔާބު ކަމާއެކު ނިންމާލުން..

ހުއްދުއްފާރު ބޮޑުތަކުރުފާނު މަގުން ދެކުދިން ސްކޫލުން ގެއަށްދަނީ ފޮޓޯ: މަރްޔަމް ރައުޟާ
މަރްޔަމް ރައުޟާ
މަރްޔަމް ރައުޟާ
3 އަހަރު ކުރިން
3 މިނިޓް

އުމުރުން ވަރަށް ތުއްތު އިރު މައިންބަފައިން ދަރިން ސުކޫލަށް ލަނީ ދަރީންގެ މުސްތަޤުބަލައްޓަކައި އެދަރީންނަށް ކިޔަވައިދީ ތަންދޮރު ދަންނަ ބަޔަކަށް ހެދުމުގެ ފޮނި އުއްމީދުގައެވެ. އެތަކެއް ޤުރުބާނީ ތަކަކާއިއެކު އެތަކެއް ހަރުފަތްތަކެއް ކަޑައްތުކޮށް ދަރީންނަށް ރަނގަޅު ތައުލީމެއް ހޯދައިދިނުމަށް ރެއާއި ދުވާލު އެމީހުން މަސައްކަތް ކުރެއެވެ. މައިންބަފައިން މިވާ ޤުރުބާނީގެ އަގު ތިޔަ ދަރިވަރުން އަދާކުރާނީ ކިހިނެތް ހެއްޔެވެ؟ އެމައިންބަފައިން ބޭނުންވަނީ ތިޔަ ދަރިވަރުންނަކީ މާދަމާގެ މުސްތަޤުބަލު އުޖާލާކޮށްލާފަދަ ހަރުދަނާ ޒުވާނުން ތަކަކަށް ވާށެވެ. މައިންބަފައިންގެ ހުވަފެންތަކުގައި ކުލަޖައްސާ، މާދަމާވެސް މުޖްތަމަޢުއަށް ބޭނުންތެރި ފަރުދަކަށްވުމުން އެޤުރުބާނީގެ އަގު އަދާވީނޫންތޯއެވެ؟ މިގޮތުން، އެހުވަފެންތައް އާހަރުފަތަކަށް ގެންދިއުމަށް ކުރަންވީ އެންމެ މުހިއްމު އެއްކަމަކީ ސުކޫލު ދައުރު ކާމިޔާބު ކަމާއެކީ ނިންމާލުން ނޫން ތޯއެވެ؟

ސުކޫލު ދައުރު ކާމިޔާބު ކަމާއެކު ނިންމާލާނީ ކިހިނެތް؟

 އާދެ. މިސުވާލަކީ އަހާލަން ކިތަންމެ ކުޑަ ނަމަވެސް، އެހާމެ މާނަ ފުން އަދި ޖަވާބު އެހާމެ ދިގު ސުވާލެކެވެ. ސަބަބަކީ އެއީ ޖަވާބުގައި "ގަދައަޅައި މަސައްކަތް ކޮށްގެންނޭ" ބުނުމުން ނުފުދޭތީވެއެވެ. ސުކޫލު ދައުރު ފަށައިގެން ނިންމާލާއިރު އެތަކެއް ވަޤުތަކާއި ޙަރަދުތަކެއް އެކަމުގައި ހޭދަވެގެންދެއެވެ. ކަން މިހެން އޮތް އިރު އެންމެ ފުރަތަމަ ކަމަކަށް ވާންވާނީ އަޒުމެވެ. ތިޔަދަރިވަރަކީ ޢިލްމް ހާޞިލްކޮށް މޮޅު ކުއްޖަކަށްވެ، މައިންބަފައިން ފަޚުރުވެރިވާފަދަ ދަރިޔަކަށް ވުމުގެ ވަރުގަދަ ޢަޒުމު އަބަދުވެސް ހިތުގައި ބާއްވާ ކުއްޖަކަށް ވުމެވެ. ސުކޫލު ދައުރު ނިންމާލާނީ މިވެނި ކާމިޔާބީތަކަކާއި އެކުގައި ކަމުގައި ޢަޒުމު ކަނޑައެޅުމެވެ. މިގޮތުން، ޢަޒުމެއް ބޭނުންވާ ސަބަބަކީ ޢަޒުމެއް ނުވާނަމަ މަންޒިލް ފެންނަމުންދާނީ އަވާމެންދުރެއްގެ ސިފައިގައި ކަމަށްވާތީއެވެ. ކުރިޔަށް ދާންބޭނުންނާ މަންޒިލަށް ވާޞިލްވާން ދަތިތަކާއި ކުރިމަތި ވާނެތީއެވެ. ދިވެހި ހަރުބަހެއްގައި ވާހެން އަމާބުނީތީ ފަރަށްދާ އުސޫލުން ސުކޫލަށް ގޮސް ގެޔަށް އަޔަކަސް އަދި އެނިމުނީކީ ނޫނެވެ. ސުކޫލަށް އަޅުގަނޑުމެންމިދާ އަޒުމަކީ،  މާދަމާގެ މުޖްތަމަޢު ބިނާކުރުމަށް ބޭނުންވާނޭ ހުރިހާ އަސާސީ ކަންތައްތައް ދަސްކޮށް އުނގެނުން ކަމުގައިވާންހެޖެއެވެ.

