ސޫރަތުއް ނަބާގެ ބަހަވީ އިޢުޖާޒު - 3

އައްޝައިޚާ ފާޠިމަތު ކިފާޙް ޤުބާދު
އައްޝައިޚާ ފާޠިމަތު ކިފާޙް ޤުބާދު
2 އަހަރު ކުރިން
3 މިނިޓް

ސޫރަތުއް ނަބާގެ ތަޢާރަފު

النبأ ގެ މާނަ އަކީ ޚަބަރެވެ. މިއީ މައްކީ ސޫރަތެކެވެ. މި ސޫރަތުގައި 40 އާޔަތްވެއެވެ. މިސޫރަތަށް ޢައްމަ ސޫރަތޭވެސް ކިޔެއެވެ. އަދި މިސޫރަތަށް ނިސްބަތްކޮށް ކީރިތި ޤުރްއާނުގެ 30 ވަނަ ފޮތައް ޢައްމަ ފޮތޭވެސް ކިޔެއެވެ.

މިސޫރަތް ބާވައިލައްވަން ދިމާވި ސަބަބާއިމެދު އިބްނު ޢައްބާސް ވިދާޅުވެފައިވެއެވެ.

 "ކީރިތި ޤުރްއާން ބާވައިލެއްވުމުން މައްކާގެ މުޝްރިކުން ޖަމާވެ، އެބައިމީހުންގެ މެދުގައި އެކަމާއި މެދު ބަޙުޘްކުރެވެއެވެ. އެބައިމީހުންގެ ތެރެއިން އެއްބައިމީހުން (އެޤުރްއާން) ތެދުކުރެއެވެ. އަދި އަނެއްބައިމީހުން ދޮގުކުރެއެވެ. ދެންފަހެ عم يتساءلون ބާވައިލެއްވުނެވެ."

މައްކީ ސޫރަތްތައް ބާވައިލެއްވުނީ އިސްލާމީ ދައުލަތެއް ބިނާވުމުގެ ކުރީންނެވެ. މިސޫރަތްތައް ބާވައިލެއްވުން ހިނދު އަމާޒުވެވޭ ފަރާތްތަކުގެ ބޮޑުބަޔަކީ އީމާންނުވާ ބައެކެވެ. އެހެންކަމުން ﷲ ތަޢާލާ މިސޫރަތްތަކުގައި ވާޤިޢުން ފެންނަ ކަންކަމުން، ނުފެންނަ ސަމްޢިއްޔާތުތަކަށް ވާޞިލްވެވޭނެހެން ޙުއްޖަތްދައްކަވާތީ ފެނިވަޑައިގަންނަވާނެއެވެ. އެއީ ކާފިރުންނަށް ކުރެވޭ ޢަޤްލީ ބަޙުޘެއްފަދައެވެ.

މިސޫރަތުގެ ޢާއްމު މަޤްޞަދަކީ ޙުއްޖަތްތައް ދައްކަވައިގެން މަރުވުމަށްފަހު އަލުން ދިރުއްވާނޭކަމާއި، ޖަޒާދެއްވާނޭކަން ޘާބިތުކޮށްދެއްވުމެވެ.

ސޫރަތް ބަހާލެވޭ ބައިތައް

ސޫރަތުގެ މާނައަށް ރިޢާޔަތްކުރާ ނަމަ 3 ބަޔަކަށް ބަހާލެވިދާނެއެވެ. އެއީ؛

1)   ބޮޑުވެގެންވާ ޚަބަރު

2)   އެކަލާނގެ ބަސްފުޅަށް އިންކާރުކުރާ މީސްތަކުންގެ މައްޗަށް ޙުއްޖަތް ޤާއިމުކުރެއްވުން

3)   ޤިޔާމަތްދުބަހުގެ އިންޛާރު

ފުރަތަމަ ބައި: ބޮޑުވެގެންވާ ޚަބަރު

ސޫރަތުގެ ޢާއްމު މާނަ ދެނެގަތުމަށްޓަކައި މިސޫރަތުގެ ފުރަތަމަ 3 އާޔަތުގެ މުހިއްމުކަން ބޮޑުވެގެންވެއެވެ.

