ބަޔާނީ (ނުވަތަ ބަލާޣީ) އިޢުޖާޒުގެ ޢިލްމުގައި ޢާއްމުކޮށް ބަލާލެވޭ ބައެއް ބައިތައް
1) އަލްފަވާޞިލު:
ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ފަހު ކަލިމަތަކަށް އަލްފަވާޞިލްގެ ނަންދެވިފައިވެއެވެ. ޢާއްމު ގޮތެއްގައި އަލްފަވާޞިލުގެ ވަޒަން ބަދަލުވެއްޖެނަމަ، އާޔަތްތަކުގައި ދެކެވޭ ވާހަކާ ބަދަލުވާނެއެވެ. މިކަމުގެ ސަބަބުން ކީރިތި ޤުރްއާން ކިޔަވާ ހިނދު އަޑުއަހާމީހާއަށް ފަހުމްވާން ފަސޭހަވެ، އެމުނި އެކުލެވުމަށް ފުރިހަމަކަމެއް އާދެއެވެ. ދުކްތޫރާ ޢާއިޝާ ޢަބްދުއްރަޙްމާން، އޭނާގެ ފޮތް އަލްއިޢުޖާޒުލް ބަޔާނީ ލިލްޤުރްއާނިގައި، ވަކިން ޗެޕްޓާއެއް އަލްފަވާޞިލަށް ޚާއްޞަކުރައްވާފައެވެ.
2) އަލްމުނާސަބާތު:
މިއީ ކީރިތި ޤުރްއާނުގެ އެއްބައި އަނެއްބަޔާއި ހުރ ގުޅުމެވެ. މީގެ ތެރޭގައި އެއް އާޔަތް އަނެއް އާޔަތާއި، ނުވަތަ އެއް ސޫރަތް އަނެއް ސޫރަތާއި ނުވަތަ އެއް ޙުކުމް އަނެއް ޙުކުމާއި އެއް ވާޙަކަ އަނެއް ވާހަކއާއި ހުންނަ ގުޅުން ހިމެނެއެވެ.
މިސާލު: يا أيها الناس އިން ޤުރްއާނުގައި ފެށިފައިވަނީ ސޫރަތުލް ޙައްޖާއި، ސޫރަތުއްނިސާއެވެ. ނިސާ ސޫރަތުގައިވަނީ ޚަލްޤު ފެށުނު ގޮތެވެ. އަދި ޙައްޖު ސޫރަތުގައިވަނީ ޚަލްޤު ނިމިގެންދާނޭ ގޮތެވެ.
3) ކީރިތި ޤުރްއާނުގައިވާ ބަސްފުޅުތަކުގެ ފަޞާޙަތްތެރިކަމާއި ބަލާޣާތްތެރިކަން:
އެއްބައި ޢިލްމުވެރިންގެ އަރިހުގައި އަލްފަޞާޙާ އަދި އަލްބަލާޣާއަކީ އެއްމާނައެއް ދޭހަވާ ދެލަފްޡެވެ. އަނެއްބައި ޢިލްމުވެރިންގެ އަރިހުގައި ފަޞާޙާތްތެރިކަމަކީ ތިމާ ބުނަން ބޭނުންވާ އެއްޗެއް ސާފުކޮށް އޮޅުން ނާރާނޭހެން ބުނުމެވެ. އަދި އަލްބަލާޣާއަކީ ޙާލަތާއި ގުޅޭ ގޮތުން ވާހަކަދެއްކުމެވެ.