ކާމިޔާބީއެއްގެ ފެށުމަކީ ގަދައަޅާ ކުރާ މަސަތްކަތެވެ. އެހެން ކަމުން އެވެސް ހާލެއްގައި ހިތްވަރު އެލުވާނުލާށެވެ. އަމިއްލަ ނަފުސާމެދު އޮންނަ އިތުބާރު ކަނޑާނުލާށެވެ. އެހެންނޫން ކަމުގައިވާނަމަ މީހާ އެކުރާ ކަމަކުން ފޫހިވާނެއެވެ. ދަރިވަރެއްގެ ގޮތުގައި ހުރެ ކަރުއެލުވާލަން ޖެހޭ އެތަކެއް ޙާދިސާތަކަކާއި ކުރިމަތިލާން ޖެހޭނޭކަން ކަށަވަރެވެ. އެހެނަސް އެފަދަ ހާލަތް ތަކުގައި އަމިއްލަ ނަފްސައް އިތުބާރު ކުރާށެވެ. ނުވާނޭ ނުބުނާށެވެ. އިންޝާﷲ ވާނޭ، ކުރާނަމޭ ބުނާށެވެ. ނޭނގޭ އެއްޗެއް ވެސް "ނޭނގޭ" ކިޔާ ދޫކޮށްނުލާށެވެ. އެނގޭނީ އެއްފަހަރުވެސް ކުރީމަ އެއްނޫހެއްޔެވެ؟ އެހެން ކަމުން ޢަޒުމު އާކޮށް ހިތްވަރު އާކޮށްގެން ފަސްނުޖެހި ކުރިޔަށް ދިއުމަކީ ކާމިޔާބީ ބޭނުންވާ ދަރިވަރަކު ކުރާނެކަމެކެވެ. މިހުރިހާ ކަމެއްގެ ވާހަކަދައްކާއިރު ހަނދުމަ ބަހައްޓަންވީ އެއްކަމަކީ ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއްކަމެވެ. އެކަމަކު އެތަފާތުތަކާއި އެކު ކުރިޔަށް ދިޔުމުގެ ޤާބިލިއްޔަތުކަން ހަމަ ކޮންމެ ކުއްޖެއްގެ ކިބައިގަވެސް ހުންނާނެކަމެވެ.

ކަމެއް ކުރާ އިރު އެކަމަކަށް ވަގުތު ހުސްކުރުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ. އެހެންކަމުން ކިޔެވުމުގައި ގިނަ ވަޤުތު ހޭދަކުރަން ޖެހެއެވެ. ފަހުން ދަސްކުރަން ފިލާވަޅުތައް އެއްކޮށްފައި ނުބަހައްޓާށެވެ. އެއީ އެބުނާ ފަހެއް ނާންނާތީއެވެ. އެދުވަހުގެ ފިލާވަޅު އެދުވަހަކު ދަސްކޮށްލީމަ ކިހާ ފަސޭހަހެއްޔެވެ؟ މިގޮތައް މިކަން ކުރެވިއްޖެނަމަ ޓެސްޓުތަކަށް ދަސްކުރަން ހާދަހާ ފަސޭހަވާނެއެވެ. ފިލާވަޅުތަކަށް ވަޤުތު ހުސްކުރުމުގެ މާނައަކީ އިތުރު ހަރަކާތްތަކާއި ކުޅިވަރާއި މުނިފޫހި ފިލުވުންފަދަ ކަންކަން ނުކުރާށެކޭ ނޫނެވެ. އެހެނަސް އެކަންކަމަށްދޭ އަހައްމިއްޔަތަށްވުރެ ބޮޑު އަހަމިއްޔަތު ކަމެއް ކިޔެވުމަށް ދޭންޖެހޭނެ ވާހަކައެވެ. އޭރުން ކާމިޔާބު އޮންނާނީ ދުރަކު ނޫނެވެ. އިންޝާﷲ

