ކީރިތި މާތް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރިސާލަތައިގެން ވަޑައިގަންނަވާ ހުރިހާ ނަބީބޭބޭކަލުންވެސް ވަޑައިގަންނަވަނީ އެބޭކަލެއްގެ ޤައުމުގެ މީސްތަކުން އެންމެ ކުރިއަރާފައިވާ ދާއިރާގެ މުޢުޖިޒާތަކައިގެންނެވެ. މޫސާ ޢަލައިހިއްސަލާމަށް ދެއްވުނީ ސިޙްރުވެރިން ބަލިކޮށްލާ ފަދަ ބުރްހާނެކެވެ. ޢީސާ ޢަލައިހިއްސަލާމް މާތް ﷲގެ އިޛުނަފުޅާއެކު މަރުވެފައިވާ މީހުން ދިރުއްވައެވެ. މީސްތަކުން ބާރުވެރިވެފައިވާ ޒަމާނުގައި ދާވޫދު ޢަލައިހިއްސަލާމަށް ޖިންނީނާއި އިންސީންގެ މައްޗަށް، އެހެން އެއްވެސް މަޚްލޫޤަކަށް ނުދެއްވާފަދަ ވެރިކަމެއް ދެއްވިއެވެ. އެހެނަސް މިހުރިހާ މުޢުޖިޒާތެއްވެސް އެބޭކަލަކު އަވަހާރަވުމާއެކު ނެތިދެއެވެ. އެހެނީ އެބޭކަލުން ފޮނުއްވުނީ ވަކި ޒަމާނަކަށް، ވަކި ސަރަޙައްދަކަށެވެ.
މިބޭބޭކަލުންނާ ޚިލާފަށް ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ފޮނުއްވިގެންވަނީ މުޅި އުއްމަތަށެވެ. ޤިޔާމަތަށް ދާންދެނެވެ.
އެހެންކަމުން އެކަލޭގެފާނަށް ދެއްވިގެންވަނީ ޤިޔާމަތަށް ދާންދެން ދެމިގެންދާފަދަ
މުޢުޖިޒާތެކެވެ. ކީރިތި މާތް ﷲ ތަޢާލާގެ އިރާދަފުޅުން އެމުޢުޖިޒާތް (ކީރިތި ޤުރްއާން) ބާވައިލެއްވީ އެޒަމާނުގެ މީސްތަކުން
ކުރިއަރާފައިވާ އަދަބިއްޔާތާއި، ބަހުގެ ދާއިރާއިންނެވެ. އެކަލާނގެ
ޥަޙީކުރައްވާފައިވެއެވެ.
وَإِن كُنتُمْ فِي
رَيْبٍ مِّمَّا نَزَّلْنَا عَلَىٰ عَبْدِنَا فَأْتُوا بِسُورَةٍ مِّن مِّثْلِهِ
وَادْعُوا شُهَدَاءَكُم مِّن دُونِ اللَّـهِ إِن كُنتُمْ صَادِقِينَ ﴿٢٣﴾
މާނައީ: ތިމަންރަސްކަލާނގެ
އަޅާއަށް (އެބަހީ: محمد ގެފާނަށް) ތިމަންރަސްކަލާނގެ ބާވައިލެއްވި އެއްޗަކާމެދު (އެބަހީ: قرآن
އާމެދު) ތިޔަބައިމީހުން شك
ކަމެއްގައި ވަނީނަމަ، ފަހެ ތިޔަބައިމީހުން އޭގައިވާފަދަ سورة
އެއް ނިކަން ގެނެސްބަލާށެވެ! އަދި ތިޔަބައިމީހުން ތެދުވެރިން
ކަމުގައި ވަނީނަމަ، اللَّه ފިޔަވައި ތިޔަބައިމީހުންނަށް نصر ދޭނޭ އެހީތެރިން (ތިބިނަމަ، އެއުރެން) ނަށް ނިކަން ގޮވައި،
ގެނެސްބަލާށެވެ!
އަޅުގަނޑުމެން ދިވެހިންނަކީ ޒަމާނުއްސުރެން އިސްލާމްދީނަށް ތަބާވާ ބައެކެވެ. އެހެނަސް ދުނިޔެ ބަވަނަވެ، ރާއްޖެ މުވާޞަލާތީގޮތުން ދުނިޔެއަށް ހުޅުވުމުގެ ތެރޭގައި، ޚުރާފަތާ ދުރުވުމުގެ ނަމުގައި، ދީނީ ނައްޞުތައް އެއީ ބޯދާތަކެތި ކަމުގައި ދެކުމުގެ ވިސްނުންވެސްވަނީ އުފެދެން ފަށާފައެވެ.
