ދެވަނަ ބައި: އެކަލާނގެ ބަސްފުޅަށް އިންކާރުކުރާ މީސްތަކުންގެ މައްޗަށް ޙުއްޖަތް ޤާއިމުކުރެއްވުން
މިއާޔަތްތަކަކީ ސޫރަތުގެ ޢަޖާއިބުތައް އިތުރަށް ފާޅުވާ އާޔަތްތަކެކެވެ. އަލުން ދިރުއްވުމާއި ޤިޔާމަތްދުވަސް އެއީ ﷲ ތަޢާލާއަށް ބުރަކަމެއްކަމަށް ދެކި، އެކަން ދޮގުކުރާ މީހުންނަށް އިޖާބަދެއްވާ އެކަލާނގެ ޥަޙީކުރެއްވިއެވެ. أَلَمْ نَجْعَلِ الْأَرْضَ مِهَادًا ﴿٦﴾ وَالْجِبَالَ أَوْتَادًا ﴿٧﴾ وَخَلَقْنَاكُمْ أَزْوَاجًا ﴿٨﴾ وَجَعَلْنَا نَوْمَكُمْ سُبَاتًا ﴿٩﴾ وَجَعَلْنَا اللَّيْلَ لِبَاسًا ﴿١٠﴾ وَجَعَلْنَا النَّهَارَ مَعَاشًا ﴿١١﴾ وَبَنَيْنَا فَوْقَكُمْ سَبْعًا شِدَادًا ﴿١٢﴾ وَجَعَلْنَا سِرَاجًا وَهَّاجًا ﴿١٣﴾ وَأَنزَلْنَا مِنَ الْمُعْصِرَاتِ مَاءً ثَجَّاجًا ﴿١٤﴾ لِّنُخْرِجَ بِهِ حَبًّا وَنَبَاتًا ﴿١٥﴾ وَجَنَّاتٍ أَلْفَافًا ﴿١٦﴾
މާނައީ: ތަންމައްޗެއް ކަމުގައި، ތިމަންރަސްކަލާނގެ ބިން ނުލައްވަންހެއްޔެވެ؟ އަދި (ބިން ހިފެހެއްޓުމަށްވާ) ކަޑަތަކެއް ކަމުގައި، ތިމަންރަސްކަލާނގެ ފަރުބަދަތައް ނުލައްވަންހެއްޔެވެ؟ އަދި ދެ جنس ން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ނިދި، އަރާމެއް ކަމުގައި ލެއްވީމެވެ. އަދި ފޭރާމެއް ކަމުގައި، ތިމަންރަސްކަލާނގެ ރޭގަނޑު ލެއްވީމެވެ. އަދި ދިރިއުޅުމަށް މަސައްކަތްކުރުމުގެ ވަގުތެއް ކަމުގައި، ތިމަންރަސްކަލާނގެ ދުވާލު ލެއްވީމެވެ. ގަދަފަދަވެގެންވާ ހަތް އުޑު ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މަތީގައި ބިނާކުރެއްވީމެވެ. އަދި އަލިކަންގަދަ ވޮށެއް (އެބަހީ: އިރު) ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި ވާރޭވިލާތަކުގެ ތެރެއިން އޮހިގެންއަންނަ ފެން، ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ. އެ ފެނުގެ ސަބަބުން، އޮށްޓަރާއި، ފަތްޕިލާވެލި ފަޅުއްވައި، ނެރުއްވުމަށްޓަކައެވެ. އަދި ފަތްތައް ބޯކޮށް ހެދިފައިވާ ބަގީޗާތައް މެއެވެ.