އަހަރުތަކެއްގެ ނަތީޖާ ނުވަތަ ހަދާލާ ޓެސްޓެއްގެ ނަތީޖާ އަކީ މުސްތަޤްބަލު ބިނާކުރާނެ އެއްޗެއް ނޫންކަން ހަނދާންކުރާށެވެ. އެފަދަ އެތަށް ޓެސްޓެއް އެތަކެއް އަހަރެއް އަދި ފާއިތުވާނެއެވެ. މިކަމުގައި މުހިއްމީ ކުރިން ފާއިތުވި ނަތީޖާ އެއް ނޫނެވެ. ދެން ހޯދޭނެ ނަތީޖާއެވެ. ދުނިޔޭގެ ބޮޑެތި ސައިންސްވެރިންވެސް ކާމިޔާބު ހޯދާފައިހުރީ އެންމެފަހަރަކުން ނޫނެވެ. އެތައް ސަތޭކަފަހަރު އެތަށް ގޮތަކަށް މަސައްކަތް ކޮށްގެންނެވެ. މުހިއްމީ ތިމާގެ ޤާބިލިއްޔަތު ކަމަށް އިތުބާރު ކުރުމެވެ. ހިތްވަރާއިއެކު މަސައްކަތް ކުރުމެވެ.

ކިޔެވުމާއި ކުޅިވަރާއި އެހެނިހެން ކަންކަމަށްވެސް ވަޤުތު ބަހާލައިގެން ކަންކަން ކުރުމަކީ ބުއްދިވެރިންގެ ގޮތެކެވެ. ކޮންމެހެން ބޮޑު ޕުލޭންއެއް ހަދައި ފާރުގައި ނުހިއްޕިޔަސް މިކަން ކޮށްލެވޭނެއެވެ. އެއީ ކޮންމެ ދުވަހަކު ވެސް ސުކޫލް ނިންމާލުމަށް ފަހު ގެޔަށް ގޮސް ކިޔެވުމަށް ވަޤުތުދީ އެހެނިހެން ކަންކަމަށްވެސް ވަޤުތު ދީގެން ހުރިހާ ކަމެއްވެސް ކޮށްލެވޭނެހެން ކަންކަން ރާވާލައިގެން ކޮށްލުމެވެ.

ސުކޫލް ދައުރަކީ ކުއްޖާ ބޮޑުވަމުން އަންނަ ދުވަސްވަރު ކަމުން އެކުއްޖެއްގެ ހަޔާތުގައި ތަފާތު އެތަށް ކަމަކާއި އެތަކެއް ދަތި ހަރުފަތް ތަކެއް ޤިރާކުރަން ޖޭހޭނޭކަމީ ޤަބޫލުކުރަންޖެހޭނެ ހަޤީޤަތެކެވެ. ކިޔެވުމުގެ މާހައުލުގައި ތިބާގެ ކިޔެވުމާއި ފުށޫއަރާފާނެ އެންމެހާ ކަންކަމުން ދުރުހެލި ވުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އެއީ ކިތަންމެ ކުޑަ ކަމެއް ކަމުގައިވީ ނަމަވެސްމެއެވެ. މިސާލަކަށް ޓީވީ ސީރީސްތައް ބެލުން ކަމުގައިވީ ނަމަވެސްމެއެވެ. އަދި މޯބައިލް ފޯނުފަދަ މުއާސަލާތީ ތަކެތި ބޭނުން ކުރުން ކަމުގައި ވީނަމަވެސްމެއެވެ. މީސްމީޑިޔާ ތަކުގައި އެތަކެއް ގަޑި އިރެއް ބޭނުމެއްނެތް ބޭކާރު ކަންކަމުގައި ހޭދަކޮށްލެވޭތަން އާދެއެވެ. ގިނަފަހަރު މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަން އެނގެނީ ވަގުތު ފާއިތުވާފަހުންނެވެ. ގިނަ ދަރިވަރުންނަކީ މިފަދަ ކަންކަމާއި ހެދި ކިޔެވުމަށް ބުރޫ އަރާފައިވާ މިފަދަ ހުރަސްތަކުން އަރައި ނުގަނެވިފައިވާ ދަރިވަރުންނެވެ. އެހެން ކަމުން ކިޔެވުމަށް ބުރޫ އަރާނެ ކަންކަމާއި ކައިރި ނުވުމަކީ ކިޔަވާއިރު ކޮށްލުން ރަނގަޅު ކަމެކެވެ.