މާތް ﷲ ތަޢާލާ މިސޫރަތް ފައްޓަވާފައިވަނީ ސުވާލަކުންނެވެ. އެކަލާނގެ ޥަޙީ ކުރައްވާފައިވެއެވެ. عَمَّ يَتَسَاءَلُونَ ﴿١﴾ މާނައީ: އެއުރެން އެކަކު އަނެކަކާ سؤال ކޮށް އުޅެނީ، ކޮންކަމަކާ މެދުގައި ހެއްޔެވެ؟

ކީރިތި ޤުރްއާނުގައި ސުވާލު ކުރެވޭ އެކިއެކި ގޮތްތައްވެއެވެ. މިއާޔަތުގައި ސުވާލު އައިސްފައިވަނީ އިންކާރީ އުސްލޫބުންނެވެ. ކީރިތވަންތަ މާތް ﷲ މިސުވާލު ބާވައިލައްވާފައިވަނީ އެބައިމީހުންގެ ޢަމަލުތަކާއިމެދު އެކަލާނގެ ޣާފިލުވެވޮޑިގެންވާތީއެއް ނޫނެެވެ. އެހެނަސް އެބައިމީހުންގެ ޢަމަލަށް އިންކާރުކުރެއްވުމުގެ ގޮތުންނެވެ. އިންކާރީ އުސްލޫބުން ކީރިތި ޤުރްއާނުގައި ސުވާލު އަންނަނީ އެކަމާއި ވިދިގެން ބަޔާންވެގެންވާ ކަމެއްގެ ބޮޑުކަން އެންގެވުމުގެ ގޮތުންނެވެ. (އައްޝައިޚު އައްޝަޢުރާވީ، ތ.ނ.).

މައްކާގެ މުޝްރިކުންނަށް ކީރިތި ޤުރްއާން ބާވައިލެއްވެމުންދިޔަ ހިނދު އެބައިމީހުން ދިޔައީ ޤުރްއާނަށާއި، މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަަމަށާއި، އީމާންވެގެން ތިބި އެންމެހާ މުސްލިމުންނަށް ފުރައްސާރަކޮށް، ދެކޮޅުހަދަމުންނެވެ. މިދެކޮޅުވެރިކަމުގެ ތެރޭގައި، އެބައިމީހުން ދެއްކި ވާހަކަތައް މާތް ﷲ އައްސަވާވޮޑިގެން، އެކަމަށް އިންކާރުކުރައްވާ، އަދި ދޮގުކުރާ ބަޔަކަށް އިންޛާރުކުރައްވާ މާތް ﷲ މިއާޔަތް ބާވައިލެއްވިއެވެ. މުއުމިނުންނަށް، އެކަލާނގެ އެބައިމީހުން ދޫނުކުރައްވާކަން ޘާބިތުކޮށްދެއްވަމުންނެވެ. އަދި ކާފިރުންނަށް ވަޢީދުގެ ބަސް އިއްވަވަމުންނެވެ. އެއަށްފަހު ޥަޙީކުރެއްވިއެވެ.

عَنِ النَّبَإِ الْعَظِيمِ ﴿٢﴾ މާނައީ: (އެބައިމީހުން އެސުވާލުކުރަނީ) ބޮޑުވެގެންވާ خبر އާ މެދުގައެވެ.

ޢަރަބި ބަހުގައި އައްނަބާ ބޭނުންކުރެވެނީ ބޮޑުވެގެންވާ ޚަބަރުތަކާއި މެދުގައެވެ. ވީމާ ހަމައެކަނި މިބަހުންވެސް އެބައިމީހުން ސުވާލުކުރާ ކަމުގެ ޙަޤީޤަތް ދެނެގަނެވެއެވެ. މިކަލިމައިގެ ފަހަތަށް (الْعَظِيمِ) ނުވަތަ "ބޮޑުވެގެންވާ" މިހެން އައުމަކީ ބަހަށް އައިސްފައިވާ އިތުރު ޔަޤީންކޮށްދިނުމެކެވެ. އަދި މިއާޔަތުގެ ކުރީގައިވާ އިންކާރީ ސުވާލުކުރެއްވުމަށް ވިސްނާލުމުން ކަމުގެ ޙަޤީޤީ ބިރުވެރިކަން އަޅުގަނޑުމެންނަށް ދޭހަވެއެވެ.