މައްކާގެ މުޝްރިކުން ދިރިއުޅެމުން ދިޔައީ ސަރާސަރު ބިންތަކެއްގައެވެ. އެމީހުންގެ ވަށައިގެންވަނީ ފަރުބަދަތަކެވެ. އެބައިމީހުންނަކީ އުސް ޢިމާރާތްކޮށް އުޅުނު ބައެއްނޫނެވެ. މައްޗަށް ބަލާލައިފިނަމަ އުޑުނޫން އެއްޗެއް ނުފެނެއެވެ. އެމީހުން ބަލާލާ ކޮންމެ ދިމާލަކުން މިފެންނަނީ ﷲގެ ޤުދްރަތްތެރިކަމެވެ. އެބައިމީހުން އަމިއްލައަށް އުފައްދާ ތަކެއްޗާއި، ﷲ ތަޢާލާގެ ޚަލްޤުގެ މަތިވެރިކަން އިޙްސާސްވާ މިއާޔަތްތަކުން އެބައިމީހުންނަށް، އެބައިމީހުންގެ ބަލިކަށިކަން ހާމަވެގެންދެއެވެ. މިއާޔަތްތަކުގައި އެކަލާނގެ ޥަޙީކުރައްވާ ފަދައެވެ. ތިޔަބައިމީހުން ތަންމަތި ފަތުރާލާ ހިނދު، ﷲ ތަޢާލާވަނީ މުޅި ބިން ތަންމައްޗެއްކަމުގައި ލައްވާފައެވެ. ދުނިޔޭގައިވާހާ މަޚްލޫޤުން އަރާމުކުރަނީ އެތަންމަތީގައެވެ. ތިޔަބައިމީހުން ކަޑަތައް ޖަހައިގެން ފޭލިގެ ޖަހާހިނދު، ﷲ ތަޢާލާ ބިން ހިފަހައްޓާނޭފަދަ ބޮޑެތި ފަރުބަދަތައް އުފެއްދެވިއެވެ. ތިޔަބައިމީހުން ތިޔަ ދޮގުކުރަނީ އެކަލާނގެ ތިޔަބައިމީހުން އެއްފަހަރު އުފެއްދެވުމަށްފަހު، ދެވަނަފަހަރަށް އަލުން ދިރުއްވާނޭކަމެވެ. އެކަލާނގެއަކީ އިންސާނުންނަށްވުރެ މާވަރުގަދަ މަޚްލޫޤުން އުފެއްދެވި އިލާހެވެ. އުޑުތަކާއި ބިމާއި އެދެމުގައިވާހާ ތަކެތި އުފެއްދެވީ އެކަލާނގެއެވެ.
މިއީ މަންޠިޤުގެ އެއް އަޞްލުކަމަށްވާ، އިންސާނާ ދަންނަ ތަކެތިން ނުދަންނަ ތަކެއްޗާއި ހަމައަށް ވާޞިލުކޮށްދިނުމުގެ އަލިގަދަ މިސާލެކެވެ. އެހެނީ މައްކާގެ މުޝްރިކުން މާތް ﷲ ތަޢާލާ އުޑުތައް ހެއްދެވިކަން ޤަބޫލުކުރެއެވެ. މާތް ﷲ ޥަޙީކުރެއްވިއެވެ. وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّـهُ މާނައީ: "އަދި ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވީ ކާކުހޭ ކަލޭގެފާނު އެއުރެންނާ سؤال ކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. اللَّه އެވެ." އެހެންކަމުން، މިޤަބޫލުކުރުމުގެ ތެރެއިން، ﷲ ތަޢާލާ އަލުން ދިރުއްވާނޭކަމުގެ ޙުއްޖަތް އެކަލާނގެ ދެއްކެވިއެވެ. އެކަލާނގެ ޚަލްޤުކުރައްވާފައިވާ މަޚްލޫޤުންގެ ވަރުގަދަކަމުގެ ތެރެއިންލާފައެވެ.