ކީރިތި ޤުރްއާނާމެދު، އަދި އިސްލާމްދީނާމެދު ޝައްކު އުފެއްދެމުންދާ ދަނޑިވަޅެއްގައި، އެންމެ ފުރަތަމަ މާތް ﷲ ކީރިތި ޤުރްއާން ބާވައިލެއްވިއިރު، ގޮންޖައްސަވާފައިވާ ގޮންޖެއްސެވުމުގެ އަސްލަށް އަޅުގަނޑުމެން ރުޖޫޢަވާންޖެހެއެވެ. ކީރިތި ޤުރްއާނުގެ ފުރަތަމަ އިޢުޖާޒަކީވެސް، އަދި ތަޙައްދީއަކީވެސް ކިރިތި ޤުރްއާނުގައިވާ ބަހުގެ އިޢުޖާޒެވެ.
އިޢުޖާޒަކީ ކޮބާ؟
އިޢުޖާޒީ ޢިލްމަކީ ކީރިތި ޤުރްއާން ތަފްސީރުކުރުމުގެ ތެރެއިން ނިކުމެފައިވާ ޢިލްމެކެވެ. ކީރިތި ޤުރްއާން ތަފްސީރު ކުރުމަކީ ކޮބާ ކަމާ މެދު ޢިލްމުވެރިންގެ ތެރޭގައި ކުޑަ ޚިލާފެއްވެއެވެ. އަބޫ ޙައްޔާންެގެ އަރިހުގައި އެއީ ކީރިތި ޤުރްއާންގެ ލަފްޡުތައް ކިޔާނެ ގޮތާއި، އޭގެ މާނަތަކާއި، އޭގެ ވަކިވަކި އަދި ގުޅިގެން އަންނަ ޙުކުމްތަކާއި، އެކުވުމުން އެއިން ދޭހަވާ މާނަތަކެވެ. މިގޮތަށް ވިސްނާނަމަ ކީރިތި ޤުރްއާނާ ގުޅޭ ޢިލްމުތައް (މައްކީ މަދަނީ ފަދަ، އަދި މުޙްކަމް މުތަޝާބިހް ފަދަ) ވަންނާނީ ތަފްސީރު ޢިލްމުގެ ދަށަށެވެ.
މިއީ އަލްއިމާމް އައްސުޔޫޠީވެސް ބާރުއަޅުއްވާފައިވާ ގޮތެވެ. އަނެއްބައި ޢިލްމުވެރިންގެ އަރިހުގައި އެއީ ޤުރްއާނުގެ އޮޅުންއަރާ ކަލިމަތައް ބަޔާންކުރުމެވެ. މިއީ އަލްއިމާމް އައްޠޫސީގެވެސް ރައުޔެވެ. މިބޭކަލުންގެ އަރިހުގައި ތަފްސީރުގެ ތެރެއަށް ވަންނާނީ ހަމައެކަނި އޮޅުންއަރާ ކަލިމަތަކެވެ.
ޢަރަބި ބަހުގައި އަލްއިޢުޖާޒާއި އަލްމުޢުޖިޒާއަކީ އެއް އަޞްލަކުން އައިސްފައިވާ ދެކަލިމައެވެ. ޢަޖަޒަގެ މާނައަކީ ނުކުޅެދުމެވެ. އަދި އަޢުޖަޒައަކީ ނުކުޅެދުންތެރިކުރުވުމެވެ. އެހެނަސް ޢިލްމުވެރިންގެ އިޞްޠިލާޙުގައި މިއީ ދެމާނައެއް ދޭހަވާ ދެކަލިމައެވެ.
މުޢުޖިޒާތަކީ، މާތް ﷲ ރަސޫލުންގެ މައްޗަށް ފާޅުކުރައްވާ ޢާދަޔާ ޚިލާފު ޢަމަލެކެވެ. އަދި އެފާޅުކުރައްވާނީ ނަބިއްޔުންގެ ތެދުކަން ބަޔާންކުރެއްވުމަށްޓަކައެވެ.
މިއާ ޚިލާފަށް އަލްއިޢުޖާޒަކީ ޖިންނިންނާއި އިންސީންނަށް، ކީރިތި ޤުރްއާނާ އެއްފަދަ އެއްޗެއް ނުގެނެވޭނެކަމަށް މާތް ﷲ ތަޢާލާ ކުރެއްވި ތަހައްދީއެވެ.
އިޢުޖާޒު މިކަލިމަ މިފަދައިން މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަދި އެކަލޭގެފާނުގެ ޞަޙާބީންގެ ޒަމާނުގައިވެސް ބޭނުން ކުރައްވާފައެއްނުވެއެވެ. އެޒަމާނުގައި އަޅުގަނޑުމެން މިއަދު "މުޢުޖިޒާތް" ނުވަތަ "އިޢުޖާޒް" މި ބޭނުން ކުރާ މާނައިގައި ބޭނުންކޮށް އުޅުނީ އަލްއާޔަތު، ނުވަތަ އަލް ޙުއްޖާ، ނުވަތަ އަލްބުރްހާން މިފަދަ ލަފްޡުތަކެވެ. އައްދުކްތޫރު ފަހްދުއްރޫމީ ވިދާޅުވެފައިވެއެވެ. "ކީރިތި ޤުރްއާނުގައި "ޢަޖަޒަ" (ނުކުޅެދުން) މިކަލިމަ 26 ވަރަކަށް ފަހަރު ވާރިދުވެފައިވެއެވެ. އެހެނަސް (މިޒަމާނުގެ މުޞްޠަލަޙުގައި ބޭނުންކުރެވޭ) މުޢުޖިޒާތް، ނުވަތަ އިޢުޖާޒުގެ މާނައިގައި އެންމެ ފަހަރަކުވެސް ވާރިދުވެފައެއްނުވެއެވެ."