މިބޮޑުވެގެންވާ ޚަބަރަކީ ކޮބާކަމާއިމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައިވެއެވެ. އިބްނު ކަޘީރާއި ޤުރްޠުބީގެ އަރިހުގައި އެބައިމީހުން އިޚްތިލާފުވި ބޮޑުވެގެންވާ ޚަބަރަކީ ކީރިތި ޤުރްއާނެވެ. އަނެއްބައި ޢިލްމުވެރިންގެ އަރިހުގައި އެއީ މަރުވުމަށްފަހު އަލުން ދިރުއްވުމެވެ. އއެީ މާތް ނަބިއްޔާގެ ނަބީކަން ދޮގުކުރުންކަމުގައިވެސް ބުނެވެއެވެ. އިބްނު ޖަރީރުގެ އަރިހުގައި މިހުރިހާ ގޮތަކަށްވެސް މާނަކުރެވިދާނެއެވެ. (މުޙައްމަދު އަލްއަމީން އައްޝަންޤީޠީ، 2003)

الَّذِي هُمْ فِيهِ مُخْتَلِفُونَ ﴿٣﴾ މާނައީ: އެ خبر އަކީ، އެއުރެން އެއާމެދު خلاف ވެގެންވާ خبر އެވެ. މިޖުމްލައަކީ އިސްމިއްޔާ (ނަމަކުން ފެށޭ) ޖުމްލައެކެވެ. އަދި ހަމަ އެފަދައިން އެކަލާނގެ ޥަޙީކުރައްވާފައިވަނީ يختلفون (ކަން) މިފަދައިންނެއްނޫނެވެ. مختلفون (ނަން) މިހެން އައުމުން އަޅުގަނޑުމެންނަށް ދޭހަވަނީ މިއީ އެއްފަހަރަކު ވީކަމެއްނޫންކަމެވެ. އެހެނީ ޢަރަބި ބަހުގެ ޖުމްލައެއް ޖުމްލަ އިސްމިއްޔާއެއްގެ ގޮތުގައި އައިސްފިނަމަ، އެކަމެއް ދެމިގެންދިޔުން ނުވަތަ ތަކުރާރުވުން ދޭހަކޮށްދެއެވެ.

އައްޝައިޚު ޝަންޤީޠީ ވިދާޅުވެފައިވެއެވެ. މިޚަބަރާއިމެދު އައިސްފައިވާ ވާހަކަތަކުގެ ތެރެއިން އެއްމެ ފާޅުވެގެންވާ ތަފްސީރަކީ، އެއީ ޤިޔާމަތްދުވަހާއި އަލުން ދިރުއްވުމާއި މެދުކަމެވެ. (މުޙައްމަދު އަލްއަމީން އައްޝަންޤީޠީ، 2003)

މިއީ ކުރިއަށް އަންނަ އާޔަތްތަކުންވެސް ދަލީލު ލިބޭ ޤައުލެކެވެ. އެހެނީ ޖެހިގެން އަންނަ އާޔަތްތަކުގައި އެކަލާނގެ ގެންނަވާފައިވަނީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކެވެ.

އިސްވެގޮސްފައިވަނީ މާތް ﷲ ގެ ބަސްފުޅުތަކުގެ ތެރެއިން އެއްމެ 3 އާޔަތެވެ. އެހެނަސް އެބަސްފުޅުތަކުގެ ތެރެއިން ކޮންމެ ކަލިމައެއްގައި ގިނަގުނަ މާނަ އެކުލެވެއެވެ. ސޫރަތުގެ ފެށުމުގައިވާ ސުވާލުގެ ސަބަބުން މީސްތަކުންގެ ސަމާލުކަން އިތުރުވެއެވެ. ސުވާލުގެ ޖަވާބަށް ޝައުޤުވެރިވާ ޙާލު ތިބެއެވެ. އެއަށްފަހު النَّبَإِ ހަމައެކަނި މިލަފްޡުންވެސް، ސުވާލުވެވެނީ ބޮޑުވެގެންވާ ޚަބަރަކާއި މެދުކަން އިޙްސާސްވެއެވެ. އަދި މިކަލިމައިގެ ފަހަތަށް الْعَظِيمِ އައުމުން ޚަބަރުގެ ނުރައްކާތެރިކަމާއި ބޮޑުކަން އިތުރަށް ޔަޤީންވެ، އެކަން ހިތުގައި ބިންވަޅު ނެގެއެވެ. އެޚަބަރަކީ މީސްތަކުންގެ މެދުގައި ޚިލާފު އުފެދިފައިވާ ޚަބަރެވެ. މުޖާހިދުގެ އަރިހުގައި މިޚަބަރަކީ ކީރިތި ޤުރްއާނެވެ. ޤަތާދާގެ އަރިހުގައި އެއީ މަރުވުމަށްފަހު ދިރުއްވުމެވެ. ބައެއް ޢިލްމުވެރިން މިދެބަސްފުޅު ޖަމާކުރައްވާ، އެދެކަންތައްވެސް މިއާޔަތުގައި ހިމެނޭނެ ކަމަށް އިޝާރަތް ކުރައްވާފައިވެއެވެ.