މިއާޔަތްތަކުން ފާހަގަކުރެވޭ އަނެއްކަމަކީ ދުނިޔެމަތީގެ މަޚްލޫޤުން ދެޖިންސުން ޖޯޑު ހަމަކުރެއްވުމުގެ ވާހަކަ ގެންނަވާފައިވުމާއިއެކު، މިބައިގެ ބާކީ އާޔަތްތަކުގެ ޞީޣާއިން އެކަން ފާހަގަވުމެވެ. ބިމުގެ ވާހަކައަށްފަހު، އެއަށް ބަލާލުމުން އެއްމެ ފުރަތަމަ އެބައިމީހުންނަށް ފެނިގެންދާނޭ ފަރުބަދަތަކުގެ ވާހަކަ ގެންނެވިއެވެ. ރޭގަނޑުގެ ވާހަކައަށްފަހު ދުވާލު ގެންނެވިއެވެ. އުޑުގެ ވާހަކަ ބަޔާން ކުރެއްވުމަށްފަހު، އެއުޑު ޒީނަތްތެރިކުރާ ތަރިތަކުގެ ވާހަކަ ގެންނެވިއެވެ. ވާރޭ ވެއްސަވާކަން ބަޔާންކުރެއްވުމަށްފަހު އެވާރޭގެ ސަބަބުން ބިން އަލުން ދިރިގެން އަންނަ ގޮތް ބަޔާންކުރައްވާފައިވެއެވެ. މިއުސްލޫބުން ބޭރުވަނީ ހަމައެކަނި ނިންޖެވެ. ތަފްސީރުލް ބަޔާނީގެ ޢިލްމުވެރިން މިކަމުގެ ފަހަތުގައި ޙިކްމަތްތަކެއްވާކަމަށް ގެންނަވައެވެ. އެހެނީ ނިންޖަކީ މަރުގެ އަޚެވެ. ނިދާ ހޭލުމަށްފަހު އަޅުގަނޑުމެން ކިޔާ ދުޢާގައިވެސްވަނީ އަޅަމެން މަރުގެންނެވުމަށްފަހު ދިރުއްވާ ރަސްކަލާނގެއަށް ޙަމްދުހުރި ވާހަކައެވެ. ނިދުމަށްފަހު ހޭލުން އަންނާނެކަން އަމިއްލަ ބުއްދިއަށް ވިސްނޭކަމުގައިވާނަމަ، އަލުން ދިރުއްވާނޭކަމުގެ ވިސްނުމަކީ މާދުރުގައިވާކަމެއްނޫނެވެ.
އިސްވެދިޔަ އާޔަތްތަކުން އެނގިވަޑައިގަންނަވާނޭ ފަދައިން، ވާރެއާއި، އެވާރޭގެ ސަބަބުން ބިންގަނޑަށް އަންނަ ދިރުން ބަޔާންވެގެން އަންނަނީ މަރުގެ އަޚާ ކަމުގައިވާ ނިދީގެ ވާހަކައަށްފަހުއެވެ. ޤުރްއާނުގެ އެތައް ތަނެއްގައި އަލުން ދިރުއްވުމަށް މިސާލު ޖައްސަވާ ހިނދު، ވާރޭ ވެހިގެން ބިންގަނޑު ދިރިގެން އަންނަ ގޮތް އާދެއެވެ. އެކަލާނގެ ޥަޙީކުރައްވާފައިވެއެވެ. وَلَئِن سَأَلْتَهُم مَّن نَّزَّلَ مِنَ السَّمَاءِ مَاءً فَأَحْيَا بِهِ الْأَرْضَ مِن بَعْدِ مَوْتِهَا لَيَقُولُنَّ اللَّـهُ ۚ قُلِ الْحَمْدُ لِلَّـهِ ۚ بَلْ أَكْثَرُهُمْ لَا يَعْقِلُونَ ﴿٦٣﴾ وَمَا هَـٰذِهِ الْحَيَاةُ الدُّنْيَا إِلَّا لَهْوٌ وَلَعِبٌ ۚ وَإِنَّ الدَّارَ الْآخِرَةَ لَهِيَ الْحَيَوَانُ ۚ لَوْ كَانُوا يَعْلَمُونَ ﴿٦٤﴾ މާނައީ: އަދި ހަމަކަށަވަރުން، އުޑުން ފެންބާވައިލައްވައި، ބިން މަރުވެފައި އޮތުމަށްފަހު، އެ ފެނުން ބިމަށް ދިރުން ދެއްވީ ކާކުހޭ އެއުރެން ކުރެން ކަލޭގެފާނު އައްސަވައިފިނަމަ، ހަމަކަށަވަރުން، އެއުރެން اللَّه އޭ ދަންނަވާނެކަން ކަށަވަރެވެ. ކަލޭގެފާނު ވިދާޅުވާށެވެ! حمد ހުރީ اللَّه އަށެވެ. އަދި ކިއެއްތަ! އޭގެތެރެއިން ގިނަމީހުންނަކަށް (އެކަމެއް) ނުވިސްނެތެވެ. މިދުނިޔޭގެ ދިރިއުޅުމަކީ، ކުޅިވަރެއް ކަމުގައްޔާއި، މަޖަލެއް ކަމުގައި ނޫނީ ނުވެތެވެ. އަދި ހަމަކަށަވަރުން، حقيقي ދިރިއުޅުންވަނީ، آخرة ގެ ގޮވަތީގައިކަން ކަށަވަރެވެ. އެއުރެންނަށް އެކަން އެނގޭނަމައެވެ.