އެއްމެ ފުރަތަމަ، މިޒަމާނުގެ އިޞްޠިލާޙުގައި އިޢުޖާޒު މިކަލިމަ ބޭނުންކުރެވެން ފެށުނީ ހިޖުރައިން ދެވަނަ ޤަރްނުގެ ފަހުކޮޅު އަދި ތިންވަނަ ޤަރުނުގެ ކުރީކޮޅެވެ. މިގޮތުން މުޢުތަޒިލާއިންގެ ޢިލްމުވެރިއެއް ކަމުގައިވާ އިބްރާހީމް އައްނައްޡާމް ކީރިތި ޤުރްއާންގެ ދިފާޢުގައި ދެއްކެވި ވާހަކަފުޅުތަކެއްގައި ކީރިތި ޤުރްއާންގެ އިޢުޖާޒަކީ އައްޞަރްފާކަމަށް ވިދާޅުވެފައިވެއެވެ. އައްޞަރްފާއަކީ އެޒަމާނުގެ މުޢުތަޒިލާއިންގެ މެދުގައި ފެތުރިފައިވާ ބާޠިލް ވިސްނުމެކެވެ. އެޤަބޫލުކުރުމުގައިވާ ގޮތުން ކީރިތި ޤުރްއާނާއި އެއްފަދަ އެއްޗެއް އިންސީންނާއި ޖިންނީންނަށް ނުގެނެވެނީ މާތް ﷲ ތަޢާލާ މީސްތަކުންގެ ހިތްތައް އެޢަމަލަށް ފުރަގަސްދިނުމަށް އިރާދަކުރައްވާފައިވާތީއެވެ. (މާނައަކީ އެބައިމީހުންނަށް ކީރިތި ޤުރްއާނާއި އެއްފަދަ އެއްޗެއް ގެނައުމުގެ ބަލާޣާތްތެރިކަން އެބައިމީހުންގެ ހުއްޓެވެ. އެހެނަސް އެބައިމީހުން އެކަމަށް މަޝްޣޫލުވާ ކޮންމެ ފަހަރަކު ﷲ ސުބްޙާނަހޫ ވަތަޢާލާ އެބައިމީހުންގެ ހިތްތައް އެހެން ކަމަކަށް މަޝްޣޫލުކުރައްވައެވެ. މިކަމުގެ ސަބަބުން އެބައިމީހުންނަށް އެކަން ކާމިޔާބެއް ނުވެއެވެ. މިއީ ޞައްޙަ ވާހަކައެއް ނޫނެވެ. އެހެނީ ކީރިތި ޤުރްއާނުގެ ބަލާޣާތްތެރިކަމަކީ އާދަޔާ ޚިލާފު، ނަފްސަށް އޭގެ އަސަރުގެނުވާފަދަ ފުރިހަމަ ބަލާޣާތްތެރިކަމެކެވެ.)
3 ވަނަ ޤަރްނުން ފެށިގެން ކީރިތި ޤުރްއާނުގެ އިޢުޖާޒާމެދު މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވިފައިވަނީ ބަލާޣީ ނަޡަރަކުންނެވެ. މިޒަމާންތަކުގައި މިމައުޟޫޢަށް އެއްމެ މުހިއްމު ފޮތްތަކެއް ލިޔުއްވާފައިވަނީ އައްރުއްމާނީ އާއި އަލްބާޤިއްލާނީ އާއި، އަލްޖާޙިޡުފަދަ ބޭބޭކަލުންނެވެ. ހިޖުރައިން 1400 ގެ އަހަރުތަކާ ހަމައަށް އަންނަންދެނެވެ. އެއަށްފަހު މިޢިލްމު ދެބަޔަކަށް ބެހިގެން ދިޔައެވެ. މިގޮތުން ދުކްތޫރާ ޢާއިޝާ ޢަބްދުއްރަހްމާނާއި، މުޙައްމަދު މުތަވައްލީ އައްޝަޢުރާވީ އަދި ސައްޔިދު ޤުޠުބު ފަދަ، އަދި ފާޟިލުއްސާމަރާއީ ފަދަ ބޭބޭކަލުން ވާހަކަފުޅު ދައްކަވަނީ ކީރިތި ޤުރްއާނުގެ ބަލާޣާގެ ނަޡަރުންނެވެ. އަދި ދުކްތޫރު ޒަޣްލޫލުއްނައްޖާރު ފަދަ ބޭބޭކަލުން ވާހަކަފުޅު ދައްކަވާފައިވަނީ ކިރިތި ޤުރްއާނުގައި އެކުލެވޭ ސައިންޓިފިކް ޙަޤީޤަތްތަކުގެ މައްޗަށެވެ.