4) ކީރިތި ޤުރްއާނުގެ ނަޡްމު:
ކީރިތި ޤުރްއާނުގެ
ނަޡްމަކީ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ، ކީރިތި ޤުރްއާނުގެ އާޔަތްތައް ޢިބާރާތް ކުރައްވާފައިވާ
ގޮތާއި، ބަހުގެ ގެތުއްވުންތަކާއި، އަދި އެމުނި އެކުލަވާލައްވާފައިވާ ގޮތެވެ. ކީރިތި
ޤުރުއާނުގައިވާ ބަސްފުޅުތަކުގެ ރިވެތިކަމާއި ފުރިހަމަކަމާއި ވަރުގަދަ ކަމުގެ ސަބަބުން
މިފޮތް ވަނީ މުޢުޖިޒާތަކަށްވެފައެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. اللَّهُ
نَزَّلَ أَحْسَنَ الْحَدِيثِ كِتَابًا مُّتَشَابِهًا مَّثَانِيَ تَقْشَعِرُّ
مِنْهُ جُلُودُ الَّذِينَ يَخْشَوْنَ رَبَّهُمْ ثُمَّ تَلِينُ جُلُودُهُمْ
وَقُلُوبُهُمْ إِلَىٰ ذِكْرِ اللَّهِ ۚ ذَٰلِكَ هُدَى اللَّهِ يَهْدِي بِهِ مَن
يَشَاءُ ۚ وَمَن يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ ﴿٢٣﴾ ޖާހިލިއްޔަ ޒަމާނުގައި،
މައްކާގެ އެއްމެ ބަލާޣާތްތެރިންގެ ތެރެއިން އެއްމެ އިސް އެކަކު ކަމުގައިވާ ޢުތްބާ
ބިން ރަބީޢާ ބުނެފައިވެއެވެ.
ﷲ ގަންދީ ބުނަމެވެ. މީގެ ކުރިން ދުވަހަކުވެސް ނީވޭ އެއްޗެއް ތިމަންނާއަށް
އިވިއްޖެއެވެ. އެއީ ޅެމެއްނޫނެވެ. ސިޙްރެއްވެސް ނޫނެވެ. ކާހިނެއްގެ ބަހެއްވެސް
ނޫނެވެ. ﷲ ގަންދީ ބުނަމެވެ. އޭނާގެ (އެކަލޭގެފާނުގެ) ކިބައިން އިވުނު ކަންތައް
ބޮޑުވެގެންވާ ޚަބަރަކަށް ވާނެއެވެ.
5) ޞިފަކުރެއްވުމާއި މިޘާލު ޖެއްސެވުން:
މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރްއާނުގައި މިޘާލު ޖައްސަވާފާލެއް ފުރިހަމަ ކަމުގެ ސަބަބުން، އެޤުރްއާނުގައިވާ ޙާދިޘާތައް އަޅުގަނޑުމެންގެ ކުރިމަތީން ފެންނަފަދަ އިޙްސާސެއްވެއެވެ. ނަޞާރާދީނަށް ގޮވާލުމުގައި ޢުމުރުގެ ބައެއް ހޭދަކުރުމަށްފަހު، އިސްލާމްވެވަޑައިގެން މުސްލިމް ދާޢީ، ގޭރީ މިލަރ، "ދަ އެމޭޒިންގ ޤުރްއާނު" ގައި ލިޔުއްވާފައިވާ ވާހަކަކޮޅެއްގައި، ކަނޑުދަތުރު ކޮށްގެން ވިޔަފާރިކުރާ މީހެއްގެ ވާހަކަ ބަޔާންވެގެން އާދެއެވެ. އޭނާއަށް ނޫރު ސޫރަތުގެ 40 ވަނަ އާޔަތުގައި މާސިންގާ ކަނޑާއި އެކަނޑުގައިވާ ރާޅުތައް ޞިފަކުރައްވާފައިގޮތް ކިޔުމަށްފަހު ސުވާލުކުރިއެވެ. "މުޙައްމަދުގެފާނަކީ ކަނޑުދަތުރު ކުރެއްވި ބޭކަލެއް ހެއްޔެވެ؟" ޖަވާބުގައި ބުނެވުނެވެ. "ނޫނެކެވެ. އެކަލޭގެފާނު އުޅުއްވީ ސަހަރާއެއްގައެވެ." އެހިނދު އޭނާ ވަޤުތުން އިސްލާމްވިއެވެ. އެހެނީ ޤުރްއާނުގައި އެކަން ޞިފަވެގެން އަންނަނީ ސަހަރާގައި އުޅުއްވި ބޭކަލަކު، އެބޭކަލެއްގެ އަމިއްލަފުޅު ޚިޔާލުން ކަނޑުގެ ރާޅުތައް ޞިފަކުރައްވާނޭ ފަދަ ގޮތަކަށްނޫނެވެ. އެހެނަސް އެއީ ކަނޑު މަތީގައި އުފެދޭ ރާޅުތަކާއި، ޠޫފާންތައް މޮޅަށް ދެނެވޮޑިގެންވާ ފަރާތެއްގެ ބަސްފުޅެވެ.