އެކަލާނގެ ޥަޙީކުރެއްވިއެވެ. އެޚަބަރާއި މެދު އެބައިމީހުންވަނީ އިޚްތިލާފުވެފައެވެ. އެބަހީ މީސްތަކުންގެ ތެރޭގައި އެއަށް އީމާންވާ މީހުންނާއި ކާފިރުވާ މީހުންވެއެވެ. ތިމަންމެން މަރުވުމަށްފަހު އަލުން ނުދިރުއްވާނީ ކިހިނަކުންތޯ ސުވާލު އުފައްދައެވެ. ކީރިތި ޤުރްއާނަކީ އެއީ ޝާޢިރެއްގެ ބަހެކޭ ބުނެއެވެ. އަނެއްބަޔަކު އެއީ ކާހިނެއްގެ ބަހެކޭ ބުނެއެވެ. އެއީ މޮޔައެއްގެ ބަސްތަކެކޭ ބުނެއެވެ. ހަމަވިސްނުމުން ވިސްނާލިކަމުގައިވިޔަސް، އެއް ބަސްފުޅެއްގައި، މޮޔައެއްގެ ބަސްތައް ފަދައިން ހަމަނުޖެހުމުގެ ސިފަތަކާއި، ޝާޢިރެއްގެ ފަށުވި ބަސްތަކުގައި ހުންނަ ރިވެތިކަމާއި، ސިޙުރުވެރިންގެ ޖާދުލުގައި ހުންނަ އަސަރުތަކެއް ނުހުންނާނެއެވެ. އެހެނަސް އެބައިމީހުން ޙައްޤު އިލާހުގެ ބަސްފުޅު ޤަބޫލުނުކުރުމަށްޓަކައި، އެކިފަހަރު އެކި އުޛުރު ދައްކަނީއެވެ.

އެއަށްފަހު އެކަލާނގެ ޥަޙީ ކުރެއްވިއެވެ. كَلَّا سَيَعْلَمُونَ ﴿٤﴾ ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ. ثُمَّ كَلَّا سَيَعْلَمُونَ ﴿٥﴾ ދެންވެސް ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ. 

ކީރިތި ޤުރްއާނަށާއި ޤިޔާމަތް ދުވަހަށް އިންކާރުކުރާ މީހުންނަށް އެކަލާނގެ ޥަޢީދުގެ ބަސްފުޅު އިއްވަވާ ޥަޙީކުރެއްވިއެވެ. "ހަމަހިލާ އެހެންނެއް ނުވާނެއެވެ. އަދި އެބައިމީހުންނަށް ނިކަންހުރެ އެކަން އެނގޭނެތެވެ. ދެންވެސް ހަމަހިލާ އެހެންނެއް ނުވާނެތެވެ." އެބަހީ އެބައިމީހުން އެދޮގުކުރިކުރުމުގެ ސަބަބުން އޭގެ ޢަޛާބު އެބައިމީހުންނަށް ފެންނާނެއެވެ. މި އާޔަތް ތަކުރާރުކުރައްވާފައިވަނީ އިތުރަށް ތައުކީދުކޮށްދެއްވާ ޔަޤީންކޮށްދެއްވުމުގެ ގޮތުންނެވެ. މިއާޔަތާއިމެދު ވަހްބަތުއް ޒުޙައިލީ އައްތަފްސީރުލް މުނީރުގައި ވިދާޅުވެފައިވެއެވެ. "އިންކާރުގެ ލަފްޡާއި ތަކުރާރުވުމާއި އެކު ވަޢީދުގެ ބަސްފުޅު އައިސްފައިވުމުން މިއީ އިންޛާރު ދެއްވުމުގެ އެއްމެ މަތީ މިންވަރުކަން ދޭހަވެގެންދެއެވެ.

Copyright © 2024 Faaru News
Made with by Afeef & Noor