ރަނގަޅު ސިއްޙަތެއްގައި ހުރުމީ ކޮންމެ ކަމެއް ކުރާއިރުވެސް ނުހަނު މުހިއްމު އެއް އަސާސްއެވެ. ސަބަބަކީ ރަނގަޅު ކާމިޔާބީއަކަށް ވާސިލް ވުމަށްޓަކައި ފުރިހަމަ ސިއްޙަތެއް ބޭނުންވާތީއެވެ. ވީމާ ސިއްޙަތަށް ގެއްލުންދޭ ކަންކަމުން ދުރުހެލިވެ އެފަދަ ކެއެމާއި ބުއިންތައް ހުއްޓާލަން އެބަޖެހެއެވެ. ރަނގަޅު ސިއްޙަތަކަށްޓަކައި ރަނގަޅު ކާނާ ކެއުމާއި، ނިދި ހަމަ ކުރުމާއި ކަސްރަތު ކުރުމަކީ ނުހަނު ބޭނުންތެރި ކަންކަމެވެ. އަބަދުވެސް ހިންހަމަޖެހިގެން ހުރުމާއި، އަރާމު ކުރުމާއި ބޭކާރު ކަންކަމުން ދުރުހެލިވުމަކީވެސް މުހިއްމު ކަންކަމެވެ. މިއީ އަބަދުހެންމެ އަޑުއިވޭ ކަންކަމެވެ. އެންމެންނަށް ވެސް އެނގޭ ނަމަވެސް އަމަލު ނުކުރެވޭ އަދި ކަންފަސޭހަ ކޮށްލެވޭ ކަންކަމެވެ.

އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވާއިރު އަބަދުވެސް ﷲ ތަޢާލާގެ ހަޟްރަތުގައި އަމިއްލަ ކާމީޔާބީއަށް އެދެންވާނެއެވެ. ފަރުޟު ފަސްނަމާދު ކުރުމާއި ދީނުގެ އެހެން ރުކުންތައް އަދާކުރުމުގައި ދެމިހުންނަންވާނެއެވެ. ނަމާދަކީ އެއްގޮތަކަށް ވެސް ވައްޓާނުލާ ކުރާ ކަމެއްގެ ގޮތުގައި ހަދަންވާނެއެވެ. އަދި ކޮންމެ ދުވަހަކުވެސް ޤުރުޢާނުގެ ކުޑަކުޑަ މިންވަރެއްވިޔަސް ކިޔަވާލަންވާނެއެވެ. ކާމިޔާބު ދެއްވާ ފަރާތަކީ ހަމައެކަނި ﷲ ތަޢާލާއެވެ. އެހެންކަމުން އެފަރާތުގެ ރުއްސެވުން ހޯދަން ކުރެވޭނެ ކަންކަން ކުރުމަކީ އެންމެ މުހިއްމު ކަމެވެ. އިންޝާﷲ އޭރުން މަދަދު ދެއްވާނެއެވެ.

އަޅުގަނޑުމެންގެ މައިންބަފައިން އަޅުގަނޑުމެންނަށްޓަކައި އެވާ ޤުރުބާނީގެ އަގު އަދާކޮށްލެވެން އޮތީ މުޖްތަމަޢުއަށް ބޭނުންތެރި ހަރުދަނާ ފަރުދަކަށް ވެވިގެންނެވެ. މައިންބަފައިން އުފާކޮށްލާ ސުކޫލު ދައުރު ކާމިޔާބު ކަމާއެކު ނިންމާލުމަށް ގަދައަޅައި މަސައްކަތްކުރާނީ ހާދަހައި ވިސްނޭ ކުދިންނެވެ. މާތްﷲ އަޅަމެން އެންމެންނަށްވެސް ހޮޔޮ ތަޢުފީޤު ދެއްވާ އަދައްވުރެ ފެހި މުއްތަޤްބަލެއް މިންވަރު ކުރައްވާށި. އާމީން

Copyright © 2024 Faaru News
Made with by Afeef & Noor